21 Apr 2018

ކަތިވަޅި ގެއްލުނަސް ދެން މި މަރިޔަނބެއް ނުގެއްލޭނެ

ކޮށި ދަނޑާއި ކަތިވަޅި ގެއްލުނަސް، މަރިޔަނބު ގެއްލުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު ހަމައެކަނި މިވަރަށް ކިޔައިދީގެން އޭނާގެ ވާހަކަ ވާނީ "ހަމާރީ އަދޫރީ ކަހާނީ" އަކަށެވެ.

ކޮށި ދަނޑާއި ކަތިވަޅި ގެއްލުނަސް، މަރިޔަނބު ގެއްލުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު ހަމައެކަނި މިވަރަށް ކިޔައިދީގެން އޭނާގެ ވާހަކަ ވާނީ "ހަމާރީ އަދޫރީ ކަހާނީ" އަކަށެވެ.

By: Ahmed Nadym

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖާއި މި ޝޯގެ ވަފާތެރި ބެލުންތެރިންގެ ހިތުގައި މިވަގުތު ނަގާ އެންމެ ބޮޑު ރާޅަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ އެއަށް ދޭން އޮތީ ވަރަށް ފަސޭހަ ޖަވާބެކެވެ. – އެއީ ރާޅު މަރިޔަނބެވެ. މި ރާޅެއް ނަގަން ފެށީ މާލޭގެ އޮޑިޝަނުން މަރިޔަނބު ފެނިލި ހިސާބުން ފެށިގެންނެވެ. އެކަމަކު ސީޒަން ތިނެއް، ޓޮޕް ފަހަކަށް ކޮށައި ތިރިކޮށްލަން މޫސާ ވަސީމު ފޫގަޅާލައިގެން އޮތްއިރު ރާޅުމަރިޔަނބު މި ވަނީ ރޭގައި ބިންދާލި ވަރުގަދަ ޕާފޯމަންސާއެކު، އޭނާ ވަރުގެ ދެ ވަނަ ރާޅެއް އައިޑޮލްގެ ސްޓޭޖުގައި އަދި ބެލުންތެރިންގެ ހިތުގައި ވެސް މިހާރު ނުނަގާނެކަން އެންމެ ފުރިހަމައަށް ސާބިތުކޮށްދީފަ އެވެ.

އެހެންވީމަ ބުނަން ޖެހެނީ ހިތާއި އިސްޓޭޖުގައި ނަގާ އެންމެ ބޮޑު ރާޅަކީ މި މަރިޔަނބޭވެ. މިހިސާބަށް އައިއިރު މަރިޔަނބު މި ވަނީ ސްޓޭޖުގައި ހަމަ ރަނގަޅަށް ވެސް އޭނާގެ ދަނޑުކޮށައި، ގެ އަޅައި ހަމަޖެހިލައިފަ އެވެ. އެހެންވީމަ ދެން، ކަތިވަޅި ގެއްލުނަސް، މަރިޔަނބު މި ޝޯ އިން ގެއްލިގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އެކަމަކު އަދި މިވަރަށް ކިޔައިދީގެން އޭނާގެ ވާހަކަ ވާނީ "ހަމާރީ އަދޫރީ ކަހާނީ" އަކަށެވެ.

އެހެންވީމަ ދެން މި އޮތީ ސީޒަން ތިނެއްގެ އެންމެ ސަޅި އައިޑޮލަކީ ރާޅު މަރިޔަނބުކަން ސާބިތުކޮށްދޭ ސަބަބުތަކެވެ. މިގޮތަށް އެއް ހާސް ސަބަބު ވެސް ލިޔެވިދާނެ އެވެ. ނަމަވެސް މިފަހަރު ހައެއްކަ ވާހަކަ އެވެ.

