24 May 2018

ރިސޯޓް މިއުޒިޝަނުން: ސާދިންގެ އެއް ދުވަސް

މިއުޒިކީ ދުނިޔެއަށް ނިކުތީ ބައްޕަގެ ފިޔަވަޅުމަތިންނެވެ. އޭނާ ސާބިތުކޮށްދެނީ ޒުވާން އުމުރުގައި ވެސް މި މަސައްކަތުން ކާމިޔާބީއާ ހިސާބަށް ދެވިދާނެ ކަމެވެ.

By: Nurah Rasheed

ބައްޕަ، މިއުޒީޝަން ރުކުމާ އަލީގެ ފިޔަވަޅު މަތިން މިއުޒިކީ ދުނިޔެއަށް ނިކުތް މުހައްމަދު ސާދިން އަލީ (ދިންބެ) އަކީ ފަހަކަށް އައިސް އެކި ޕްލެޓްފޯމްތަކުން ފެންނަ އުއްމީދީ ޒުވާން ލަވަ ކިއުންތެރި އެކެވެ. "ލިއޮވިލް" ނަމުގައި ބޭންޑެއް ހަދައި އޭނާ އަންނަނީ ގަވައިދުން ރިސޯޓްތަކުގައި ޕާފޯމް ކުރަމުންނެވެ. މި ބޭންޑުން މިހާރު އަންނަނީ ރީތި އަމިއްލަ ރާގުތަކެއް ވެސް ނެރެމުންނެވެ. އޭގެ ތެރޭގައި ލިއޮވިލް އިން ނެރުނު، ސާދިން ކިޔާފައިވާ ވީޑިއޯ ލަވަ "ޒަހަމް" ހިމެނެ އެވެ.

މި އިންޓަވިއުގައި ސާދިން، 22، ކިޔައިދެނީ ރިސޯޓް މިއުޒީޝަނެއްގެ ގޮތުގައި ސާދިން އަށް އާދެވިފައިވާ ހިސާބާއި ކުރެވިފައިވާ ތަޖުރިބާ އެވެ. އެއާ އެކު، ސާދިންގެ ރިސޯޓް މިއުޒިކްގެ ރަސްމީ ވަޒީފާގެ އެއް ދުވަސް ފެންނަ ފޮޓޯ ސްޓޯރީއެއް ހިމަނާފައިވާނެ އެވެ.

ރިސޯޓަށް ދާން ސާދިން ގެއިން ނުކުމެ ގިޓާ ހިފައިގެން ސައިކަލުގައި ދަނީ

1- ރާއްޖޭގައި މިއުޒީޝަނަކަށް/ އާޓިސްޓަކަށް ވުމަކީ ނަސީބެއްތަ، ބަދުނަސީބެއްތަ؟ މިއުޒީޝަނެއްގެ ގޮތުގައި މިތަނުގައި އުޅުން ސިފަކުރާނީ ކިހިނެއް؟

"ރާއްޖޭގަ އަސްލު މިހާރު މިޒަމާނުގަ ނަސީބެއް އެއީ ލިބޭނެ. މިހާރު އަސްލު ކުރިއަށް ވުރެއް ގިނައިން ފުރުސަތު ހުރިކަން ފާހަގަ ކުރަން"

ސާދިން ޝޯ ދިނުމަށް ހަމަޖެހިފައިވާ ގިލިލަންކަންފުއްޓަށް ދާން ދޯނީގައި

2- އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މިއުޒިކް ކުޅުމޭ ބުނީމަ އާންމުކޮށް މީހުންގެ ފަރާތުން ލިބޭ ރިއެކްޝަނަކީ ކޮބާ؟

