21 Jun 2021

By: Ahmed Jaishan

މިދިޔަ އަހަރު ލޮކްޑައުންގެ ތެރެއިން އުފަންވި އެންމެ ވަރުގަދަ އެއް ކަމަކީ ގޭގައި ތިބެ އަމިއްލަ ވިޔަފާރިތަކެއް ފެށުމެވެ. ބޮޑެތި ކޯޕަރޭޓްތަކަށް ބަރޯސާވުން ދޫކޮށްލައި ތަފާތު އެކި އާ ކަންތައްތަކާ އެކު ގޭގައި އެތައް ބަޔަކު ކުދި ވިޔަފާރިތައް ފެށީ ބޮޑެތި އުންމީދުތަކާ އެކުގަ އެވެ. އޭގެތެރެއިން ވެސް އެންމެ މަގުބޫލުވީ ތަފާތު ކެއުންތަކާއި ޑެޒާޓްތައް ތައްޔާރުކުރާ މީހުންނެވެ. ނަމަވެސް މިހާރު މިއޮތީ ކުދި ވިޔަފާރިތަކަށް ވެސް މައްސަލަތަކާ ދިމާވެފަ އެވެ. އަމިއްލަ ވިޔަފާރިތަކުގެ އައިޑިއާތަކާއި ރެސިޕީތައް ހޯދައިގެން އެހެން މީހުން ގޮސް އެ މަސައްކަތްތައް ކޮޕީކުރާ މައްސަލަ މިހާރު އޮތީ ބޮޑުވެފަ އެވެ.

މި ފަހަކަށް އައިސް އަމިއްލަ ވިޔަފާރިތައް، ހާއްސަކޮށް އެއްޗެހި ކައްކާ އުޅޭ ނުވަތަ ހޯމް ކުކްތަކުގެ ރެސިޕީތައް ހޯދަން އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެކި މީހުން ރެސިޕީތައް ހޯދައި އަމިއްލަ ވިޔަފާރިތައް ފަށައި ހޯމް ކުކްތަކުގެ ހިޔާލުތައް ވެސް ކޮޕީކުރަނީ އެވެ.

ފާތިމަތު އިނާޔާ (އިންނު) އަކީ ވެސް ދާދި ފަހުން އަމިއްލަ ހިޔާލެއް ތަރައްގީކޮށް އާ ވިޔަފާރިއެއް ފަށާފައިވާ މީހެކެވެ. "އަޑަފިކޮޅު.އެމްވީ"ގެ ނަމުގައި މުޅިން ތަފާތު ހިޔާލަކަށް އިންނު އުފަންކުރި ވިޔަފާރި އަކީ ދިވެހިން ދުފައި އުޅޭ އާދަޔަށް ޒަމާނީ ޓްވިސްޓެއް ގެނައި އާ ވިޔަފާރިއެކެވެ. ނަމަވެސް އެ ވިޔަފާރި ފެށުމާ އެކު އެ ވިޔަފާރި ހިންގައި ގޮތް ބަލައި އެ މަސައްކަތް ބިނާވެފައިވާ ފައުންޑޭޝަން ހޯދަން ވެސް މީހުން މަސައްކަތް ކުރެ އެވެ.

View this post on Instagram

A post shared by Adafikolhu by inNu (@adafikolhu.mv)

އިންނު ބުނި ގޮތުގައި އަޑަފިކޮޅުގެ އެންމެ ހާއްސަ ކަމަކީ އޭގައި ހިމެނޭ ހާއްސަ ކާއްޓެވެ. އަމިއްލަ ރިސާޗުތަކެއް ކޮށްގެން ހަދާފައިވާ ކާށީގެ ރެސިޕީ އަކީ ވަރަށް ބުރަ މަސައްކަތް ކަމަށާއި އެއީ އޭނާގެ ވިޔަފާރި ބިނާވެފައިވާ ކަންތައް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެ ރެސިޕީ ހޯދަން ބައެއް މީހުން މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ.

"އެއްބައި ފަހަރަށް އެނޯނިމަސް ކޮށް މެސެޖުކޮށްފައި ހުރޭ ރެސިޕީ ހޯދުމަށް. އެކަމު މިއީ އަޅުގަނޑުމެން ރިސާޗުތަކެއް ކޮށްގެން ވިޔަފާރިތައް ބިނާވެފައި އޮންނަ ކަންތައްތައް،" އިންނު ބުންޏެވެ.

