29 Sep 2024

ޒޫމްކޮށްގެން ކިޔާލަން: މި މޭން ދެން އަތެއް ނުވާނެ

'ހަސްކާ' ލަވައިގައި ވެސް އެންމެ މަގްބޫލީ އޭނާ ކިޔާފައިވާ ބައެވެ. 'ހަންޖަރު' ލަވައިގައި ވެސް އެންމެ ވައިރަލްވީ އޭނާ ކިޔާފައިވާ ބައެވެ. އެހެންވީމަ ޒޫމްގެ ސްޓޯރީއަކީ ކޮބައި ހެއްޔެވެ؟

'ހަސްކާ' ލަވައިގައި ވެސް އެންމެ މަގްބޫލީ އޭނާ ކިޔާފައިވާ ބައެވެ. 'ހަންޖަރު' ލަވައިގައި ވެސް އެންމެ ވައިރަލްވީ އޭނާ ކިޔާފައިވާ ބައެވެ. އެހެންވީމަ ޒޫމްގެ ސްޓޯރީއަކީ ކޮބައި ހެއްޔެވެ؟

By: Ahmed Nadym

މުހައްމަދު ނިޒާމް ނަސްރުﷲގެ ރައްޓެހިން އޭނާ ދަންނަނީ 'ޒޫމް' ގެ ނަމުންނެވެ. އެއީ މެލޮޑިކް ރެޕް އާޓިސްޓެއްގެ ގޮތުގައި ދިވެހި ޒުވާނުންގެ މެދުގައި މަޝްހޫރުކަމާއި މަގްބޫލުކަން ހޯދާފައިވާ އުމުން 22 އަހަރުގެ ޒުވާނާގެ ސްޓޭޖު ނަމެވެ. ދިވެހި ހިޕްހޮޕް ޖޮންރާއާ ބީރައްޓެހި އެހުންތެރިންނަށް އެންމެ ފަސޭހައިން ޒޫމް އަކީ ކާކުކަން އެނގޭނީ މީގެ ފަސް އަހަރު ކުރިން ބީޓޮލޮޖީ ސްޓޫޑިއޯ އިން ނެރުނު ލަވަ 'ހަސްކާ' އަށް އޭނާ ލިޔެ، ރިކޯޑްކުރި މި ކަޑިންނެވެ.

'ލިބޭ ވަރަށް ސަމާލުކަން، އެނގޭ ވަރަށް ތަފާތުކަން'

'ކުރިން އެ އުޅުނު ހާލުގާ، އެމީހުނެއް އަޅާ ނުލާ'

'އަރާތިއޭ މަ ފާޅުގާ، ކިޔާތިއޭ މި ރާގުގާ'

'ނަމުން މަށަށް ގޮވާ ހަދާ، މި ޒޫމްއާއެކީ ފޮޓޯ ނަގާ'

"ކުރިން ބުނީ ނުވާނެއޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ'

'ކުރިއެރުމުން ބުނާނެއޭ، މަގެ މޭން އެކޭ، އަތުނުވާނެއޭ'

"ހަސްކާ" ލަވައިގެ ވީޑިއޯ.

ބީޓޮލޮޖީގެ ޕްރޮޑިއުސަރު ޓްރޯ އާއި ހިޕްހޮޕް އާޓިސްޓް ޒިޕޯ އަދި ލަވައިގެ މައިގަނޑު ކިޔާފައިވާ އަޝްރާއާ އެކު ޒޫމް ރިކޯޑްކުރި މި ލަވަ ނެރުމާ އެކު އެ އުފެއްދުން ވެގެން ދިޔައީ ޒުވާނުންގެ މެދުގައި ވަގުތުން ވެސް ހިޓަކަށެވެ. ހަތުރުންނާއި މިތުރުންނާއި ހުރިހާ އުމުރުފުރައެއްގެ މެދުގައި ވެސް ހަމަ ކުއްލިއަކަށް 'ހަސްކާ' ފެވަރިޓަކަށް ބަދަލުވެއްޖެ އެވެ. އަދި ރާއްޖޭގެ އުތުރުން ދެކުނަށް މި ލަވައެއް ވައިރަލްވިއިރު، ފަތުއަޑުކިޔާފައި 'ހަސްކާ' ގޮވައިގެން އާސްމާނަށް އަރަމުން ގެންދިޔައީ ޒޫމްގެ މި ކުޑަކުޑަ ކަޑި އެވެ.

