12 Jul 2021

By: Ahmed Jaishan

ދަރިޔަކު ބެލުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ދެމަފިރިން ވަރަށް ރާވައި އަދި ވިސްނާފައި ނޫނީ ދަރިޔަކު ހޯދުމަކީ ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ކުއްޖާ ބެލުމުގެ މަސައްކަތަކީ ދެމަފިރިން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ބައެއް ބެލެނިވެރިން ދަރިން ބަލަނީ ބޭބީސިޓް ކުރާ އުސޫލުންނެވެ. އެއީ ދަރިން ބެލުމެއް ނޫނެވެ.

ބޭބީސިޓް ކުރާ އުސޫލުންނޭ މި ބުނަނީ ދަރިން ބެލުމުގައި އިސްކޮށް އެކަކު ހުރެ އަނެކަކަށް ދަރިއަކާ ގުޅޭ ކަންތަކަށް މާ ބޮޑު ރޯލެއް ނުކުޅޭ ގޮތަކުންނެވެ. މިގޮތަށް މިސާލު ނަގާ ނަމަ ގިނަ ފަހަރަށް އާއިލާގެ ޑައިނަމިކްގައި ބޭބީސިޓްކުރާ އުސޫލުން ދަރިން ބަލަނީ ބައްޕަމެންނެވެ.

އެގޮތަށް ދަރިން ބަލާއިރު ބައްޕަމެން ނުވަތަ ފިރިމީހާގެ މުޅި ދުވަހުގެ އެކި ކަންތައްކޮށް ހުސް ވަގުތެއް ވެއްޖެ ނަމަ ދަރިފުޅަށް ވަގުތު ދެ އެވެ. ނަމަވެސް ވަޒީފާއަށް ދަމުން ގޭގައި ހުރިހާ މަސައްކަތެއް ކުރަމުން ދަރިފުޅަށް ހުރިހާ ވަގުތަކު މަންމަމެން "އެވެލެއިބަލް" ވާން ޖެހެ އެވެ. އެގޮތަށް އުޅޭ މަންޒަރު އަދިވެސް ބައެއް ފިރިހެނުންގެ ކިބައިގައި ނުހުންނަ ކަމަށް މީހުން ބުނާ މިންވަރު މަދެއް ނޫނެވެ.

ފިރިހެން މީހާ މަސައްކަތުގައި އުޅެފައި، ކުޅެން ގޮސް އަދި ރައްޓެހިންނާ އެކު ކޮފީއަށް އެރުމަށް ފަހު ދަރިފުޅަށް ވަގުތުކޮޅެއް ދިނުމަކީ ދަރިން ބެލުމެއް ނޫނެވެ. ދަރިފުޅުގެ ހުރިހާ މަސައްކަތެއް މަންމައާ ހަވާލުކޮށްފައި ހުރުމުން ޒިންމާއެއް ނުނިމެ އެވެ.

.

ދަރިފުޅުގެ ކަންތަކުގައި ބޮޑަށް ބައިވެރިވަމާ!

ދަރިފުޅަށް ބޭނުންވާ އެއްޗިއްސަށް ފައިސާ ހޯދައިދިނުމުން ބައްޕަގެ ވާޖިބު ނިމުނީއެއް ނޫނެވެ. ދަރިފުޅު ތަރުބިއްޔަތު ކޮށްދިނުމާއި ގޭގައި ކުރަން ހުންނަ ކުދި ކަންތައްތަކުގައި ވެސް އަތްގާތްކޮށް ދެމަފިރިން އެއްވަރަކަށް ބައިވެރިވުން މުހިއްމެވެ.

މިހާރުގެ މަހައުލުގެ ގޮތުން ދެމަފިރިންނަކީ ވެސް މަސައްކަތަށް ދަމުން ދަރިން ބަލާ މީހުންނެވެ. އެހެންވީއިރު ގިނަ ޒިންމާތައް އަންހެން މީހާއާ ހަވާލުކުރުން އެހާ ހަމައެއް ވެސް ނުޖެހެ އެވެ. ދަރިފުޅުގެ ނެޕީ ބަދަލުކުރުމާއި ފެންވަރުވައި ރީތިކުރުމާއި އެ ކުއްޖާއަށް ކާން ދިނުމުގެ ކަންތައްތަކަކީ ވެސް ދެމަފިރިން ކުރަން ޖެހޭނެ ކަމެކެވެ.

ދަރިފުޅު އުޅެ ބޮޑުވަމުން އަންނަ މާހައުލެއްގައި ހަމަހަމަކަމާ އެކު މަސައްކަތްތައް ބަހާލެވިގެން ކުރާނަމަ އެފަދަ އާދަތަކެއް ކުދިންނަށް ދަސްވާނެ އެވެ.

އާއިލާގެ ޑައިނަމިކްގައި ދެމަފިރިންގެ ތެރޭގައި އެފަދަ ތަފާތުކުރުމެއް އޮތުމަކީ އެ ބަޔަކު އުޅެ ބޮޑުވި މާހައުލުގެ ތެރެއިން ދަސްވެފައި އޮންނަ ކަންތަކެވެ.

ލައިސެންސްޑް ސައިކޯލޮޖިސްޓް އަދި ސައިކޯތެރަޕިސްޓް ޖެނެޓް ރޭމަންޑް ބުނި ގޮތުގައި އާއިލާ ޑައިނަމިކްގައި ގިނަ ފަހަރަށް ދަސްވެފައި އޮންނަނީ އަންހެން މީހާ ދަރިން ބެލުމުގެ ކަންތައް ކުރަން ޖެހެނީ އެއީ އޭނާއަށް ހަވާލުކޮށްފައި އޮތް ޒިންމާއެއްގެ ގޮތުގަ އެވެ. ނަމަވެސް ފިރިހެނުން ދަރިން ބަލަނީ ދަރިފުޅަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށް މީހުން އަދިވެސް ދެކޭ ކަމަށް އޭނާ ބުނި އެވެ. އެއާގުޅިގެން ދަރިން ބެލުމުގެ ކިތަންމެ ކުޑަ ކަމެއް ވެސް ބައްޕަ ކޮށްދީފި ނަމަ އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި މީހުން ދެކެ އެވެ. އެކަމު އެކަންތައް މަންމަ ކޮށްދީފި ނަމަ އެއީ އޭނާ ކޮށްދޭން ޖެހޭ ކަމެކެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ރޭމަންޑް ބުނެ އެވެ.

ކުޑަކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular