7 Sep 2021

By: Ahmed Jaishan

ކައިޓް ސާފިންގެ ވާހަކަ ދައްކާ ނަމަ ހަސަން މާހިރު (ހަންޓެ) ގެ ނަން މިހާރު އަންނާ އެވެ. ވަރަށް ކުޑައިރުން ފެށިގެން ކައިޓްސާފްކުރަން ފަށައި ޒުވާން އުމުރުގައި، އަޖައިބެއް ފަދަ ހުނަރު ދައްކަމުން އަންނަ ހަންޓޭ މިހާރު ތައްޔާރުވަނީ ކައިޓްސާފިން އިން ދުނިޔޭގެ ރެކޯޑެއް ހަދާށެވެ.

"މިހާރު" އިން އަލަށް ފެށި ޕޮޑްކާސްޓް "މިވާހަކަ" ގެ ފުރަތަމަ ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ހަންޓޭ ވަނީ ދުނިޔޭގެ ރެކޯޑެއް ހަދަން ކުރާ މަސައްކަތް ކިޔައިދީފަ އެވެ. ކައިޓްސާފިން ފެށުނު ގޮތާއި އެކަމުގައި ކުރިއަށްދާން މެދުވެރިވި ގޮތާއި ކުރިއަށް ހުރި ޕްލޭންތަކުގެ ވާހަކަ ވެސް މި ޝޯގައި ހަންޓޭ ދެއްކި އެވެ.

"މިހާރު" ގެ ޕޮޑްކާސްޓް "މިވާހަކަ"

އެންމެ 10 އަހަރުން ފެށިގެން ކައިޓްސާފް ކުރަމުން އަންނަ ހަންޓޭ ވަނީ މި ފާއިތުވި އަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ ދިވެހިން ސިއްސުވާލައި އެތައް ބައެއްގެ ލޯބި ހޯދައިފަ އެވެ.

"އެންމެ ކުރިން [10 އަހަރުގައި] ވިއްސާރަ ވެހޭ އިރު އޮންނާނީ މަގުމަތީގައި ފެން ހެދިފައި. ދެން ފެންގަނޑުގައި އަހަރެމެން އުޅޭނެ ފިލާކޮޅުކޮޅު ހިފައިގެން. ދެން ފިލާކޮޅު ކޮއްޕާލައިގެން އެއަށް އަރަނީ. އޭރަށް ދެން ރާޅާ އަޅާ ކަހަލަ ގޮތަކަށް މި ދަނީ،" ހަންޓޭގެ ހުނަރު ފެށިގެން އައި ގޮތް އޭނާ ކިޔައިދިނެވެ.

ފޮޓޯ: މުހައްމަދު އަހުސަން

ފިލާގަނޑެއް ހިފައިގެން ފެންގަނޑުގައި ދުވަން އުޅުނު ދުވަސްތައް މިހާރު އެއީ މާޒީ އެވެ. މިހާރު ހަންޓޭ އަކީ ކައިޓްބޯޑެއްގައި ކޮންމެ ޗަރުކޭހެއް ވެސް ދައްކާލެވޭ ފެންވަރުގެ ޒުވާނެކެވެ.

އުމުރުން 18 އަހަރުގައި މިހާރު ހަންޓޭ ތައްޔާރުވަނީ ދުނިޔޭގެ ރެކޯޑަކަށެވެ. މީގެ ދެ މަހެއް ކުރިން ހަންޓޭ ކައިޓްސާފުކުރާ ވަރަށް ތަފާތު ވީޑިއޯއެއް ވައިރަލް ވެފައިވެ އެވެ. އެ ވީޑިއޯއިން ހަންޓޭ ފެންނަނީ މޫދުން ކައިޓްސާފްކޮށް އުދުހިލާފައި ގޮސް އޭނާގެ ރަށް ބ. ގޮއިދޫ ކުޅި ތެރެއަށް ތިރިކޮށްލާ މަންޒަރެވެ.

ހަންޓޭ ތައްޔާރުވަމުން އަންނަނީ ކައިޓްސާފިން "ޓޯ-އަޕް" ނަމަކަށް ކިޔާ ހާއްސަ ހަރަކާތަކުން ދުނިޔޭގެ ރެކޯޑު ހޯދާށެވެ.