ޔޫޓިއުބުގައި 'ހަސްކާ' ގޮސް މިލިއަން ވިއުސްއާ އަރައި ހަމަކުރާއިރު ވެސް އެ ލަވައިގެ 'މޯސްޓް ރީޕްލޭއިޑް' ބަޔަކީ ޒޫމްގެ މި ކަޑި އެވެ. މިވަރުގެ މަގްބޫލުކަމެއް އެ ކަޑި އަށް ލިބުނީ ކީއްވެގެން ހެއްޔެވެ؟ މުޅި ރާއްޖޭގައި ވައިރަލްވެގެންދާ ވަރުގެ ބާރު ހުރި ކަޑިއަކަށް ޒޫމްގެ 'ޅެންވެރިކަން' ބަދަލުވީ ކޮން ސަބަބަކާ ހެދިގެން ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ހޯދުމަށް ޝައުގުވެރިވެފައި ވަނިކޮށް ދެން އިވެން ފެށީ 'ހަންޖަރު' ނަމަކަށް ކިޔާ ލަވަ އެކެވެ. މިއީ އަނެއްކާވެސް ދިވެހި ޒުވާނުން ހިޕްހޮޕް އާޓިސްޓުންތަކަކާ އެކު ޒޫމް ރިކޯޑްކޮށްފައިވާ މެލޮޑިކް ރެޕް ލަވަ އެކެވެ. މި ލަވަ ވެސް ޔޫޓިއުބުގައި މިލިއަން ވިއުސްއާ އަރައި ހަމަކުރަމުންދާއިރު ފާހަގަކޮށްލަން ޖެހެނީ 'ހަންޖަރު' އިން ވެސް އެންމެ މަގްބޫލީ ޒޫމް ލިޔެ ރިކޯޑްކޮށްފައިވާ ބައި ކަމެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ވައިރަލްވަމުންދަނީ މުޅިން ވެސް ޒޫމްގެ މި ލިރިކްސް އާއި ޕާފޯމަންސް ކަމެވެ.

ޒޫމް 'ދޯ' އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެހެންވީމަ މި ވާހަކަ ދައްކަން މިފަހަރު ޒޫމް ހަމަ ކޮންމެގޮތެއް ހަދާފައި ވެސް އަތުޖައްސަން މަޖުބޫރުވީ އެވެ. މީހުންގެ ހިއްސުތަކާއި ހިތްތަކާ އެހާ ފަސޭހައިން ކުޅެލާ ކަހަލަ ލަވަތައް އެހާ ފަސޭހައިން ލިޔެ ޕާފޯމްކުރަން އޭނާ ގެންގުޅޭ ފޯމިއުލާ އަކީ ކޮބައިތޯ ބަލަން މަޖުބޫރުވީ އެވެ.

އެކަމަކު އޭނާގެ އެންމެ މަޝްހޫރު ލަވައިގެ ކަޑީގައި އެ ބުނާހެން، އޭނާ އަތުލުންވީ ފަސޭހަ ކަމަކަށް ނޫނެވެ. މި 'މޭން' އަކާ އެންމެފަހުން އިއްޔެ ބައްދަލުވީ ގުޅައިގެން އާދޭސްކުރާތާ ގާތްގަނޑަކަށް ދެ ތިން އަހަރު ފަހުންނެވެ.

އަހަރެމެން ދިޔައީ އޭނާ ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ވިލިމާލެ އަށެވެ. ކެފޭއަކަށް ވަދެ ކަޅު ކޮފީއެއް ނަގައިގެން ނުކުމެ ޒޫމް ހިނގައިގަތީ ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ދިމާލަށެވެ. އޭނާގެ ހަޔާތުން ވާހަކަތައް ކިޔައިދެމުންނެވެ. އެ ހިސާބުން މި އިންޓަވިއު ބަދަލުވީ ދެ ތިން ލަވައެއްގެ ސުވާލަކާއި ޖަވާބަކަށް ނޫނެވެ. އަދި ޒޫމްކޮށްފަ ބަލައިލީމަ އެނގިގެން ދިޔައީ އޭނާގެ ލަވަތަކާއި ލަވަކިޔުމުގައިވީ އަސަރާއި އިހުސާސްތައް އުފެދިގެން އަންނަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި އުޅެ ބޮޑުވި ވެށީގެ ތަޖުރިބާ އާއި މައިދާނުން ކަމެވެ.

މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ލަވައެއް ލިޔާއިރު އަޅުގަނޑު އެންމެ ބޮޑު ސަމާލުކަމެއް ދެނީ މުޖުތަމައެއްގައި ދިރިއުޅޭ އާންމުންގެ އިހުސާސްތަކަށް. މިސާލަކަށް ހަސްކާ ވެސް ލިޔުނީ އެގޮތަށް ވިސްނައިގެން. މީހަކު ކަމެއް ކުރަން އުޅޭ ނަމަ ނުވަތަ އާ ކަމެއް ކުރަން ބޭނުންވާ ވާހަކަ ދައްކާ ނަމަ، މަސައްކަތްކުރާކަން އެނގުނީމަ ވެސް، ވަރަށް ފަސޭހައިން މީހުން ބުނެލާނީ ތިކަމެއް ނުވާނެއޭ. ތިއީ ވާނެ ކަމެއް ނޫނޭ،" ޒޫމް ބުނެލި އެވެ.

"އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގައި ވެސް ރިޖެކްޝަން އަދި ނުވާނެއޭ ބުނި އެތައް ބަޔަކާ ދިމާވެފައި ހުރީ. ސްކޫލްގައި އުޅުނުއިރު ވެސް، މީހުންގެ ތެރޭގައި އުޅުނުއިރުވެސް"

"އަޅުގަނޑު ރެޕްކުރަން ފެށީމަ ވެސް މީހުން ބުނެފައި އެބަހުރި ތިކަމެއް ނުވާނެއޭ. ކަލޭ ތި އުޅެނީ ކާކަށް ވާހިތުން ހެއްޔޭ. އެމިނެމްއަކަށް ވާން ހެއްޔޭ. އެހެން ކިޔާފައި ޖޯކު ވެސް ޖެހި. އެކަމަކު ވެސް އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ގޮތުގައި ދެމިހުރެ ކުރިއަށް ދާން."

އެކަމަކު ދިރިއުޅުމުގެ މި ދަތުރަކީ އޭނާ އަށް އަބަދުވެސް ގޮންޖެހުމެކެވެ. ނުވަތަ އެންމެ ކުޑައިރުއްސުރެން ފަށައިގެން ތަޖުރިބާކުރަމުން އައި ލައިފަކީ އޭނާގެ އާޓިސްޓިކް ދުނިޔެ ހުޅުވައިދިން ހަގީގީ ނަސީބެވެ.

އެއީ ހަމައެކަނި އަހަރެންގެ ވާހަކައެއް ނޫން. އަހަރެން ގޮތަށް، ހާދަ ބަޔަކު ތިބޭނެއޭ ކުރިއަށް ނުދެވިފަ އެހެން މީހުންގެ ނެގެޓިވް ކޮމެންޓާ ހެދި - ޒޫމް

މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދެ ތިން މަސް ދުވަސްވަންދެން އުޅެން ޖެހިދާނެ ކަރަންޓާ ފެނާ ނުލައި ވެސް. ކުޑަދޮރުތައް ހުޅުވާލައިގެން އެނދަށް އަރައި އޮންނަ ހަނދާން އަހަރެންވޭ. ހޭލައިގެން ސްކޫލަށް ދާތަނުން ކްލާސްރޫމުގައި ހުންނަ ފަންކާގެ ފިންޏަށް އަރާމުވެގެން ނިދިޖެހޭ ދުވަސްތައް ވަރަށް ގިނަވާނެ،" ކުޑައިރުގެ ހަނދާނަކުން ޒޫމް ކިޔައިދިނެވެ.

މި ޒުވާނާގެ ހިތަށް އަބަދުވެސް ފިނިކަމެއް ގެނެސްދިން އެއްޗަކީ ކްލާސްރޫމުގައި އެނބުރު އެ ފަންކާ އާއި އޭނާ ކޮންމެ ދުވަހަކު އަޑު އެހި މިއުޒިކެވެ. އެންމެ ފުރަތަމަ އަލީ ރަމީޒެވެ. ދެން ހިންދީ ހިޕްހޮޕެވެ. ދެން އެމިނެމްއެވެ. އެއަށް ފަހު ދިވެހި ހިޕްހޮޕެވެ.

