7 Oct 2017

ޒުލްގެ އިންޓްރޯ: އަބަދުވެސް ސެލެބްރިޓީ ޑްރަމަރެއް

މިއީ އުމުރުން އެންމެ 19 އަހަރުގެ ޒުލް އާރިފެވެ. އެކަމަކު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ނުވަތަ އެންމެ ކުޅަދާނަ އެއް ޑްރަމަރެވެ.

މިއީ އުމުރުން އެންމެ 19 އަހަރުގެ ޒުލް އާރިފެވެ. އެކަމަކު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ނުވަތަ އެންމެ ކުޅަދާނަ އެއް ޑްރަމަރެވެ.

By: Ahmed Nadym

އުމުރުން ގާތްގަނޑަކަށް ހަ އަހަރުގައި އޭނާ ޑްރަމްސް ޖަހަން ފަށައިފި އެވެ. އެކަމަކު އެންމެ ފުރަތަމަ ޖެހީ ކޮން ކަހަލަ ޑްރަމެއްކަން އެނގޭ ހެއްޔެވެ؟ މައިލޯ އާއި ކޯސްޓު ކިރު ހުސްކުރި ދަޅުތައް އެއްކޮށްލައިގެން އަމިއްލަ އަށް ހެދި ޑްރަމްސެޓެއްގަ އެވެ. ފަންސުރުން ތަޅަމުން ދިޔަ މި ޑްރަމް ސެޓުގެ އަޑާއި އުނދަގޫ ބޮޑުވެ ބަދިގެތެރެއިން ދަޅުތައް ގެއްލޭވަރު ބޮޑުވެގެން އެންމެފަހުން އޭނާގެ ބައްޕަ ޑްރަމް ސެޓެއް ގަނެގެން ގެނެސްދީފި އެވެ. އެކަމަކު އާދައިގެ ޑްރަމްސެޓަކަށްވުމުން ހައެއްކަ އެތިފަހަރު އަޅައިލިތަނުން އެ ޑްރަމްސެޓެއް ބަނޑިބަނޑިވެ ސުންނާފަތިވެގެން ހިނގައްޖެ އެވެ. އެންމެފަހުން ގަނެދޭން ޖެހުނީ އޭނާގެ ހުނަރާ އެއްވަރުގެ މޮޅު ޑްރަމްސެޓެކެވެ.

މިއީ ޒުވާން ޑްރަމަރު އަލީ ޒުލް އާރިފް މީގެ ބާރަ ތޭރަ އަހަރު ކުރިން މިއުޒިކްގެ ތެރެއަށް ވަދެ ޑްރަމްސެޓާއެކު ހަމަޖެހިލި ގޮތެވެ. މިއަދު އޭނާ އަކީ އުމުރުން 19 އަހަރުގައި ރާއްޖޭގެ އެންމެ ހުނަރުވެރި ނުވަތަ އެންމެ ކުޅަދާނަ ޑްރަމަރުންގެ ތެރެއިން ގުނާލެވޭނެ ޓެލެންޓެކެވެ.

އެކަމަކު މީގެ މާ ކުރިން ވެސް މި ހުނަރުވެރިޔާ ވަނީ އާންމުންގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދައިފަ އެވެ. އެއީ ހަ އަހަރުގެ ޑްރަމަރެއްގެ ގޮތުގައި ބޮޑެތި ބޭންޑްތަކާއި މިއުޒީޝަނުންނާ އެކު ޕާފޯމްކޮށް އެއް ފަހަރަކު ޓީވީއެމްގެ ޕްރޮގްރާމް ހޭޔަމްބޯ އަށް އަރައިގެންނެވެ. އޭރު ޑްރަމް ސެޓުން އޭނާގެ ބޯ ވެސް ނާރަ އެވެ. އެކަމަކު މިހާރު އޭނާގެ ހުނަރާއި ޑްރަމްސެޓު ވެސް ވަރަށް ބޮޑުވެއްޖެ އެވެ.

މިއީ ޒުލްގެ އިންޓްރޯ އެވެ. ބައެއް މީހުން އޭނާ އަށް ތޮއްތޮއޭ ވެސް ކިޔަ އެވެ.

Popular