7 Oct 2017

ޓްރެފިކް ޖޭމް މިސްވޭ ދޯ؟

ރާއްޖެ ކައްކުވާލި ސިޔާސީ ކުޅިގަނޑަށް ފަހު ޓްރެފިކް ޖޭމް އިން ނެރުނު "ބަޣާވާތް" ލަވައާ ހިސާބުން ބޭންޑުގައި އަނދަގޮނޑި ޖަހައި ނިމިއްޖެ އެވެ. އޭގެ ފަހުން ކުރީގެ ފޯރި އާއި ރޫހެއް ނުފެނެ އެވެ.

ރާއްޖެ ކައްކުވާލި ސިޔާސީ ކުޅިގަނޑަށް ފަހު ޓްރެފިކް ޖޭމް އިން ނެރުނު "ބަޣާވާތް" ލަވައާ ހިސާބުން ބޭންޑުގައި އަނދަގޮނޑި ޖަހައި ނިމިއްޖެ އެވެ. އޭގެ ފަހުން ކުރީގެ ފޯރި އާއި ރޫހެއް ނުފެނެ އެވެ.

By: Ahmed Nadym

ރާއްޖެ ގުގުމުވައި ސިއްސުވާލި ދިވެހި ރޮކް ބޭންޑަކީ މިއީ އެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓް އަދި ކޯފައުންޑާ އިބްރާހިމް ރަޝީދު ނުވަތަ ސްޓޭޖު ނަމުން ނަމަ ކަޔާނޯގެ މި ބޭންޑަކީ ދިވެހި މިއުޒިކަށް ނިކަން ވަރުގަދަ އިންގިލާބެއް ގެނެސްދިން ތަފާތު ކަމެކެވެ. އެމީހުން އުފެދުނީ 2005 ވަނަ އަހަރު އެވެ. ޖެހިގެން އައި ހައެއްކަ އަހަރު ޓްރެފިކް ޖޭމަކީ ޒުވާނުންގެ ރަސްމީ ބޭންޑެވެ. ޒުވާނުންގެ އަޑާއި އިހްސާސް ބަންޑުންކުރުވި ހަމައެކަނި ބޭންޑެވެ.

ނަމަވެސް 2012 ވަނަ އަހަރު ރާއްޖެ ގުގުމުވާލި ސިޔާސީ ކުޅިގަނޑަށް ފަހު ޓްރެފިކް ޖޭމް އިން ނެރުނު "ބަޣާވާތް" ލަވައާ ހިސާބުން ބޭންޑުގައި އަނދަގޮނޑި ޖަހައި ނިމިއްޖެ އެވެ. އޭގެ ފަހުން ޓްރެފިކް ޖޭމްގެ ޚަބަރެއް ކުރީގެ ފޯރިއާއި ރޫހުގައި ނުއިވެ އެވެ. އާދައިގެ ގިގުތަކެއް ކުޅުނަސް ފޯރިއަރާ ވަރުގެ ޝޯތަކެއް ފެނިގެނެއް ނުދެ އެވެ. ޓްރެފިކް ޖޭމް މިސްވަނީ އެހެންވެގެންނެވެ.

ނަމަވެސް ކަޔާނޯ ބުނަނީ ދޭން އޮތީ އުފާވެރި ޚަބަރެއް ކަމަށެވެ. ރަނގަޅު ޝޯތަކެއް ނުކުޅެވި ސަޕޯޓަރުންނާއި ފޭނުންނަށް ގެއްލިފައިވިޔަސް ކުރީގެ ފޯރީގައި ލަވަ ހެދުމާއި މިއުޒިކް ކުޅުން ކަޔާނޯ އާއި އޭނާގެ ބޭންޑް މެމްބަރުން ކުރިއަށް ގެންދަނީ އެވެ. އަދި މި އެންމެން އެމީހުންގެ އާ ދިރިއުޅުންތަކާ އެކު ކުރިއަށް ވުރެ ބިޒީވެގެން ދިޔަ ނަމަވެސް އެންމެ އުފާވެރި ޚަބަރަކީ ގިނަ އަދަދެއްގެ އާ ލަވަތަކަކާ އެކު ވަރުގަދަ އެނބުރި އައުމަކަށް ޓްރެފިކް ޖޭމް ތައްޔާރުވަމުންދާ ކަމެވެ.

"ކުރުކޮށް ބުނާ ނަމަ ބޭންޑްގެ ހުރިހާ މެމްބަރުން ވެސް ބޮޑުވެ، މީހުންނާ އިނދެ، ދަރިން ލިބިގެން އެހިސާބުގައި މި އުޅެނީ މިހާރު. ލަވަކިޔުން ހުއްޓާލީކީއެއް ނޫން، މިއުޒިކް ކުޅުން ހުއްޓާލީކީއެއް ވެސް ނޫން. އަހަރެމެން މިތިބެނީ އަނެއްކާ ވެސް ރަނގަޅު ޕްލެޓްފޯމެއް ލިބެން ދެން. ލިބޭނެ،" ދޯ އަށް ދިން އިންޓަވިއުއެއްގައި ކަޔާނޯ ބުންޏެވެ.

