30 Jul 2019

ރިވިއު: މުއާ އަށް ލީނާ "މަރައެއް ނުލެވުނު"

ރިވިއު: މުއާ އަށް ލީނާ "މަރައެއް ނުލެވުނު"

By: Ifraz Ali

🚨 ސްޕޮއިލާ އެލާޓް 🚨

ދެ ފަހަރަށް "ލީނާ" ބަލަން އޮލިމްޕަހަށް ދިޔައިމާ ވެސް މީހުން ކިޔާ އަޑުއިވުނީ ހީކުރި ވަރު ނުވާ ވާހަކަ އެވެ. މިކަމާ އަހަރެން ވެސް ކޮންމެވެސް ވަރަކަށް އެއްބަހެވެ. ލީނާ އަށް ވުރެން ބޮޑަށް މި ފިލްމުގައި އަހަރެން ޝައުގުވެރިކަން ވެސް ދަމައިގަތީ ނުޒުހަތު ޝުއައިބު (ނުޒޫ) ގެ މަޖާ ޑައިލޮގުތަކާއި އޭނާ އެ ޖަހާ ސަކަރާތަށެވެ. ދެ ގަޑިއިރަށް ފިލްމުގެ ވާހަކަ އަތުރާލައިފައި އޮތީ އެންމެ ކަމުދާ ގޮތަކަށް ނޫނެވެ.

ޕްރިމިއާ ނައިޓުގައި ސްކްރީނުކުރި މި ފިލްމުގެ ކޮޕީ ބަލައިފައި ފިލްމަށް ދޭން ނިންމި ރޭޓިން އަކީ ވެސް އެންމެ 2 އެވެ. މަންޒަރުތައް މާ ދިގު ދެންމުމާއި، މަންޒަރު ބަދަލުވާއިރު ދެން އަންނަ މަންޒަރާ ގުޅުން ނެތި އޮޅުން ބޮޅުންވުން އަދި ކުލަ ހަޑިވުމުން ބަލަން އުނދަގޫވާ ގޮތްވި އެވެ. އެ ރޭ އެހެންވީ އޮލިމްޕަހުގައި ގިނަ މައްސަލަތަކެއް ހުރީމާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުންޏެވެ. އެހެންވީމާ ރިވިއު ލިޔުމުގެ ކުރިން އަދި އެއް ފަހަރު ފިލްމު ބަލައިލުމަށް، މުއާގެ ވެސް އެދުމުގެ މަތިން ފަސް ވަނަ ޝޯއަށް ދިޔައީމެވެ.

އެ ޝޯގައި ކުރިން މި ބުނި ގިނަ މައްސަލަތައް ފާހަގައެއް ނުކުރެވެ އެވެ. އެ ބައިބައި ހުރީ ރަނގަޅުކޮށްފަ އެވެ. އެކަމަކު ދެން ވެސް ހިތް ފުރޭ ގޮތެއް ހަމަ ނުވި އެވެ. މުއާގެ މި އަލަތު ޑައިރެކްޝަން ގެނެސްދިނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އަބްދުﷲ މުއާޒް ޕްރޮޑަކްޝަނާއި ބައިސްކޯފު ގުޅިގެންނެވެ.

މެއިން ކާސްޓު

- މަރިޔަމް އައްޒަ (ލީނާ)

- އަބްދުﷲ މުއާޒް (ޒުހޫރު)

- އަލީ އާޒިމް / ދޮން އައްޔަ (ހުޒާމް)

- ނުޒުހަތު ޝުއައިބު (ފާތުން)

- ޒީނަތު އައްބާސް (ސަމާ)

- އަހުމަދު ސައީދު (ސައްތާރު)

- އަހްމަދު އީސާ / އާނަންދު (ފާއިޒް)

- މަރިޔަމް ހަލީމް (ލީނާގެ މަންމަ)

ޕްރޮޑަކްޝަން ކްރެޑިޓްސް

- ޑައިރެކްޝަން / އެޑިޓިން: އަބްދުﷲ މުއާޒް

- ޕްރޮޑިއުސަރުން: އަބްދުﷲ މުއާޒް އަދި ސައްޔާހު އައްބާސް

- ވާހަކަ އަދި ސްކްރީންޕްލޭ: އަހްމަދު ޒަރީރު

- ސިނަމަޓޯގުރާފީ: އަހުމަދު ވިޝާން (ކަނޑި)

