އެކަމަކު، އެ ވާހަކައެއް ނޫނެވެ. "ކަރުހަކުރު" ސީޒަން ތިނެއް ބަލާނެތޯ އެވެ؟ ބަލާނަންތޯ އެވެ؟ ނުވަތަ ބަލަން ބޭނުންތޯ އެވެ؟ ސީޒަން ތިނެއް އޭގެ ޓައިޓްލް އަށް ވުރެން ފޮނިވާނެ ކަމަށް ބުނާ ވާހަކަ އިހަށް ބާއްވާފައި މުންކޮ އަތުން އެންމެ ފުރަތަމަ މި ހުރިހާ ކަމެއްގެ އަޕްޑޭޓެއް ހޯދަމާ ހިނގާށެވެ.
ހަ އެޕިސޯޑް ނަގައި ނިމިއްޖެ! އޮކްޓޯބަރު ކަމަށް ބަލަމާ!
"ކަރުހަކުރު" ގެ ހާޑްކޯ ފޭނުންނަށް ޝޯގެ ކްރިއޭޓާ އަދި ޑައިރެކްޓަރު ދޭ އެންމެ އުފާވެރި ޚަބަރަކީ މިއީ އެވެ. މުންކޮ ބުނީ ކޯވިޑްގެ އަސަރު ޝޯގެ މަސައްކަތަށް ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް މިފަހަރުގެ ގޮންޖެހުމަކީ އެހެން ފަހަރުތަކާ ހިލާފަށް މަސައްކަތުގައި އެހާ ވަގުތު ނުލިބުމެވެ.
"ތިން ވަނަ ސީޒަނުގެ މަސައްކަތުގައި އުޅޭއިރު އެންމެ ބޮޑު ޗެލެންޖަކީ މަސައްކަތް ކުރަން ލިބޭ ވަގުތު ކުޑަވުން. އެކަމަކު ކޮލިޓީ ކޮމްޕްރޮމައިޒެއް ނުކުރަން އަހަރެމެން. ކުރީގެ އެ ހުރިހާ އެޕިސޯޑްތަކެއްގެ މަޖާ ކަމާއި ޖޯކްތަކާ އެކު ސްޓްރީ ލައިން އަދިވެސް މަތިކުރެވޭތޯ މި ބަލަނީ،" ފޯނުން ވާހަކަ ދައްކަމުން މުންކޮ ބުންޏެވެ.
އޭނާ ބުނީ ކުރިއާ އަޅާބަލާއިރު ސިލްސިލާ އަށް މިހާރު އޯޑިއަންސެއް ލިބި ދެ ވަނަ ސީޒަނާ އެކު އެ އޯޑިއެންސް ބޮޑުވެގެން ގޮސްފައި އޮތުމަކީ އިތުރު އެފަޓެއް ޓީމުން ވެސް ލާން ޖެހޭ ކަމެކެވެ.
"ތިން ވަނަ ސީޒަނަކާ ހަމަ އަށް އައިއިރު އާންމުންނަށް ވެސް މީތި ފެނި އެނގިފަ މި ވަނީ. އޯޑިއެންސް ބޮޑުވެއްޖެ. އަހަރެމެން ރީޗުވާން ޖެހޭ ހިސާބު ވެސް މަތީގަ މިހާރު އެހެރީ،" މުންކޮ ބުންޏެވެ.
އޭނާ ބުނަނީ އޮކްޓޯބަރު ތެރޭގައި ބައިސްކޯފުން ސްޓްރީމްކުރެވޭނެ ކަމަށް ބެލެވޭ ސީޒަން ތިނެއް އެންމެ ހާއްސަވާނީ ނިމިދިޔަ ދެ ސީޒަނުގައި އުފެއްދި ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެތީ އެވެ. ބައެއް ކެރެކްޓާތަކުގެ ހަގީގަތާއި ސިއްރުތައް އެނގިގެންދާނެ ކަމަށެވެ.
"ފޭން އަށް ބުނެލަން ބޭނުންވަނީ، އެމީހުންގެ ބައިވަރު ސުވާލުތަކަކށް މި ސީޒަނުގައި ކޮންމެވެސް ވަރެއްގެ ޖަވާބުތަކެއް ލިބިގެންދާނެއޭ. އެންމެ ބޮޑު ހައިލައިޓަކަށް ވާނީ އެކަންހެން ހީވަނީ މި ސީޒަނުގެ،" މުންކޮ ބުންޏެވެ.
