22 Jul 2019

By: Ifraz Ali

މިއީ ޑާކްރެއިންގެ އެންމެ ލޯބި ޖޯޑެވެ؛ ނުވަތަ ބުނަންވީ "މޮގާ ސްޓައިލް" ގެ އެންމެ ލޯބި ޖޯޑޭތޯއެވެ؟ ކޮންމެއަކަސް އެމީހުންގެ އެންމެ ކާމިޔާބު "ބުލޮކްބަސްޓާ" ފިލްމުތަކުގެ މޫނަކީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މި ޖޯޑު ލައިގެން މިހާރު ތިން ފިލްމެއް ރަނުން ހަދައިފި އެވެ. އެ ތިން ފިލްމު ވެސް ސިނަމާގައި ވީ ވަރަށް ބޮޑު ހިޓަކަށެވެ. އެއަށް ފަހު ޑާކްރެއިނުން މިހާރު އިއުލާނުކޮށްފައިވާ އެމީހުންގެ ލޯބީގެ އާ ފިލްމު "ނޮވެމްބާރ" ގެ ޖޯޑަކީ ވެސް މި ދެ ތަރިންނެވެ.

"އެންމެފަހު ވިންދާޖެހެންދެން" އިން ފަށައިގެން "ވަށޭ މަށާއެކީ" އާއެކު، އެންމެފަހުން "ވަކިން ލޯބިން" ގެނެސްދީގެން ރޮމޭންޓިކް ޓްރިއޮލޮޖީއެއް މި ޖޯޑާއެކު އެމީހުން ފުރިހަމަކުރިއެވެ. އެކަމަކު ދެން ވެސް އެ ސްޓޫޑިއޯގެ މައި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ ހިތް ފުރޭގޮތެއް މި ވަނީ ނުވެފައެވެ. ޖުމައްޔިލް އާއި މަޖޫ ލައިގެން މިވީހާ ދުވަހު "ގާތްގަނޑަކަށް" އެއް ފިލްމެއް ކުޅެވުނު ނަމަވެސް އެމީހުންނަށް އެކަން ފާހަގަ ވެސް ނުވާ ކަހަލައެވެ. އެއާ އެކު، ތަފާތު ވިލާގަނޑަކުން ނުކުތް ޑާކްރެއިންގެ ސްޓައިލް މި ވަނީ އެންމެފަހުން އެއްކަހަލަ ބުނި "ގަރުދިޔަ އާއި ބަތަށް" ވެ ނިމިފައެވެ. ހަގީގަތަކީ އެމީހުންގެ މި ސްޓައިލާއެކު ޖުމައްޔިލް އާއި މަޖޫ ވެސް ބައުވެއްޖެ ކަމެވެ. އަބަދު އެއް ވަށްބުރެއްގެ ތެރޭގައި އެނބުރެންޏާމު އެކްޓަރެއްގެ މޮޅުކަމެއް، ތަފާތުކަމެއް ނުވަތަ އާ ކަމެއް ވެސް ކޮބައި ހެއްޔެވެ؟

އެކަމަކު މި ބުނަނީ ޖުމައްޔިލް އާއި މަޖުދާގެ އޮން ސްކްރީން ކެމިސްޓްރީ ދިމާ ނުވެއެކޭ ނޫނެވެ. ވަރަށް ބޮޑަށް ދިމާވެއެވެ. އެ ކެމިސްޓްރީގެ ކެމިކަލް ރިއެކްޝަނާ ހެދި ހަގީގަތުގައި ޑާކް ރެއިންގެ ލޯބީގެ ފިލްމެއް އެހެން ބަޔަކަށް ނުވެސް ލިބެއެވެ. ތިން ފިލްމުގައި ވެސް މި ދެ މީހުންގެ ކެމިސްޓްރީ ދިމާނުވެގެން މައްސަލައެއް ޖެހިފައެއް ނެތެވެ. މި ތަރިންނަކީ ދިވެހި ސިނަމާގެ މި ޖެނެރޭޝަންގެ "ނިއުމާ އާއި ޔޫއްޕެ" ކަމަށް އެއް ބަޔަކު ނިންމާ ތައްގަނޑު ވެސް ޖަހައިފި އެވެ. ނަމަވެސް ޑާކް ރެއިންގެ ހުރިހާ ފިލްމެއްހެން ޑައިރެކްޓްކުރާ އަލީ ޝިފާއުގެ ސޭމް އިރުޝާދުތަކާއެކު ޖުމައްޔިލް އާއި މަޖުދާގެ އެއް އިހްސާސްތަކެއް ބަލަން މިހާރު 100ރ. ވޯތު ހެއްޔެވެ؟