- މިއުޒިކް: ފަޗޫ

އަހްމަދު ޒަރީރުގެ ސްކްރީންޕްލޭ ގެނެސްދީފައި އޮތް ގޮތުން ހީވީ ހަމަ އާދައިގެ ވާހަކައެއްހެންނެވެ. ދިރިއުޅުމާ މެދުގައި ފޮނި ހުވަފެންތަކެއް ދެކެމުން އަންނަ، ރަށެއްގައި ދިރިއުޅޭ އަންހެން ކުއްޖަކަށް ކުއްލިއަކަށް ކުރިމަތިވާ ކަންތައްގަނޑެކެވެ. އޭނާގެ އެއްވެސް ކުށެއް ނެތި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއާ ނުވެސް ބެހޭ ކަމެއްގައި ބޮޑު އަނިޔާތަކެއް ލިބި، މި ދުނިޔެއަށް ފަހު ނޭވާލާން ޖެހެނީ އެވެ. ގެނެސްދިނީ މީގެ ތެރެއަށް ކުޑަވަރެއްގެ ލަވް ސްޓޯރީއެއް ވެސް ފައްތައިގެންނެވެ.

ކުރި އުއްމީދާ އެއް ވަރަށް ފިލްމު ނުގެނެސްދެވުނީ ނިންމާލި ގޮތުންނެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ވަރުގެ މަންޒަރުތައް މާބޮޑަށް ވެސް ކްރިއޭޓުކޮށްގެން ގެނެސްދެވިދާނެ ފިލްމެއްގައި ކްލައިމެކްސްއާ ހިސާބުން ނޫނީ އެ ކަހަލަ ކަމެއް މާބޮޑަކަށް ނުފެނުނެވެ. ސިނަމާ ތެރޭގައި މީހުން ބުނިހެން މުއާ އަށް "ލީނާ މަރައެއް ނުލެވުނު" އެވެ. މީހުން އެހެން ކިޔަސް މިއަކީ ހުތުރު ފިލްމެއް ކަމަކަށް ނުނިންމާނަމެވެ. ކަމުނުދާ ކަންކަން ހުއްޓަސް، މޮޅު ބައިތައް ވެސް އެބަހުއްޓެވެ.

ދިވެހި ފިލްމު "ލީނާ" ގެ ތިއޭޓްރިކަލް ޓްރެއިލާ.

ގިނަ މީހުން އުފައްދާނެ ސުވާލަކީ މި ފިލްމު އެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް "އިންސްޕަޔާ" ވެގެން އުފެއްދި ހާދިސާއާ އޮތް ގުޅުމެވެ. ފިލްމަށް އިންސްޕިރޭޝަން ނަގައިފައި ވަނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެ ސިއްސުވައިލި، އަޒްލީނާ ނަފީސްގެ ރަހުމުކުޑަ މަރުންނެވެ.

މެއިން ކެރެކްޓާ ލީނާގެ ނަމާއި ވިލަންގެ ނަން ޒުހޫރު، އަސްލު ހާދިސާގެ މީހުންގެ ނަމާ ކުޑަކޮށް އެއް ގޮތްވުމާއި، ފިލްމުގެ އެންމެފަހު މަންޒަރާއި އެ މަންޒަރު ހިނގުމަށް މެދުވެރިވާ ސަބަބުގައި އެއްގޮތް ކަމެއް ހުރުން ފިޔަވައި، އަސްލު ހާދިސާ އާއި މި ފިލްމާ މާ ބޮޑު ގުޅުމެއް ނެތެވެ. ލީނާ އަދި ޒުހޫރުގެ ވާހަކަ ވެސް ގެނެސްދީފައި ވަނީ ތަފާތު ގޮތަކަށެވެ.

ޑައިލޮގާއި، އެކްޓިންގައި ވެސް މާ ބޮޑު މައްސަލަތަކެއް ނެތެވެ. ފިލްމުގެ އެންމެ ބޮޑު ވިދުމަކީ ނުޒޫ އެވެ. އޭނާ އުޅޭ ގޮތާއި ބުނެލާ ޑައިލޮގުތަކުން ހިނި ނައިސް ނީނދެވުނެވެ. ނުޒޫ ފެންނަނީ ލީނާގެ އެންމެ ގާތް އެކުވެރިޔާ އަދި އޭނާއާއެކު ރަށު ކައުންސިލު އޮފީހުގައި މަސައްކަތްކުރާ މީހެއްގެ ރޯލުންނެވެ. އެންމެ މޮޅު އެކްޓިންއެއް ފެނުނީ އޭނާގެ ފަރާތުންނެވެ. އައްޒަ އަދިވެސް އޭނާ ދައްކަމުން އަންނަ ހަމަ އެއް އެކްޓިންއެއްގަ އެވެ.

