20 Apr 2018

ފެވަރިޓަކަށް ވެގެން ސައިނާ ކަޓައިފާނެތަ؟

ފާޅުގައި ސައިނާ އަށް ފޭވާކޮށް މުޅި ޝޯ އާއި ބެލުންތެރިން ރުޅި އަރުވާލާ ގޮތަށް ޖަޖުކުރުމުގެ ނަތީޖާއަކުން ސައިނާ ޝޯ އިން ކެޓުމުގެ ފުރުސަތު ވަރަށް ބޮޑު

ފާޅުގައި ސައިނާ އަށް ފޭވާކޮށް މުޅި ޝޯ އާއި ބެލުންތެރިން ރުޅި އަރުވާލާ ގޮތަށް ޖަޖުކުރުމުގެ ނަތީޖާއަކުން ސައިނާ ޝޯ އިން ކެޓުމުގެ ފުރުސަތު ވަރަށް ބޮޑު

By: Ahmed Nadym

އައިމިނަތު ސައިނާ އަކީ މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގެ ކެޓަލިސްޓް ކަމާ މެދަކު ސުވާލެއް އުފައްދާނެ ޖާގައެއް ނެތެވެ. ޕީއެސްއެމުން ރާއްޖެ ގެނައި މި ފްރެންޗައިޒް ޝޯ އޭގެ އަލަތު ސީޒަނަށް ފަހު ފްލޮޕްވެ ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ސައިނާ މި ވަނީ ހަގީގަތުގައި ވެސް މި ޝޯގެ ރޭޓިން އެތައް ގުނައެއް މައްޗަށް ޖައްސާލަދީފަ އެވެ. އެކަމަކު އެކަންކުރަން އޭނާ މާ ބޮޑު ކަމެއް ހަގީގަތުގައި ނުކުރެއެވެ. އޭނާ ލަވަކީމާ އެއް ބަޔަކު އޭގެ ޖާދޫގައި ޖެހި އަނެއް ބަޔަކު ޖޭވެ ހަސަދަލާ ހިސާބަށް ގޮސް ދެން ތިބި ބަޔަކު އޭނާ އަށް ފޭވާކުރަނީޭ ކިޔަމުން ގޮސް މޯލްޑިވިއަން އައިޑޮލް "ސައިނާގެ ޑޯލް" އަކަށް ވިއްޔޭ ވެސް ކިޔަނީ އެވެ. އެކަމަކު ދެން މި އޮތީ ބޮޑު ސުވާލެވެ.

މި ޝޯގެ ކެޓަލިސްޓަކަށް ވެގެން ނުވަތަ ޝޯގެ ފެވަރިޓަކަށް ވެގެން ސައިނާ ކަޓައިފާނެހެއްޔެވެ؟ ޖަޖު މަރިޔަމް އުނޫޝާ އެހެން އެންމެނަށް ގޮންޖަހާލާފައި ބުނާ ގޮތުން ނަމަ ސައިނާ ވަރެއް މި ސީޒަނުގެ ސްޓޭޖަކު ނެތެވެ. އެކަމަކު އުނޫޝާ އަށް ނޭނގޭ ކަމެއް މީގައި އެބައޮތެވެ. އެއީ އެގޮތަށް ފާޅުގައި ސައިނާ އަށް ފޭވާކޮށް މުޅި ޝޯ އާއި ބެލުންތެރިން ރުޅި އަރުވާލާ ގޮތަށް ޖަޖުކުރުމުގެ ނަތީޖާއަކުން ސައިނާ ޝޯ އިން ކެޓުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެވެ.

