15 Nov 2018

މިޝްޔާ: ބަރިސްތާއިން އަނެއްކާވެސް ރީތިއަޑެއް

ވަރަށް ކުޑައިރު ވެސް ލަވަ ކިޔައި އުޅުނެވެ. އެކަމަކު ހުނަރު ދައްކާލަން ރަނގަޅު ފުރުސަތެއް މި ފަހުން ލިބުނީ އަދި ކިރިޔާ އެވެ.

By: Aishath Maaha

ކެފޭ ރެސްޓޯރެންޓްތަކުގައި އޯޕެން މައިކް ނުވަތަ ލައިވް މިއުޒިކު ޕާފޯމަންސްތައް ދޭން ފެށުމަކީ އަލަށް މިއުޒިކްގެ ދުނިޔެ އަށް ނުކުންނަން ބޭނުންވާ ކުދިންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ލަވައެއް ކިޔާލައި އަމިއްލަ ހުނަރު އެހެން މީހުންނަށް އިއްވާލާނެ ފުރުސަތު ނުލިބި ތިއްބާ ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށެވެ.

މިކަހަލަ ހުނަރުވެރި ޒުވާނުން ކެފޭތަކާއި ރެސްޓޯރެންޓްތަކުގައި ދައްކާ ޕާފޯމްތައް އާންމުން ބަލައިވެސްގެންފި އެވެ. މި ކިޔައިދެނީ މި ފަދަ ޝޯއަކުން ފެނުނު ވަރަށް ޒުވާން ހުނަރުވެރިއެއްގެ ވާހަކަ އެވެ.

މަރިޔަމް މިޝްޔާ އާސިފަށް ވެސް އޭނާގެ ހުނަރު ދައްކާލަން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މިފަދަ ޝޯއަކުންނެވެ. ބަރިސްތާގައި ކޮންމެ ހަފުތާ ބަންދާ ދިމާކޮށް ހައުސް އޮފް މިއުޒިކުން ބާއްވާ އޯޕަން މައިކް ޝޯއިންނެވެ.

ލަވަ ކިޔުމުގެ ހުނަރު ދައްކާލަން މިޝްޔާ އަށް ކުރިން ފުރުސަތު ލިބުނީ ހަމައެކަނި ސްކޫލްގައި އުޅުނު އިރު ސްކޫލް މުބާރާތްތަކުންނެވެ.

މިޝްޔާ

"ލަވަ ކިޔަން ފެށުނީ ޔޫކޭޖީގައި އަހްމަދިއްޔާގައި އުޅުނުއިރު. އޭރު ބައިވެރިވީ އިންޓަކްލާސް މުބާރާތެއްގައި. ބައިވެރިވެގެން ދެވަނަ. އޭގެ ފަހުން ޖަމާލުއްދީން ސްކޫލްގައި އިންޓަ ސްކޫލް މުބާރާތްތަކަށް އަރަން. 2012 އިން ފެށިގެން ބައިވެރިވިން. އަސްލު ނުކެރިފަ ހުރީ އަރަން. އެކަމަކު އެ އަހަރު އިންޓަ ސްކޫލް މުބާރާތަށް ކުދިން ނަގަން ބޭއްވި އޮޑިޝަންގައި ބައިވެރިވެގެން ހޮވުނީ. އެފަހަރު ވެސް ލިބުނު ދެވަނަ."

"ހައުސް އޮފް މިއުޒިކް ސްޓޫޑިއޯ އަށް އައްޔުއާއެކު ލަވައެއް ރިކޯޑްކުރަން ދިޔަތަނާ ލިބުނީ ބަރިސްތާގައި ޕާފޯމްކުރަން ޗާންސް. އެ މީހުންނަށް މިޝްޔާގެ ޓެލެންޓް ކަމުގޮސްގެން."

އެ ދުވަހު އައްޔުއާ އެކު "ލޯބިވާޔާ ނުލައި"ގެ ކަވާއެއް ރިކޯޑްކުރި އިރު މިޝްޔާގެ އަޑު އިވުނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް މިޝްޔާގެ ހުނަރު ފާހަގަކުރެވިގެން އިތުރު ފުރުސަތުތަކެއް ލިބުނީ އެވެ.

އުމުރުން 16 އަހަރުގެ މިޝްޔާ މިހާތަނަށް ބަރިސްތާގައި ދެ ޝޯ ދިން އިރު ކިންޒާ ކެފޭގައި ވެސް ޝޯއެއް ދީފި އެވެ. އެއިން ކޮންމެ ޝޯއަކަށް ފަހު ވެސް އާންމުންގެ ފަރާތުން ލިބުނީ ޕޮޒިޓިވް ކޮމެންޓުތަކެވެ.

މިޝްޔާގެ އެންމެ ބޮޑު ހިތްވަރަކީ އެފަދަ ކޮމެންޓުތަކާއި ރައްޓެހިންނާއި އާއިލާގެ ފަރާތުން ލިބޭ ސަޕޯޓްކަމަށް މިޝްޔާ ބުންޏެވެ.

މިޝްޔާ ބަރިސްތާގައި ޕާފޯމްކުރަނީ. --

"ޕޭރެންޓްސް ވަރަށް ސަޕޯޓިވް. ހުރިހާ ޝޯއަކަށް މަންމަ ދާނެ."

ނަމަވެސް މިޝްޔާ ބުނީ މިއުޒިކް ވާނީ އޭނާ ހޮބީއަކަށް ކަމަށެވެ. މި އަހަރު އޯ ލެވެލް އިމްތިހާނު ނިންމާލައި މި ވަގުތު މިއުޒިކަށް ހުސްވެގެން ހުރި ނަމަވެސް މުސްތަގްބަލްގައި އޭނާ ފެންނާނީ އެއާ ޓްރެފިކް ކޮންޓްރޯލާއެއް ގޮތަށް ކަމަށެވެ. ނޫނީ ނަރުހުންގެ ޔުނީފޯމްގައި ބަލި މީހުންނަށް ހިދުމަތް ކުރަނިކޮށެވެ.

މިޝްޔާ މިހާރު އަންނަނީ އޭނާގެ އަމިއްލަ ލަވައެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. ކަވާ ލަވަތަކެއްގެ މަސައްކަތް ވެސް އެބަހުއްޓެވެ.

ރާއްޖޭގައި މިވަގުތު ތިބި އެންމެ މަޝްހޫރު އާޓިސްޓުންނާއެކު ޕާފޯމްކޮށްލަން ފުރުސަތު ލިބުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.

Popular