26 May 2018

ސެކްރެޑް ލެގަސީއެއް ނޫން، މިފަހަރު ޝަހީދް ލެގަސީގެ ވާހަކަ

ސެކްރެޑް ލެގަސީއެއް ނޫން، މިފަހަރު ޝަހީދް ލެގަސީގެ ވާހަކަ

By: Nurah Rasheed

އެއީ 1990 ގެ އަހަރުތަކެވެ. ގިނަމީހުން އަޑު އަހަނީ ބެކްސްޓްރީޓް ބޯއީސް، ބޯއީޒޯން އަދި ދިވެހި ލަވަތަކެވެ. ކަން ދިމާކުރި ގޮތުން ގޭގައި ހުރި ހުރިހާ ލަވަ ސީޑީތަކެއް ގެއްލި ގޭތެރޭގެ މުޅި މާހައުލު ބަދަލުވި އެވެ. އެހެންކަމުން ލަަވަ އަޑުއަހަން ދާން މި ޖެހުނީ ރައްޓެހި ކުއްޖެއްގެ ގެއަށެވެ.

"ކްލާހުގައި އުޅުނު މައުރޫފް ކިޔާ ކުއްޖެއްގެ ގެޔަށް ދެން ދަނީ، ބައެއް ފަހަރު އިންޓަވަލް ގަޑިތަކުގަ އަނެއްބައި ފަހަރު ސްކޫލް ނިންމާފަ. އޭނަ ކައިރިން އަސްލު މެގަޑެތް އާ މެޓަލިކާ ކަހަލަ މީހުން މި އިންޓްރޮޑިއުސް ވަނީ. އޭނަ އަތުގަ އިންނާނެ ވަރަށް އަގުބޮޑު ގިޓަޔަކާ އެއްޗެހި ވެސް. ދެން އޭނަ ކައިރިއަށް ދަނީ ދަސްކުރަން. ބައެއް ފަހަރު އެ ގިޓާ ގެއަށް ގެންނަން ދޭނެ،" އުުމުރުން 35 އަހަރުގެ އަހުމަދު ޝަހީދު ބުންޏެވެ.

ޝަހީދް ޝޯއެއް ދެނީ

މިހެން އުޅުމުގެ ތެރޭގަައި ޝަހީދު އަޖައިބުކޮށްލީ އޭނާގެ ރަހުމަތްތެރިޔާ އިންޓްރޮޑިއުސްކޮށްދިން ވަރުގަދަ ގިޓަރިސްޓެއްގެ ކުޅަދާނަކަން ފެނިގެންނެވެ. ޝަހީދުގެ ފަރާތުން މިހާރު އަހަރުމެންނަށް މި ފެންނަ ވަރުގަދަ ސޯލޯތަކާއި ރިފްތަކުގެ ފުރަތަމަ އިންސްޕިރޭޝަނަކީ "އިންގެވެއި މަމްސްޓީން" ކިޔާ މި ސްވިޑަންގެ ގިޓަރިސްޓެވެ.

"އޭގެ ފަހުން ސައިބާ ކެފޭއަކަށް ގޮސް ކުރާ ކަމަކީ އޭނާގެ ލަވަތައް ޑައުންލޯޑުކޮށްގެން އެކި ކަހަލަ އެކްސަސައިޒްތަކާއި މައުރޫފް ބޭރުން ގެންނަ ޓެބު ފޮތްތަކުން ޓެބު ނަގައިގެން ކުޅެން ދަސްކުރަނީ. ވަކި ހިސާބަކުން ސްކޫލް ނިންމާލާފަ ދެން ހަމަ އަމިއްލަޔަށް ދަސްކުރަން އުޅުނީ،" ޝަހީދު ބުންޏެވެ.

