13 Dec 2017

ދިވެހިރާއްޖެއާ މާ ދުރުގައިވާ އަޑުގަދަ "މޯލްޑިވްސް"

ދިވެހިރާއްޖެއާ މާ ދުރުގައިވާ އަޑުގަދަ "މޯލްޑިވްސް"

By: Niumathullah Idhurees

"މޯލްޑިވްސް" އެންމެ މަޝްހޫރީ ޓޫރިޒަމްގަ އެވެ. މި ނަމުގެ މަޝްހޫރުކަން ބޭނުންކޮށްގެން އެހެން މީހުން ވެސް މަޝްހޫރުކަން ހޯދަ އެވެ. އެމެރިކާގެ ސިއޭޓްލްގެ އޯލްޓަނޭޓިވް ކަންޓްރީ މިއުޒިކް ބޭންޑަކަށް ވެސް "މޯލްޑިވްސް" ކިޔަ އެވެ. އެ ބޭންޑަށް މިހާރު 15 އަހަރު ވެއްޖެ އެެވެ. އެކަމަކު މިއީ އޮންނަ ބޭންޑެއްކަން ނޭނގޭ މީހުން ރާއްޖޭގައި އަދިވެސް ވަރަށް ގިނަވާނެ އެވެ. އެހެންވެ، އެ ބޭންޑުގެ އާ އަލްބަމްގެ ވާހަކަޔާ އެކު މިއީ ކޮން ބައެއްތޯ އަލުން ކިޔައިދޭނަމެވެ. ބޭންޑުގެ ފެންވަރުގެ ވާހަކަ ފަހަށް ބާއްވައިފަ އެވެ.

މި ބޭންޑަށް މޯލްޑިވްސް އޭ ކިޔައި ނަން ދިނީ ބޭންޑުގެ މީހުން ނުވަތަ އެއިން އެއްވެސް މީހަކު ދިވެހިރާއްޖެއަށް އައިސް ގުދުރަތީ ރީތިކަމުގެ ޖާދޫގައި ޖެހިގެންނެއް ނޫނެވެ. ބޭންޑަށް ނަން ކިޔުމުގެ ކުރިން ބޭންޑުގެ އެއްވެސް މެންބަރަކަށް ދިވެއްސަކާ ދިމާވެސް ނުވެ އެވެ. މޯލްޑިވްސް ކިޔަން ވެސް އޭރު ނޭނގެ އެވެ. އެ މީހުންނަށް އަލަށް ދިވެއްސަކާ ދިމާވީ ބޭންޑު އުފެއްދިތާ 13 އަހަރު ފަހުންނެވެ. އެއީ ދިވެހި ނޫސްވެރިއެއް ކަމަށްވާ އިބްރާހިމް ވަހީދު (އަސްވާޑް) އެމެރިކާއަށް ކުރި ދަތުރެއްގަ އެވެ. އޭނާ ވަނީ އެ ބޭންޑުގެ މެންބަރުންނާ އިންޓަވިއުއެއް ވެސް ކޮށްފަ އެވެ.

މި ބޭންޑުގެ ނަމާ އެކު ކޮންމެ ދިވެއްސަކަށް ވެސް އެންމެ މުހިންމުވާނެ ސުވާލު އަސްވާޑް އެ މީހުންނާ ކޮށްފައިވެ އެވެ. އެއީ ބޭންޑަށް ނަން ކިޔުނު ގޮތެވެ.

"ބޭންޑަށް ކިޔާނެ ނަމެއް އަހަރެމެންނަކަށް ނުވިސްނުނު ... ދެން އެއް ރޭ (ބޯޑް ގޭމެއް ކަމަށްވާ) ޓްރިވިއަލް ޕަސުއިޓް ކާޑްތަކެއް ބަލަމުން ދަނިކޮށް ސުވާލެއްގެ ޖަވާބެއްގެ ގޮތުގައި އޮތީ މޯލްޑިވްސް،" ބޭންޑުގެ ލީޑް ސިންގަ ޖޭސަން ޑޮޑްސަން ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި އެ ނަން ރީތިވެގެން އެއީ ކޮން ތަނެއްތޯ ބެލި އިރު ފެނުނީ އާދަޔާ ޚިލާފް ރީތި ކަމެކެވެ.

"މޯލްޑިވްސް" ގެ މެންބަރުން އަސްވާޑަށް ދިން އިންޓަވިއު

"ދެން އަހަރެމެންނަށް ނިންމީ ބޭންޑަށް ވެސް ނަން ދޭން ވާނީ ރީތި އެއްޗަކަށް ނިސްބަތްކޮށްފައޭ."

އޭރު ބުނެފައިވާ ގޮތުން، ބޭންޑުގެ އެއްވެސް މީހަކު ރާއްޖެއަކަށް ނާދެ އެވެ. އަދި މިހާތަނަށް ވެސް އައި ކަމެއް އެނގިފައެއް ނުވެ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ރާއްޖެއަށް ކުރަންޖެހޭ ދަތުރާއި ހޮޓާތަތަކުގެ އަޑު މާބޮޑުކަމުން ރާއްޖެއަށް ނުދެވެނީ ކަމަށެވެ.

މިއީ އުޅޭ ބައެއްކަން ގިނަ ދިވެހިންނަށް ނޭނގުނެއް ކަމަކު މިއުޒިކަށް ލޯބިކުރާ ބައެއް މީހުންނަށް މިއީ އެއްގޮތަކަށްވެސް އާ ބައެއް ނޫނެވެ. ބައެއް ދިވެހިން ބޭންޑުގެ ނަމާ ހެދި ޝައުގުވެރިކަން އުފެދި މައުލޫމާތު ހޯދަން އީމެއިލް ފޮނުވާކަން ބޭންޑުގެ މެންބަރުންގެ ވާހަކައިން އެނގެ އެވެ. އަދި ބައެއް މީހުން ރާއްޖޭގެ ރީތިކަމުގެ ވާހަކައިން ވެސް ބޭންޑާ ސުވާލުކުރެ އެވެ. އެކަމަކު ރާއްޖެއާ ބެހޭ ގޮތުން ދައްކާނެ ވާހަކައެއް އެ މީހުންނަކަށް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އެއީ ވަރަށް ރީތި ޖަޒީރާ ގައުމެއް ކަމެކެވެ.

ދެން މިއީ ކިހާ ފެންވަރެއްގެ ބޭންޑެއްތޯ ބަލަން ހިނގާށެވެ. މިއީ ސިއާޓްލްގައި ލައިވް ޝޯތައް ދިނުމަށް މަޝްހޫރު ބޭންޑެކެވެ. އެކަމަކު މިއީ މުޅި އެެމެރިކާއަށް ބަލާއިރު މަޝްހޫރު ބައެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަ މީހުން އެއްބަސްވާ ގޮތުގައި މިއީ ހަމަ އެންމެ ވަރުގަދަ ބޭންޑުތަކާ އެއް ފެންވަރެއްގެ ބައެެކެވެ. އެ މީހުންނަށް ބޮޑު މަޝްހޫރުކަމެއް ލިބިފައި ނެތް އެންމެ ބޮޑު ސަބަބަކީ ވަރުގަދަ ލޭބަލް އަކާ އެ މީހުން އެޓޭޗް ނުވުމެވެ. މިހާތަނަށް ވެސް އެ މީހުން މަސައްކަތް ކުރަމުން އަންނަނީ އެގޮތަށެވެ.

"މޯލްޑިވްސް" އިން މިހާތަނަށް ފަސް އަލްބަމް ނެރެފި އެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ނެރުނީ ބޭންޑުގެ ނަމުން ނަން ދީފައިވާ "މޯލްޑިވްސް" އެވެ. އޭގެ ފަހުން 2009 ގައި ދެ އަލްބަމް އަދި 2012 ގައި ވެސް އަލްބަމެއް ނެރުނެވެ. އެންމެ ފަހުން މި މަހު ނެރުނު އެ މީހުންގެ ފަސް ވަނަ އަލްބަމަކީ "މޭޑް ލައިވްސް" އެވެ.

އެމެރިކާ

Popular