By: Ahmed Jaishan
މިނިވަން ދުވަހުގެ ޖޯޝާއި ފޯރި ގެނެސްދޭ ދިވެހި ލަވަތައް ބައިވަރެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކީ 1996 ވަނަ އަހަރު ކުޑަކުދިންގެ ގްރޫޕެއް ވެގެން ނެރެފައިވާ "ހޯދައިދެއްވީ މީނިވަން"ކަން މި ލަވަ އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ގައުމީ ޗެނަލްތަކުން ވެސް އެ ލަވަ ދައްކަމުން އައެވެ. މި އަހަރުގެ މިނިވަން ދުވަހު އެ ލަވައަށް 25 އަހަރު ފުރުމާ ގުޅިގެން އެ ގްރޫޕު އެއްތަންވެ އަލުން އެ ލަވައިގެ އާ ވާޝަނެއް ނެރެފި އެވެ.
"ހޯދައިދެއްވީ މިނިވަން ވީ ޖައްވެކޭ، ރޯޝަން ކުރުވީ އުޖާލާ ފަތިހެކޭ،" މިހެން ކިޔާ ކަޑިއެއް ލަވައިގައިވާއިރު އެ ލަވައިން ދިވެހިންގެ ގައުމީ ރޫހު އިތުރުކޮށްލަ އެވެ. އެހާ ވަރުގަދަ ލަވައެއް 90ގެ ތެރޭގައި ނެރުނު އިރު އެ ލަވަ ކިޔުމާއި އެ ލަވައިގެ ހުރިހާ ކަމެއްގައި ހިމެނެނީ 18 އަހަރު ނުވާ ކުދިންތަކެކެވެ. ގާތްގަނޑަކަށް 15 ވަރަކަށް ކުދިން ހިމެނޭ އެ ގުރޫޕަށް ކިޔަނީ އެމޭޒަނަސް ޖޫނިއާސް އެވެ.
އޮރިޖިނަލް ލަވައިގެ ލީޑް ވޯކަލް ކިޔާފައިވާ އައިޝަތު ޖަލީލާއި އޭނާގެ ބައްޕަ އަހުމަދު ޖަލީލު އެކީގައި
ކުޑަކުދިންތަކެއް ކުޅުނު އެ ލަވައާ އެކު އެތައް ބަޔަކު ހައިރާންކޮށްލި އެވެ. އެތައް ބައެއްގެ ލޯބި ވެސް އެ ކުދިންނަށް ލިބުނެވެ. އެ ގްރޫޕު ހާއްސަވާ އަނެއް ސަބަބަކީ އެ ހުރިހާ ކުދިންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކަށް ވުމެވެ. އެއީ ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ކްރިކެޓު ކުޅުންތެރިޔެއް ކަމަށްވާ މަރުހޫމް އަހުމަދު ޖަލީލުގެ ކުދިންނެވެ.
ލަވައިގެ އޮރިޖިނަލް އޯޑިއޯ
"ހޯދައިދެއްވީ މިނިވަން" ލަވަ ރިލީޒުކޮށްފައިވަނީ 1996 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން ހޭއްޔަންބޯ ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެ ލަވަ ރިލީޒުކޮށްފައިވަނީ ޖަލީލު ހޭއްޔަންބޯ އަށް ދެއްވި އިންޓަވިއުއަކާ އެކުގަ އެވެ.
ލަވަ އެހާ ބޮޑަށް ވައިގައި ހިފީ، ކުޑަކުދިންތަކެއް ލަވަކިޔައި މިއުޒިކް ކުޅޭތަން ފެންނާތީ އެވެ. ލަވައިގެ ލީޑް ވޯކަލްސްގައި ހިމެނެނީ އުމުރުން 13 އަހަރުގެ އައިޝަތު ޖަލީލެވެ. އެ ގްރޫޕުގެ ލަވަކިޔުމާއި މިއުޒިކްގެ ކަންތައް އެ ކުދިން ކުރާއިރު ލަވައިގެ ޅެމުގެ މަސައްކަތް ކޮށްދީފައިވަނީ ޖަލީލެވެ. އެ ގްރޫޕުގެ އެހެން ލަވަތަކުގެ ޅެމުގެ މަސައްކަތް ވެސް ކޮށްދެއްވީ އޭނާ އެވެ.
ގްރޫޕު އަލުން ގުޅި ލަވައިގެ ރީމޭކެއް 25 އަހަރަށް ފަހު!
އެ ލަވައަށް 25 އަހަރު ފުރުމާ ގުޅިގެން ލަވައިގެ ރީމޭކެއް ހެދުމަށް ފަހު އަލުން ވަނީ ރިލީޒްކޮށްފަ އެވެ. ގްރޫޕުގެ އޭރުގެ ލީޑަރު އަޒްމީ ޖަލީލް ބުނި ގޮތުގައި ލަވައިގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގްރޫޕުގެ ހުރިހާ ބައިވެރިން ތިބި ތަނުން ވާޗުއަލް ކޮށެވެ. އެ ގްރޫޕުން ލަވައިގެ މަސައްކަތް ކޮށްފައިވަނީ ތިން ބައްރެއްގައި ތިބެގެންނެވެ.
"ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ލަވައަށް އާއިލާ އާއި އެކުވެރިންގެ އިތުރުން އާންމުންގެ ފަރާތުން ވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވޭ،" އަޒްމީ ކިޔައިދިނެވެ.
ލަވައިގެ ލީޑް ވޯކަލްގައި ހިމެނޭ އައިސްތު އާއި އޭނާގެ ދަރިފުޅު ސޯފީ: އަލަށް ނެރުނު ރީމޭކްގައި ލީޑް ވޯކަލްއަކީ ސޯފީ
އަދި އެ ލަވައަކީ އެތައް ބައެއްގެ ފޭވަރިޓް ގައުމީ ލަވަ ކަމަށް އަޒްމީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، އެ ލަވަ އަލުން ކިޔައި ރިލީޒުކުރުމަށް ވަރަށް ގިނަ ބަޔަކު އެދިފައިވެ އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި އެކަން އޮތީ ނުވެފަ އެވެ. ނަމަވެސް އެންމެ ފަހުން މިހާރު ލަވައިގެ ރީމޭކް ހަގީގަތަކަށް ހެދީ އެވެ. މިއީ ތިން މަސް ދުވަހުގެ މަސައްކަތެވެ. އެމޭޒަނަސް ޖޫނިއާސްގެ މެމްބަރުންގެ އިތުރުން އެހެން ބައެއް ކުދިން ވެސް މި ލަވައިގައި ހިމެނޭނެ އެވެ.
ރީމޭކް އަކީ ބައްޕައަށް ކުރި ޓްރިބިއުޓެއް!
އަޒްމީ ބުނިގޮތުގައި 1996 ވަނަ އަހަރު ރިލީޒުކުރި ލަވައިގެ ލިރިކްސް އަކީ ޖަލީލް ލިޔުއްވި ލިރިކްސް އެވެ. އަދި އެ ލިރިކްސްއަކީ ސިންހަޅަ މެލޮޑީއަކަށް ތައްޔާރުކުރި ލަވައަކަށްވި ނަމަވެސް ލަވައިގެ އެރޭންޖްމެންޓެގެ މަސައްކަތް ކޮށްފައިވަނީ އެ ބޭންޑުންނެވެ.
ރީމޭކްގައި ހިމެނޭ އިތުރު މެމްބަރުންގެ ތެރެއިން ބައެއް ކުދިން
"އަޅުގަނޑުމެން ގަބޫލުކުރި ގޮތުގައި ލަވައަށް 25 އަހަރު ފުރުމާ އެކު މި ރިލީޒްކުރަން އެންމެ ރަނގަޅު ވަގުތު. އަދި ބޭންޑު މެމްބަރުންނާއި ކޮލޭބޮރޭޓަރުންގެ ގޮތުގައި މެމްބަރުންގެ ދަރިން ވެސް ހިމެނޭނެ،" އަޒްމީ ބުންޏެވެ.
އަލަށް ނެރުނު ލަވައިގައި ބޭންޑު މެމްބަރުންގެ ދަރިންގެ ތެރެއިން ހިމެނެނީ:
ސޯފީ، 8 އަހަރު - ލީޑް ވޯކަލިސްޓް
ލޫކް، 5 އަހަރު - ބީޓް ބޮކްސިން، ބެކިން ވޯކަލް
އަޔާން، 9 އަހަރު - ކީބޯޑް، ބެކިން ވޯކަލް
ސާޝާ، 9 އަހަރު - ޕާކަޝަން، ބެކިން ވޯކަލް
ލާރާ، 9 އަހަރު - ކީބޯޑް، ބެކިން ވޯކަލް
ލިސާ، 10 އަހަރު - ކީބޯޑް، ބެކިން ވޯކަލް
އިވޯނާ، 15 އަހަރު - ބެކިން ވޯކަލްސް
ރީނާ، 15 އަހަރު - ބެކިން ވޯކަލްސް
ލާނާ، 15 އަހަރު - ޔޫކިލީލީ، ބެކިން ވޯކަލްސް، ޕްރޮޑަކްޝަން
އަޒްމީ ބުނިގޮތުގައި މި ލަވަ ޑެޑިކޭޓްކުރަން ބޭނުންވަނީ އޭނާގެ ބައްޕަ އަހުމަދު ޖަލީލަށެވެ. އާއިލާ ބޭންޑު އެމޭޒަނަސް ޖޫނިއާސްގެ އާކިޓެކްޓް، މެނާޖަރު އަދި މުޅި އެ ގްރޫޕު ހިންގުމުގެ އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ ޖަލީލު ކަމަށް އަޒްމީ ބުންޏެވެ.