އަދި އިންނުގެ ވިޔަފާރި ފެށުނު ފަހުން އެ ވިޔަފާރީގެ ކޮޕީތައް ވެސް ވަނީ އުފަން ވެފަ އެވެ. އިންނު ބުނީ މަސައްކަތެއް ފެނި އެ އިންސްޕަޔާވުނ ވަރަށް ރަނގަޅު ކަމަށާއި އެކަމަކު އެހެން ވިޔަފާރިއެއްގެ ހުރިހާ ކަމެއް އެއްކޮށް ކޮޕީ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

View this post on Instagram

A post shared by Adafikolhu by inNu (@adafikolhu.mv)

ރެސިޕީތައް ހޯދަން އުޅޭ މައްސަލައަކީ އެންމެ މީހަކަށް ދިމާވި މައްސަލައެއް ނޫނެވެ. ބައެއް އެހެން ހޯމް ކުކްތަކަށް ވެސް އެފަދަ މައްސަލަތައް ވަނީ ދިމާ ވެފައި އެވެ.

އެހެން މީހަކު ކިޔައިދިން ގޮތުގައި ގިނަ ފަހަރަށް ރެސިޕީ ހޯދަން ގުޅަނީ އަމިއްލަ ވިޔަފާރިތައް ފަށާފައި މާލޭގައި ރެސްޓޯރެންޓުތައް ވެސް ހިންގާ މީހުން ކަމަށެވެ. އެމީހުން ރެސިޕީތައް ހޯދަން ބޭނުންވަނީ އެމީހުންގެ ރެސްޓޯރަންޓްތަކުގައި އާ މެނޫއެއް ނުވަތަ ޑިޝް އެއް ހިމަނަން ކަމަށް އޭނާ ބުންޏެވެ.

"އަސްލު ވަރަށް އުނދަގޫ ކަމެއް މިއީ. އަޅުގަނޑުމެން އަމިއްލަ އެކި ފަރާތްތަކަށް ގުޅައި، އަދި އެކި ތަންތަނުން ހޯދައިގެން ރިސާޗުކުރުމަށް ފަހު މި ރެސިޕީތައް ހަދަނީ. އަދި ވިޔަފާރިއެއްގެ ގޮތުގައި މި ހިންގަނީ. އެހެން ބަޔަކަށް އެ ރެސިޕީ އިން ގޮތަށް ދިނުމަކީ ވިޔަފާރީގެ ގޮތުން ވެސް އެހާ މޮޅު ގޮތެއް ނޫން،" އޭނާ ބުންޏެވެ.

ގޭގައި މީހަކު ބަޓަކްރީމް ކޭކެއް އަޅަނީ

އޭނާ ބުނީ މަޝްހޫރު ތަންތަނަށް ކާން ގޮސް އެ ތަންތަނުގައި ހުންނަ އެއްޗެހީގެ ރެސިޕީ ހޯދަން ނޫޅޭއިރު އާދައިގެ ކުޑަ ވިޔަފާރިއެއް ކުރާ މީހެއްގެ ރެސިޕީ ހޯދަން އުޅުން ވަރަށް ޖޯކު ކަމަސެވެ.

ރެސިޕީގެ އިތުރުން އެ މީހުންގެ ބްރޭންޑިން އާއި މާކެޓިން އަދި ޕެކޭޖިން އަށް ގެންގުޅޭ އުކުޅުތައް ވެސް ކޮޕީކުރާ މައްސަލަ ވެސް އެބަ އޮތެވެ. މިއީ ވެސް ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމަކަށްވާ ކަމެކެވެ.

ހޯމް ކުކް އާއި ކުދި ވިޔަފާރިތައް ކުރާ އެންމެން ވެސް ބޭނުންވަނީ އެއް ކަމެކެވެ. އެމީހުންގެ ވިޔަފާރިއަށް ކުރި އެރުން ލިބުމެވެ. އެމީހުންގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމެވެ. އެމީހުންގެ މަސައްކަތުން އިންސްޕަޔާ ވެގެން އާ ހިޔާލުތައް އުފަން ކުރުމަކީ އެމީހުންނަށް ވަރަށް ބޮޑު އުފަލެކެވެ. ނަމަވެސް ގެއްލުންވާ ގޮތަށް ކޮޕީކުރުން ވަރަށް ދެރަ އެވެ.

ކެއްކުން

Popular