26 Nov 2020

ގްރޭމީ އެވޯޑަށް ކޮރަޕްޝަންގެ ތުހުމަތު

ދި ވީކެންޑް އާއި ޖަސްޓިން ބީބާ ވަނީ ގްރެމީގެ ނޮމިނޭޝަންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި

ދި ވީކެންޑް އާއި ޖަސްޓިން ބީބާ ވަނީ ގްރެމީގެ ނޮމިނޭޝަންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި

By: Ifraz Ali

އެމެރިކާގެ އެންމެ ޝަރަފުވެރި އެއް މިއުޒިކް އެވޯޑް ކަމަށްވާ، ގްރެމީ އެވޯޑްސްގައި އަންނަ އަހަރު ވާދަކުރާ ބައިވެރިންގެ ނޮމިނޭޝަންތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ޖެނުއަރީ 31 ގައި ބާއްވާ، 63 ވަނަ ގްރެމީ އެވޯޑްސްގެ ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި މިފަހަރު އުޅެނީ މިއުޒިކް ލެޖެންޑް، ބިޔޯންސޭ އެވެ. ބިޔޯންސޭއަށް ޖުމްލަ ނުވަ ނޮމިނޭޝަނެއް ލިބިފައިވެ އެވެ. -- މި ނޮމިނޭޝަންތަކަށް ފަހު، ގްރެމީ އެވޯޑްސް އިންތިޒާމްކުރާ ރިކޯޑިން އެކަޑެމީ އަށް ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެ، ކޮރަޕްޝަންގެ ތުހުމަތު ވެސް މިހާރު ވަނީ ކޮށްފަ އެވެ.

ގްރޭމީ އަށް ކޮރަޕްޝަންގެ ތުހުމަތުކުރީ، "އާފްޓަ އަވާސް" ގެ ނަމުގައި މިއަހަރު ވަރަށް ކާމިޔާބު މިއުޒިކް އަލްބަމެއް ގެނެސްދިން ކެނެޑާގެ ލަވަކިޔުންތެރިޔެއް ކަމަށްވާ، ދި ވީކެންޑް އެވެ. އާންމުންގެ މެދުގައި ދި ވީކެންޑްގެ އަލްބަމް ވަރަށް މަގުބޫލުވެ، ވިޔަފާރީގެ ގޮތުން ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އެކަމަކު މިފަހަރު ގްރެމީގައި އޭނާއަށް އެއްވެސް ނޮމިނޭޝަނެއް ލިބިފައެއް ނުވެ އެވެ.

"ބައިންޑިން ލައިޓްސް" -- ދި ވީކެންޑްގެ އަލްބަމް "އާފްޓާ އަވާސް" އިން އެންމެ މަޝްހޫރުވި އެއް ލަވަ.

"ގްރެމީ އަދިވެސް އޮތީ ކޮރަޕްޓުވެފައި،" ދި ވީކެންޑް ކުރި ޓުވީޓެއްގައި ލިޔެފައިވެ އެވެ. "އަހަންނަށާއި އަހަރެންގެ ފޭނުންނަށާއި އަދި މި އިންޑަަސްޓްރީއަށް ދެފުށް ފެންނަ ގޮތަށް [ގްރެމީ އިން] މަސައްކަތް ކުރަން ޖެހޭ."

ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ދި ވީކެންޑްއަށް އެއްވެސް ނޮމިނޭޝަނެއް ދީފައި ނުވަނީ ރިކޯޑިން އެކަޑެމީ އިން ޒާތީވެގެން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ގްރެމީ އެވޯޑްސް ހަފުލާގައި ޕާފޯމްކުރުމަށް ދި ވީކެންޑް އެއްބަސްނުވުމެވެ. ގްރޭމީގެ ބަދަލުގައި، ސުޕަ ބޯލް އިވެންޓްގެ ހާފްޓައިމް ޝޯގައި ދި ވީކެންޑް ޕާފޯމްކުރާތީ، އެކަމުގެ ހަސަދަ ފިލުވާލީ ކަމަށް ބައެއް ފޭނުން ވެސް ތުހުމަތުކުރެ އެވެ.

ރިކޯޑިން އެކަޑެމީން ތުހުމަތުތަކަށް އިންކާރުކުރޭ

ދި ވީކެންޑްގެ ޓުވީޓަށް ފަހު، ރިކޯޑިން އެކަޑެމީން ވަނި ބަޔާނެއް ނެރެފަ އެވެ. އަދި ދި ވީކެންޑާއި މީޑިއާއިން ކުރި ތުހުމަތުތަކަށް އިންކާރުކޮށް، އެ އެކަޑެމީން ބުނެފައި ވަނީ އޭނާއަށް ނޮމިނޭޝަނެއް ނުލިބުމާއި ސުޕަ ބޯލް އިވެންޓުގައި ޕާފޯމްކުރުމާއި އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. އަދި ދި ވީކެންޑް، ސުޕަ ބޯލްގައި ޕާފޯމްކުރާ ކަން އިއުލާންކުރީ ވެސް އެވޯޑް ނޮމިނޭޝަންތަކަށް ވޯޓު ދީ ނިމުނު ފަހުން ކަމަށް ވާތީ، އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

ޖަސްޓިން ބީބާ ވެސް ހިތްހަމަނުޖެހިފައި

ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަށް އަންނަ އަހަރުގެ ގްރެމީގައި ހަތަރު ނޮމިނޭޝަނެއް ލިބިފައިވެ އެވެ. އެއީ އެންމެ މޮޅު ޕޮޕް ވޯކަލް އަލްބަމާއި އެންމެ މޮޅު ޕޮޕް ސޯލޯ ޕާފޯމަންސް އާއި އެންމެ މޮޅު ޕޮޕް ޑުއޯ/ގްރޫޕް ޕާފޯމަންސް އަދި ބެސްޓް ކަންޓްރީ ޑުއޯ/ގްރޫޕް ޕާފޯމަންސްގެ ނޮމިނޭޝަނެވެ.

ޖަސްޓިން ބީބާގެ "ޗޭންޖެސް" އަލްވަމްގެ ލަވަ "ޔަމީ".

ގްރެމީ ނޮމިނޭޝަންތަކާއި މެދުގައި ހިތްހަމަނުޖެހިގެން ބީބާ ވަނީ ބަޔާނެއް ނެރެފަ އެވެ. އޭނާ ހިތްހަމަނުޖެހުނީ އޭނާ އެންމެފަހުގެ މިއުޒިކް އަލްބަމަށް ޕޮޕްގެ ދަރަޖަ ދިނުމުންނެވެ. އެ އަލްބަމް، "ޗޭންޖަސް" އަކީ ރާ އެންޑް ބީ އަލްބަމެއް ކަމަށާއި އެކަމަކު އޭނާއަށް ނޮމިނޭޝަންތައް ދީފައި ހުރީ ޕޮޕް ކެޓަގަރީން ކަމަށް ބީބާ ބުންޏެވެ.

ކޮރަޕްޝަން ގްރެމީ އެވޯޑްސް

Popular