އެންމެ ތަފާތު އަޑުގެ ވެރިޔާ

އޮޑިޝަނުން މަރިޔަމް މައީޝާ ނުވަތަ މި ރާޅު މަރިޔަނބު ބެލުންތެރިންނަށް ތައާރަފްކޮށްދިން ދުވަހު އޭނާގެ އަޑު ނޯށަށް އަރާހެން ހީވާ ވާހަކަ ބައެއް ޖަޖުން ބުންޏެވެ. އެކަމަކު އެޕިސޯޑަކަށް ފަހު އެޕިސޯޑަކާ އެކު އެންމެފަހުން މަރިޔަނބުގެ އަޑު ވެގެން ގޮސްފައި މި ވަނީ މި ސީޒަނުގައި މިހިސާބަށް ދެމިގެން އައި އެންމެ ތަފާތު އަޑުގެ ގޮތުގަ އެވެ. ފިރިހެން ކުދިން ބުނަނީ އެންމެ ސެކްސީ ޕާފޯމާއަކީ މިއީ ކަމަށެވެ. ހުރިހާ ވެސް ޝުކުރެއް މަރިޔަނބުގެ ހިތްގައިމު އަދި އެވަރަށް ތަފާތު އަޑަށެވެ. ރޭގައި ވެސް މަރިޔަނބުގެ ޕާފޯމަންސް އެހެން އެންމެންގެ ޕާފޯމަންސްތަކާ ވަކިވެގެން އެންމެ މައްޗަށް އަރައިގެން ދިޔަ އަސްލު ސަބަބަކީ އޭނާގެ ގަދަފަދަވި އެކަމަކު ކަންފަތަށް އެހާ ފަސޭހަ އަޑެވެ.

އެންމެ ކޮންފިޑެންސް މަތި ޕާފޯމާ

ކޮންފިޑެންސް ލެވެލް ބެލެންސްކުރަމުން ޕާފޯމަންސްތަކާ އެކު އޭނާ ސްޓޭޖު ފަތަހަކުރަމުން ގެންދާ ގޮތަށް ބުނަން ޖެހޭނީ ހަމަ އޮބިނެސް ޓު ދަމެކްސްއޭ އެވެ. މިފަދަ ޕްލެޓްފޯމެއްގައި ޕާފޯމްކުރާއިރު ކޮންފިޑެންސް ބެލެސްކުރާ ގޮތާއި ޕްރެޝާ ހެންޑްލްކުރާ ގޮތަކީ ރޭހުގެ އެންމެ ކުރިއަށް އަރަން ނިކަން ފަސޭހަކޮށްލަދޭނެ ކަންކަމެވެ. އެކަން މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް ގެންދިޔަ ލައިޝާ ޖުނައިދު ވަނީ މުޅި ރާއްޖެ އަށް ސާބިތުކޮށްދީފަ އެވެ. އޭނާ އަކީ ވެސް އޮޑިޝަނުން ފެށިގެން މިވަރުގެ ކޮންފިޑެންސަކާ އެކު މުބާރާތް ފަތަހަކޮށްލި ލަވަކިޔުންތެރިއެކެވެ.

ފިސާރި އަންހެނެއް

މިއީ ޝޯގައި ބާކީ ތިބި އެހެން އަންހެން ލަވަކިޔުންތެރިންނަށް ބުނާ ބަދުބަހެއް ނޫނެވެ. އެކަމަކު ވެސް މަރިޔަނބު އުޅެނީ އެހެން ހުރިހައި ކުދިންނަށް ވެސް ވުރެން ވެސް މަތީގަ އެވެ. އެއީ ހަމައެކަނި ލަވަކިޔުމުގެ ހުނަރަށް ބެލިޔަސް ކަން އޮތްގޮތެވެ. އަނެއްކޮޅުން ސްޓޭޖުން ފޭބުމަށް ފަހު އާންމު ދިރިއުޅުމާއި ވަޒީފާގެ މާހައުލަށް ބެއްޔަސް މަރިޔަނބު ބީޓުކޮށްލެވޭ ވަރުގެ އެހެން ކެރެކްޓާއެއް އެ ސްޓޭޖަކުން ނުފެނެ އެވެ. އަހަރެން ބުނާނީ ޝޯގެ ގަދަ ތިނެއްގައި މަރިޔަނބު ދެ ފިރިހެން ކުދިންނާ ވާދަކުރަން ޖެހުނަސް އެމީހުން ބަލިކުރާނެއޭ އެވެ. މިއީ އާދައިގެ އިސްކޮޅެއްގައި ހުއްޓަސް އާދައިގެން އަންހެން ކުއްޖެއް ނޫންކަން އޭނާ އެ ގެންދަނީ ސާބިތުކޮށްދެމުންނެވެ. މާބޮޑަށް ވެސް ޓަފީއެވެ.

