16 Sep 2020

By: Ifraz Ali

އިބްރާހިމް އަލީ (ކުޑަ އިއްބެ) ގެ އާ ލަވަ، "ގުނަމުން މިދާ" ގައި ކިޔައިދެނީ ވަރަށް ލޯބިން އުޅެމުން އަންނަ ދެމަފިރިއެއްގެ ގުޅުމާއި އެމީހުންގެ ހަޔާތުގެ ވާހަކަތަކެވެ. މީގެ ދެ މަސްކުރިން ނެރުނު މި ލަވައިގެ އޮފިޝަލް ވީޑިއޯ ލަވަ ނެރުނީ ރޭގަ އެވެ. މި ލަވައިގެ ވީޑިއޯ އިން ފެންނަނީ ޓިކްޓޮކުން މަގުބޫލުވެ، މިހާރު ފިލްމީ ދާއިރާއިން ވެސް ފެންނަ ޒުވާން މޫނެއް ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއެކު އެކްޓަރު އަދި ކޮރިއޯގްރެފާ އިސްމާއިލް ޖުމައިހް (ޖުމާ) އެވެ.

މި ދެ ތަރިންގެ ކެމިސްޓްރީ، މި ލަވައިގެ ލިރިކްސްއާ ގުޅިގެން އަންނައިރު، ވަރަށް "ލޯބިލޯބި" ކަމަށް ބައެއް މީހުން ބުނެ އެވެ. މީހުން އަސްލު ބުނަނީ، ކުޑައިއްބެގެ މި ލަވަ އަށް ވުރެން ވެސް ދެ މީހުންގެ ކެމިސްޓްރީ ސަޅިވެފައި ލޯބި ކަމަށެވެ.

ކުޑަ އިއްބެގެ އަމިއްލަ ސްޓޫޑިއޯ "ޓޮނިކް ލައިވް ސްޓޫޑިއޯ" އިން ޕްރޮޑިއުސް ކުރި މި ލަވަ ކިޔާފައި ވަނީ ކުޑަ އިއްބެއާ އެކު ލަވަކިޔުންތެރިޔާ އަދި މިހާރު އެކްޓިންނަށް ނިކުންނަ ތައްޔާރުވަމުން އަންނަ، މަރިޔަމް އަޝްފާ އެވެ. އަދި މި ލަވައިގެ ލިރިކްސް ލިޔުނީ ހުސެއިންނެވެ.

ކުރިން ވަނީ މި ލަވައިގެ އޯޑިއޯއެއް ވެސް ނެރެފަ އެވެ. ކުޑަ އިއްބެ ބުނީ ވީޑިއޯ ހަދަން ނިންމީ، މި ލަވައިގެ ޑައިރެކްޓަރު، އަޒްމަތު އަބްދުލް ރައްޒާގު (އައްބެ) އެކަމަށް ޝައުގުވެރި ވީމަ އެވެ. ވީޑިއޯ އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ، ބައިސްކޯފްގެ ވެބް ސީރީޒް "އެހެނަސް" ގެ ވެސް ވީޑިއޯގެ މަސައްކަތްކުރާ "ލައިޓްސް އައުޓް ޕްރޮޑަކްޝަން" އިންނެވެ.

"ގުނަމުން މިދާ" ލަވައިގެ މަންޒަރެއްގައި އާޝާ އާއި ޖުމާ.

"އިއްބެއާ ދިމާވޭ ކޮފީތަކުން. އެހެން އުޅެމުން އެއް ދުވަހަކު ވަރަށް ރީތި ލަވައެއް އިއްވާލަންހޭ ކިޔާފައި ޖެހީ މި ލަވަ،" އެ ލަވަ މާ ބޮޑަށް ކަމުގޮސް އަދި އެއަށް ވީޑިއޯ ލަވައަށް ތައްޔާރުކުރަން މާ ބޮޑަށް ޝައުގުވެރިވެ، އެކަމަށް ކުޑަ އިއްބެ ގާތުގައި އެދުނު ކަމަށް އައްބެ ބުންޏެވެ.

"ކާސްޓުން ހޯދިއިރު ބޮޑަށް ބެލީ، މިހާރު އެންމެ މަގުބޫލު އެކަކީ އާޝާއަށް ވީމާ އާޝާ ނެގީ. އާޝާގެ އުފަންދުވަހު، މިއަދު މި ލަވަ މި ނެރުނީ ވެސް،" އެމީހުން ބޭނުންވިހާ ފުރިހަމައަށް ލަވަ ނިންމާލެވުނީ ޖުމާގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް އައްބެ ބުންޏެވެ. އަދި ލަވައިގެ މޭކަޕްގެ ކަންކަމާއި ހަލާވުވި ސޭންޑީގެ ނަން ވެސް އޭނާ ފާހަގަކުރި އެވެ.

Popular