"ޓޯ-އަޕް ރެކޯޑު ހެދުމަށް މިހާރު މިއަންނަނީ ޕެރަޝޫޓް ޓްރެއިނިން އާ އެއްޗެހި ހަދަމުން،" ހަންޓޭ ކިޔައިދިނެވެ.

ފޮޓޯ: މުހައްމަދު އަހުސަން

ޓޯ-އަޕް އަކީ ކައިޓްސާފްކޮށް މައްޗަށް އެރުމެވެ. މިގޮތަށް އެންމެ މައްޗަށް އެރުމުގެ ރެކޯޑު މިހާރު އޮތީ ޑެނިޝް ކައިޓްބޯޑާއެއް ކަމަށްވާ ނިކް ޖޭކޮބްސެންގެ އަތުގަ އެވެ. އޭނާ ގާއިމުކޮށްފައިވާ ރެކޯޑަކީ 277 މީޓަރުގެ ރެކޯޑެކެވެ.

ހަންޓޭ އަށް މިހާރު ވެސް ވަނީ އެ ރެކޯޑާ ގާތްކޮށްލެވިފަ އެވެ. މިހާތަނަށް ހަންޓޭއަށް އެންމެ މައްޗަށް އެރިފައިވަނީ 169 މީޓަރަށެވެ. އެއީ ދުނިޔޭގެ ރެކޯޑަށް ބަލާނަމަ ތިން ވަނަ އެވެ.

އެންމެ ފަހުން ވައިރަލްވި ވީޑިއޯގައި ވެސް ހަންޓޭ ވަނީ ވަރަށް މައްޗަށް އަރައިފަ އެވެ. ނަމަވެސް އެއީ އޭނާ ބޭނުންވި ވަރަށް ވުރެ ތިރި އެވެ. އެކި ކަހަލަ މައްސަލަތައް ދިމާވެ އެ ދުވަހު އެންމެ މައްޗަށް އެރޭގޮތް ނުވީ އެވެ.

ޓޯ-އަޕް ކުރަން ހަންޓޭ އެ ދުވަހު އުޅުނީ ޑިންގީއެއްގައި ވާގަނޑު ޖަހައިގެންނެވެ. ނަމަވެސް ޑިންގީގައި ހުރި މީހާއާ ވާހަކަ ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން ސްޕީޑަށް ބަދަލު ގެނެސް ބޭނުންވާ ވަރަށް މައްޗަށް އެރޭނެ ގޮތެއް ނުވި އެވެ.

ފޮޓޯ: މުހައްމަދު އަހުސަން

"ދެން ގެންގުޅުނު ވާގަނޑު ވެސް ކުރުވީމަ މައްޗަށް ނޭރުނު. އަހަރެން ހުރީ ވަރަށް މައްޗަށް އަރާ ހިތުން އަސްލު. އެކަމު ބޭނުންވާ ވަރަށް ނޭރުނު އެ ދުވަހު،" ހަންޓޭ ކިޔައިދިނެވެ.

ހަންޓޭ ބުނި ގޮތުގައި ޓޯ-އަޕް ކުރުމަކީ ވަރަށް ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމެކެވެ. އަދި އެއީ އޭގެ ޒާތުގައި ރަނގަޅަށް ސަމާލު ނުވެއްޖެ ނަމަ ނުރައްކާތެރި ކަމަކަށް ވެސް ވެދާނެ އެވެ. އެކަމަކު ވަޔަށާއި ރާޅަށް ހަންޓޭ މިހާރު ވަރަށް ފަރިތަ އެވެ. އަދި ކައިޓްސާފިން އަށް ދަސްކުރަން ޖެހޭ އެއްޗެހި ވެސް އޭނާ ނަގައިގަންނަނީ ވަރަށް އަވަހަށެވެ.

ކަމުގެ ނުރައްކާ ބޮޑަސް ހަންޓޭ ބުނީ މިކަން މި ކުރަނީ ވަރަށް ބޮޑު ޔަގީންކަމެއް އޮންނާތީ ކަމަށެވެ.

ބ. ގޮއިދޫ

Popular