20 Oct 2020

ދިވެހި ލަވައިގެ ޗާޓުން ދުވަހަކުވެސް އަލީ ރަމީޒެއް ނުވެއްޓޭނެއޭ ބުނަމުން ދަނިކޮށް ވަރަށް ބޮޑު އާދޭހަކާ އެކު އަސަރުން ފުރިގެންވީ މެސެޖެއް އޭނާ މިއަދު އާންމުކޮށްފި އެވެ. އަމިއްލަ ފޭސްބުކް ޕޭޖުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް، އަދިވެސް އަލީ ރަމީޒުގެ ލަވަތަކަށް ލޯބިކޮށް އެ ލަވަތައް އަޑުއަހަމުން ގެންދާ ފަރާތްތަކަށް އާދޭހާއެކު ގޮވާލާފައި ވަނީ އޭނާގެ ލަވަތައް އަޑު ނޭހުމަށާއި މިއުޒިކާ ގުޅުވައިގެން އޭނާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. އައްޔަ ބުނަނީ އެ ހުރިހާ ކަމަކީ ވެސް އޭނާ އަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

"އެކަމަކީ އަޅުގަނޑަށް ކުރެވޭ ވަރަށް ބޮޑު އުނދަގުލެކެވެ. އަދި އަޅުގަނޑަށް ދެވޭ އަނިޔާއެކެވެ. ވީމާ މިފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެންމެހައި ބޭފުޅުންގެ އަހިރުން އަޅުގަނޑު އާދޭސް ދަންނަވަމެވެ،" ގާތްގަނޑަކަށް ހާހެއްހާ މީހުން ޝެއާކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި އަލީ ރަމީޒު ލިޔެފައިވެއެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން މިފަދަ އިލްތިމާސްތަކެއް އާންމުނަށް ކޮށްފައެވެ. އަދި ޓީވީއެމް އާއި ރޭޑިއޯ ފަދަ ތަންތަނުން އޭނާގެ ލަވަތައް ނުދެއްކުމަށާއި ނުޖެހުމަށް އެދިފައިވެއެވެ. ނަމަވެސް އެފަދަ ހުއްޓުމެއް "އަލީ ރަމީޒުގެ ޕްލޭލިސްޓަކަށް" އަދިވެސް ނާދެއެވެ.

މިއަދުގެ ޕޯސްޓުގައި ކުރީގެ ވާހަކަތައް ތަކުރާރުކޮށް އޭނާ ބުނެފައި ވަނީ "އަޅުގަނޑަކީ ﷲއަށް ޓަކައި މިއުޒިކަށް އިންތިހާ އަށް ނަފުރަތު ކުރާ މީހަކީމެ" އެވެ. އަދި އެ ގަބޫލުކުރުމާ އެކު އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ހަޔާތެއް ވޭތުކޮށް އަނބި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށް ބުނެފައިވެއެވެ.

"އެހެންކަމުން އަޅުގަނޑު ކިޔާފައިވާ ލަވަތައް ޖެހުމާއި ޓީވީ އަދި ރޭޑިއޯ ތަކުން ފޮނުވުމާއި އޭގެން ވިޔަފާރި ކުރުމާއި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި ސޯޝަލް މީޑިއާގެ އިތުރުން އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އަޅުގަނޑުގެ ލަވަތައް ފެތުރުމާއި އަޅުގަނޑުގެ މިއުޒިކް ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމާއި އަޅުގަނޑާ މިއުޒިކާ ގުޅުވައިގެން މިއަދު ވެސް އަދި އަޅުގަނޑު ނެތް ދުނިޔެއެއްގައި ވެސް އިސްލާމް ދީނުގައި މަނާކުރައްވާފައިވާ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑު ރުހޭ ކަމެއް ނޫނެވެ،" އަލީ ރަމީޒުގެ ދިގު ޕޯސްޓުގައި އަސަރާ އެކު ލިޔެފައިވެއެވެ.

އަލީ ރަމީޒުގެ ފޭސްބުކް ޕޯސްޓް.

ނިންމާލަމުން އޭނާ އެދިފައި ވަނީ "ހެޔޮ މަގުގައި، މުސްލިމު އަޚެއްގެ ހައިސިއްޔަތުން (އެންމެން ވެސް)" އޭނާ އަށް އެހީތެރިވެ ދިނުމަށެވެ. އަދި މިއީ އެދޭ ވަސިއްޔަތެއް ކަމަށް ބުނެފައިވެއެވެ.

އަލީ ރަމީޒުގެ ލަވަތައް ލޯކަލް ޗެނަލްތަކާއި ރޭޑިއޯތަކުން އާންމުކޮށް ގެނެސްދޭއިރު އޭނާގެ ލަވަތައް ވިޔަފާރީގެ އުސޫލަކުން މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަނީ މިއުޒިކް ސްޓްރީމިން އެޕްލިކޭޝަން "ލަވަފޮށި" އިންނެވެ.

Popular