"އެންމެ ފުރަތަމަ ދުވަސް ކޮޅު ބުނާނެ މިއުޒިކަކީ ހެބިޓެއް ގޮތަށް ބައިންދާށޭ ކެރިއަރެއް ގޮތަކަށް ނޫނޭ އާމްދަނީއެއް ނުލިބޭނޭ. މިހަރު އެކަމު ގަބޫލުކުރޭ މިއުޒިކު ކުޅެގެން ލާރި ލިބޭކަން ވަރަށް ގިނަ މީހުން. ބައެއް މީހުން ކިޔާ މިއުޒިކް ކުޅުމަކީ އެއްވެސް ނަސީބެއް ހުރި ކަމެއް ނޫނޭ ވެސް. ކޮޅެއް ނުފެންނާނޭ ވެސް. ސާދިންގެ ރައްޓެހި އެހެން މިއުޒިޝަނުންކައިރީ ވެސް ކިޔާ ތިޔަށް ވުރެއް ރަނގަޅުވަނޭ މިގޮތަށް ދިޔައިއްޔާ. ސާދިން ކައިރީގަ މީހުން މިކަހަލަ ވާހަކަ ކުރިން ދައްކާ ވަރަކަށް ނުދައްކާ."

ސާދިން ރިސޯޓުގައި މެންދުރު ކަނީ

3- މިއުޒިކް ކުޅެން ފަށައިގެން އަމިއްލަ އަށް މިއުޒިކާއި ލަވަ އުފެއްދެން ފަށާ ހިސާބަކީ ކޮން ކަހަލަ އިހްސާސެއްކުރެވޭ ކަމެއްތަ؟

"އަސްލު އިޓްސް ދަ ބެސްޓް ފީލިންގް. އޮރިޖިނަލް އެއްޗެހި ނެރެވޭތީ. ބޮޑު ޕްރައިޑެއް އެއީ. ހަމަ އެންމެ ފުރަތަަމަ ހެދުނުލަވާޔާ މެދުވެސް ވަރަށް އުފާވޭ ކިތަންމެ ކުޑަކޮށް އަޑު އިނަސް. އަނެއްހެން ބުނާނަމަ އޮރިޖިނަލިޓީ ހުރިހާ ވެސް އެއްޗަކީ ވީހާ ވެސް ގިނައިން އަމިއްލަ ރާގުތައް ނެރެންވީ. ދިވެހިންގެ ތެރޭގަ ކުރިންވެސް އޮތީ ރައިވަރާއި ފަރިހި. އެއީ ހަމަ އަމިއްލަ އެއްޗެއްސެއްނު."

ބޭންޑުގެ ބައިވެރިޔާއާއި އެކީ ވަގުތުކޮޅެއް

4- އެގޮތަށް އަމިއްލަ މިއުޒިކަށް މަސައްކަތްކުރާއިރު ގަބޫލުކުރާ ކަމެއް ނުވަތަ އުސޫލެއް ކިޔައިދީބަލަ؟

"އުސޫލެއް އިނދޭ. ވީހާވެސް ބޮޑަކަށް އިޓް ޝުޑް ބީ ޑިފަރަންޓް. މިސާލަކަށް، ހުންނާނެ އެހެން ފީލްގެ ލަވަތައް ވެސް. އެކަމު ޔުނީކްނަސް މުހިންމީ. ދެން ކްރިއޭޓިވިޓީ. އެއީ އަސްލު ބަލަންޖެހޭ ކަންތައްތަކަކީ ރާގެއް ހަދާ އިރު. މީހުންނަށް މި މެލޮޑީ ކަމުދާނެތޯ ނުދާނެތޯ މިކަހަލަ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ވިސްނޭ."

ސާދިން އާއި އޭނާގެ ބޭންޑުގެ ބައިވެރިޔާ ރިސޯޓްގައި ބިލިއަޑް ކުޅެނީ

5- ލައިވް ޕާފޯމަންސެއް ދިނުމަކީ ވަރަށް ފަސޭހަކަމެއް ނޫންކަން މީހަކަށް ކިޔައިދީބަލަ؟