މިއީ ފުލްޕެކޭޖެއް!

ޖަޖު އައްމަޑޭމެން އެ ބުނާ ފުލްޕެކޭޖުގެ ކެޓަގަރީ އަށް މި ސީޒަނުން އެންމެ ފަސޭހައިން ފިޓުކޮށްލެވޭ ލަވަކިޔުންތެރިޔަކީ މިއީ އެވެ. ލުކްސް އާއި ޕާފޯމެންސާއި އެޓިޓިއުޑް އެއްކޮށް ޖާދޫ ދެއްކުމަށް މިވަރެއް މިފަހަރަކު ނެތެވެ. ލަވައިގެ އިސްޓޭޖަކުން މިގޮތަށް އަލަށް ފެނުނަސް އޭނާ ވަނީ މި ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް ފުރާފުރިހަމަވެ ނިމިފައޭ ބުނެވިދާނެ އެވެ. ލަވައިގެ ދުނިޔެ އަށް ފުންމާލުމުގެ ކުރިން އޭނާ ތަޖުރިބާކުރި މޮޑެލިން އެކްސްޕީރިއަންސްތަކުގެ ފައިދާ އެ ދަނީ އައިޑޮލްގެ ސްޓޭޖުގައި އޭނާ އަށް ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ. އަދި މިސާލަކަށް ރާޅުމަރިޔަނބަށް ނިކަން ރަނގަޅު އިސްކޮޅެއް ވެސް ލިބިފައިވީ ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ. ކެޓްވޯކް ޖައްސަމުން ނަށައި ލަވަކިޔަމުން އޭނާ ދާއިރު ކައިރީގައި ބަލަން ތިބޭ މީހުންނަށް އެ އުސްމިން އަރައިގެން ގޮސް ގެއްލިފައިވާ ހިސާބެއް ވެސް ބުނެދޭކަށް ނޭނގޭނެ އެވެ. އެހައިވެސް ފުރިހަމަވާނެ އެވެ.

އެންމެ ބޮޑު ހިތް!

އަބަދުވެސް އެ ހުންނަނީ ހެވި ދިއްލިފަ އެވެ. މަރިޔަނބުގެ އެ މޫނުގެ އަލިކަން އައިޑޮލްގެ ސްޓޭޖުގެ އެންމެ ބަނަކަމުގެ ތެރެއިން ވެސް ފެނެ އެވެ. މިއީ ބެލުންތެރިންގެ ހިތުން ޖާގައެއް ހޯދުމަށް ބަލާއިރު އޭނާގެ ކިބައިން ފާހަގަކުރެވޭ ވަރަށް ސަޅި ސިފައެކެވެ. މި ހިނިތުުންވުމުގެ އިތުރުން ޑައުންޓު އާތުއޭ އެ ބުނާ ސިފައަކީ ވެސް މަރިޔަނބުގެ ހިތް ގޮސް އެހައި ފަސޭހައިން ބެލުންތެރިންނާ ގުޅޭ މުހިންމު ސަބަބެކެވެ. ކިބުރުވެރިކަމާއި ބޮޑާ ކަމެއް އޭނާގެ ކެރެކްޓާއިން އެއްވެސް ވަރަކަށް ބެލުންތެރިންނަކަށް ނުފެނެ އެވެ.

* ރާޅުމަރިޔަނބު އިލަސްޓްރޭޝަން: ލޮނުފެން ސްޓޫޑިއޯ

މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular