By: Aishath Maaha
މިދިޔަ ހަފްތާ ބަންދުގައި ހުޅުމާލެ ސްކޭޓް ޕާކު ސަރަހައްދުގައި "ފަންނު ގެދަރިން" ބޭއްވި އިވެންޓުގައި ފެނުނު ހުނަރުވެރިންގެ ވާހަކަ ދައްކާ ކޮޅަކުން ނުލާނެ އެވެ. އެހާ ވެސް މޮޅުވެފައި ހުނަރުވެރި އެވެ. އެ ހަރަކާތްތަކާއެކު ބޭއްވި ލައިވް މިއުޒިކް ޝޯގައި ފެނިގެން ދިޔަ ހުނަރުވެރިންގެ ވާހަކަ ވެސް ދައްކަން އެބަޖެހެ އެވެ.
އެގޮތުން ވަރަށް ފާހަގަކޮށްލެވުނު ދެ ހުނަރުވެރިއެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. މަރިޔަމް ޝާއީ އަދި ޖޫނީ ޖިނާހް އެވެ. ލައިވް މިއުޒިކް ޝޯއަށް އަރާ ފުރާވަރުގެ މި ދެ ހުނަރުވެރިން ދިން ޕާފޯމަންސް އަށް އޯޑިއަންސުން ދިނީ 100 އިން 100 އެވެ. އެކަމަކު މިއީ އެ ދެ ކުދިންގެ ވެސް އެފަދަ ފުރަތަމަ ޕާފޯމަންސް އެވެ.
މި ދެ ކުދިންނަކީ ވެސް މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓާ (އެމްއެމްއޭސީ) އިން މިއުޒިކް ކިޔަވަމުން އަންނަ ދެ ދަރިވަރުންނެވެ.
"ފަންނުގެދަރިން" ފެސްޓިވަލްގައި ސޯލް ބެރީ ބޭންޑާއެކު ޝާއީ އާއި ޖޫނީ ދިން ޕާފޯމަންސް. --ވީޑިއޯ އެންޑް އެޑިޓިން: ޔަޒްދާން މާޒް
އުމުރުން 14 އަހަރުގެ ޝާއީގެ މިއުޒިކީ ހުނަރު ފާހަގަވެ އެ ހުނަރު ތަރައްގީކުރަން އޭނާގެ މައިންބަފައިން އަތުކުރި އޮޅާލިއިރު ޝާއީގެ އުމުރުން އެންމެ ހަ އަހަރެވެ. އެމްއެމްއޭސީ އަށް ޝާއީ ގެންދަން ބޭނުންވި ނަމަވެސް ކިޔެވުމުގެ ޝެޑިއުލް ހުރި ގޮތުން އޭރު ނުގެންދެވުނީ އެވެ.
އެހެން ނަމަވެސް މީގެ ތިން ވަރަކަށް އަހަރު ކުރިން ޝާއީ އެމްއެމްއޭސީގެ މިއުޒިކް ކްލާސްތަކުގައި ބައިވެރިވެ ޝާއީގެ ހުނަރު އައީ ތަރައްގީ ކުރަމުންނެވެ.
"ޝާއީ އެންމެ ފުރަތަމަ ޓެސްޓަކަށް ލަވަ ކީ އެމްއެމްއޭސީ އަށް ވަދެފައި. އެއަށް ބަލައިފަ ޝާއީ ވެއްދެން އޮތް އެންމެ ބޭސިކަކަށް ނޫން ގްރޭޑް ވަން އަށް ހަމަ. އެތަނުން ވަރަށް ހެލްޕް ލިބުނު. ގޭގައި ވެސް ޝާއީ އަބަދުވެސް ލަވަ ކިޔަ ކިޔާ އުޅޭނީ." ޝާއީގެ މަންމަ ޝާނީ ކިޔައިދިނެވެ.
ޝާއީ
ދިވެހި ލަވަތަކަށް ވުރެ ބޮޑަށް ޝާއީ ޝައުގުވެރިވަނީ އިނގިރޭސި ލަވަތަކަށް ކަމަށް ޝާނީ ބުންޏެވެ. އަދި އެމްއެމްއޭސީގައި ވެސް ބޮޑަށް ޝާއީ ލައްވާ ކިޔުއްވަނީ ވެސް އިނގިރޭސި ލަވަ ކަމަށެވެ.
"އަސްލު ވާގޮތަކީ ގޭގަ ޓީވީއެއް ވެސް ނުހުންނާތީ ދިވެހި ލަވަ އަޑެއް ނީވޭ ޝާއީ މެންނަކަށް. އެހެންވެ ދިވެހި ލަވައެއް ނޭނގޭ އެމީހުންނަކަށް ކޮންމެހެން ދިވެހި ލަވަ ދައްކޮށްލަނީއެއް ނޫން. އެއް ފަހަރު ބައިވެރިވި މުބާރާތެއްގައި. އެކަމަކު އެހާ ރަނގަޅަކަށް ނޫން އެފަހަރު ދިޔައީ."
ޝާއީ އަދި އެއްވެސް އިންސްޓްރުމަންޓެއް ނުކުޅުނު ނަމަވެސް ޖެނުއަރީ މަހުން ފެށިގެން ގިޓާ ކްލާސްތައް އެމްއެމްއޭސީ އިން ނަގަން ފަށާނެ ކަމަށެވެ.
ޝާއީގެ މި ހުނަރުވެރި ކަމަށް އެމްއެމްއޭސީގައި އޭނައަށް ކިޔަވައިދޭ ޓީޗަރު އަދި މަޝްހޫރު ލަވަ ކިޔުންތެރިޔާ ޒާރާ މުޖުތަބާ ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. ޒާރާ ބުނީ ޝާއީ އަކީ ތަފާތު ހުނަރުވެރި ކުއްޖެއް ކަމަށެވެ.
