12 May 2019

ކިޑީ އަށް "ކިޑެއް"، މަރުހަބާ!

ކިޑީ އަށް "ކިޑެއް"، މަރުހަބާ!

By: Aishath Maaha

ދިވެހި ސެލެބްރިޓީ ޖޯޑުންގެ ތެރެއިން އެންމެ މަގުބޫލު ޖޯޑަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި އިބްރާހީމް ހަމީޝް، 36 އެވެ. މި ދެ ތަރިންނާ ގުޅޭ ކޮންމެ ހަބަރަކީ ފޭނުން އަޑުއަހާލަން ކެތްމަދު ވެފަ ތިބޭ ހަބަރެކެވެ. އެގޮތުން މިއޮތީ ފޭނުންނަށް ލިބޭނެ އެންމެ އުފާވެރި ޚަބަރެކެވެ. ކިޑީ އަދި ހަމީއަށް މިއަދު ފިރިހެން ދަރިއަކު ލިބުނު ހަބަރެވެ. މިއީ އުމުރުން 33 އަހަރުގެ ލަވަކިޔުންތެރިޔާ އާއި ހަމީ ގެ އަލަތު ދަރިފުޅެވެ.

ކިޑީ ވިހެއީ މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ހަމީޝް ބުނީ ކިޑީ އަދި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ. މިދިޔަ ދުވަސްތަކުގައި އެ ދެ ތަރިންނަށް ކުއްޖަކު ލިބެން އުޅޭ ވާހަކަ ފެތުރިގެން ދިޔަ ނަމަވެސް ރަސްމީކޮށް އެކަމަށް އެއްވެސް އެއްޗެއް އެމީހުން ބުނެފައެއް ނުވެ އެވެ.

ކިޑީ އާއި ހަމީ މިއަދު އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާކިޔާފައިވާއިރު މި ދެމަފިރިން ފާހަގަކުރަމުން ދަނީ އެމީހުންގެ ކައިވެނީގެ 10 ވަނަ އަހަރެވެ. ކިޑީ އާއި ހަމީ ކައިވެނިކޮށްފައި ވަނީ 7 ޑިސެމްބަރު 2008ގަ އެވެ. އޭގެފަހުން ހަމީ ވެފައި ވަނީ ކިޑީގެ ހަޔާތުގެ ބައިވެރިޔަކަށް އެކަންޏެއް ނޫނެވެ. އޭނާ އަކީ ލަވައިގެ ދުނިޔޭގައި ކިޑީގެ މެނޭޖަރު ވެސް މެ އެވެ.

ހަމީ އާއި ކިޑީ އެންމެ ފުރަތަމަ ބައްދަލުވެ ތައާރަފުވީ 2005 ވަނަ އަހަރު، ބަނޑޮހުގައި އޮތް ޝޯއެއްގެ ތެރެއިންނެވެ. މަޝްހޫރު އެމޭޒަން ޖޭޑްގެ އެ ޝޯގައި ކިޑީ ލަވަކީ އިރު ހަމީ ހުރީ ދިރާގުގެ އެ ޝޯގެ ބައިވެރިިންގެ ހެދުމުގައި މާ ޖަހާށެވެ. ދެ މީހުންގެ ލޯބި ފެށިގެން ދިޔައީ އެރޭ ހަމީ ދިއްކޮށްލި އޯކިޑް މަލަކުންނެވެ.

މެނޭޖަރެއްގެ ގޮތުގައި ކިޑީ ގޮވައިގެން ހަމީ ހޭވައްޓާލާފައި ކާމިޔާބީ އަށް ވާސިލުވަމުން އަންނައިރު އުނޫޝާގެ ކެރިއަރުގެ އެންމެ ބޮޑު ހައިލައިޓަކީ މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނެވެ. އޭގެ އިތުރުން ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ރިކޯޑްކުރި ފުރަތަމަ ދިވެހި އާޓިސްޓަކީ ވެސް ކިޑީއެވެ.

Popular