"ލައިވް ކޮށް ކުޅޭ އިރު ސީދަ ލަވަ އިންނަ ގޮތަށް ކުޅެވޭތޯ މަސަތްކަތް ކުރާނީ އެހެންދާއިރު ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވޭ. އެންމެ ބޮޑު އުނދަގުލަކީ ސާދިން ދެކޭގޮތުގަ އެއީ ސައުންޑް ޓެކްނިކަލް ޑިފިކަލްޓީސް. އެހެން ކަންތައްތައްތަކާ ބަލާފަ ޕާފޯމަންސްގަ ކަމެއް ވިއަސް ފޫބައްދާފަ ހުންނާނީ. އެހެންވީމަ ރަނގަޅުވާނެތާ ދޯ. އާންމުކޮށް ފޫބައްދާ އިރު އިންނަނީ ސަޅި ވެފަ. ކުރިން ވަރަށް ގިނައިން ނުބައިކޮށް ކުޅެވި ގޮތްގޮތް ވޭ. އެވެސް ހަމަ އެކްސްޕީރިއަންސްތާ. އެހެންވެ މިހާރު ރަނގަޅަށް ފޫބެއްދެނީ. ސާދިންއަށް ލައިވް ކޮށް ކުޅުމަކީ މިހާރު އެހާ އުދަނގޫ ކަމެއް ނުން."

ގިލިލަންކަންފުށީގެ މޫދުކައިރީ ސާދިން ފޮޓޯ ނަގަނީ

6- އެންމެންގެ ކުރިމަތީގައި އެގޮތަށް ސްޓޭޖަށް އަރައި ޕާފޯމްކުރަން ހުންނައިރު އަންނަ އިހްސާސްތަކަކީ ކޮބައިތަ؟

"އަސްލު ބޮޑަށް ވިސްނަނީ އެންމެންނަށް ވެސް ހަމަ ޖެހިލައިގެން އެގަޑީގައި އަރާ ހަމަ ލަވަ އަޑު އަހާލެވޭތޯ. ކްރައުޑަށާއި މުޅި ބޭންޑުގެ ކޮލިޓީއަށް. ދެން އެމީހުން ލައިކް ވާނެބާއޭ ހިތަށް އަރަނީ."

ޝޯގެ ކުރިން ސާދިން ކޯލެއްގައި

7- ވަޒީފާއެއްގެ ގޮތުގައި މިއުޒިކް ކުޅުމަކީ ކޮން ކަހަލަ ކަމެއް؟ ރަނގަޅު އާމްދަނީއެއް ލިބޭ ރަނގަޅު ކެރިއަރެއްތަ؟

"މިއުޒިޝަނުންގެ ހުންނާނެ ދޯ އެކި ލެވެލް. އެންމެ މަސަތްކަތްކުރާ މިއުޒިޝަނުންނަށް އާންމުކޮށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. ދެން އުޅޭނު އަލަށް ފަށައިގެން އުޅޭ ކުދިން، އެމީހުންނަށް ރައިޓް އަވޭ އެވަރުގެ އާމްދަނީ އެއް ނުލިބިދާނެ. ވަރަށް ރަނގަޅު އެއްޗެއް މިއުޒިކަކީ ކެރިއާ އަކަށް އިފް ޔޫ ހޭވް އިޓް އިން ޔޫ. ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ރިސޯޓް މިއުޒިކް އެކަނި ކުޅެގެން ވެސް. ދެން މާލޭގަ ތަންތާ ޝޯ ދީގެން އެ ލިބެނީ އިތުރު އެއްޗެއް ކަމަށް ބަލަމާ."

ސާދިން ޝޯ ދެނީ

8- އަމިއްލަ އަށް ރިކޯޑްކޮށްފައި ހުންނަ މިއުޒިކާއި ކިޔާފައި ހުންނަ ލަވަ ކިހާ ވަރަކަށް އަޑުއަހަންތަ؟