އޭނާ ބުނީ އަމިއްލަ ދިރިއުޅުމާއިގެން ކިތަންމެ ބިޒީވިޔަސް ލަވަ ހެދުން އޭނާ ހުއްޓާނުލާ ކަމަށެވެ. އެގޮތުން މިހާރު ވެސް ހަތަރު އަލްބަމް އެއް ފަހަރާ ނެރެވޭ ވަރަށް ވެސް އޮރިޖިނަލް އާ ލަވަ އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"ގެއްލިގެން މިދިޔަ ދުވަސްތަކުގައި އެބަހުރި ވަރަށް ބައިވަރު އާ ލަވަ ހަދާފައި. ހާއްސަކޮށް ޒުވާނުންނަށް ކަމުދާނޭ ކަހަލަ ލަވަތައް އެބަހުރި. ދޮގު ހަދާ މީހަކު ބުނާނީ ހަތަރު އަލްބަމުގައި ނެރެވޭ ވަރަށް އާ ލަވަ އެބަހުއްޓޭ. އެކަމަކު އަސްލަށް ވާހަކަ ދައްކާ ނަމަ ދެ ތިން އަލްބަމެއް ނެރެވޭ ވަރަށް އާ ލަވަ އެބަހުރި މިހާރު،" ކަޔާނޯ ބުންޏެވެ.

ޓްރެފިކް ޖޭމްގެ ލަވަތައް ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައި ވަނީ އެމީހުންނާ ގުޅޭ މައްސަލަތަކާއި އިޖުތިމާއީ އެކި މެސެޖާއި ހާލަތް ބަޔާންކޮށް ހަގީގަތް ކިޔައިދޭ ލަވަތަކެއްގެ ގޮތުގަ އެވެ. އެގޮތުން ކޮރަޕްޝަނާއި މާރަމާރީ އާއި ސިޔާސީ ހަތުރުވެރިކަމާއި ޒާތީ ތައައްސުބުގެ ވާހަކަ ވެސް ކަޔާނޯ އާއި އޭނާގެ ބޭންޑްގެ ލަވަތަކުގައި ކިޔައިދެ އެވެ.

ކަޔާނޯ ބުނީ އާ ލަވަތަކުގައި ވެސް ކިޔައިދޭނީ ރާއްޖޭގައި ހުރި މައްސަލަތަކާއި ހިނގަމުންދާ ކަންތަކުގެ ވާހަކަތައް ކަމަށެވެ.

"ރާއްޖޭގައި ހިނގާ ކަންކަމަށް އާ ލަވަތައް ވެސް ހުންނާނީ. އެއީ އާ ކަމެއް ނުވޭތާ އަދިވެސް މިތާކު،" ކަޔާނޯ ބުންޏެވެ.

ޓްރެފިކް ޖޭމް އިން ނެރުނު ފުރަތަމަ އަލްބަމަކީ "ދިރިތިއްބަސް މަރުވެފާ" އެވެ. އެއަށް ފަހު "ތިއީ އެއްވެސް ބާރެއް އޮތް ބައެއް ނޫން" ގެ ނަމުގައި ދެ ވަނަ އަލްބަމެއް ނެރުމަށް ފަހު "މާފުށީ ސްކޫލް" ގެ ނަމުގައި ތިން ވަނަ އަލްބަމް ނެރުނީ 2010 ވަނަ އަހަރު އެވެ.

ކަޔާނޯ ބުނީ އާ ލަވަތަކާއި އަލްބަމާއި ޝޯތަކެއް ގެނެސްދޭން އުނދަގޫވެފައި ވަނީ "ބަޣާވާތް" ލަވަ އަށް ފަހު އެމީހުންގެ ޕްރެކްޓިސް ރޫމުން ނެރެލުމުން ކަމަށެވެ. އެ ލަވަ ނެރެގެން މައްސަލަ ބޮޑުވިއިރު ބޭންޑް ޕްރެކްޓިސްކުރަމުން ދިޔައީ ސަރުކާރުގެ ބެލުމުގައި ދަށުގައިވީ އިމާރާތެއްގަ އެވެ.

"ހަތެއް ފެބްރުއަރީގައި ކުރި ބަޣާވާތަށް ފަހު، ލަވައެއް ނެރުނީ. އެއީ ޓްރެފިކް ޖޭމް އަކީ އަބަދުވެސް އެކަހަލަ ކަންކަމާ ދެކޮޅު ބޭންޑެއް. ދެން މި ލަވައެއް ނެރުނީމަ އަހަރެމެންނަށް ސަރުކާރުން ވަރަށް ބޮޑަށް ފިއްތާލީ. ޕްރެކްޓިސް ރޫމުން ނުކުންނަން އަންގައި ނުނިކުތީމަ އެތަނުން ކަރަންޓު ކަނޑާލީ. ދެން ނުކުންނަންތާ ޖެހޭނީ،" ކަޔާނޯ ބުންޏެވެ.

"ޓްރެފިކް ޖޭމްގެ މީހުން އެބަތިބި ގަދަވެ ސަލާމަތުން. އެކަމަކު ބޭންޑް އޮތީ މިހާރު މަގުމަތިވެފަ. އެއީ ޕްރެކްޓިސް ކުރަން ކުޅޭނެ ތަނެއް ނެތީމަ ކުރިއަކަށް ނުދާނެތާ މީގެ ގޮތުން."

ނަމަވެސް ކަޔާނޯ ބުނީ އަންނަ އަހަރު ޓްރެފިކް ޖޭމްގެ ވަރުގަދަ އެނބުރި އައުމެއް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"ޓްރެފިކް ޖޭމްގެ އަޑެއް ނީވޭތީ އާ ލަވަތަކެއް ނެރެނީ ކޮން އިރަކުންހޭއޭ ވެސް އެބަ އަހާ މީހުން. ހީވަނީ އަންނަ އަހަރުހެން އާ އަލްބަމެއް ނެރެވޭނީ އަހަރެމެންނަށް. އެއީ ހުރިހާ ކަމެއް ވެސް މިކުރެވެނީ ފައިސާއިން. 2018 އަށް ވަރަށް ކުލަގަދަކޮށް އާ އަލްބަމެއް ނެރެވޭތޯ މި ބަލަނީ،" ކަޔާނޯ ބުންޏެވެ.

ޓްރެފިކް ޖޭމް

Popular