"ނޮވެމްބަރ" ގެ ޖޯޑަކީ ވެސް ޖުމައްޔިލް އާއި މަޖުދާއޭ ބުނުމުން އޯޑިއެންސުން އުފައްދާ ސުވާލަކީ މިއީއެވެ. ޖުމައްޔިލް އާއި މަޖުދާ ނޫން ބަޔަކު ހަމަ ނުވީ ހެއްޔެވެ؟ އަނެއްކާވެސް "އެންމެފަހު ވިންދާ ޖެހެންދެން" އަކާއި "ވާށޭ މަށާ އެކީ" އެއް ގެނެސްދެނީ ހެއްހެޔެވެ؟ މޮގާގެ ފިލްމުތަކުގެ ނަންތައް އެއްކޮށްލުމުން އުފެދިގެން މި އަންނަ ލޯބީގެ އަސަރުގަދަ ޖުމްލައަކީ ވެސް އެމީހުންގެ މި ފިލްމުތައް އެކައްޗެއްހެން ހީވާވަރަށް އޮޅުވާލަފާނެ ޖުމްލައެކެވެ.

"އެންމެ ފަހު ވިންދާ ޖެހެންދެން ވާށޭ މަށާ އެކީ ވަކިން ލޯބިން ނޮވެމްބަރުގައި."

ލޯބީގެ އަސަރުގަދަ ޅެމެއް ދެއްތޯއެވެ!

އެއް ކަހަލަ ރޯލުތަކެއް، އެއް ބައެއްގެ ފިލްމުތަކެއް

ޖުމައްޔިލް ކުޅުނު ފިލްމުތަކުގެ ގާތްގަނޑަކަށް 90 ޕަސަންޓު ފިލްމަކީ ޑާކްރެއިންގެ ފިލްމުތަކެވެ. އެއްކަހަލަ ރޯމިއޯ ސްޓައިލްގެ ރޯލުތަކެވެ. އެހެން ކޯ-ސްޓާރުންނާއެކު މަދުމަދުން ފިލްމުތަކުގައި ތަފާތު ރޯލުތައް ކުޅެފައި އެބަހުއްޓެވެ. ޑާކްރެއިން ނޫން ބައެއްގެ ފިލްމަކަށް އޭނާ ކުޅުނީ ފިލްމީ ދާއިރާއަށް ތައާރަފުވި، އޭނާގެ ބައްޕަ، އަހްމަދު ނިމާލްގެ "އަނިޔާ" އާއި ފާތިމަތު ނަހުލާގެ "4426" އަދި މަލިކާ އެވެ.

މިހާތަނަށް މަޖުދާ ފެނިގެން ގޮސްފައިވަނީ ހަމައެކަނި ޑާކްރެއިންގެ ފިލްމުތަކުންނެވެ. އެންމެފަހުން ނިކުތް "މާމުއި" ފިޔަވާ ހުރިހާ ފިލްމެއްގައި ވެސް އޭނާގެ ކޯ-ސްޓާރަކީ ހަމަ ޖުމައްޔިލެވެ. "މާމުއި" ގައި އޭނާގެ ކޯ-ސްޓާރަކީ އިސްމައިލް ޖުމައިހް އެވެ. ޖުމައްޔިލްގެ ކޯ-ސްޓާރަކަށް ހުރީ މަރިޔަމް އައްޒަ އެވެ. އާ އެކްޓަރުންނާއެކު މަސައްކަތްކޮށްލުމުން ފެންނަ ތަފާތު އެ ފިލްމުގައި އެމީހުންގެ ފަރާތުން ފެނުނެވެ.

ފިލްމު "ވާށޭ މަށާއެކީ" ގެ ލަވައެއް.

މީހުން ދައްކާ މި ވާހަކަތަކަށް ޑާކްރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ދިން ރައްދެއް ވެސް އެބަ އޮތެވެ. މޮގާ ބުނަނީ ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެންމެފަހުން ގެނެސްދިން ތިން ފިލްމަށް، ރަންވީރު ސިންހު އާއި ދީޕިކާ ޕަދުކޮނީ ވެސް ލީ އެކްޓަރުން ނެތިގެން ނޫން ކަމަށެވެ.

"އެމީހުން ލީ އިންޑިއާގެ އެކްޓަރުން ނެތިގެނެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިހާރު ތިބި އެކްޓަރުންގެ ތެރެއިން 'ނޮވެމްބަރ' ގައި އިންނަ ރޯލަށް އެންމެ ކަމުދާ އަދި އެންމެ ކެމިސްޓްރީ ދިމާވާ ދެމީހުންނަކީ މި ދެ އެކްޓަރުންނަށް ވާތީ،" ކަމަށް މޮގާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ.

