9 Dec 2019

By: Ifraz Ali

މުހައްމަދު ޝިއުޒް މިއުޒިކް ޝޯތަކުން ފެންނަލެއް މަދުވި ނަމަވެސް، ރިސޯޓް މިއުޒިކްގައި އޭނާ އުޅެމުން އަންނަތާއި މިހާރު 18 ވަރަކަށް އަހަރުވީ އެވެ. މިއުޒިކް ޝޯތަކާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އަނެއްކާ ވެސް ބޮޑު ޝޯއަކަށް ޝިއުޒް އެނބުރި މި އަންނަނީ، އަންނަ ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ ބައިސްކޯފްގެ ޗަނާޗާ ޝޯ އަށެވެ.

ކުރީގެ މަޝްހޫރު ބޭންޑްތައް ކަމުގައިވީ ކުއިކްސޭންޑާއި ޓުވެންޓިއަތު ސެންޗުރީ ބީސީ ފަދަ ކުލެސިކް ބޭންޑްތަކަށް މިއުޒިކް ކުޅުނު ހުނަރުވެރިއެއް ކަމަށްވާ ހަސަންދީ އަކީ ޝިއުޒްގެ ބައްޕަ އެވެ. ބައްޕަގެ ފިޔަވަޅުމަތިން ކީބޯޑް ކުޅެމުން މިއުޒިކްގެ ދުނިޔެ އަށް ވަދެ ޝިއުޒްގެ ފުރަތަމަ ލަވަ، "އޭ މަލާ އިޝްގީ" ރިކޯޑްކުރީ 1998 ވަނަ އަހަރު އެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

"ކާލާ މަންނަ" "ހީވިއޭ" އަދި "ކުލަ ޔެލޯ" ކަހަލަ ފަހުގެ ލަވަތަކުން ޝިއުޒު މަޝްހޫރުވުމުގެ ކުރިން އޭނާ އަސްލު ތަރިއަކަށް ބަދަލުކޮށްލަދިން ލަވަ އަކީ "އޭ މަލާ" އެވެ. ޓަސް އާއި ޑިންބާ މިއުޒިކާ އެކުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި ޝިއުޒްގެ އަލަތު އަލްބަމަކީ ޑިންބާ ފެމިލީއާ އެކު ނެރުނު "ކުލަ ޔެލޯ" އެވެ.

"ބޮޑެތި ޝޯތަކުން ނުފެނުނު ނަމަވެސް މިދިޔަ ދުވަސްތަކުގައި ކުދި ޝޯތަކާއި ޓީވީ ޝޯތަކުގައި ވެސް ޕާފޯމްކޮށްފައި ހުންނާނެ،" މިއުޒިކާ އެއްކޮށް ދުރަށް އެއްވެސް އިރަކު ނުދާ ކަމަށް ޝިއުޒް ބުންޏެވެ.

ލިބޭ ފުރުސަތެއް ވެއްޖެ ނަމަ ވަގުތު އޮތްވަރަކުން އަބަދުވެސް ޝޯތަކުގައި ޕާފޯމްކުރާ ކަމަށް ޝިއުޒު ބުންޏެވެ.

ޝިއުޒް ބުނީ ބައިސްކޯފުން މި ބާއްވާ މިއުޒިކް ޝޯއަކީ ދިވެހި ފަންނާނުން ވަރަށް ބޭނުންވެފައި ތިބި އަދި ވަރަށް ގިނައިން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިހާރު ވެސް ފަންނާނުންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭ ޕްލެޓްފޯމްތައް މަދުވުމާއެކު މިއީ ލިބޭ އިތުރު ރަނގަޅު ފުރުސަތެއް ކަމަށެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

"އަމިއްލަ އުފެއްދުން އުފައްދާ މީހުނަށް ލިބޭ ވަރަށް ރަނގަޅު އޮޕަޗިއުނިޓީއެއް. ލައިވް އޯޑިއެންސަކަށް ޕާފޯމްކޮށްދޭން،" ޝިއުޒް އަދި ބުނީ ފާންނާނުން ކުރާ މަސައްކަތް އަސްލު އަގުވަޒަން ކުރެވޭ ކަހަލަ ޕްލެޓްފޯމެއް ބައިސްކޯފުން ދޭތީ އެއީ މިއުޒިކް ކޮމިނިއުޓީއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"2020 އަށް އެބަ ރާވަން ތަންކޮޅެއް ޔުނީކް ކޮންސެޕްޓަކަށް، ނޯމަލް އެތިން ބޭރުގައި އެއްޗެހިތަކެއް ރާވާލައިގެން، މީހުނަށް ކުޑަކޮށް އެގްޒައިޓިން އެއްޗެހިތަކަށް ޕާފޯމްކޮށްދެވޭތޯ،" ކުރިއަށް ރާވާމުން ދާ ކަންކަން ޝިއުޒް ކިޔައިދިނެވެ.

Popular