"އަހަންނަށް ލަވަކީދާނެ ކަމަށް ބުނީ ރައްޓެހިން. އެއީ އެއް ދުވަހަކު އެމީހުންގެ ތެރޭގައި ހުރެފައި ލަވައެއްކީ ދުވަހަކު އަހަރެން ކިޔާލި ގޮތް މާ ބޮޑަށް ސަޅިވެގެން. ދެން އެކަކު ބުނެފި އޭ ވަރަށް ސަޅިއޭ،" ފުރާވަރާއެކު އަރައިގެން އައި ފޯރީގައި އޭނާ ދެން މަސައްކަތްކުރީ ލަވައެއް ރިކޯޑްކުރުމުގެ އެ ފުރުސަތު ހޯދާށެވެ.

އެކަމަކު އެންމެ ފުރަތަމަ އެންމެން ވެސް ބުނީ ޒޫމްއަކަށް ނުވާނެއޭ އެވެ. އޭނާގެ ހުނަރަށް ހަމަ އެންމެން ވެސް ކޮށްލީ ސުވާލެކެވެ. ބީޓޮލޮޖީގައި ޓްރޯ އާއި ޒިޕޯ އުފައްދަމުން ދިޔަ އެމީހުންގެ އައު ލަވަ 'ހަސްކާ' އަށް ކަޑިއެއް ރިކޯޑްކުރުމުގެ ފުރުސަތު ލިބުނީ އެ ހާލެއްގައި އުޅެނިކޮށެވެ.

މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެއީ ހަމައެކަނި އަހަރެންގެ ވާހަކައެއް ނޫން. އަހަރެން ގޮތަށް، ހާދަ ބަޔަކު ތިބޭނެއޭ ކުރިއަށް ނުދެވިފަ އެހެން މީހުންގެ ނެގެޓިވް ކޮމެންޓާ ހެދި. އެ ލަވަ އަޑު އިވުނީމަ ހިތަށް އަރާނެ ދޯ ހަމަ އެގޮތަށް ތިމަންނައާ ދިމާލަށް ވެސް ބުންޏޭ. ވަރަށް ގިނަ އެހެން މީހުންނާ ދިމާލަށް ވެސް އެތައް ބަޔަކު ބުންޏޭ،" ޒޫމް ބުންޏެވެ.

"ނުދެވޭނެއޭ، ނުވާނެއޭ ބުނެ މަލާމާތްކުރި ދުވަސްތަކަކީ ހިތުގައި ޖެހުނު ދުވަސްތަކެއް. ނަމަވެސް އެ އިހުސާސްތައް އަޅުގަނޑު އެންމެފަހުން ބޭރުކޮށްލީ ލިޔުނު ލަވައެއްގެ ގޮތުގައި."

ނަމަވެސް އެ އިހުސާސުތަކާ އެކު އެ ލަވަ އެވަރުގެ ބޮޑު ހިޓަކަށް ބަދަލުވެދާނެ ކަމަށް އޭނާ ހީވެސް ނުކުރެ އެވެ. އަދި އެ ލަވައިގައި އޭނާގެ ކަޑިއެއް ހިމެނުމަކީ ލަވަ އުފައްދަމުން ދިޔައިރު އެންމެ ފުރަތަމަ ނެތް ހިޔާލެއް ކަމަށް ވެސް ބުންޏެވެ.

"ޓްރޯ އެންމެ ފުރަތަމަ ހަސްކާ ޕްރޮޑިއުސްކުރަމުން ދިޔައިރަކު އެ ލަވައިގެ ވާސްއެއް ކިޔާ ގޮތަކަށް ނޫން އަޅުގަނޑު ހަމަޖެހިފައި އޮތީ. އެންމެ ފުރަތަމަ ޕްލޭންކޮށްފައި އޮތީ އަޅުގަނޑު ލައްވައި ހަމައެކަނި އޭގެ ކޯރަސް ކިޔުއްވަން،" ނަމަވެސް ޒޫމް ލިޔެގެން ގެނެސް ދެއްކި ލިރިކްސްގެ ޖާދޫގައި ލަވައިގެ ޕްރޮޑިއުސަރު ވެސް ޖެހުނީ އެވެ.

"ދެން އަޅުގަނޑު ލިޔުނު ވާސް ޒިޕޯ އާއި ޓްރޯ އަށް ކަމުދިޔަ ވަރު ބޮޑުކަމުން އެ ލަވައިގެ ވާސްއެއް ކިޔަން އެންމެފަހުން ފުރުސަތު ދިނީ އެމީހުން އަޅުގަނޑަށް."

