By: Ahmed Jaishan
އެންމެ ކުޑައިރު ވެސް ދަސްވެފައި އޮތީ ކުރެހުމާއި އާޓާ ގުޅުންހުރި މަސައްކަތެއް ރަނގަޅު ކެރިއަރަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އެންމެ ކުޑައިރުން ފެށިގެން ވެސް، ކުރެހުމަކީ މިހާރު އުމުރުން 29 އަހަރުގެ ޒެއިނާ ޝަރީފު ވަރަށް ލޯބިކުރި ކަމެކެވެ. އެއީ އޭނާ ދޫކޮށްނުލި ހުވަފެނެވެ.
ކުޑައިރު ޒެއިނާގެ ވިސްނުން މިހާރު ތަފާތެވެ. ރާއްޖެއިން ބޭރުން ދުނިޔޭގެ ސަމާލުކަމަށް އޭނާގެ ކުރެހުމުގެ ހުނަރު އައިސް ޒެއިނާ ކުރިމަގާ މެދު ދެކޭ އުއްމީދުތައް ވަރުގަދަކޮށްލައިފި އެވެ.
ކުރެހުމަށް އޮތް ލޯތްބާ އެކު ބޭނުންވީ އެކަމާ ގުޅޭ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އެއާ އެކު އޭނާ ވިސްނީ ޑިގްރީއަށް ކިޔެވުމަށް އާކިޓެކްޗާ ހިޔާރުކުރާށެވެ. ޑިގްރީ އަށް ކިޔެވި ދުވަސްވަރުގައި ފޮޓޯޝޮޕް ބޭނުންކުރަން ޖެހުމާ އެކު އެކަމުގެ ތެރެއިން ވެސް ތަރައްގީވީ އޭނާގެ އަސްލު ހުނަރެވެ.
"ފޮޓޯޝޮޕް ބޭނުންކުރުމުގެ ތެރޭގައި ގްރެފިކްސް އާއި ޑިޖިޓަލް އިލުސްޓްރޭޝަން ހަދައި އުޅެން ފެށުނު ދެން ހުސްވަގުތުތަކުގައި. އަދި މިއީ ވަރަށް ބޮޑަށް ހިތް ގަޔާވަ ކަމެއްކަން އެނގުނު. ދެން ޑިގްރީ ނިންމި އިރު އިލުސްޓްރޭޝަން ފަދަ މަސައްކަތުން ކެރިއަރެއް ފެށުމަށް ބޭނުންވެފައި ހުރީ،" ޒެއިނާ ބުންޏެވެ.
އާޓިސްޓުންނަށް، ކެރިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ތަފާތު ގިނަ މަގުތައް ހުރިކަން ޒެއިނާއަށް އެނގުނީ އެ ހިސާބުންނެވެ. އެއާ އެކު 2015 ގައި ގްރެފިކްސް ޑިޒައިން އާއި އާޓް ޑައިރެކްޝަނުން މާސްޓާސް ނެގުމަށް ފަހު އޭނާ އަންނަނީ ޑިޒައިނާ އަދި އިލަސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
"އާޓްގެ ތެރެއިން އިތުރަށް އެކްސްޕްލޯކުރަން ބޭނުންވާ އެކި ދައިރާތައް އެބަހުރި. އޭގެތެރޭގައި ހެރިޓޭޖާއި ކަލްޗާ އަދި ނޭޗާ ހިމެނޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއްޗެއްސަށް އޮންނަ ލޯބި އިތުރުކޮށް އެތަކެތީގެ މުހިއްމުކަން ދެނެގަތުމަށްޓަކައި އާޓް ވަރަށް އިސް ރޯލެއް ކުޅޭ،" އޭނާ ބުންޏެވެ.
ޒެއިނާގެ އާޓް އަދި އިލަސްޓްރޭޝަންގެ އިންސްޕިރޭޝަނަކީ ވެސް އެއީ އެވެ. އޭނާގެ އާޓްގައި ބޮޑަށް ހިމެނޭނީ "ކާމިން ކުލަތަކާއި ދުނިޔޭގެ ރީތިކަން އެޕްރިޝިއޭޓް ކުރުމާއި ކިއުރިއޮސިޓީ އަދި މައިންޑްފުލްނެސް" ކަމަށް ޒެއިނާ ބުންޏެވެ.
ޒެއިނާގެ އާޓްވޯކްތަކާއި އިލުސްޓްރޭޝަން އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެއްސެވެ. ދިވެހި ރަހަތަކާ އެކު ހަދާފައިވާ އިލަސްޓްރޭޝަންތައް ވަނީ މިހާރު ރާއްޖެއިން ބޭރު މީހުންގެ ސަމާލުކަމަށް އައިސްފަ އެވެ. އެއާ އެކު ޒެއިނާ އަށް ވަނީ ރާއްޖެއިން ބޭރުގައި އުފައްދާ ވާހަކަފޮތެއްގެ ކަވަ އިލަސްޓްރޭޓް ކުރުމަށް ދާދި ފަހުން ފުރުސަތު ލިބިފަ އެވެ.
"އިންސްޓަގްރާމް ޑީއެމް މެދުވެރިކޮށް ކޮންޓެކްޓް ކޮށްފައިވަނީ ޑެނިއެލާ މެޑީނާ ނަމަކަށް ކިޔާ އާޓް ޑިރެކްޓަރެއް. ހެޗެޓް ބުކް ގްރޫޕް ނަމަކަށް ކިޔާ ޕަބްލިޝިން ކުންފުންޏެއްގެ ފަރާތުން މެޑީނާ ކޮންޓެކްޓް ކުރީ. އަދި އެމީހުންގެ ޕްރޮޖެކްޓަކަށް އަޅުގަނޑު ރަނގަޅު ފިޓަކަށް ވާނެ ކަމަށް ބުނި،" ޒެއިނާ ކިޔައިދިނެވެ.