މިހާރު ވެސް ސައިނާއާ ދެކޮޅު ހިޔާލާއި ޓްވީޓްތަކުގެ އަޑު ވަރަށް ގަދަވެފައިވާއިރު ސައިނާއާ ދެކޮޅު މިފަދަ ކެމްޕޭނެއް މި ރޫހުގައި އުފަންވުމުގެ ނަތީޖާއަކީ އޭނާ އަށް ވަކި ޖަޖަކު ފޭވާކުރާހެން ހީވާ ފަދަ ގޮތަކަށް ބެލުންތެރިންނާ ހަމައަށް ޖަޖުންގެ ކޮމެންޓްސް ދިއުމެވެ. ވަރަށް މޮޅު އެހެން ކުދިން ވެސް ތިއްބައި ވަކިން ހާއްސަކޮށް ސައިނާ އަށް ރަނުގެ މައިކް ދޭންޖެހޭ ކަމަށް ދޭހަވާ ގޮތަށް ވަކި ޖަޖަކު ފާޅުގައި އަޑުގަދަކޮށްލުމަކީ ސައިނާގެ ހުނަރު ކިތަންމެ އުހުގައިވިޔަސް އެ ހަގީގަތް ބަދަލުކޮށްލުމަށް އެހެން މީހުން ކައްކުވާލަފާނެ ކަމެކެވެ.

ސައިނާ

އަނެއްކޮޅުން ވަކި ޖަޖަކު ސައިނާ އަށް ފާޅުގައި ފޭވާކުރުމަކީ ދެން ތިބި ޖަޖުންގެ ތެދުވެރިކަމަށް ވެސް ނޭދެވޭ އަސަރާއި ވަސްވާސް ފޯރަފާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. މި ޝޯގައި މިހާތަނަށް ފެނިގެން ގޮސްފައި ތިބި ޖަޖުންނަކީ ކިހާ ޕްރޮފެޝަނަލް ބައެއްކަން ހުރިހާ ބެލުންތެރިންނަށް ވެސް ވަރަށް ރަނގަޅަށް އެނގެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ފަހު މަރުހަލާތައް ކުރިއަށް ދާ ގޮތުން ނަމަ އެންމެ މޮޅު ލަވަކިޔުންތެރިން ހޮވަނީ ޖަޖުންގެ 50 ޕަސެންޓާއި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓް ބޭނުންކޮށްގެންނެވެ. ވަކި ޖަޖަކު ވަކި ކުއްޖަކަށް ފޭވާކުރުމުގެ ފޯރިއެއް ގެންގުޅެން ފަށައިފި ނަމަ ޖަޖުންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން އެހެން ޖަޖުން ވެސް އެމީހުންގެ ފެވަރިޓުންނަށް ހިފައި ބެލުންތެރިންގެ މެދުގައި ވެސް ވަކި ލަވަކިޔުންތެރިޔަކު ޝޯ އިން ކަޓުވާލުމުގެ ފޯރިއެއް ފެށިދާނެ އެވެ.

ވަކިން ހާއްސަކޮށް ޖަޖަކު ފޭވާކުރަނީ ސީދާ ސައިނާ އަށްކަން އެނގޭ ގޮތަށް މުޅި ޝޯގެ މަންޒަރު ބަދަލުވެ ހޫނުވެފައި އޮތުމަކީ މި ދަނޑިވަޅުގައި ސައިނާ އަށް ވަރަށް ނުރައްކާވެދާނެ ކަމެކެވެ. އަނެއްކޮޅުން މިއީ ސްކްރިޕްޓް ކުރެވިގެން ކުރިއަށް ގެންދާ ބޮޑު ރިއާލިޓީ ޝޯއެކެވެ. ޝޯގެ ރޭޓިންއާ ކުޅުމަށް ސައިނާ ކަޓުވާލުމުގެ ވިސްނުމެއް ސީދާ އައިޑޮލްގެ އެންމެ އެތެރެއިން ވެސް ގެންގުޅުމުގެ ފުރުސަތު މިހާލަތުގައި އެބައޮތެވެ. ސައިނާ އަށް ފޭވާކުރާ ކަމަށް ބުނާ މައްސަލައެއް ހޫނުވެފައި އޮތީ މިފަދަ ނަތީޖާއެއް ވެސް ނުކުމެދާނޭ މިންވަރަކަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ޖަޖު އުނޫޝާ ފާޅުގައި ސައިނާ އަށް ފޭވާކުރަމުން ގެންދާ ކަމަށް ބެލުންތެރިން ތުހުމަތުކޮށްފައިވާއިރު ސައިނާގެ ހާއްސަ ސިފަތަކެއް ވެސް މި ވަނީ ކުރީގެ އިންޓަވިއުއަކުން އެނގިގެން ގޮސްފަ އެވެ. ސައިނާ ވަރެއް މުޅި ޝޯގައި ވެސް ނެތް ކަމަށް ބުނަމުން ގެންދާ އުނޫޝާ އަކީ ސައިނާގެ އެންމެ ފެވަރިޓް އާޓިސްޓެވެ. އަދި ސައިނާގެ އެންމެ ބޮޑު ހުވަފެނަކީ އުނޫޝާގެ ފިޔަވަޅުމަތިން ކާމިޔާބީ އަށް ވާސިލުވުމެވެ.

