31 Jul 2019

މިވަގުތު އާ ފޯނެއް ނުގަންނާތި

މިވަގުތު އާ ފޯނެއް ނުގަންނާތި

By: Ifraz Ali

އާ ފޯނެއް ގަންނަން ހިތުލައިގެން ހުރި މީހަކަށް ދޭނެ އިތުރު ނަސޭހަތެއް ނެތެވެ. މިއީ އާ ފޯނެއް ގަންނަން ހެޔޮވާނެ ދުވަސްވަރެއް ނޫނެވެ. ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި، އެންމެ ވަރުގަދަ ސްމާޓުފޯނު ކުންފުނިތައް ކަމަށްވާ އެޕަލް، ސެމްސަންގް އަދި ގޫގުލް އިން އެމީހުންގެ ފަހުގެ މޮޅު ފޯނުތައް ނެރޭނެ އެވެ. މި ދައްކަނީ އެޕަލްގެ އައިފޯނު 11 އާއި ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ގޫގުލް ޕިކްސެލް 4 އެއްގެ ވާހަކަ އެވެ.

މިއަކީ މި އަހަރު ނެރޭނެ އެންމެ މޮޅެތި ފޯނުތައް ކަމަށް އުއްމީދުކުރެވެ އެވެ.

މި އާ މޮޅެތި ފޯނުތައް އަގުބޮޑުކޮށް ގަންނަން ބޭނުން ނުވާ މީހުން ވެސް ތިބެދާނެ އެވެ. އެކަމަކު އެމީހުނަށް ވެސް ބުއްދިވެރި ގޮތަކީ އަދި ފޯނެއް ނުގަނެ މަޑުކޮށްލުމެވެ. އެއީ މި އާ ފޯނުތައް ނިކުންނައިރަށް، މި ކުންފުނިތަކުން ކުރިން ނެރެފައިވާ މޮޑެލްތަކުގެ ފޯނުތައް އަގުހެޔޮ ވާނެތީ އެވެ. ޖީބަށް ލުއިކޮށްލަން ބޭނުންވާ މީހުންނަށް މިގޮތް ރަނގަޅުވާނެ އެވެ.

ސެމްސަންގްގެ އާ ފޯނު، ގެލެކްސީ ނޯޓްގެ އާ ޑިޒައިން ކަމަށް ލަފާކުރެވޭ ގޮތް.

އެންމެ އަވަހަށް ނިކުންނާނީ ސެމްސަންގް ގެލެކްސީ ނޯޓް 10 އެވެ. އަންނަ މަހު 7 ގަ އެވެ. ބުނެވޭ ގޮތުގައި މި ފޯނުގެ ޑިސްޕްލޭގައި ފިންގާޕްރިންޓް ސެންސާއެއް އިންނާނެ އެވެ. ތިން ލެންސުގެ ކެމެރާއަކާއި ގެލެކްސީ އެސް 10 ގައި ހުރި ބައެއް ސަޅި ފީޗާތައް ވެސް ހުންނާނެ ކަމަށް ވާހަކަތައް ދެކެވެ އެވެ. ޑިސްޕްލޭ އާއި ބެޓަރީ ވެސް ބޮޑުވެފައި މުޅިން އާ ކެމެރާ ސެޓަޕެއް ވެސް އިންނާނެ ކަމަށްވެ އެވެ. އެމީހުންގެ އިތުރު ދެ ފޯނެއް ވެސް އަންނާނެ ކަމަށް ވެސްވެ އެވެ.

އެޕަލްގެ އާ، އައިފޯނު 11 ގެ ކެމެރާ ޑިޒައިން އިންނާނެ ކަމަށް ލަފާކުރާ ގޮތް.

ސެޕްޓެމްބަރު މަހު އޮންނަ އެޕަލް އިވެންޓުގައި އެމީހުންގެ އައިފޯން 11 ގައި ތިން ވާޝަނެއް ދައްކައިލާނެ ކަމަށް އުއްމީދުކުރެވެ އެވެ. އެއީ އައިފޯން 11، އައިފޯން 11 މެކްސް އަދި އައިފޯން 11 އާރް އެކެވެ. ފޯނުގެ ޑިޒައިންގައި އައިފޯން އެކްސް އާއި އެއްގޮތް ކަމެއް ހުރި ނަމަވެސް، މިފަހަރު މީގައި ވެސް ތިން ލެންސުގެ ކެމެރާއެއް އިންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގޫގުލް ފިކްސެލް 4 އެއްގެ ޑައިޒައިން އިންނަ ގޮތް.

އެންޑްރޮއިޑުގެ ފޭނުންނަށް އެންމެ ކަމުދާ ބްރޭންޑަކަށް ގޫގުލް ޕިކްސެލްގެ ފޯނުތައް ވާނެ އެވެ. މިއަހަރުގެ ކުރީ ކޮޅުގައި ގޫގުލް އިން ވަނީ ޕިކްސެލް 4 އެއްގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އޮކްޓޯބަރުގައި ރިލީޒްކުރާނެ މި ފޯނުގައި ދެ ލެންސުގެ ކެމެރާއަކާއި އައިފޯނު ގޮތަށް އަލްޓްރާވައިޑް ލެންސެއް ވެސް އިންނާނެ ކަމަށްވެ އެވެ. އަދި ފޯނުގެ ސެލްޕީ ކެމެރާ ކުރިމަތިން ނުފެންނަ ގޮތަށް ވެސް ހަދައިފަ އެވެ.

ސެމްސަންގް އެޕަލް ގޫގުލް ޕިކްސެލް ފޯން މޮބައިލް ފޯން

Popular