19 Jul 2018

ސެލެބްރިޓީ އާ ޖޯޑަކީ ޝަހުދާން އާއި އަޒަލް؟

By: Aishath Maaha

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ހަސަން ޝަހުދާން ލަވަ ކިޔުމުގެ ހުނަރު ދައްކާލައިގެން މީހުންގެ ހިތްތައް ފަތަހަކުރި އިރު، އައިޑޮލްގައި އެލައިޑުން ދެއްކި ވައުޗަރު އިޝްތިހާރުތަކުގައި ޝަހުދާން ދެއްކި އެކްޓިން އިން ވެސް ލޯބި ހޯދި އެވެ. ސިލްސިލާ އެ އިޝްތިހާރުތަކުގައި ޝަހުދާންއާ އެކު ފެނިގެން ދިޔަ އަންހެން ބައިވެރިޔާގެ ހިތުގެ ތެރެއަށް ފުންމާލައިގެން އުޅުނު އިރު އެންމެނަށް ވެސް ހަމަ ވަރަށް ކަމުދިޔަ އެވެ.

އެކަމަކު މިހާރު އިވެނީ ޝަހުދާން ވެސް ވާދަކުރި އައިޑޮލްގެ މި ސީޒަންގެ ޓްރޮފީ އުފުލައިލި އައިޝަތު އަޒަލްގެ މިކަހަލަ ވާހަކައެކެވެ.

ޝަހުދާން އާއި އަޒަލް ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށި ކަމަށްވީ އަޒަލްގެ އުފަން ދުވަހު ތަހުނިޔާ ކިޔަމުން ޓުވިޓާގައި ޝަހުދާން ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓުގައި ޝަހުދާން ޖަހާފައިވަނީ "ހެޕީ ބާތުޑޭ ލޯބީ" އެވެ.

އެހެންވެ މިއީ ކިހިނެއްވާ ކަމެއްތޯ ބަލަން ޝަހުދާނަށް ގުޅާލީމެވެ. ނަމަވެސް ނިމިދިޔަ ވޯލްޑްކަޕާ ގުޅޭ ތިން ލަވައިގެ މަސައްކަތް ނިންމާލުމަށް ފަހު އަމިއްލަ ރާގުގެ އަމިއްލަ ލަވައެއްގައި ޝަހުދާން ބުރަކޮށް އުޅޭ ޝަހުދާންއާ ސީދާ ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. ޖަވާބު އައީ ޝަހުދާންގެ މެނޭޖަރު އަހްމަދު ރިޝާން (ރިޗީ) ގެ ފަރާތުންނެވެ.

އައިޑޮލް ސީޒަން 3ގެ ބައިވެރިންތަކެއް. --

"އެއީ ހަމަ ފްރެންޑްސް. އެކަހަލަ އެއްވެސް ކަމެއް ނެތް،" ރިޗީ ބުންޏެވެ. "...އަސްލުވާ ގޮތަކީ ސީޒަން އެކަކުން ފެށިގެން އެމީހުން އެއްކޮށް އުޅެނީ އެކަމަކު މިހާރު މަޝްހޫރުވެގެން މީހުންނަށް އެނގެނީ. ހަމަ އެގެއަށް ގޮސް އެގޮތަށް އުޅޭނީ." އޭނާ ބުންޏެވެ.

"ލޯބީ އަކީ އަސްލު އަޒަލް މަންމަމެން ލޯބިން އޭނައަށް ކިޔާ ނަމެއް. ދެން ޝަހުދާން އަޒަލްއާ ދިމާކޮށްލަން ޓުވިޓާގައި އެހެން ޖެހީ. އެހެންވެ މީހުންނަށް ހީވެގެން އެއުޅެނީ ރައްޓެހިވެގެންނޭ. އެކަމަކު އެއީ ހަމަ ބެސްޓްފްރެންޑްސް ކަހަލަ ގާތް ދެ މީހުން."

ޝަހުދާންގެ ފަރާތުން މި ވާހަކަ ދޮގުކުރި އިރު އަޒަލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އައިޑޮލަށް ފަހު އޭނާ ވެސް މިއުޒިކީ އެކި ކަންކަމުގައި އުޅެނީ އަވަދިނެތި އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular