9 Feb 2018

އަދިވެސް އެންމެ ކަމުދަނީ ކުރީގެ ދިވެހި ލަވަ؟

By: Aishath Maahaa

މީގެ އަހަރުތަކެއް ކުރިން ފެށިގެންވެސް ދިވެހިންނަކީ ލަވަޔާއި މިއުޒިކަށް މާ ބޮޑު ލޯތްބެއް އުފެދިގެން އުޅޭ ބައެކެވެ. އަށާރަ ސަތޭކައިގެ ފަހުކޮޅުން ނެއްޓި ނަވާރަ ސަތޭކަ އަށް އަޅައިގެން އައިއިރު މިއުޒިކްގެ ފޯރީގައި ނުޖެހޭ ދިވެއްސެއް ހުރިހެނެއް ހިއެއް ނުވެ އެވެ. އެ ފޯރީގައި ކޮންމެ ގެއަކުންވެސް ލަވަ ޖަހަމުން ދިޔައީ ބޮޑެތި ސްޕީކަރުތައް ބަހައްޓައިގެން، މުޅި ރަށަށް އަޑުއިވޭ ވަރަށެވެ. އެންމެ ބޮޑު ސްޕީކަރު ސިސްޓަމާ އެކު ރަށު ރައްޔިތުންނަށް ފޮނި ދައްކަން ވެސް ލަވަ ޖަހާ އުޅުނެވެ.

އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ އާންމުކޮށް އެ ދުވަސްވަރު އެންމެން ވެސް ޖަހާ އުޅުނީ ދިވެހި ލަވަ ކަމެވެ. އޭރުގެ މަޝްހޫރު ލަވަ ކިޔުންތެރިންގެ ލަވަތައް ރަށުގެ އެކި ހިސާބުތަކުން އިވޭނެ އެވެ. އެކަމާ އުނދަގޫވެގެން ޝަކުވާ ކުރާނެ މީހަކު އުޅޭހެން ހިއެއް ނުވެ އެވެ.

ލަވަ ޖެހުމުގެ އެ ޓްރެންޑް މަޑުމަޑުން ބަދަލުވަމުން ގޮސް މިހާރު ކޮންމެ މީހަކު ވެސް ލަވަ ޖަހަނީ އެމީހެއްގެ ފޯނުން އެމީހަކަށް އިވޭ ވަރަށެވެ. އެއާ އެއްވަރަށް ބަދަލުވެގެން އައި އަނެއް ކަމަކީ ދިވެހިން ޖަހަމުން ދިޔަ ލަވަތަކެވެ. ދުވަހެއް ދުވަހަކަށް، ރީތި ދިވެހި ލަވަތައް މިއުޒިކް ޕްލެޓްފޯމްތަކަށް އަޅަމުން ދިޔަ ނަމަވެސް ދިވެހި ލަވަޔަށްވުރެ ބޮޑަށް އިނގިރޭސި ލަވަތަކަށް ދިވެހިންގެ ޝައުގުވެރިކަން ބޮޑުވި އެވެ. އިނގިރޭސި ލަވަޔާއެކު ހިންދީ ލަވަތަކަކީ ވެސް ދިވެހިންނަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާ ލަވަތަކެކެވެ.

މި ވާހަކައެއް ގަބޫލު ނުކުރެވޭ ނަމަ އާންމުކޮށް ޖަހާ ލަވަތަކުގެ ޕްލޭ ލިސްޓަށް ވިސްނާލަ ބަލާށެވެ. ފޯނުގައި އެތައް ސަތޭކަ ލަވައެއް ހިމެނޭއިރު އޭގެ 80 ވަރަކަށް ޕަސަންޓު ލަވަޔަކީ އިނގިރޭސި ލަވަ އެވެ. ދެން ގިނަވާނީ ހިންދީ ލަވަ އެވެ. އެންމެ ފަހުގެ ލަވަތަކެވެ. ފޭވަރިޓް އާޓިސްޓުންގެ ލަވަތަކެވެ.

ނަމަވެސް އަދިވެސް ދިވެހި ލަވަތައް ދެކެ ލޯބިވާ އަދި އެ ލަވަތަކަށް ވަފާތެރި މީހުން އުޅޭކަން "ލަވަފޮށި" ފަދަ ޕްލެޓްފޯމްތަކަށް ބަލައިލުމުން އެނގެ އެވެ. އެތައް ހާސް މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. ގަވާއިދުން ދިވެހި ލަވަތައް އަޑުއަހާ މީހުން އެބަތިއްބެވެ. ދިވެހި ލަވަ އަޑުއަހާ މީހުންނަށް އަދިވެސް ކަމުދަނީ ކުރީގެ ލަވަތައްކަން ވެސް އެއިން އެނގެ އެވެ. ހަމައެކަނި ލަވަފޮށީގެ އެންމެ ޓޮޕް އާޓިސްޓުންނަށް ބަލައިލިޔަސް އެކަން އެނގިގެންދެ އެވެ. އެންމެ ކުރީގައި އުޅޭ ތިން އާޓިސްޓުން ތެރެއިން ދެ އާޓިސްޓުންނަކީ މިހާރު ލަވަކިޔުން ހުއްޓާލާފައިވާ ދެ ފަންނާނުންނެވެ. އެއީ އަލީ ރަމީޒާއި އުމަރު ޒާހިރެވެ. އެއް ވަނައިގައި އަލީ ރަމީޒު އޮތް އިރު ދެވަނަގައި އޮތީ ޝަލަބީ އިބްރާހީމެވެ. އަދި ތިން ވަނައިގައި އޮތީ އުމަރު ޒާހިރެވެ. އެހެން ވަނީ ކީއްވެގެން ހެއްޔެވެ؟ ފަހުގެ ދިވެހި ލަވަތައް ދިވެހިންނަށް ކަމުނުދަނީ ހެއްޔެވެ؟ ނުވަތަ އެންމެ އުންމީދުކުރާ ފެންވަރަށް ދިވެހި ލަވަތައް ނުހެދެނީ ހެއްޔެވެ؟ އެހެން ނޫނީ، އިނގިރޭސި ލަވަ ރީތި ކަމަށް ހެދިގެން، ރައްޓެހިންގެ ތެރޭގައި "ކޫލް" ކަން ދައްކަނީހެއްޔެވެ؟

Popular