18 Mar 2019

ކައިވެނި ޕާޓީގައި ޖަހާނީ ކޮން ލަވަތަކެއް؟

ކައިވެނި ޕާޓީގައި ޖަހާނީ ކޮން ލަވަތަކެއް؟

By: Ifraz Ali

ކައިވެންޏެއްގެ އެންމެ ކުލަ ހަނދާންތައް ގިނަ ފަހަރަށް ގުޅިފައި އޮންނާނީ ވެޑިން ޕާޓީއާ އެވެ. އެ އުފާވެރި މާހައުލު ފަޅުފިލުވައިލަދޭ އެކައްޗަކަށް ވާނީ މިއުޒިކެވެ. މާމަ އާއި ކާފަ ނަށާލައި، މަންމަ އާއި ބައްޕަ ލަވައެއް ކިޔާލައި އަދި ރައްޓެހިންގެ ފަރާތުން މިކަމުގައި މަޖާ ނެގުމަކީ މިހާރު ވެޑިންތަކުގައި އޮންނަ ކަމެކެވެ. ހަނދާނަށް ރައްކާކުރާނެ އެތައް ކަމެކެވެ.

އަހަރުތަކެއް ކުރިއަށް ބަލާ ނަމަ ވެޑިންތަކުގައި މިއުޒިކު ޖެހީ ސެޓުތައް ބަހައްޓައިގެންނެވެ. މިހާރު ވެސް ލަވަ ޖަހަ އެވެ. އެކަމަކު ތަފާތު ކަމަކަށް މިހާރު ފެންނަނީ ބޭންޑުތައް ގެނެސްގެން ލައިވް މިއުޒިކު ކުޅުވުމެވެ. އެކަމަކު ދައްކަން މިއުޅެނީ އެ ތަފާތުގެ ވާހަކައެއް ނޫނެވެ. ބަދަލު ނުވި، މި ވެޑިންތަކުގައި ޖަހާ ލަވަތަކެވެ.

މީގެ ކުރިން ވެޑިންތަކުގައި އެންމެ އާންމުކޮށް ޖަހައި އުޅުނީ އިނގިރޭސި ލަވަތަކެވެ. ލަވަ ޖަހަންޏާ މިހާރު ވެސް އެންމެ އާންމުކޮށް ޖަހަނީ އިނގެރޭސި ލަވަތަކެވެ. އެންމެ ގިނައިން ޖަހާ އެއް ލަވައަކަށް އެލްޓަން ޖޯންގެ "ސެކްރިފައިޒް" ވާނެ އެވެ. އެކަމަކު މި ލަވައަކީ ކައިވެންޏެއް ރޫޅުމުގެ ވާހަކަ ކިޔައިދޭ ލަވައަކަށް ވާތީ މުނާސަބަތާ ގުޅޭހެއްޔެވެ؟

ވެޑިން ޕާޓީތަކުގައި އެންމެ ގިނައިން ޖަހާ ކަމަށް ފާހަގަވެފައިވާ އިނގިރޭސި ލަވަތައް:

- ނަތިންގްސް ގޮނަ ޗޭންޖު މައި ލަވް ފޯ ޔޫ / ޖޯޖް ބެންސަން

- އައި ޖަސްޓް ކޯލްޑް ޓު ސޭ އައި ލަވް ޔޫ / ސްޓީވީ ވަންޑާ

- ވިކެޑް ގޭމް / ކްރިސް އިސާކް

- ކެއާލެސް ވިސްޕާ / ޖޯޖް މައިކަލް

- ރައިޓް ހިޔާ ވެއިޓިން / ރިޗާޑް މާކްސް

- އެވްރީތިން އައި ޑޫ / ބްރަޔަން އެޑަމްސް

އެލްޓަން

ލައިވް މިއުޒިކާ އެކު މިހާރު ދިވެހި ލަވަތަކަށް އޮންނަ ތަރުހީބު ވެސް ވެޑިން ޕާޓީތަކުގައި ބޮޑެވެ. ވެޑިންތަކުގައި ލައިވް މިއުޒިކް ކުޅެމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބުނީ ދިވެހި ލަވަތަކުގެ ތެރެއިން އެންމެ ގިނައިން ރިކުއެސްޓް އަންނަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ އަލީ ރަަމީޒް އަދި މުހައްމަދު ހުޒާމްގެ ލަވަތަކަށް ކަމަށެވެ.

"ގިނަ ފަހަރަށް، ކައިވެނި ކުރާ ފަރާތުން ފޮނުވާނީ ރިކުއެސްޓް ލިސްޓެއް، އެމީހުން ބޭނުންވާ ލަވަތަކުގެ. އޭގައި އެބަހުރޭ ދިވެހި، އިނގިރޭސި އަދި ހިންދީ ލަވަތައް ވެސް. ބައެއް މީހުން ބޭނުންވާނީ މަޑުމައިތިރި ލަވަތައް، އަނެއް ބައި ފަހަރު ކުޑަކޮށް ނަށާލެވޭ ކަހަލަ ލަވަތައް،" މިހާރު ވެސް ވެޑިންއެއްގައި މިއުޒިކް ކުޅުމަށް ތައްޔާރުވަމުން އަންނަ ޝަލަބީ ބުންޏެވެ.

ވެޑިން ޕާޓީތަކުގައި ލައިވް މިއުޒިކް ކުޅޭ ފަރިތަ މޫނަކަށް "ދި ކްލިއޯ" ބޭންޑް ވާނެ އެވެ. އެ ބޭންޑްގެ ލީޑް ވޯކަލިސްޓް އަހްމަދު ނާޝިއު ވެސް ބުނީ ކައިވެނި ކުރާ ފަރާތުން އެމީހުން ބޭނުންވާ ލަވަތަކުގެ ލިސްޓެއް ގިނަ ފަހަރު ފޮނުވާ ކަމަށެވެ.

"އަހަރެމެން ކުޅެން ދިވެހި، އިންގްލިޝް އަދި ހިންދީ ލަވަތައް ވެސް. ގިނައިން ރިކުއެސްޓް ކޮށްފައި މި ހުންނަނީ ލޯބީގެ ލަވަތަކަށް،" ނާޝިއު ބުންޏެވެ.

ދިވެހިން ވެޑިން ޕާޓީތައް ބާއްވާ ސްޓައިލަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، މިއުޒިކުގެ ރަހަގަނޑަށް ވެސް މިހާރު ބޮޑު ބަދަލެއް އައިސްފި އެވެ. ލޯބީގެ ލަވަތަކުގެ އިތުރުން މިހާރު އެންމެ ފޯރިގަދަ ޕާޓީ ސޯންގްސްތައް ވެސް ވެޑިންތަކުގައި ޖަހަ އެވެ. ހާއްސަކޮށް ހިންދީ ޕާޓީ ސޯންގްސް އެވެ.

ކައިވެނި ހަފްލާ

Popular