10 Dec 2019

ބަބުރު ސީނާއެކު ސަގާފަތުގެ ތެރެއަށް!

ބަބުރު ސީނާއެކު ސަގާފަތުގެ ތެރެއަށް!

By: Aminath Ibrahim

ބައިސްކޯފްގެ ޗަނާޗާގައި މިފަހަރު އެންމެ ބޮޑު ސަޕްރައިޒް ގިގެއް ދޭން ތައްޔާރަށް އޮތީ އެ ޝޯ އިން މިއުޒިކް މައިދާނަށް ރަސްމީކޮށް ނިކުންނަން ތައްޔާރުވާ ބަބުރު ސީނެވެ. ތަފާތު ނަމެއް ކިޔައިގެން މި މީހުން މިފަހަރު މި އަންނަނީ ހަގީގަތުގައި ވެސް ޝޯގެ ރަހަ ތަފާތު ކޮށްލާށެވެ. އެގޮތަކީ ބަބުރު ލަވަތަކުން އިންސްޕަޔާވެގެން، ބޭންޑަށް ނަން ކިޔައިގެން، މައިގަނޑު ވާހަކައަކަށް ވެސް ސަގާފަތް ދިރުވުމުގެ ވާހަކަ ދައްކާތީ އެވެ.

ފަސް މީހުންގެ ހިޔާލަކުން، މީގެ ދެ އަހަރެއް ކުރިން އުފެދުނު ބަބުރު ސީނުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ޑިޑްގެރިޑޫ އާއި ބޮޑު ބެރެވެ. ބަބުރު ލަވަ އެވެ. ބޭންޑަށް ބަބުރު ސީނު ކިޔުނީ، ބޭންޑްގެ މިއުޒިކާއި މަގްސަދު އެއްކޮށް ގުޅުވާލުމުގެ ބޭނުމުގަ އެވެ. ބަބުރުގެ ފަހަތުގައި އެ އޮތް "ސީނު" މާނަކޮށްދެނީ ސަގާފަތެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

"ބޭންޑްގެ އެންމެ މެއިން އެއް ކުއްޖަކު އޮސްޓްރޭލިއާއިން އައި އިރު އައީ ޑިޑްގެރިޑޫ އެއް ހިފައިގެން. އޭރު އަޅުގަނޑު ވެސް މިކޮޅުގައި ޑިޑްގެރިޑޫ ޕްރެކްޓިސް ކުރަން. ދެން ދެމީހުން އެކުވެގެން ޕްރެކްޓިސް ކުރީ 2016 ވަނަ އަހަރުގެ ކައްޓި ހިއްވަރު ފެސްޓިވަލަށް އޭރު. ވަޖިދުޑޫ ނަމުގައި މޮޑަން މިއުޒިކާއި ޑިޑްގެރިޑޫ އެއްކޮށްގެން އިންސްޓްރޫމަންޓް މިއުޒިކެއް ކުޅުނީ. އެއީ އުފެދުނު ގޮތް،" ބޭންޑްގެ ޑްރަމަރު، އިބްރާހިމް ރިއްފަތު، ސިއްޕެ ބުންޏެވެ.

ސިއްޕެ ބުނާ ގޮތުން ބަބުރު ސީނަކީ އޮރިޖިނަލް ބަބުރު ލަވައާއި މިއުޒިކަށް ޝައުގު ހުރެ އެކަން ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް ހުޅުވާލާފައި އޮތް ބޭންޑެކެވެ. ހަތަރު މީހުން ބޭންޑުގައި ކުޅޭއިރު ޝަފްލް ވާގޮތަށް ކުޅޭ އިތުރު ފަސް މީހަކު ވެސް މިހާރު ހިމެނެ އެވެ. އެކަމަކު އެއްވެސް މީހެއްގެ ތައާރަފެއް ދޭން އަދި ބޭނުމެއް ނޫނެވެ. ބަބުރު ސީނު ޗަނާޗާ އަށް އަންނާނީ ހަމަ ފުލް ސަޕްރައިޒެއް ގޮތަށެވެ.

"ބޭނުން ވަނީ މީހުން މީގެ ކުރިން އަޑު ނާހާ ކަހަލަ މިއުޒިކެއް އިއްވަން. އަޑު އަހާފައި އެވީ ކިހިނެއް ހޭ ބުނާ ވަރު ކުރަން. ފަހަރެއްގައި އެންމެން ވަރަށް ލައިކް ވާ މިއުޒިކަށް ނުވެދާނެ. އެކަމަކު ހަމަ ޔަގީނުން ވެސް މީގެ ކުރިން އަޑު ނާހާ ކަހަލަ މިއުޒިކެއް އިވިގެން ދާނީ،" ސިއްޕެ ބުންޏެވެ.

ބަބުރު ސީނުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޝޯއެއް ނުކުޅެ އެވެ. ޗަނާޗާ ވެގެންދާނީ އެމީހުންގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ފެނިލުމަށެވެ.

ސިއްޕެ ބުނީ، ބައިސްކޯޕުން މިފަހަރު ހުޅުވާލީ ފަންނާނުންނަށް ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް އަމިއްލަ މިއުޒިކް އުފައްދާ މީހުންނާއި އަލަށް ދާއިރާއަށް އަލަށް ނިކުންނަ މީހުންނަށް ވެސް މިއީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ބޭނުންވަނީ ކިއުރިއޯސިޓީ ބިލްޑް ކުރަން. ހަމަ ޔަގީނުން ވެސް ތަފާތު ވާނެ. އެހެންވީމަ ބޭނުންވަނީ މި އަޑު އިވިފައި މީހުން މިއަށް އިންޓްރެސްޓް ކުރުވަން."

Popular