11 Jun 2021

By: Ahmed Jaishan

އަގުހެޔޮކޮށް ރީތި ހެދުމެއް ފެންނައިރަށް އެ ލާ ހިތުން އަވަހަށް ގަނެލަނީ އެވެ. ހަމަ އެ ފޯރީގައި، ނުވެސް ދޮވެ އެ ހެދުން ލަނީ ކޮން ބައެއްހެއްޔެވެ؟ މަދު މީހަކު ނޫނީ މިހެން ހަދާހެން ހިއެއް ނުވެ އެވެ. އެކަމަކު ވަގުތު ނުވެގެން އުޅޭއިރު ނުވަތަ ކަންފަސޭހައަކަށް މިހެން ހަދާ ފަހަރު މަދުން ނަމަވެސް އާދެ އެވެ.

މިއީ ނުރައްކާތެރި ކަމެކެވެ. އަލަށް ހެދުމެއް ގަނެފައި އެ ލުމުގެ ކުރީން ކޮންމެހެންވެސް އެ ދޮވެލުން ވަރަށް މުހިންމެވެ.

ފިހާރަތަކުގައި ހުންނަ ހެދުންތަކަކީ އެކި މީހުން އެ "ޓްރައި" ކޮށްފައި ހުންނަ ހެދުންތަކަށް ވާތީ އެ ދޮންނަން ޖެހެނީ ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ސަބަބަކީ އެޔެއް ނޫނެވެ.

އަލަށް ހެދުމެއް ލާއިރު އެ ނުދޮވެ އޮތް ނަމަ އެލާޖިކް ކޮންޓެކްޓް ޑާމަޓައިޓިސް ވުން އެކަށީގެންވެ އެވެ. އެއަކީ އިމިއުން ސިސްޓަމާ ގުޅުންހުރި އެލާޖިކް ރިއެކްޝަން އެކެވެ. އަދި އިންސާނާގެ ހަމުގައި ޖެހޭ އެއްޗެއްގެ ސަބަބުން އެ ރިއެކްޝަން އުފެދި ހަފްތާއަށްވުރެ ގިނަ ދުވަސް ވަންދެން އެކަމުގެ އަސަރު ހުރުން ވެސް އެކަށީގެންވެ އެވެ.

ކޭސް ވެސްޓަން ޔުނިވާސިޓީގެ ޕްރޮފެސާ އިން ޑާމިޓޯލޮޖީ ޑރ. ސޫޒަން ނީޑޮރޮސްޓް ފާހަގަކުރާގޮތުގައި އެފަދަ އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން މުޅި ގައި ކަހައި ގައިގައި ފިތްގަނޑުތައް ލުން އެކަށީގެން ވެ އެވެ.

"މިއީ އާންމުކޮށް ހެދުމުގައި ހުންނަ 'ޑައި' އެއްގެ ސަބަބުން މެދުވެރިވާ ކަމެއް. މިއަށް ކިއައި އުޅެނީ ޑިސްޕާސް ޑައި،" އޭނާ ކިޔައިދީފައިވެ އެވެ.

ޑިސްޕާސް ޑައި އަކީ ޕޮލިސްޓަރާއި ނައިލޯން ފަދަ ސިންތެޓިކް ފޮތި މެޓީރިއަލްގައި ބޭނުންކޮށްފައި ހުންނަ ޑައި، ނުވަތަ ކުލަ އެކެވެ. އަދި އަލަށް ގަންނައިރު، ނުދޮވެ ހުންނަ ހެދުންތަކުގައި އެ ޑައި ހުންނަ މިންވަރު ބައެއް ފަހަރު ގިނަ ވާނެ އެވެ. މި އެލާޖިކް ރިއެކްޝަން މި ވަނީ ހެދުން ދޮވެފައި ޑައިގެ އަސަރު ނުފިލުވާތީ އެވެ.

އެފަދަ ޑައި ހިމެނޭ މެޓީރިއަލްތައް ލައިގެން ހުއްޓައި ދާހިއްލައި ގައިގައި ކޭއްތޭ ނަމަ އެ ޑައި ގައިގައި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި އެފަދަ މެޓީރިއަލް ހެދުންތަކަކީ ޖިމަށްދާން އަދި ދަތުރުމަތީގައި ލައި އުޅޭ ކަހަލަ ހެދުންތަކެވެ. އެހެންވުމުން ގައިން ދާ ހިއްލުމުގެ ފުރުސަތު ވެސް މި ހެދުންތައް ލައިގެން އުޅޭއިރު ބޮޑުވާނެ އެވެ.

އާ ހެދުން ނުދޮވެ ލުމަކީ އަހަރެމެންގެ ތެރޭ އާންމު ކަމެއް ނޫނެވެ. މިއީ ވަރަށް ރަނގަޅަށް ވެފައި އޮތް ފަރިތައެކެވެ.

ސިއްހަތު ފެޝަން އަންނައުނު

Popular