22 May 2018

ސެލެބްރިޓީ ފްރެންޑްސް: އިޝާން އާއި ޝަލަބީގެ އެއް ދުވަސް

ސެލެބްރިޓީ ފްރެންޑްސް: އިޝާން އާއި ޝަލަބީގެ އެއް ދުވަސް

By: Aishath Maaha

ޝަލަބީ އިބްރާހީމާއި މުހައްމަދު އިޝާނަކީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ތައާރަފްވެ މަޝްހޫރުކަން ހޯދި ދެ އެކުވެރިންނެވެ. އައިޑޮލްގެ ޕްލެޓްފޯމުން އުފެއްދި އެންމެ ސަޅި ދެ އާޓިސްޓަކީ މިއީއޭ ވެސް ބުނެވިދާނެ އެވެ. ދެ މީހުންގެ އަޑާއި ލަވަތަކަކީ އެންމެނަށް ވެސް ކަމުދާ އެއިން ކޮންމެ ލަވައެއްގެ މަގުބޫލުކަން ބޮޑުވި ލަވަތަކެކެވެ. ގިނައީ ކަވަ ލަވަ ކަމަށް ވިޔަސް މައްސަލައެއް ނެތެވެ.

މޯލްޑޑިވިއަން އައިޑޮލްގެ އެ ދަތުރުގައި އެކުގައި އުޅެލަން ލިބުނު ދުވަސްތަކުގައި ބައިވެރިންގެ މެދުގައި ގާތް އެކުވެރިކަން އޮތީ އުފެދިފަ އެވެ. އައިޑޮލް އިން ވަކިވި ނަމަވެސް ބައިވެރިންގެ މެދުގައި އުފެދުނު އެކުވެރިކަމަށް ބަދަލެއް ނާދެ އެވެ. އެކުގައި ކޮފީތަކަށް ދިއުމާއި ބުރުޖަހަން ދިއުން މިއީ އެ މީހުންގެ އާންމު ކަންކަމެވެ.

މި އެކުވެރިންގެ ތެރޭގައި ވެސް ޝަލަބީ އިބްރާހީމް އަދި މުހައްމަދު އިޝާން މިއީ ހަމަ ވަރަށް ގާތް އެކުވެރިންނެވެ. އެކަމަކު މިއީ ބެސްޓް ފްރެންޑުންނެއް ނޫނެވެ. މި ސެގްމަންޓުގައި މި ގެނެސްދެނީ ޝަލަބީ އަދި އިޝާންގެ ގާތް އެކުވެރި ގުޅުން ފެނިގެންދާ އެއް ދުވަހުގެ ފޮޓޯ ސްޓޯރީ އެކެވެ.

ޝަލަބީ ސްޓޫޑިއޯއަށް ވަންނަނީ. -- ފޮޓޯ: ހުސެން ވަހީދު

ހަމައެކަނި ކޮފީއަށް ދިއުމެއް ނޫނެވެ. އެކުގައި ގިގްތައް ދިނުމާއި ޖޭމިން ސެޝަންތައް ވެސް އޮވެ އެވެ. އެގޮތުން ޝަލަބީ އަދި އިޝާން ތައްޔާރުވަމުން އެ އަންނަނީ ގިގް އެއް ދޭށެވެ. އޭގެކުރިން ޖޭމިން ސެޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަނެއް ދުވަހުގެ ހަވީރު އޮންނަ ގިގް އަށް ބޭނުންވާނެ ޕްރެކްޓިސް އަށް އޮތީ ގަޑިއެއް ހަމަޖައްސައިފަ އެވެ. ޝަލަބީ އެ އައީ ޕްރެކްޓިސް އަށެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން އިޝާން ވީ ހިސާބެއް ޝަލަބީ ބަލަ އެވެ.