"އެންމެ ބޮޑަށް އިންނާނީ ރިލީޒް ކުރެވެންދެން ވަރަށް ބޮޑަށް އަޑުއެހުން. ރިލީސް ކުރުމަށް ފަހު ދެން ވަރަށް މަދުން އަޑު އަހަން. އެކަމު އަބަދުވެސް އެހެން އުޅޭ އިރު އަހާލެވޭ އިނގޭ. ރިލީޒް ކުރުމުގެ ކުރިން އަޑު އަހާ ކޮންމެ ފަހަރަކު ހުންނާނެ ވަރަށް ގިނައިން ލިރިކްސްތައް ވެސް ބަދަލު ކޮށްފަ. އެއީ އެއްކަލަ ކުޑަ އިރު ހަދާފަ ހުންނަ ލިރިކްސްތައް ތަންކޮޅެއް ޝެލޯ ވީމަ މިހާރު ހަދަނީ ތަންކޮޅެއް ޑީޕް ލަވަތައް އެހެންވެ ބަދަލު ކުރެވެނީ. ބައެއް ލަވަަތައް ރިކޯޑް ކުރާ ފަހުން އަޑު އަހާފަ ހިތަށް އަރާ މިކްސިން އެއަށް ވުރެ ރަނގަޅު ކޮށްލެވޭނެނަމައޭ."

ސާދިން އާއި އޭނާގެ ބޭންޑުގެ ބައިވެރިޔާ ޝޯ ދެނީ

9- އަމިއްލަ އަށް ރިކޯޑްކޮށްފައި ހުންނަ ކުރީގެ ލަވަ އާއި އެހެން މަސައްކަތްތައް ފަހުން އަޑުއިވުމުން ހިތަށް އަރަނީ ކީކޭތަ؟

"ވަރަށް އުފާވޭ އަސްލު އިވޭ ކޮންމެ ލަވައެއް ވެސް ކޮންމެ ގަޑި އެއްގަ ވެސް. މިސާލަކަށް ހަމަ ވަރަށް އަވަސް އަރުވާލާފަ ހަދާފަ އިންނަ ލަވައެއް މި ހަދަނީ އަވަސް އަރުވާލައިގެންނޭ ކިޔާފަ. ތިން ދުވަސް ތެރޭ ހެދުމާއި ހަތް ދުވަސް ތެރޭ ހެދުން ވަރަށް ތަފާތުވަނެތާ. މިސާލަކަށް ތިން ދުވަސް ތެރޭ މިކްސިންއާ އެއްޗެއްހި ކިތަންމެ ރީތިހެން ހީވިޔަސް ހަތް ދުވަސް ތެރޭ މާ ރީތި ކުރެވޭނެއެއްނު."

ޝޯ އަށް ފަހު ރިސޯޓުގެ ސްޓާފަކާ އެކު ޖޭމް ކޮށްލަނީ

10- ކޮބައިތަ މި ހިސާބަށް އައުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ނުވަތަ އިންސްޕިރޭޝަނަކީ؟

"ރާއްޖޭގަ އިންސްޕިރޭޝަނަކަށް ހުންނާނީ ފުލޫ ނާޝިދުއާ އަޅުގަނޑުގެ ބައްޕަޔާ. ބޭރުން ވަރަށް ގިނަ އިންފްލުއަންސް ހުންނާނެ އޭގެ ތެރޭގައި ޕިންކް ފްލޮއިޑް، މިއުސް ދެން ރޮކް އެންޑް ރޯލް އެއީ ސާދިން ކުރިން ވަރަށް އަޑު އެހި ލަވަތަކެއް. ގަންސް އެންޑް ރޯސަސް. ދެން އަސްލު ލިއޮވިލް ބޭންޑުގަ އުޅޭ ކޮންމެ މީހަކީ ވެސް ހަމަ ކޮންމެ މީހެއް އެމީހެއްގެ ޒާތުގަ ވެސް އެއީ ސްޕެޝަލް މީހެއް. ކޮންމެ މީހެއްގެ އިންނާނެ ސްޕެޝަލް ވަކި ކެރެކްޓާ އެއް، އެެހެންވީމަ އެ އެންމެންނަކީ ވެސް އިންސްޕިރޭޝަން އެއް ކަމަށް ސާދިން ބަލަނީ. ލުއްޗެ، ޝަމްބެ، ތަސް، ހައިއްޓެ އެއީ ސާދިންގެ ލަވަތަކުގެ ހިއްސާ އޮންނަ މީހުން."

Popular