ބަންސާލީގެ ވާހަކަ ދެކެވުނީމަ މިއަށް ވާހަކައެއް އިތުރުކޮށްލާނަމެވެ. ރަންވީރާއި ދީޕިކާ ލައިގެން ޖައްސަޖައްސައިގެން އެއްކަހަލަ ތިން ފިލްމު ހެދީމަ، ބަންސާލީއަށް ވެސް އެއް ބަޔަކު ލައިގެން އެއް ވައްތަރެއްގެ ފިލްމުތަކެއް ހަދާތީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ. ޑާކްރެއިން ގޮތަށް ބަންސާލީ ވެސް ހެދީ ފިލްމުގެ ލީޑަށް އެއް ބަޔަކު ލައިގެން އެއް ސްޓައިލެއްގެ ފިލްމުތަކެކެވެ. އެއީ މޮޅުކަމެއް ނޫނެވެ. ކޮމާޝަލް ބޮޑު އުކުޅެކެވެ.

ނަމަވެސް ފާޑުކިޔުންތައް ބޮޑުވެފައި އޮތުމުން އެންމެފަހު ފިލްމަށް ފަހު އިތުރު ފިލްމުތަކެއްގައި އެ ޖޯޑު ލައިގެން މަސައްކަތް ކުރާކަށް ބަންސާލީ ބޭނުމެއްނުވި އެވެ. އަދި ރަންވީރާއި ދީޕިކާ ވެސް އެ ގޮތެއް ބޭނުމެއްނުވި އެވެ. ރަންވީރާއި ދީޕިކާ އަކީ ބޮލީވުޑްގެ މި ޖެނެރޭޝަންގެ "ޝާހުރުކް އާއި ކާޖޮލް" ކަމަށް އޭރު ހަބަރުތަކުގެ ސުރުހީތަކުގައި އޮތެވެ. ޖުމައްޔިލް އާއި މަޖުދާ އަކީ ދިވެހި ސިނަމާގެ އާ "ޔޫއްޕެ އާއި ނިއުމާ" އޭ ބުނާހެންނެވެ.

ކުރިން ކުޅުނު ކަހަލަ ހަމަ އެއް ރޯލަކުން "ނޮވެމްބަރ" ގައި ޖުމައްޔިލް އާއި މަޖުދާ ފެނިއްޖެނަމަ އަދި އިތުރަށް ވެސް ފޫހިވުން އެކަށީގެންވެއެވެ. އެއްގޮތް ރޯލުތަކެއް ކުޅެން ލިބިއްޖެ ނަމަ އެމީހުންގެ އެކްޓިން ކެރިއަރު ވެސް އެ ދަނީ މަޑުމަޑުން ނުރައްކަލަށް ހުށަހެޅެމުންނެވެ. އެހެން ނަމަވެސް ޑާކްރެއިން މިހާރު ވެސް ބުނަމުން އަންނަނީ މިއީ "ވަރަށް ތަފާތު" ރޮމޭޓިކް ފިލްމަކަށް ވާނެ ކަމަށެވެ. މި ފިލްމުގެ ލީޑުން އެ ދެމީހުންނާއެކު ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއިލް ވަޖީހު ވެސް ފެނިގެންދާނެތީ އެ ގޮތަށް އުއްމީދުކޮށްގެން ފިލްމު އަޅުވަންދެން ދެން އިންތިޒާރުކުރާށެވެ. އެކަމަކު "މި ދެ މީހުންނާ އެކު ކުރިން ގެނެސްދިން ހުރިހާ ފިލްމެއްވެސް މޮގާމެން ބުނާ ގޮތުން ނަމަ "ވަރަށް ތަފާތެވެ."

މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ އައިޝަތު ފުއާދު ތައުފީގު އާއި އަހްމަދު ތޮލާލް އެވެ. ސިންގަޕޫރުގައި ވެސް ބައެއް މަންޒަރުތައް ނަގާނެ މި ފިލްމު ސިނަމާއަށް ގެންނާނެ ސީދާ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު ޔަގީންވާ ކަމަކީ މި ފިލްމު އަޅުވައި ނިމޭއިރު މޮގާ އާއި އޭނާގެ ޓީމުން އަނެއްކާވެސް ޖުމައްޔިލް އާއި މަޖުދާގެ އާ ފިލްމެއް އިއުލާނުކުރާނެ ކަމެވެ. އެކަމަކު ހަގީގަތަކީ އެކްޓަރުންގެ ގޮތުގައި އާ އުސްމިންތަކަކަށް ވާސިލުވުމަށް އެމީހުން އެދެނީ ނަމަ ޑާކް ރެއިންގެ މި ތޮށިގަނޑު ފަޅާލާފައި އެމީހުންގެ ކޮމްފޯޓެބްލް ޒޯނުން ބޭރަށް ވެސް ނުކުންނަން ޖެހޭ ކަމެވެ.

ނަމަވެސް ޑާކް ރެއިންގެ އެ ކޮމްފޯޓެބްލް ޒޯނުން، ޖުމައްޔިލް އާއި މަޖުދާ އަށް މޮގާގެ ރިލީޒް ލިބޭނެ ހެއްޔެވެ؟

ޑާކް ރެއިން އެންޓަޓެއިންމެންޓް މޮގާ

Popular