5 Jan 2019

ކޯލްޑްޕްލޭގެ ކްރިސް މާޓިން ބުނީ އައްފާން މާ މޮޅޭ!

ކްރިސް މާޓިން އައްފާންގެ ގިޓާގައި ލިޔުނީ އެ މީހުންގެ ލަވަތައް އައްފާން ކިޔައިދިނީ މާ ފުރިހަމަކޮށް ކަމަށް

ކްރިސް މާޓިން އައްފާންގެ ގިޓާގައި ލިޔުނީ އެ މީހުންގެ ލަވަތައް އައްފާން ކިޔައިދިނީ މާ ފުރިހަމަކޮށް ކަމަށް

By: Aishath Maahaa

އިސްމާއިލް އައްފާންގެ ލަވަކިއުމުގެ މޮޅު ވާހަކަ އާއި ހުނަރުވެރި ވާހަކަ ދިވެއްސަކަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަންގައި ޖަޖުކަން ކޮށް އެންމެ ގިނަ ބައެއްގެ ފޭވަރިޓް ޖަޖަކަށްވީ ވެސް އައްފާނެވެ.

ރިސޯޓު މިއުޒިކުގައި ފަތުރުވެރިންގެ މުނިފޫހިފިލުވައިދިނުމުގައި 16 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ދުނިޔޭގައި މަޝްހޫރު އެތައް އާޓިސްޓުންނަކާ ވަނީ ބައްދަލުވެފަ އެވެ. މަޝްހޫރު އެތައް ބޭންޑަކާ އެކު ރާއްޖެ އާއި ބޭރު ދުނިޔޭގައި ޕާފޯމްކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު، މަޝްހޫރު އިނގިރޭސި ރޮކް ބޭންޑް ކޯލްޑްޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިންއާ ބައްދަލުވުމުން ލިބުނު އުފާވެރިކަމާއި އިހުސާސްތައް މީގެކުރިން ނުކުރެވެ އެވެ. މީގެކުރިން އާޓިސްޓަކާ ބައްދަލުވެ ޝޯއެއް މެދުކަނޑައެއް ވެސް ނުލަ އެވެ.

"ޝޯގައި ކުޅެން އިންދާ ކްރިސް އައީ އަހަރެން ކިޔަމުންދިޔަ ލަވަ ކިޔަމުން. އޭރު އެކަމަކު ކިޔަމުން ދިޔައީ އެހެން ބޭންޑެއްގެ ލަވައެއް. ކްރިސް އައީމަ ކުޅުން ހުއްޓާލާފަ ޝޯ މެދުކަނޑާލާފަ ބްރޭކެއް ނެގީ. ކްރިސް އައިސް ވާހަކަ ދެއްކީމަ އަހަރެން ބުނީ ގިޓާގައި ސައިންކޮށްލަ ދޭށޭ،" ކްރިސް މާޓިންއާ ބައްދަލުވެ ކްރިސްގެ ތައުރީފް އައްފާނަށް ލިބުނު ވަގުތުކޮޅު "ދޯ" އަށް އައްފާން ކިޔައިދިނެވެ.

"މީގެކުރިން ދުވަހަކު ވެސް އެގޮތަކަށް ޝޯއެއް މެދުކަނޑައެއް ނުލަން. އަސްލު ނޭނގޭ އެ ދުވަހު ކުރެވުނު އިހްސާސްތައް ކިޔައިދޭކަށް. އެހާ އުފަލެއް ނުވޭ އާޓިސްޓެއް ފެނިގެން ދުވަހަކު ވެސް."

އައްފާން ވަނީ ކްރިސް އޭނާގެ ގިޓާގައި ލިޔެފައިވާ ވާހަކަކޮޅު ފޮޓޯ ނަގައި ސޯޝަލްމީޑިއާއަށް ދޫކޮށްލައި އިހުސާސްތައް ހިއްސާކޮށްފަ އެވެ.

ކްރިސް ބުނެފައިވަނީ އެމީހުންގެ ލަވަތައް އައްފާން ހުށަހަޅައިދެނީ އެމީހުންނަށްވުރެ ވެސް ފުރިހަމަކޮށް ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ އައްފާނަށް ޝުކުރު އަދާކޮށްފަ އެވެ.

މެއި 8، 2018: އިސްމާއިލް އައްފާންގެ "ގެނބެންދެން" އަލްބަމް ރިލީޒްކުރުމަށް އޮލިމްޕަހުގައި ބޭއްވި ޝޯގައި އޭނާ ޕާފޯމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލްޑްޕްލޭ އަކީ އޯލްޓައިމް ފޭވަރިޓް

މި ބޭންޑަށް އައްފާންގެ ހިތުގައި ލޯބި އޮތް މިންވަރަކީ އެ ބޭންޑުގެ އެއްވެސް ލަވައެއް އަޑުނާހާ އައްފާން ދޫކޮށްލާފައި ނެތުމެވެ. އައްފާންގެ ޕްލޭލިސްޓުގައި އެ ލަވަތައް ކޮންމެހެން ވެސް ހިމެނެ އެވެ. ހާއްސަކޮށް އެމީހުންގެ "ޕެރެޝޫޓް" އަލްބަމަކީ އައްފާންގެ ފޭވަރިޓެވެ.

ކޯލްޑްޕްލޭ އަކީ ހަމައެކަނި އައްފާންގެ އޯލްޓައިމް ފޭވަރިޓެއް ނޫނެވެ. އެ ބޭންޑުގެ ކޮންމެ މެންބަރަކާ ބައްދަލުކުރަން ވެސް އައްފާން ހުރީ ކެތްމަދުވެފަ އެވެ. އެ ބޭންޑުގެ ގިގަކަށް ދިއުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނެތަސް އެ ބޭންޑުގެ ގިގަކަށް ދިއުމަށް ޕްލޭނެއް އެބަ އޮތެވެ.