މުންކޮ ބުނީ ސީޒަން ތިނެއްގެ މަސައްކަތް ކޯވިޑާއި ގައިދުރުކަމާ އެކު ނަމަވެސް ކުރިއަށް ދާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓެކްނިކަލީ މުޅި ޝޯގެ މަސައްކަތް ފައިން ޓިއުން ވެފައިވުމެވެ.
ތިން ވަނަ ސީޒަން "ފޮނި" ވެދާނެ ތިން ސަބަބު!
އެ ތިން ސަބަބާއި ބެލުންތެރިން މި ސީޒަނަކަށް މަޑުކޮށް އިންތިޒާރުކުރަންވީ ތިން ސަބަބު ކިޔައިދޭނީ ޝޯގެ ރައިޓަރު މަހުދީ އަހުމަދެވެ.
1- "އެންމެ ފުރަތަމަ، ކަރުހަކުރަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި ފުރަތަމަ ސިޓްކޮމް އަށް ވުން. އަދި މިހާރު ވެސް ކުރިއަށް ދާއިރު ފޭން ބޭސްއެއް ވެސް އުފެދިފައި އޮތް ޝޯއެއް ޝޯއަކީ މިހާރު. އަހަންނަށް ހީވަނީ (ޝޯގައި ދައްކުވައިދޭ ރަޝީދު) ގެ އާއިލާ މާ ރަނގަޅަށް ވެސް ބެލުންތެރިންގެ ހިތްތައް އަތުލައިފިހެން ޕްރިމިއާކުރި ހިސާބުން ފެށިގެން."
2- "މިއީ އޭގެ ހިއުމާ ފަސޭހައިން އެންމެނަށް ވެސް ނަގައިގަނޭ އަދި ޖޯކުތަކުގެ ޕަންޗްލައިން އެންމެނަށް ވެސް އެނގޭ މުޅި ޝޯގެ ބިލްޑްއަޕް ވެސް ބެލުންތެރިންނަށް ފަސޭހައިން ނަގައިގަނެގެން އެކުގައި ދާން އެނގޭ ޝޯއެއް. އަނެއްކޮޅުން މީގެ ކާސްޓަކީ މީގެ އޯޑިއެންސްގެ ހިތްތައް ފަތަހަކޮށް ހެއްވާލެދޭ އެންމެ މުހިންމު އެއް ސަބަބު."
3- "ކަރުހަކުރަކީ އަސްލު ކަރުހަކުރުހާ ފޮނި، ލޯބިކަމެއް އޭގައި އެކުލެވިގެންވާ ޝޯއަކަށްވުން."
ކަރުހަކުރު ބަލަންތަ؟ އޭގައި ވަނީ މިހެން!
"އެއީ ނަމުގައި އެ ބުނާހާ ފޮނި ވާހަކައެއް. ފެމިލީއެއްގެ ވަށައިގެން ކޮންސެޕްޓުއަލައިޒްކޮށްފަ އިން އެއްޗެއް މިއީ. ބޭސިކަލީ އެމީހުންގެ ދިރިއުޅުން އެނބުރެމުންދާ ގޮތް ދައްކުވައިދޭނީ. އާއިލާގެ އެންމެނަކީ ވެސް ފޮނި އެއްޗެހި ކާ ހިތްވާ މީހުން. ވަކިން ހާއްސަކޮށް ކަރު ހަކުރު. އެކަމަކު އެމީހުންގެ ބައްޕަ އަކީ ހަކުރު ބަލީގެ މީހެއް. (ކުރި މަރާނުލައި ބުނަނީނަމަ) މާލޭގަ ދިރިއުޅޭ ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ބޭސްކޮށްފަ ހަދާ ސިޓްކޮމްއެއް މިއީ،" މުންކޮ ކިޔައިދިނީ މިގޮތަށެވެ.
މި ޝޯގެ ފުރަތަމަ ތިން އެޕިސޯޑް ބައިސްކޯފުން އެއްވެސް އަގަކާ ނުލައި ބަލައިލެވޭނެއެވެ.