4 Dec 2018

"ސީ ވީޑް ޖޫސް" އަނެއްކާ ވެސް އަޑުގަދަކުރަނީ

"ސީ ވީޑް ޖޫސް" އަނެއްކާ ވެސް އަޑުގަދަކުރަނީ

By: Aishath Maahaa

ސިޔާސީ އޮއިވަރެއްގައި ރާއްޖެ ޖެހުމުގެ ކުރިން މާލެ އޮތީ މުނިފޫހިފިލުވުމުގެ މާހައުލަކަށް ބަދަލުވެފަ އެވެ. ހަފްތާ ބަންދު ޝޯތަކާއި ގޯޑައުން ޝޯތަކުން ރޭތައް އޮތީ ފަޅުފިލުވާލާފަ އެވެ. ކޮންމެ ހަފްތާ ބަންދަކީ ވެސް މިއުޒީޝަނުންނަށް އޮތް އީދެއް ކަހަލަ އެވެ. އެހެން ނަމަވެސް ދެހާހުގެ އަހަރުތައް ފެށިގެން އައިސް ސިޔާސީ ގޮތުން ރާއްޖެ އަށް ބިންދާލު ރާޅުގައި މިއުޒީޝަނުން "އޮޔާ" ގެންގޮސް މާދުރަށް އެއްލައިލީ އެވެ. "އޮޔާ" ދެކޮޅަށް ބައެއް މިއުޒީޝަނުން ކުރި މަސައްކަތް ނާކާމިޔާބުވެ ބައެއް މިއުޒީޝަނުން ސިޔާސީ އޮއެވަރުގައި ބެހިގެން ދިޔައީ އެވެ.

އެގޮތުން އޭރު މާލޭގައި އެންމެ ފޯރި ނަގާފައި އުޅުނު އެއް ބޭންޑު ކަމަށްވާ "ސީވީޑް ޖޫސް" ވެސް ސިޔާސީ ގޮތުން ނެގި ރާޅުގައި ބެހިގެން މާދުރަށް ދިޔައީ އެވެ. އޭގެ އިތުރުން ބޭންޑުގެ މެމްބަރުންގެ ސިއްހީ ހާލަތު ތަން ނުދިނުމުންނާ އެކު 2005 ވަނަ އަހަރު ބޭންޑުގެ އަޑު މަޑުވީ އެވެ. އޭރު ވެލެންސިއާ ޝޯ އާއި ވަން ވޯލްޑް ބީޓް، ގޯޑައުން އަދި އަލިމަސް ކާނިވަލުގައި ކުޅެ މި ބޭންޑު ބޮޑު މަޝްހޫރުކަމަކާއި މަގުބޫލުކަމެއް ހޯދައިފި އެވެ.

އަޑުމަޑުވެފައި އޮތް ދޮށީ ބޭންޑެއް

މި ބޭންޑަކީ 2003 ވަނަ އަހަރު ތިން އެކުވެރިން ވުޖޫދަށް ގެނައި ބޭންޑެކެވެ. އަލީ ނާއިލް، މުހައްމަދު އާތިފް އަދި އުއްޗު އެކުވެގެން އުފެއްދި ބޭންޑެކެވެ. ޕަންކު ރޮކް ޖޮންރާގެ ލަވަތައް އަމިއްލައަށް ހަދައިގެން އެންމެ ގިނައިން ކުޅުނީ ވެސް އަމިއްލަ ލަވަ އެވެ.

އެންމެ ފުރަތަމަ ބޭންޑު އުފައްދައިގެން މާލޭގައި ޝޯތައް ދިން ނަމަވެސް އެންމެ އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ރިސޯޓް މިއުޒިކަށް ނައްޓާލީ އެވެ. ބޭންޑު މެންބަރުންގެ ސިއްހީ މައްސަލަތަކާއެކު އަޑުމަޑުވި ނަމަވެސް ލައިން އަޕްތަކަށް އެހެން މިއުޒީޝަނުން ބައިވެރިކޮށްގެން ޝޯތައް ދިޔައީ ދެމުންނެވެ.

އެއަށްފަހު އަނެއްކާވެސް ބޭންޑު "އެކްޓިވް" ވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. ޕްރެކްޓިސް ޖޭމިން ސެޝަންތަކަކަށް ފަހު ރަސްމީކޮށް ބޭންޑު ފެނިލީ ބަނޑޮހުގައި ދިން ޝޯއެއްގަ އެވެ. އޭގެފަހުން މިދިޔަ މަހު އޮލިމްޕަހުގައި އޮތް ޗާނަޗާ ޝޯގަ އެވެ.

މެމްބަރުން

- އަލީ ނާއިލް (ނާއި)

- މުހައްމަދު އާތިފް (އާތި)

- އިބްރާހިމް ޝަފާއީ

ނާއީ އަދި އާތި މިއީ ބޭންޑުގެ ފައުންޑާ މެންބަރުންނެވެ. މިއަދާ ހިސާބަށް ބޭންޑު ކުރިއަރުވަން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ދެ މެންބަރުންނެވެ.

ނާއިލް

ނާއީ މިއީ މިއުޒިކީ އާއިލާއަކުން އައިސްފައިވާ ޒުވާނެކެވެ. ޒީރޯ ޑިގްރީ ނާޝިދުގެ ހުނަރުވެރިކަމަކީ ހުރިހާ ދިވެހިން ތައުރީފްކުރާނެ ހުނަރުވެރިކަމެކެވެ. ނާޝިދުގެ ކޮއްކޮ ނާއިލް އަކީ ވެސް އަޑުމަޑު ނަމަވެސް ހުނަރުވެރި އެކެވެ. އެންމެ ފުރަތަމަ މިއުޒިކް ކުޅެން ދަސްކުރެ މިއުޒިކަށް ނުކުތީ ވެސް ޒީރޯ ޑިގްރީގެ ހިޔަލުންނެވެ. އެ ބޭންޑުގެ ބައެއް ޝޯތަކަށް އަރާލައިގެންނެވެ.

