16 Nov 2020

By: Ifraz Ali

މޯލްޑިވިއަން އައިޑޮލްގެ ފަހު ސީޒަންގައި ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާގެ އަޑުން "މާ ލިލީ" އަޑު އިވުނު ފަހުން، ބޭސިސްޓެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގުނު މިރާހު އަލީ ބޭނުންވީ އެ ލަވައިގެ ރިމިކްސްއެއް ތައްޔާރުކުރާށެވެ. އެ ހިޔާލު ބަދަލުވަމުން އައިސް، އޭގެ ދެ އަހަރު ފަހުން، މިރާހު މި ގެނެސްދިނީ އެ ލަވައިގެ އާ ރެންޑިޝަންއެކެވެ.

މި ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލް ފުރަތަމަ ސީޒަންގެ އޮޑިޝަނުން ވަރަށް ގިނަ ބައެއްގެ ލޯބި ހޯދި އިގްޔާން ރަފީއު އެވެ.

ލަވަކިޔުންތެރިޔާ އިގްޔާން ރަފީއު.-- ފޮޓޯ:ޑިޖިޓަލް ފްލޮކް

"މާ ލިލީ" އަކީ ކުރީގައި ހއ.ހޯރަފުށީ މީހުން ލަނގިރިޖަހާއިރު ކިޔާ އުޅުނު ލަވައެއް ކަމަށްވެ އެވެ. މޯލްޑިވިއަން އައިޑޮލްގައި ޒާރާ މި ލަވަ ކީ ފަހުން ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ. އޭގެ ކުރިން ވެސް މި ލަވަ ވަރަށް މަޝްހޫރެވެ.

އިގްޔާންގެ އަޑުން މި ލަވަ އިވުމުގެ އިތުރުން، ހާއްސަވާ އަނެއް ސަބަބަކީ މީގެ ކޮޔަގައި ވަރަށް ގިނަ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވެފައިވުމެވެ.

މި ލަވައިގެ ކޮޔަގައި ބައިވެރިވި ބައެއް ލަވަކިޔުންތެރިން.-- ފޮޓޯ:ޑިޖިޓަލް ފްލޮކް

"ވަރަށް ގިނަ މިއުޒީޝަނުން ބައިވެރިކުރަން މަސައްކަތް ކުރިން. އެއީ މި ލަވަ އެހާ މަޝްހޫރުކޮށްދިން ޒާރާއަށް ދޭ ކުޑަ ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދިނުމަށްޓަކާ. އަދި ބޭނުންވީ މިއުޒިކް ކޮމިއުނިޓީގައި އޮތް އެންމެންގެ އެކުވެރިކަން ދައްކައިދޭން،" މިރާހު ބުންޏެވެ.

ކޮޔަގައި ބައިވެރިވި ބައެއް ލަވަކިޔުންތެރިންގެ ތެރޭގައި މީރާ މުހައްމަދު މާޖިދު، ޝަލަބީ އިބްރާހިމް، ހަސަން އިރުފާން (ޒަކިއްޓެ)، އަބްދުﷲ ފަރްހާން (ފައްފު) އަދި އައިޝަތު އަޒަލް ފަދަ އަދިވެސް އިތުރު އެހެން ވަރަށް ގިނަ އާޓިސްޓުން ހިމެނެ އެވެ. ރާއްޖެއިން ބޭރުގެ ބައެއް އާޓިސްޓުން ވެސް ބައިވެރިވި އެވެ.

ޑިޖިޓަލް ފްލޮކްގެ ފައުންޑާ މިރާހު އަލީ.-- ފޮޓޯ:ޑިޖިޓަލް ފްލޮކް

"ފުރަތަމަ ވިސްނީ މީގެ ރިމިކްސްއެއް ހަދަން. މަޑުމަޑުން އެ ވޯކް ކުރަމުން ޑްރަމްސް ލިޔެވިއްޖެ. ޑްރަމްސް ލިޔެވުނީމާ ހިތަށް އެރީ އަސްލު ތަންކޮޅެއް ބޮޑުކޮށްލަން ވިއްޔޭ. އެހެން އެއްޗެހި އިތުރުވީވަރަކަށް ޕްރޮޖެކްޓް ބޮޑުވަމުން އައީ،" މެލޭޝިއާގައި ފައުންޑޭޝަން އިން މިއުޒިކް ކިޔެވި މިރާހު ބުންޏެވެ.

"އިގްޔާންގެ ވޮއިސް ރޭންޖާއި ކިޔާ ގޮތަށް ބަލައިފައި ގަބޫލުކުރެވުނީ އެންމެ ރަނގަޅުވާނީ އޭނާ ކަމަށް."

ޑިޖިޓަލް ފްލޮކްގެ "މާ ލިލީ".

މިރާހުގެ އަމިއްލަ ލޭބަލް "ޑިޖިޓަލް ފްލޮކް" އިން ޕްރޮޑިއުސްކުރި މި ލަވައިގެ މިކްސިން އެންޑް މާސްޓަރިންގެ ހުރިހާ ކަމެއް ކުރީ އޭނާ އަމިއްލަ އަށެވެ.

ޔޫޓިއުބްގައި ރިލީޒްކޮށްފައިވާ މި ލަވައިގެ ވީޑިއޯގެ މަސައްކަތް ކުރީ އަޖުފާން އަޒީޒް އެވެ. އަދި ސްޕޮޓިފައިން ވެސް މި ލަވަ އަޑުއެހޭނެ އެވެ.

ލަވަކިޔުންތެރިން

Popular