ޝަލަބީ ސްޓޫޑިއޯ ތެރޭ އިށީނދެލައިގެން އިދެ ގިޓާ ކުޅެނީ. -- ފޮޓޯ: ހުސެން ވަހީދު

އިޝާން އައުމުގެ ކުރިން ޝަލަބީ އޭނާގެ ޕްރެކްޓިސް ފަށަ އެވެ. އެގޮތުން އަމިއްލައަށް މިއުޒިކް ކުޅެމުން އެ ދުވަހުގެ ގިގްގައި ކިޔާލަން އެންމެ ރަނގަޅު ލަވަތައް ހޯދައި އެކަނި ކިޔަން ފަށަ އެވެ. އާންމުކޮށް ޝަލަބީގެ ދިވެހި ލަވަތައް އިވުނަސް ޝަލަބީ ހިންދީ އަދި އިނގިރޭސި ލަވަ ވެސް ކިޔަ އެވެ. އެގޮތުން ޝަލަބީއަށް އެންމެ ރީތި ބައެއް ލަވަތައް ޝަލަބީ ކިޔަ އެވެ.

އިޝާން (ސައިކަލް ފަހަތުގައި) ޕްރެކްޓިސް ކުރަން އެކުވެރިޔަކާ އެކު ސްޓޫޑިއޯ އަށް އައިސް ސައިކަލް ޕާކް ކޮށްލަނީ. -- ފޮޓޯ: ހުސެން ވަހީދު

އިޝާން ޕްރެކްޓިސް އަށް އައީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އިޝާން އާ އެކު އެހެން އެކުވެރިއަކު ވެސް އައެވެ. ޕްރެކްޓިސްގައި ބައިވެރިވިޔަސް އެ އެކުވެރިޔާ އިޝާންމެންނާ އެކު އެ ގިގްގައި ބައިވެރިއެއް ނުވާނެ އެވެ. އެއީ ވެސް ކުޅަދާނަ މިއުޒީޝަނެކެވެ.

އިޝާން އާއި ޝަލަބީ (ވ) އަދި އެހެން އެކުވެރިއެއް ސްޓޫޑިއޯގައި. -- ފޮޓޯ: ހުސެން ވަހީދު

އިޝާން ވަދެގެން އައީ އޭނާގެ ސަޅި ހިނިތުންވުމާއެކުގަ އެވެ. އިޝާންގެ އަޑާއެކު އޭނާގެ ފޭނުންނަށް އެންމެ ކަމުދަނީ ވެސް އެ ހިނިތުންވުމެވެ. އައި ގޮތަށް އައިސް އަވަސް އަރުވާލައިގެން ޕްރެކްޓިސް ކުރުމުގެ ބަދަލުގައި އިޝާން ބޭނުންވީ ކުޑަކޮށް ސަކަރާތްޖަހާލައި ހަމަޖެހިލާށެވެ. އެހެންވެ އެންމެ ފުރަތަމަ ގޮސް އޭނާ އިށީނީ ޑްރަމްސެޓް ކައިރީގަ އެވެ.

ޝަލަބީ އާއި އިޝާން ޕްރެކްޓިސް ފެށުމުގެ ކުރިން . -- ފޮޓޯ: ހުސެން ވަހީދު

ކުޑަކޮށް ޑްރަމް ޖަހާލައި ސަކަރާތް ޖަހާލުމަށްފަހު ސީރިއަސްވެ ޕްރެކްޓިސް ފަށަން އިޝާން އިށީނީ އިރުކޮޅަކުންނެވެ. އޭގެ ކުރިން ޕްރެކްޓިސް އަށް އެންމެ އެކަށީގެންވާ ގޮތަށް ސެޓަޕް ރާވާލައި މައިކް ތައްޔާރުކުރި އެވެ. ޕްރެކްޓިސް އަށް އެމީހުން ހަމަޖެހިލީ އޭގެ ފަހުންނެވެ.