"ހަންޖަރު" ލަވައިގެ ލިރިކަލް ވީޑިއޯ.

އެ ލަވައިގެ ކާމިޔާބީ އަށް ފަހު ބީޓޮލޮޖީއާ އެކު ޒޫމް ކާމިޔާބު އެހެން ލަވަތަކެއް ވެސް ނެރުނެވެ. ނަމަވެސް މިފަހުން އަނެއްކާވެސް އޭނާގެ ލަވައެއް ހިޓުވެ ވައިރަލްވާން ފެށީ ޒުވާން ހިޕްހޮޕް ލޭބަލް، އެސްޓިއަން ރިކޯޑްސްއާ އެކު ކުރަމުން ގެންދާ މަސައްކަތްތަކާ އެކުގަ އެވެ. އެގޮތުން 'ހަންޖަރު' އަކީ އޭގެ ފުރަތަމަ ބޮޑު ހިޓެވެ.

"ހަންޖަރު ލަވަ އަކީ އެސްޓިއަން ސްޓޫޑިއޯގައި މަޖާކުރަން ތިއްބައި އައި ހިޔާލެއް. އެހެން ތިބެފައި ބީޓެއް ޖަހައިގެން ހަމްކޮށް ހިތަށް އެރި ލިރިކްސްތަކެއް ކިޔަމުންދާނީ އާންމުކޮށް އެންމެ ފުރަތަމަ. ދެން އެހެން އުޅެނިކޮށް ހަންޖަރުގެ މެލޮޑީ އުފެދިގެން އައީ،" ޒޫމް ކިޔައިދިނެވެ.

"ދެން ލަވައިގެ މަސައްކަތްކުރި ދުވަސްކޮޅަކީ ވަރަށް ހާޓްބްރޭކިން ދުވަސްކޮޅެއް. ރިލޭޝަންޝިޕް ވައިސްކޮށް ބެލިޔަސް ވަރަށް ޑައުން ދުވަސްކޮޅެއް އެއީ އެންމެންގެ ލައިފުގައި ވެސް. އަޅުގަނޑުގެ އެ އިމޯޝަންސް ވަރަށް ބޮޑަށް އެ ލަވައިގައި އަޅުގަނޑު ބޭނުންކުރީ."

އެސްޓިއަން ރިކޯޑްސްގެ ފައުންޑިން އާޓިސްޓް، މިއްޓު އަދި އޮސްކޯއާ އެކު ރިކޯޑްކޮށްފައިވާ "ހަންޖަރު' އަކީ ލޯބީގެ މެލޮޑިކް ރެޕް ލަވަ އެކެވެ. އެކަމަކު އަނެއްކާވެސް، އެތައް ބައެއްގެ އިހުސާސްތަކާ ކުޅެލި ލަވަ އެކެވެ.

މިހާރު ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހަންޖަރު ލަވައިގައި އަޅުގަނޑު އެ ކިޔައި ދެނީ އަމިއްލަ ތަޖުރިބާ އާއި އިހުސާސްތައް. އެކަމަކު ލަވަ އަޑުއަހާ 90 ޕަސެންޓް މީހުންގެ އިހުސާސްތަކާ ވެސް އެ ލިރިކްސް ގޮސް އެބަ ގުޅޭ. ހިތްހަލާކުވެފައި ތިބޭ މީހުން ގިނައީ،" މިހެން ބުނެފައި ޒޫމް ހީގަތެވެ.

އަދި ދެން ބުނެލީ މިހެންނެވެ.

"އާ ލަވައެއްގެ މަސައްކަތްކުރަމުން މި ދަނީ މިހާރު ވެސް. އެކަމަކު އަޅުގަނޑު ބޭނުންވަނީ ވަކި މީހަކަށް ވުރެ މޮޅުވާކަށެއް ނޫން. ވަކި އެވެނި މިވެނި މީހަކަށް ވާކަށް ވެސް ބޭނުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ ގޮތުގައި ކުރިއަށް ދާން."

އެކަމަކު 'މޭން އަކީ' މިހާރު މި އެވެ. ކޮންމެ ލަވައަކުން ވެސް ތަފާތު ދައްކާ އާޓިސްޓެކެވެ.

Popular