ބޭރުގެ ވާހަކަ ލިޔުންތެރިޔަކަށް ޒެއިނާ މަސައްކަތް ކޮށްފައިވާ ކަވާ އާޓް
ޒެއިނާ ބުނި ގޮތުގައި އެ ކަވަ އާޓް އަކީ އޭނާ އާއި ޑެނިއޭލާގެ އިތުރުން ލޯރެން ހޯމް ނަމަކަށް ކިޔާ މީހެއްގެ ކޮލޭބޮރޭޓިވް މަސައްކަތެކެވެ. ހޯމް އަކީ އެ ކަވާ އާޓްގެ ލެޓަރިންގެ މަސައްކަތްކުރި މީހާ ކަމަށް ޒެއިނާ ބުންޏެވެ. އެ އާޓްވޯކް އުފެއްދުމުގައި ބަލާފައިވަނީ ވާހަކައިގެ ޕްރޮޓޭގަނިސްޓް ނުވަތަ ލީޑައަށެވެ. އެގޮތުން ލީޑް، ކަމީލާ އަކީ ބޮލީވުޑް އަށް ލޯބި ހުންނަ ޒުވާނެކެވެ. އެ ވިސްނުމަށް ބަލައިގެން އާޓްވޯކް ތައްޔާރު ކުރި ކަމަށް އޭނާ ބުންޏެވެ.
އާޓްވޯކް އިން ފެންނަ ވާރޭ ތިކިތަކަކީ މެހެންދީ އިން އިންސްޕަޔާ ވެފައިވާ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އަދި ކަމީލާގެ ހެދުމާއި ކުލަ ޕެލެޓަކީ ސާޅިތަކުން މިސާލު ނަގައިގެން ހަދާފައިވާ އެއްޗެއް ކަމަށް ޒެއިނާ ބުނެ އެވެ. މުޅި އާޓްވޯކް އިންސްޕަޔާ ވެފައި ވަނީ ބޮލީވުޑްގެ ވިއްސާރަ ސީން ތަކުން ކަމަށް ޒެއިނާ ސިފަކުރެ އެވެ.
ވާހަކަ ފޮތްތަކުގެ އާޓްވޯކް އަދި އިލަސްޓްރޭޝަން ކުރިއަށް އޮތް ތަނުގައި ވެސް ހަދަން ވަރަށް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"ވާހަކަ ކިޔުމާއި ކުރެހުމަކީ އަބަދުވެސް ވަރަށް ލޯބިކުރާ ދެ ކަންތައް. އެހެންވީމާ އެ ދެކަންތައް އެއްކޮށްލައި އެ ދެކަންތައް އެކީގައި ބޭނުން ކުރަން ލިބުމަކީ ހަމަ ހުވަފެނެއް ހަގީގަތަކަށް ވުން،" އޭނާ ބުންޏެވެ.
އިލަސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ޒޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް އޭނާ ބުނީ އެ ހުރިހާ ކަމަކީ ބުނާހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ޒެއިނާ ބުނި ގޮތުގައި އެ މަސައްކަތް ކުރާއިރު އާޓާއި ވިޔަފާރި ސައިޑް ވެސް ހެންޑަލް ކުރަން ޖެހެ އެވެ.
"ފްރީލާންސްކޮށް މަސައްކަތް މި ކުރަނީ. އާޓިސްޓަކަށް ކުރެހުމުގެ އިތުރުން އެހެން މަސައްކަތް ކުރަން އެބަ ޖެހޭ. އެއީ ފައިނެންސްތައް މެނޭޖުކުރުމާއި ނެޓްވޯކިން އާއި މާކެޓިންގެ އިތުރުން ކޮންޓްރެކްޓް ނެގޯޝިއޭޝަން. ދެން ބުނާ ނަމަ މިކަމުގެ ބިޒްނަސް ފަޅި. އަސްލު އުނދަގޫ ކަމަކީ ބިޒްނަސް ސައިޑާއި އާޓް ސައިޑް ބެލެންސް ވަގުތު ހޯދުން،" ޒެއިނާ ބުންޏެވެ.
ޒެއިނާ ބުނީ ބެލެންސް ކޮށް ހެދުމަށް ސްކިލް ބޭނުންވާ ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމަކާއެކުގައި ވެސް ޒެއިނާގެ ގިނަ ހުވަފެންތަކެއް އެބައޮތެވެ. އެގޮތުން އާޓްގެ އެހީގައި ތަފާތު އެކި ޕްރޮޑަކްޓް ނެރުމަކީ ކުރިއަށް ރާވާފައިވާ މަސައްކަތެކެވެ. އެނަމެލް ޕިން އާއި ކީޗެއިން ތައްޔާރުކޮށް ޒެއިނާ ވަނީ މިދިޔަ އަހަރު އާ ޕްރޮޖެކްޓެއް ފަށާފައި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް އިތުރަށް ފުޅާކޮށް އާޓް ޕްރިންޓާއި ޕްރޮޑަކްޓްތައް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި ފްރީލާންސްކޮށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.
ޒެއިނާގެ ސޯޝަލް މީޑިއާ ޕްލަގްއިން