ޝަލަބީ އާއި އިޝާން ޕްރެކްޓިސް ކުރަނީ. -- ފޮޓޯ: ހުސެން ވަހީދު

ޕްރެކްޓިސް ފެށުމުގެ ކުރިން، ގިގްގައި ކިޔަން ޝަލަބީ ވިސްނި ލަވަތައް އިޝާންއާ ޑިސްކަސްކޮށް އޭނާގެ ހިޔާލު ހޯދި އެވެ. ޝަލަބީއަށް ކަމުދިޔަ ގިނަ ލަވަތައް އިޝާނަށް ކަމުދިޔަ އެވެ. ގިގް ދޭއިރު ދެ މީހުންގެ ޓޭސްޓް ފުދޭވަރަކަށް އެއްގޮތްހެން ހީވެ އެވެ.

ޕްރެކްޓިސް ކުރިއަށް ދަނީ. --ފޮޓޯ: ހުސެން ވަހީދު

ޕްރެކްޓިސް އަށް ތިން މީހުން ވެސް އިށީނީ ހަމައެކަނި ގިޓާ ހިފައިގެންނެވެ. ކިތަންމެ ސަކަރާތް ބޮޑުވެފައި ސީރިއަސް ނުވާނޭ ހީވިއަސް މިއުޒިކާ ޖެހުމުން މި އާޓިސްޓުން ވަރަށް ސީރިއަސް އެވެ. އެކަކު އަނެކަކަށް ބުނެދީ ހަދަ އެވެ. ގިގްގައި ކިޔާނެ ލަވަތައް ދެތިން ފަހަރަށް ޕްރެކްޓިސް ކުރި އެވެ.

އިޝާން ޕްރެކްޓިހުގައި. -- ފޮޓޯ: ހުސެން ވަހީދު

ކަވަ ލަވަތަކަށް ފަހު އަމިއްލަ ލަވައެއް ހަދާލައި ކިޔުމުގެ ވިސްނުން ވެސް އިޝާން އަދި ޝަލަބީ ގެންގުޅުނެވެ. އޭގެ ކުރީރޭ ވަނީ ދެ މީހުންގެ އަމިއްލަ ލަވައެއްގެ މަސައްކަތް ފަށައިފަ އެވެ. އެއްކޮށް ނުނިމޭ އެ ލަވައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހު ނިމިފައި އޮތް ބައި ދެ މީހުން ވެގެން ކިޔާލައި ޕްރެކްޓިސްކޮށްލި އެވެ.

ޝަލަބީ (ފަހަތުގައި) އޭނާގެ މެނޭޖަރު ސައްޕެއާ އެކު ސައިކަލުގައި. -- ފޮޓޯ: ހުސެން ވަހީދު

އާ ލަވަ ކިޔާލުމަށް ފަހު ދެ މީހުން ނިންމީ ލަވައިގެ މަސައްކަތް އެއްކޮށް ނުނިމެނީސް އެ ލަވަ ނުކިޔާށެވެ. އާންމުންނަށް ދޫކޮށްލަން ބޭނުންވަނީ ހިތްހަމަޖެހޭ ވަރުގެ މަސައްކަތެކެވެ. އެހެން ކަމުން ކުޑަ ވަގުތުކޮޅަކު އިތުރަށް ލަވައިގެ މަސައްކަތް ކުރުމަށްފަހު އެ މީހުން ނައްޓާލީ ކޮފީއަކަށެވެ. ޝަލަބީ ކޮފީއަށް ދިޔައީ މެނޭޖަރު ސައްޕެއާ އެކުގަ އެވެ.

އިޝާން ޕްރެކްޓިހަށް ފަހު ސައިކަލްގައި ދަނީ. --ފޮޓޯ: ހުސެން ވަހީދު

އިޝާން ދިޔައީ އޭނާގެ އެކުވެރިޔާ އާ އެކުގަ އެވެ. ކޮފީއަށް ދާން އެމީހުން ނިންމީ އާންމުކޮށް ގޮސް އުޅޭ ސީހައުސް އަށެވެ. މިއީ އެމީހުން އެކުގައި އެންމެ ގިނައިން ކޮފީއަށް ގޮސް އުޅޭ އެއް ތަނަށް ވާނެ އެވެ. އޭގެ އިތުރުން ގިގްތައް ވެސް އެތަނުގައި ދެ އެވެ.

