11 Jan 2019

ޝަމްވީލް ހަނދާންކުރަނީ އަލަށް މަހަށް ދިޔަ ދުވަސް

ޝަމްވީލް ހަނދާންކުރަނީ އަލަށް މަހަށް ދިޔަ ދުވަސް

By: Aishath Maahaa

ތިޔައީ މަސްވެރިއެއް ހެއްޔެވެ؟ އެއްވެސް ތަޖުރިބާއެއް ނެތި އަލަށް މަހަށް ދިޔަ ދުވަސް ހަނދާން އެބަހުރި ދޯ އެވެ. އެއީ މަޖާ ދުވަހެއް ނޫން ހެއްޔެވެ؟ ރަނގަޅަށް ދޮށި އެއްލަން ނޭނގި ގަދަ ކަނޑުގައި ހޭދަވި އެ ދުވަސްތައް ހަނދާނެއް ވެސް ނުނެތޭނެ އެވެ.

އެ ހަނދާންތައް މި ފަހަރު މި އާކޮށްދިނީ ޝަމްވީލް މުހައްމަދު (ބަރޯ) އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނުން ތިން ވަނަ ހޯދައިގެން މަޝްހޫރުކަން ހޯދި ޝަމްވީލްގެ ދެވަނަ ލަވަ ހާއްސަކޮށްފައިވަނީ މަސްވެރިންނަށެވެ. އެ ލަވައިގެ ނަމަކީ "އޮޑިދީލަ" އެވެ.

"މި ލަވައިގައި ކިޔައިދޭނީ މަސްވެރިކަން ނޭނގޭ މީހަކު އަލަށް މަހަށް ދިޔަ ދުވަހު ދިމާވި ކަންތައްތަކެއްގެ ވާހަކަ،" ޝަމްވީލް ބުންޏެވެ.

"އޮޑިދީލަ" އަކީ ޝަމްވީލްގެ ފުރަތަމަ އަލްބަމް "ސޮރު"ގެ ފުރަތަމަ ލަވަ އެވެ. އެ ލަވަ މިހާރު ލަވަފޮށި މެދުވެރިކޮށް އަޑުއެހޭނެ އެވެ.

ޝަމްވީލް ބުނީ އެ ލަވައިގެ ވީޑިއޯ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަލްބަމްގެ ފަހަރަކު ލަވައެއް ލަވަފޮށި މެދުވެރިކޮށް ނެރެމުންދާނެ ކަމަށެވެ.

ޝަމްވީލްގެ އަމިއްލަ ރާގަކަށް އެ ލަވައިގެ ލިރިކްސް ތައްޔާރުކޮށްފައިވަނީ އަލީ ނައުފަލް އެވެ. ޝަމްވީލް ބުނީ އެ ލަވަޔަކީ ހަތަރު މަސް ދުވަހުގެ މަސައްކަތް ކަމަށެވެ.

ޝަމްވީލް ވަނީ އައިޑޮލް އަށްފަހު ގިނަ ކަވާލަވަތަކެއް ވެސް ގެނެސްދީފަ އެވެ.

Popular