ނަމަވެސް ޝަހީދަކީ އެއް އިރެއްގައި ވެސް ލަވަތަކުގެ ކަވާސް ކުޅޭ ހިތުން އުޅުނު މީހެއް ނޫނެވެ. އޭރުވެސް އަަބަދުވެސް އޭނަ ބޭނުންވީ އަމިއްލަ އުފެއްދުންތަކެއް ނެރޭށެވެ. އެކަން ކުރުމަށް ފުރަތަމަ ކަމަކަށް ބޭނުންވާނީ އަމިއްލަ ގިޓައެކެވެ.

ސެކްރެޑް ލެގަސީ، މައެލް ސްޓްރޮމް ފެސްޓިވަލް 2014 ގައި

"ދެ ހާސް ވަނަ އަހަރު ކިރިޔާ، މީހަކު ޔޫސް ކޮށްފައި އިން ގިޓައެއް ގަނެވުނީ. އެއީ އެންމެ ފުރަތަމަ އަމިއްލަ ގިޓާ. 1500 ރުފިޔާ އަށް އޭރު އެ ލިބުނީ."

ޝަހީދުގެ ލެގަސީ ދަމަހައްޓާނެ ވަރުގެ ރާގުތަކެއް އުފެދިގެން އައީ މިހިސާބުންނެވެ. މައިގަނޑު ބޭނުމަކަށް ވެސް ވީ އާ ރާގުތަކެއް އުފެއްދުމެވެ. ފައިސާ ހޯދުމުގެ ގޮތުން މިއުޒިކު ކުޅޭކަށެއް ނޫނެވެ. އެގޮތުން 2000 ވަނަ އަހަރު ޝަހީދުގެ އެންމެ ފުރަތަމަ ސޯލޯ އަލްބަމްގެ މަސަތްކަތް ވެސް ފެށީ އެވެ. މީގެ ތެރޭގައި އޭނާގެ އިންސްޓްރުމަންޓަލް ލަވައެއް ކަމުގައިވާ އިންފިނިޓީ ހިމެނެ އެވެ.

"ހުރިހާކަމެއް ކުރީ އަމިއްލަޔަށް. ބެރު ވެސް އަމިއްލަޔަށް އަޅަނީ. ހުންނާނެ އެކަމު ހަދަމުން ގެންދިޔަ ބައެއް ސޯލޯތައް ޗިއްޕެއަށާއި އޭރުގެ ބޭންޑެއް ކަމުގައިވާ ލެވިއަތަން ބޭންޑުގެ މީހުންނަށް އަޑު އިއްވައިފަ. އެހެން ގޮސް އަލްބަމް ލޯންޗް ކުރީ 2006 ވަނަ އަހަރު . އެއީ ދަ ސެކްރެޑް ލެގަސީ."

ޝަހީދުގެ ނަމުގެ ފަހަތަށް "ލެގަސީ" އައީ މިހިސާބުންނެވެ. އަދި ރާއްޖޭގައި މެޓަލް ލަވަތަކަށް އޮތްް ފުރުސަތުތައް މަދުކަމުން ޝަހީދު މިސްރާބު ޖެހީ އެހެން ގައުމުތަކުގައި ޝޯ ދެވޭނެ ގޮތްތައް ހޯދުމަށެވެ.

އަމިއްލަ ރާގުތައް ހަދަން ހިތް ޖެހިފައި ހުރީ ވަކި ވަރަކަށެއް ނޫނެވެ. ތިން ވަނަ ސޯލޯ އަލްބަމްގެ މަސަތްކަތް ކުރުމަށްޓަކައި އަހަރެއް ވަރު ވަންދެން ދިރިއުޅުނީ ޖަރުމަނުގައި ލަވަތައް ރިކޯޑުކުރަން ދިޔަ ސްޓޫޑިއޯޔާ ވީހާ ވެސް ކައިރީގަ އެވެ. ޖުމްލަ ހަތަރު ސޯލޯ އަލްބަމް ނެރެފައި ވާއިރު ޝަހީދުގެ އެންމެ ފަހު އަލްބަމް ކަމަށްވާ "ގޭޓްވޭސް" ވެގެން ދިޔައީ އިންޓަނޭޝަނަލް ހިޓަކަށެވެ. ޕޮލެންޑު، ޔޫކޭ، ޔޫ އެސް އަދި ޖަރުމަނާއި އިތުރު އެހެން ގައުމުތަކުގައި މި އަލްބަމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ބޭރު ނޫސްތަކުގައި ޝަހީދުގެ އިންޓަވިއުތައް ޕަބްލިޝްކޮށް މި އަލްބަމަށް ލިބުނު ރޭޓިން ވަނީ އެހެން ހުރިހާ މަސަތްކަތްތަކެއް "ޝްރެޑް" ކޮށްލާފައޭ ބުންޏަސް ރަނގަޅުވާނެ އެވެ.