ނާއީ

އެއަށް ފަހު އަމިއްލަ ބޭންޑެއް އުފައްދަން ބޭނުންވެ އާތި މެންނާ ގުޅިގެން ސީވީޑް ޖޫސް އުފެއްދީ އެވެ. ނާއީ މިއީ ސީވީޑް ޖޫސްގެ ގިޓަރިސްޓު އަދި ލީޑް ވޯކަލިސްޓެވެ.

އާތިފް

ސްކޫލްގައި އުޅުނު އިރު ވެސް މިއުޒިކަށް ހުރި ޝައުގުވެރިކަމުގައި މިއުޒިކް ކުޅެން ދަސްކުރެ ސްކޫލް ނިންމާލާފަވެސް މިއުޒިކާ ދުރަށް ނުދެވުނީ އެވެ. މިއުޒިކީ އާއިލާއެއް ނޫން ނަމަވެސް މިއުޒިކްގައި އާތިގެ ހުނަރުވެރިކަން ކުޑައެއް ނޫނެވެ.

އާތި

ސީވީޑްގެ ބޭސް ގިޓަރިސްޓަކީ އާތި އެވެ. ބޭންޑު އުފައްދާ އެންމެ ފުރަތަމަ ކުޅެން ފެށި ދުވަސްވަރު އާތި އަދި ނާއީގެ ވެސް އެންމެ ބޮޑު ހިތްވަރު އަދި ސަޕޯޓަރުންނަކީ ޒީރީ ޑިގްރީގެ ނާޝިދު އަދި މޮހޯޖް އެވެ. ރަނގަޅު ކުރަންވީ ކަންތައް ބުނެދީ އެންމެ ބޭނުންވާ ހިތްވަރެއް ދިނެވެ.

ޝަފާއީ

ޝަފާއީ މިއީ ބޭންޑުގެ ރަސްމީ މެންބަރެއް ނޫނެވެ. ސީވީޑް ޖޫސް އިން މިހާރު ތައްޔާރުކުރަމުންދާ ބޭންޑުގެ އަލްބަމްގައި މަސައްކަތް ކުރަމުން އަންނަ އާޓިސްޓެކެވެ. ޝަފާއީ މިއީ މިވަގުތު ސީވީޑްގެ ޑްރަމަރެވެ.

ޝަފާއީ

ސީވީޑުން މިހާރު އަންނަނީ ޑްރަމަރެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ބޭންޑުން ބޭނުންވަނީ ހުރިހާ ވަގުތެއް މިއުޒިކަށް ހުސްކޮށްގެން މަސައްކަތް ކުރެވޭނެ ޑްރަމަރެކެވެ.

އަލްބަމަކާ އެކު ރިސޯޓް މިއުޒިކަށް

ސީވީޑް ޖޫސް އިން މިހާރު އަންނަނީ "ބައިސްކޯފް" އެޕް މެދުވެރިކޮށް އެ ބޭންޑުގެ ފުރަތަމަ އަލްބަމް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. ލަވަތަކުގެ ލިރިކްސް ހަދާ އެ ލަވަތައް ކިޔަނީ ނާއިލް އެވެ. 10 ލަވައިގެ އެ އަލްބަމްގައި ހިމެނޭނީ ހުސް ދިވެހި ލަވަ އެވެ. އެއިން އަށް ލަވައިގެ ޓްރެކް މިހާރު އޮތީ ނިމިފަ އެވެ.

އަލްބަމްގެ މަސައްކަތާއެކު ބޭންޑު އެކްޓިވްކޮށް ހަރަކާތްތެރިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަނެއްކާ ވެސް އަމާޒު ހިފާފައިވަނީ ރިސޯޓު މިއުޒިކަށެވެ.

"މިހާރު މި ތައްޔާރުވަނީ ރިސޯޓް މިއުޒިކަށް. އެއީ ލޯކަލް ގިގްސްތަކެއް އެހާ ނުލިބޭ. އެއިން އެހާ އެކަށީގެންވާ އިންކަމް އެއްވެސް ނުލިބޭ. ރިސޯޓް މިއުޒިކަށް އަސްލު މިދަނީ އަދި ބައެއް އިންސްޓްރޫމަންޓު ވެސް ބޭންޑަށް ބޭނުންވާތީ. މިހާރު ގެންގުޅެނީ އަމިއްލަ އިންސްޓްރޫމަންޓްސް." ނާއީ ބުންޏެވެ.

ސީވީޑް ޖޫސްގެ މެންބަރުންގެ އަމާޒަކީ ރާއްޖެއިން ބޭރަށް ގޮސް ބޭރުގައި ޝޯ ދިނުމެވެ. ޓުއާ އަކަށް ދިއުމަކީ ބޭންޑުން ދެކޭ ހުވަފެނެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ލޯކަލް ބޭންޑުތައް ކުރިއަރުވަން މަސައްކަތް ކުރާނެ ބަޔަކު ނެތުމަކީ ބޭންޑުތައް ކުރިއަރައިގެން ދިއުމަށް އޮތް ހުރަހެއް ކަމަށް ފާހަގަކުރި އެވެ.

Popular