4 Apr 2018

މި ލަވަތައް އަދިވެސް އެހެން ގޮތަކަށް ބޭނުން؟

By: Aishath Maaha

ދިވެހި މިއުޒިކަށް ހިދުމަތްކުރި ކޮންމެ ފަންނާނެއް ވެސް މި ދާއިރާއަށް އަގުހުރި އެތައް ހަނދާނަކާއި ހަދިޔާއެއްވަނީ ދޫކޮށްފަ އެވެ. ރީތި އެތައް ލަވަތަކެއް ވަނީ ގެނެސްދީފަ އެވެ. އަލަށް ލަވަކިޔަން ފަށާ ފަންނާނުނަށް ވެސް އެ ލަވަތަކުގެ އެހީގައި ކުރިއަށް ދިއުމުގެ ފުރުސަތުތަކެއް އެބައޮތެވެ. އަމިއްލަ ލަވައެއް ނެރުމުގެ ކުރިން ކުރީގެ ލަވަތަކުގެ ކަވާ ލަވަތައް ކިޔައި އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަ އެވެ.

އެގޮތުން ކުރީގެ ރީތި ގިނަ ލަވަތަކުގެ ކަވާތައް ފަހުގެ ޒުވާން ލަވަކިޔުންތެރިން އަންނަނީ ކިޔަމުންނެވެ. ބައެއް ލަވަތަކުގެ އޮރިޖިނަލް އަށް ވުރެ ކަވާއަށް ލިބޭ ތަރުހީބު ކުޑައެއް ނޫނެވެ.

ލިޔުނު ސިޓި އޭ

މިއީ ނުވަދިހައިގެ ކުރީކޮޅު ވަރަށް ބޮޑަށް މަގުބޫލުވި ލަވައެކެވެ. އަދި މިއީ ރާފިޔަތު ރަމީޒާ މިހާރު އެ ހުރި ރާފިޔަތަށް ވުމަށް އެންމެ ބޮޑު ރޯލެއް އަދާކުރި ލަވަކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެ ލަވައިގެ ކަވާއެއް މިހާތަނަށް އެއްވެސް ލަވަކިޔުންތެރިއަކު ކިޔާފައިވާހެނެއް ހިއެއް ނުވެ އެވެ. އެކަމަކު އެ ލަވައިގެ ކަވާއެއް އަޑުއަހާލަން ބޭނުންވެގެން އުޅޭ މީހުން މަދެއް ނޫނެވެ. އެ ލަވައިން ފެނިގެންދަނީ އައިޝަތު ޝިރާނީ އަދި އަހްމަދު ގިޔާސް އެވެ.

ޖާދޫގަރް ދޭތީ އަނިޔާ

އަލީ ރަމީޒް އަދި ފަޒީލާ އާމިރުގެ އަޑުން ކިޔާފައިވާ އެ ލަވައަކީ ވަރަށް ގިނަ މީހުންނަށް ކަމުގޮސްފައިވާ ލަވަ އެކެވެ. އެ ލަވައިގެ ކަވާއެއް 2013 ވަނަ އަހަރު ދި ޓީވީ އިން ގެނެސްދިން "ތަރިންގެ ރޭ" ޝޯގައި ފިލްމީތަރި އަހްމަދު ޒިޔާ އަދި ނާޝިދާގެ ކިޔާފައިވެ އެވެ. އެ ލަވައިގެ އިތުރު ކަވާއެއް އަދިވެސް ބޭނުންވާ ކަމަށް އެލަވައިގެ ފޭނުން ބުނެ އެވެ. "ޖާދޫގަރް" މި ލަވައިން ފެނިގެންދަނީ ނިއުމާ މުހައްމަދު އަދި މޫސާ ޒަކަރިއްޔާ އެވެ.

ކުރަނގި ދެލޯ

މިއީ އަހްމަދު ގިޔާސް އަދި ނީނާ ސަލީމްގެ އެންމެ ޒުވާން ދުވަސްވަރު ކުޅެފައިވާ ލަވައެކެވެ. އެ ލަވަ ކިޔާފައިވަނީ އުމަރު ޒާހިރު އަދި ފަޒީލާ އާމިރެވެ. އެ ލަވައިގެ ކަވާއެއް ވެސް "ތަރިންގެ ރޭ 2013" ޝޯގައި ކިޔާފައިވެ އެވެ. އެ ކަވާ ކިޔާފައިވަނީ ބަތަލާ ޝީލާ ނަޖީބު އަދި ލަވަކިޔުންތެރިޔާ ތާތި އެވެ. އެ ލަވައިގެ އިތުރު ކަވާއެއް އަދިވެސް ބޭނުންވެ އެވެ.

މޫނޭ ތިއީ ހިތް އެދޭ

މިއީ އަދިވެސް ވަރަށް ގިނަ މީހުންގެ ފޭވަރިޓް ލަވަ އެކެވެ. ރީކޯ މޫސާ މަނިކާއި މަރިޔަމް ނިޝާ ފެނިގެންދާ އެ ލަވައިގެ ހިތްގައިމު ކަމަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ. "މޫނޭ ތިއީ ހިތް އެދޭ" ކިޔާފައިވަނީ އުމަރު ޒާހިރެވެ. އޭގެ ފަހުން ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ އަދި ބަތަލާ ނިއުމާ މުހައްމަދު "ތަރިންގެ ރޭ" ޝޯގައި އެ ލަވަ ކިޔާފައިވެ އެވެ.

ލޯބި ލޯބިން

މިއީ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުލް ރާފިއު (ރާއްޕެ) ކިޔާފައިވާ ލަވަ އެކެވެ. އެ ލަވައިގެ ޅެން އަދި މިއުޒިކްވެސް ހަދާފައިވަނީ ރާއްޕެ އެވެ. ރާއްޕެގެ އަޑުން މަޝްހޫރުވި އެ ލަވަ އެ ދުވަސްވަރު އެހެން ބޭންޑުތަކުންވެސް ވަރަށް ގިނަ ޝޯތަކުގައިި ކިޔާފައިވެ އެވެ. އެ ލަވައިގެ ކަވާއެއް "އެންމެ ރީތި" ޝޯގައި ލަވަކިޔުންތެރިޔާ ސަމާހަތު މޫސާ ކިޔާފައިވެ އެވެ.

Popular