ޝަލަބީ އާއި އިޝާން ކޮފީއަށް ސީހައުސް އަށް ވަންނަން އަންނަނީ. -- ފޮޓޯ: ހުސެން ވަހީދު

ދެ މީހުން ވެސް ކޮފީއަށް ދިޔައީ ގިޓާ ހިފައިގެންނެވެ. ކުޑަކޮށް އެތަނުގައި ވެސް މިއުޒިކް ކުޅެލާށެވެ. ސީހައުސް ތެރެއަށް ވަދެގެން ދިޔައީ ވެސް ދެ މީހުން އެކުގަ އެވެ.

ޝަލަބީ އާއި އިޝާން ކޮފީއަށް ސީހައުސް އަށް ވަންނަން އަންނަނީ. -- ފޮޓޯ: ހުސެން ވަހީދު

ސީހައުސްގައި ކޮފީގައި ތިބެ އެ ދޭ ކުޑަކުޑަ ގިގް ވެސް އެއީ ޕްރެކްޓިސްއެކެވެ. އެ މީހުންގެ ކޮންމެ ގިގެއް އަދި ކޮންމެ ޝޯއެއްގެ އިންތިޒާރުގައި ފޭނުންގެ ބޮޑު ކިޔޫއެއް އެބައޮތެވެ. އެހާ ތަރުހީބު އެބައޮތެވެ.

އިޝާން އާއި ޝަލަބީ ކޮފީގައި. -- ފޮޓޯ: ހުސެން ވަހީދު

ކޮފީއަށް އަރައި ދެ މީހުން ހަމަޖެހިލީ އިޝާންގެ އެކުވެރިޔާ ގާތު އެ މޭޒު ދޮށުގަ އެވެ. ގިޓާ ނަގައި ލަވަ ކިޔުމައިގެން ކުރިއަށް ދިޔައީ އަނގަތަޅާލަން އިރުކޮޅަކު ތިބެލާފަ އެވެ. މިއުޒިކަށް އެނބުރިގަތް އިރު އޯޑަރު ކުރި ކޮފީ ވެސް ހުރީ އައިހެވެ. ލަވަ ކިޔަން ފެށީ ކޮފީ އާ އެކުގަ އެވެ.

ޝަލަބީ އާއި އިޝާން އަދި އެ މީހުންގެ އެކުވެރިޔާ ކޮފީގައި ތިބެ ގިޓާ ކުޅެނީ -- ފޮޓޯ: ހުސެން ވަހީދު

މި ފަހަރު ވެސް ކިޔާނެ ލަވަތައް ނިންމައި ގިޓާ ކުޅުމުގައި އިޝާންގެ އެކުވެރިޔާ ވެސް ބައިވެރިވި އެވެ. ތިން މީހުންނަށް އެންމެ ކަމުދިޔަ ލަވަތަކާއެކު ކުރިއަށް ދިޔައީ ކުޑަކޮށް ވާހަކަ ދައްކާ މަޝްވަރާކޮށްފަ އެވެ. ފަހަރުގައި އެތަނުގައި ކިޔަން ނިންމީ އެ މީހުން އެންމެ ހިތްހަމަޖެހޭ ލަވަތަކެވެ.

އިޝާން އާއި ޝަލަބީ ކޮފީގައި. -- ފޮޓޯ: ހުސެން ވަހީދު

ދެތިން ލަވަޔަކަށް ފަހު، ގެނައި ކޮފީ ވެސް ހުސްކޮށްލާފައި އެންމެން އެކުގައި ނުކުމެގެން ދިޔައީ ހަވީރު އޮތް ގިގުން ބައްދަލުކުރަން ނިންމައިފަ އެވެ. ޕްރެކްޓިސް ދިޔަ ގޮތާ މެދު ވެސް ހިތްހަމަޖެހިފަ ތިބެގެންނެވެ. އަދި އޭގެ އިތުރުން އެކުގައި މަސައްކަތް ފެށި ލަވަ ނިންމުމުގެ ޕްލޭނާ ވެސް އެކުގަ އެވެ.

ސެލެބްރިޓީން

Popular