ޝާއީ
"ޝާއީ އަކީ ވަރަށް ޖޭޒީ ސްޓައިލެއް ހުންނަ ކުއްޖެއް ގޮތަށް. ވަރަށް މަދުވާނެ އެކަހަލަ އޯތެންޓިކް ވަރަށް ޖެނުއިން ޖޭޒީ ގޮތްގޮތަށް ކިޔޭ ކުދިން. އޭތި ނެޗުރަލީ އެ ޓެލެންޓު ހުންނަ ކުއްޖެ ޝާއީ އަކީ." ޒާރާ ބުންޏެވެ.
އުމުރުން 12 އަހަރުގެ ޖޫނީގެ ހުނަރުވެރިކަން ފާހަގަކުރެވި އެ ހުނަރު ކުރިއަރުވަން ކުރި މަސައްކަތް ކިޔައިދޭން ޖޫނީގެ މަންމަ އައިންތު ޖެހިލީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާންތަކަކަށެވެ. ޖޫނީގެ ޕްރީ ސްކޫލްގައި ލަވަ މުބާރާތެއްގައި ބައިވެރިކުރަން އުޅުނު ހަނދާނެއްގެ ތެރެއަށެވެ.
އެންމެ ފުރަތަމަ ޖޫނީ ބައިވެރިވީ ވީޓީވީގައި އޮތް ލަވަ މުބާރާތެއްގެ ގްރޫޕް ޕާފޯމަންސްއެއްގަ އެވެ. އެހެން ނަމަވެސް ރަސްމީކޮށް މުބާރާތެއްގައި ޖޫނީ ބައިވެރިވީ އެމްއެމްއޭސީގެ ފަރާތުންނެވެ. އެ ފަހަރު ނުވަ އަހަރުން ދަށުގެ އުމުރު ފުރާއިން އެއް ވަނަ އަދި ޖޫނިއާ ކެޓަގަރީ އިން ދެވަނަ ހޯދި އެވެ. އެމްއެމްއޭސީގެ މިއުޒިކް ކްލާސްތަކުގައި ޖޫނީ ބައިވެރިވީ މީގެ ފަސް އަހަރު ކުރިންނެވެ.
ޖޫނީ
އޭގެ ފަހުން އެމްއެމްއޭސީގެ ފަރާތުން އިވެންޓުތަކުގައި ޖޫނީ ޕާފޯމްކުރާކަމަށް އޭނާގެ މަންމަ ބުންޏެވެ.
"އެމްއެމްއޭސީގައި ކޮންމެ އަހަރަކު ވެސް ސިންގިން އިން އޭނަ ހޯދާނެ އެއް ވަނަ. އެ މީހުން ހަދާނެ އިންޓަނޭޝަނަލް ޓްރެއިނިޓީ އެގްޒާމެއް. އެއިން އެއް ފަހަރު ހޯދި 100 ވެސް. މިދިޔަ އަހަރު ހޯދި ބެސްޓް އޯލް ރައުންޑް ވެސް އެތަނުގައި."
"މިހާރު ވަރަށް ގިނަ ތަންތަނުގައި ޕާފޯމްކޮށްފަ ހުންނާނެ. އެކިއެކި ފަންކްޝަންތަކުގައި. ގައުމީ ދުވަސްތަކުގެ އެއްޗެހީގަޔާއި މޮޅެތި ލަވަކިޔުންތެރިންނާ އެކީގަ ހުންނާނެ ޕާފޯމްކޮށްފަ. އެހިސާބުން ފެށުނީ. ޒާރާ ވަރަށް ހެލްޕްވާނެ އެމްއެމްއޭސީގައި. ފަންނުގެ ދަރިން އިވެންޓުން ވެސް ޒާރާ ފުރުސަތު ހޯދައިދިނީ." އައިންތު ބުންޏެވެ.
ޖޫނީ
އައިންތު ބުނީ ލަވަ އަދި މަދަހަ ވެސް ޖޫނީ ކިޔާ ކަމަށެވެ. މަދަހަ މުބާރާތްތަކުން ވެސް ޖޫނީ ވަނީ ކާމިޔާބީތައް ހޯދައިފަ އެވެ. އަދި ޖޫނީ ގިޓާ ކުޅޭ ކަމަށް ވެސް އައިންތު ބުންޏެވެ.
"ޖޫނީ އެއީ ވަރަށް ބޮޑަށް ސޯލް އާރް އެން ބީ ކަހަލަ ލޫޒީ ސްޓައިލެއް ހުންނާނެ. މަށަށް ދެން އައިޑެންޓިފައި ކުރެވޭ އަހަންނާ ވަރަށް ސިމިލާ ސްޓައިލެއް ހުންނާނީ އިނގިރޭސި ލަވަ ކިޔާއިރުގައި." ޒާރާ ވަނީ ޖޫނީގެ ހުނަރުވެރިކަން ފާހަގަކޮށްފަ އެވެ.
"އަހަރެން އެ ކުދިންނަށް ކިޔަވއިދޭތާ ޓޫ އިޔާސް. މިއީ އެ ދެކުދިންގެ ވެސް މިކަހަލަ ބޮޑު ފުރަތަމަ ޕާފޯމަންސް. އެވަރުގެ ބޮޑު ކްރައުޑެއް އޮތް ފުރަތަމަ ޕާފޯމަންސް ކަންނޭނގެ ދެ މީހުންގެ ވެސް." ޒާރާ ފާހަގަ ކުރި އެވެ.