އައްފާންގެ އަލްބަމް ރިލީޒްކުރަން ބޭއްވި ޝޯގައި ޕާފޯމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެންމެ ބައްދަލުކުރަން ބޭނުން އާޓިސްޓާ ބައްދަލުވީމި. އެކަމަކު އެ ބޭންޑުގެ ވެސް ހަމަ ކޮންމެ މެންބަރަކާ ވެސް ބައްދަލުކޮށްލަން ހަމަ ބޭނުން ފުރުސަތު ލިބިއްޖެޔާ." އައްފާން ބުންޏެވެ.

އެންމެ ގިނައިން ކުޅޭ "ކޯލްޑްޕްލޭ"ގެ ހަ ލަވަ

އައްފާންގެ ގިގްތަކާއި ޝޯތަކުގައި ކޯލްޑްޕްލޭގެ ލަވަތައް ގިނަ އެވެ. އެކަމަކު މި ކިޔާލަދެނީ އައްފާން އެންމެ ގިނައިން ކުޅޭ ހަ ލަވަ އެވެ.

1. ޔެލޯ – ޔެލޯ އަކީ 2000 ވަނަ އަހަރު ރިލީޒްކުރި "ޕެރެޝޫޓް" އަލްބަމްގެ ލަވަ އެކެވެ. އަލްޓަނޭޓިވް ރޮކް ޖޯންރާގެ އެ ލަވަ ލިޔެފައިވަނީ ކްރިސް މާޓިން، ޖޯނީ ބަކްލޭންޑް، ގައި ބެރީމަން އަދި ވިލް ޗެމްޕިއަން އެވެ.

2. އިން މައި ޕްލޭސް – މި ލަވަ އަކީ 2002 ވަނަ އަހަރު ރިލީޒްކުރި "އަ ރަޝް އޮފް ބްލަޑް ޓު ދި ހެޑް"ގެ ލަވަ އެކެވެ. އެ ލަވަ ވަނީ "ޔޫކޭ ސިންގަލް ޗާޓު"ގެ ދެވަނަ އަދި "ބިލްބޯޑްސް މޮޑާން ރޮކް ޓްރެކްސް"ގެ 17 ވަނައިން ޖާގަ ހޯދާފަ އެވެ.

3. ޓްރަބަލް – ޓްރަބަލް އަކީ ވެސް "ޕެރެޝޫޓްގެ ލަވަ އެކެވެ. "ޔޫކޭ ސިންގަލް ޗާޓް"ގެ 10 ވަނަ އަށް މި ލަވަ ވަނީ އަރާފަ އެވެ. މި ލަވައިގެ ދެ ވީޑިއޯ ލަވައެއް ވަނީ ރިލީޒްކޮށްފަ އެވެ.

4. ޑޯންޓް ޕެނިކް – ޕެރެޝޫޓް އަލްބަމްގެ މި ލަވައަކީ އެ ދުވަސްވަރު އެންމެންގެ ފޭވަރިޓެވެ. އެ ލަވަ އެންމެ ފުރަތަމަ ތައްޔާރުކޮށްފައިވަނީ 1998 ވަނަ އަހަރު "ޕެނިކް"ގެ ނަމުގަ އެވެ. ފަހުން ލަވައިގެ މެލޮޑީ ބަދަލުކޮށް "ޑޯންޓް ޕެނިކް"ގެ ގޮތުގައި އެ ލަވަ ރީޕްރޮޑިއުސްކުރީ އެވެ.

5. ލައިފް އިޒް ފޯ ލިވިން – ކޯލްޑްޕްލޭގެ ބްރިޓްޕޮޕް ޖޯންރާގެ މި ލަވައަކީ ވެސް ޕެރެޝޫޓް އަލްބަމްގެ ލަވަ އެކެވެ.

6. ފިކްސް ޔޫ – ފިކްސް ޔޫ އަކީ 2004 ވަނަ އަހަރު ރިލީޒްކުރި "އެކްސް އެންޑް ވައި" ބޭންޑުގެ ލަވަ އެކެވެ. އަލްޓަނޭޓިވް ރޮކް ޖޯންރާގެ އެ ލަވަ ވަނީ ޔޫކޭ ސިންގަލްސް ޗާޓުގެ ހަތަރު ވަނަ އިން ވެސް ޖާގަ ހޯދާފަ އެވެ.

އައްފާން ވަނީ މަޝްހޫރު ބޭންޑުތަކާ އެކީ އެތައް ބައިވަރު ގިގްތައް ދީ ޓުއާތައް އޭނާގެ ދިގު މިއުޒިކް ކެރިއަރުގައި ދީފަ އެވެ. އެންމެ ހާއްސަކޮށް އައްފާން ފާހަގަކުރަނީ ގްރެމީ އެވޯޑް ވެސް ހާސިލްކޮށްފައިވާ ޕޮކެޓް ބޭންޑާ އެކީ ރާއްޖެ އަދި އިންޑިއާގައި ވެސް ޕާފޯމްކޮށްފައި ވުމެވެ. އައްފާން ވަނީ އޭނާގެ ހުނަރު ޖާމަނީގައި ވެސް ދައްކާލާފަ އެވެ.

ކްރިސް މާޓިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ އޭނާގެ އާ ލޯބިވެރިޔާ ހޮލީވުޑް ތަރި ޑަކޯޓާ ޖޯންސަންއާ އެކުގައި ކަމަށްވެ އެވެ. ޑަކޯޓާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ "ފިފްޓީ ޝޭޑްސް ސީރީޒް" ތަކުންނެވެ.

Popular