މުއާގެ އެކްޓިން އަށް ވެސް ސާބަސް ދޭނަމެވެ. މުއާ ފެނުނީ ވަރަށް ނުލަފާ، އަނިޔާވެރި، އަހުލާގު ދަށް އަދި އެކި ކަހަލަ ކުށްތައް ކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާ އަކީ އެ ރަށުގެ ކައުންސިލުގެ މަސައްކަތު މީހާ އެވެ. އޭނާގެ ޖޯޝާއި ފޯރި ގަދަވަނީ ރައްޓެހިންނާއެކު "އެތިކޮޅު ހިއްޕަވަން" ދާ ވަގުތުތަކުގަ އެވެ. މިކަހަލަ ތަންކޮޅެއް އޭނާގެ ހިޔާލަށް އަންނަ މަންޒަރެއްގައި ދައްކާނެ އެވެ. އެ މަންޒަރު ވަނީ ވަރަށް ރިއަލިސްޓިކުކޮށް ނަގައިފަ އެވެ. އެއީ މި ފިލްމުގައި އަހަންނަށް އެންމެ ރީތި ބައެވެ.

ދިވެހި ފިލްމު "ލީނާ" ގެ ޓްރެއިލާއެއް.

ހާއްސަ ފެނިލުމަކުން މި ފިލްމުގައި، ކުރިން ގިނަ ފިލްމުތަކެއް ކުޅުނު މަޝްހޫރު އެކްޓްރެސް، އާމިރާ އިސްމާއިލް ވެސް ފެނުނެވެ. އެންމެ ބޮޑު ސަޕްރައިޒަކަށްވީ އެކަމެވެ. އާމިރާ އެންމެ ފަހުން ފެނުނީ 2014 ވަނަ އަހަރު ނިކުތް އަބްދުލް ފައްތާހުގެ "އާދޭސް" އިންނެވެ. އެއީ ވަރަށް ކުރިން ޝޫޓުކޮށް، ރިލީޒްނުކުރެވި ދިގުލައިގެން ދިޔަ ފިލްމެކެވެ. ހާއްސަ ފެނިލުމަކުން އަހްމަދު ނިމާލް ވެސް ފެނުނެވެ.

ކަނޑިގެ ސިނެމަޓޮގުރަފީގެ މަސައްކަތުން، ފިލްމު ޝޫޓުކޮށްފައިވާ އއ. އުކުޅަހުގެ ރީތިކަން ފެނެ އެވެ. ހާއްސަކޮށް ފިލްމުގެ ފަހު ލަވައިގަ އެވެ. ނަމަވެސް ލަވައިގެ ބައެއް މަންޒަރުތަކުގައި ކުލަވަރުގެ މައްސަލަ ބޮޑެވެ. އަނދިރިވެ، އަލިވެ ލޮލަށް އުނދަގޫވާވަރުވެ އެވެ. އެކަމަކު މި ލަވައިގައި އިރުއޮއްސެމުން ދިޔަ ގަޑީގައި ނަގާފައިވާ މަންޒަރުތައް ވަރަށް ރީއްޗެވެ. މިއީ އަޑުއަހާލަން ވެސް ވަރަށް ރީތި ލަވައެކެވެ. ފާޗޫ މިއުޒިކް ހަދައިފައިވާ މި ފިލްމުގައި ދެ ލަވައެއް ހިމެނެ އެވެ.

މުއާގެ އަލަތު ޑައިރެކްޝަނާއި ބަލައިފައި މި ފިލްމު ކަމުދޭ ހެއްޔެވެ؟ އާއެކެވެ. އެތައް ބައެއްގެ ހިތްހަމަނުޖެހުމާއި ނުރުހުމާއެކު ވެސް ފިލްމު ގެނެސްދީފި އެވެ. "ލީނާ މަރާނުލެވުނަސް" ޑައިރެކްޝަން ސައިޑުން، އޭނާ މިކުރީ މުޅިން އާ ކަމަކާއި ބަލައިފައި ރަނގަޅު ފިލްމެއް ހަދަން ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރިކަން އެނގެ އެވެ.

މި ފިލްމަށް ދޭނެ ރޭޓިންނަކީ 2/5 (⭐⭐)

ދިވެހި ފިލްމް އިންޑަސްޓްރީ އެކްޓްރެސް މަރިޔަމް އައްޒަ

Popular