19 Sep 2021

By: Ahmed Jaishan

ބޭރުގެ އޮންލައިން ފިހާރަތަކުން އެއްޗަކަށް އޯޑަރުކޮށްގެން އިންތިޒާރުގައި ހުއްޓާ އެ ބަލައި ދާން ޕޯސްޓް އޮފީހުން އެ ފޮނުވާ މެސެޖު ލިބުމާ އެކު ލިބޭ އުފަލުގެ ވާހަކަ މީހަކު އޭނާގެ ފޭސްބުކްގައި ލިޔެފައި އޮތެވެ. އެ ވާހަކަ އެހެން މީހުން ގާތު ދެއްކުމުން އެންމެން ވެސް އެއްބަސްވީ އެއީ ވަރަށް އުފާވެރި މެސެޖެއް ކަމަށެވެ.

ބޭރު ފިހާރައަކުން އޯޑަރުކުރާ ހިސާބުން ތިބޭނީ ޕެކޭޖު ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރާށެވެ. ޕެކޭޖް ޓްރެކް ކުރެވޭ ނަމަ ކޮންމެ ދުވަހަކު ވެސް އެ އޮތް ހިސާބެއް ބަލަމުން ގޮސް ރާއްޖެއަށް އެތެރެވެ ޕޯސްޓް އޮފީހުން އެ ހަވާލުކުރަން އެ ފޮނުވާލާ މެސެޖާ ހިސާބުން ކުރެވެނީ ހަދިޔާއެއް ލިބުނު ކަމުގެ އިހްސާސް ކަމަށް އެންމެން އިއްތިފާގުވެ އެވެ.

"އެ އެސްއެމްއެސް ލިބޭ ވަގުތަކީ ވަރަށް އުފާވާ ވަގުތެއް. އެއީ އަހަރެންގެ ފަރާތުން އަހަންނަށް ހަދިޔާއެއް ލިބުން ކަހަލަ އުފަލެއް،" މީހަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ފޯނަށް މިހާރު އާންމުކޮށް ޓެކްސްޓު އަންނާނީ އެޗްޕީއޭ އިން ނުވަތަ ކޮންމެވެސް އިންޓަނެޓް ސާވިސް ޕްރޮވައިޑާއެއްގެ ފަރާތުންނެވެ. އެ މެސެޖުތަކަށް އަޅައެއް ނުލަ އެވެ. އެކަމަކު ޕޯސްޓް އޮފީހުން އެ ފޮނުވާ "ޕެކޭޖް ލިބިއްޖެ" ކަމުގެ މެސެޖަށް ވަގުތުން އިޖާބަ ދީ އެ ނަގަން ޕިކްޕޯސްޓަށް ނައްޓާލާނެ އެވެ.

އޮންލައިންކޮށް ގަންނަ އެއްޗެހި ލިބުން ކޮވިޑާ ހެދި ވަރަށް ބޮޑަށް ލަސްވެ އެކަމާ ފޫހިވެފައި ތިއްބާ މިހާރު އެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެއްޖެ އެވެ. ނުލިބި ތާށިވެފައި ހުރި "ހަދިޔާތައް" ކުއްލިއަކަށް އަންނަ ވެސް ފެށީ އެވެ. އެކަމާ އުފާ ވިޔަސް އަދިވެސް ޝިޕިން އަގު ބޮޑުކަމުން އަސްލު އުފަލެއް ނުލިބެ އެވެ. އެކަމަކު ކިތަންމެ ދުވަހެއް ކޮށްފައި ވެސް ޕޯސްޓުން އެ ލިބޭ މެސެޖު އުފާވެރި ދޯ އެވެ.

ޕޯސްޓް އޮފީސް

Popular