ޝަހީދަކީ އަދިވެސް ބޭރުގެ ޕްލެޓްފޯމްތަކުގައި އޭނާގެ ހުނަރު ދައްކައި ކުޅަދާނަ ފަންނާނެކެވެެ. ރާއްޖެ ތަމްސީލުކޮށް ލަންކާގެ ގިޓާ ފެސްޓްގައި ބައިވެރިވެ މި އަހަރުވެސް ވަނީ އެ ޝޯގައި ކުޅެން ދައުވަތު ލިބިފަ އެވެ. ހުރިހާ ކަމެއް މިހެން ހުރި އިރު ޝަހީދުގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ.

"އަސްލު ބޭނުމީ ނޭމް އެއް ކްރިއޭޓް ކުރަން. ލާރިއަށް މިކަން ކުރާކަށެއް ވެސް ނޫން. އެކަމު މާލޭގަ ހިޔެއް ނުވޭ އެހާ ވަރަކަށް މެޓަލް މިއުޒިކް ބަލައިގަންނަހެނެއް. ޝަހީދު މިއުޒިކް ކުޅޭތާ ވަރަށް ގިނަ އަހަރު ވެއްޖެ. އެކި ގައުމުތަކުގައި އިންޓަނޭޝަނަލް ސްޓޭޖުތަކުގައި ޝޯތައް ދެވިއްޖެ. މިކަހަލަ ކަންތައްތަކަށް ރާއްޖޭގެ މީޑިއާތަކުން އެހާ ސަމާލުކަން ނުދޭތީ އެއީ ވަރަށް ބޮޑު ކޮންސާން އެއް،" މި ވާހަކަޔާ އެކު ޝަހީދުގެ ހުވަފެންތަކާ ކުރިއަށް ހުރި މަަސަތްކަތްތަކުގެ ވާހަކަ ވެސް ބުނެލި އެވެ.

"ވަރަށް ބޭނުންވޭ ރާއްޖޭގައި ގިޓާ ފެސްޓް އެއް ކަހަލަ އެއްޗެއް ކުޅެލަން. މިސާލަކަށް އަނިލް އާ ޒިޔާ ކަހަލަ މޮޅެތި މީހުންނާ އެކީ. މިކަހަލަ ސެލެކްޓަޑް އޯލްޑް އަދި ނިއު ގިޓަރިސްޓުންނާ އެކީ. މިއުޅެނީ މިބުނި ކަހަލަ ކަމެއް އޯގަނައިޒް ކުރުމުގެ ހިޔާލުގައި. މީ ޑްރީމެއް. ކުރިއަށް އެބަ ހުރި ބައިވަރު ޝޯތަކުން ދައުވަތު ލިބިފަ ވެސް، ފައިނެންޝަލީ ހުރި ގޮތް ބަލާފަ އަދި ދާނީ. އެކަމު ޖުލައިގައި ލަންކާގަ ކުޅޭނަން. ވަރަށް އަވަހަށް ފެންނާނެ ޝަހީދުގެ މިހާރުގެ ބޭންޑް ގްރެވިޓީގެ އަލްބަމް ވެސް."

Popular