"އުނޫޝާ އަކީ ފެވަރިޓް. އެގޮތަށް ލަވަކިޔަން ވަރަށް މަސައްކަތްކުރަން. ލަވަކިޔައިގެން އުނޫޝާ ހޯދި ކާމިޔާބީ ހޯދަން އަޅުގަނޑު ވެސް ބޭނުން. މިގޮތަށް ކުރިއަށް ދާން އެންމެ ބޮޑަށް އިންސްޕަޔާވާ މީހަކީ އުނޫޝާ. އޭނާގެ ޕާފޯމެންސްތައް ވެސް ބަލަން،" ކުރީގެ މަޝްހޫރު ދުވަހު ނޫސް ހަވީރު އަށް 2014 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ސައިނާ ބުނެފައިވެ އެވެ.

"ވަރަށް އުފާވޭ އުނޫޝާއާ އެއް ފަދަ ލަވަކިޔުންތެރިއެއްގެ ގޮތުގައި މީހުން އަޅުގަނޑު ސިފަކުރާތީ. ބޭނުން ވަނީ އަބަދުވެސް އެއް ވަނަ ހިފަހައްޓައިގެން ކުރިއަށް ދާން."

ސައިނާ

މި އިންޓަވިއުގައި ސައިނާ އޭނާގެ އެންމެ ބޮޑު ހުވަފެނުގެ ވާހަކަ ވެސް ހިއްސާކޮށްފައިވެ އެވެ.

"އަޅުގަނޑު ބޭނުންވަނީ ހިތުގެ ޑޮކްޓަރަކަށް ވާން. ލަވަކިޔުންތެރިޔަކަށް ވާން ބޭނުމެއް ނޫން. ލަވަކިޔުންތެރިއެއްގެ ގޮތުގައި މާ މައްޗަށް ދިއުމުގެ ހިޔާލެއް ނެތް،" އެ އިންޓަވިއުގައި ސައިނާ ބުނެފައިވެ އެވެ.

ހިތުގެ ޑޮކްޓަރަކަށް ވުމަކީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ވެސް އެންމެ ބޮޑު ހުވަފެނެވެ. އަދި ލައިޝާ ވެސް ތަކުރާރުކޮށް ބުނެފައިވަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުން ނުވާ ވާހަކަ އެވެ. އެހެންވީމަ މިއީ ވެސް ބެލުންތެރިންނާއި މިއުޒިކަށް ލޯބިކުރާ އެންމެން ވިސްނަން ޖެހޭނެ ކަމެކެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތާރީޚުގައި ދިވެހިންނަށް ލިބުނު މިއުޒިކްގެ އެންމެ ބޮޑު އިސްޓޭޖު ކާމިޔާބުކުރާ ލަވަކިޔުންތެރިން ވާން ބޭނުންވަނީ އެ ކާމިޔާބީ އަށް ފަހު ލަވަކިޔުން ހުއްޓާލާ ބަޔަކަށް ހެއްޔެވެ؟ ނުވަތަ ލަވަކިޔަމުން ބޭރު ދުނިޔޭގައި ވެސް ދިވެހިން ފަހުރުވެރިކޮށްދޭނޭ ފެންވަރުގެ ގަޓުހުރި ބަޔަކަށް ހެއްޔެވެ؟

މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular