6 Dec 2022

By: Aminath Ibrahim

ދަލާއި ތަދާއި ތަކުލީފު ނެތި ލިބޭ ކާމިޔާބީއެއްގެ ފޮނިކަމެއް ކޮބައިހެއްޔެވެ؟ މިކަން އެންމެ ރަނގަޅަށް އެނގި، ތަޖުރިބާކޮށްގެން ހުރެ ކިޔައިދެވޭނެ އެކަކީ ފޮޓޯއިން ތިޔަ ފެންނަ އެތުލީޓު ހަށިގަނޑުގެ ވެރި ޒުވާނާ އެވެ. ނަމަކީ އަހުމަދު އާތިފް އެވެ. ދަންނަ މީހުންނާއި އެކުވެރިންގެ އާތި އެވެ.

"އަހަންނަކީ ފުލްޓައިމް އެތުލީޓެއް ނޫން. އެކަމަކު އެންޑުރެންސް އަށް ޝައުގުވެރިކަން ހުރޭ. އެ ގޮތުން އަމިއްލަ އަށް ކުރަން އުނދަގޫ ކަންތައްތައް ކުރުމަށް ނަފްސަށް ޗެލެންޖުކުރުމުގެ އާދައެއް ގެންގުޅެން،" ތައާރަފަކަށް އެދުމުން އާދައިގެ ދެ ޖުމުލައަކުން ނިންމާލަން އުޅުނެވެ.

އެކަމަކު އޭނާ ދަންނަ ނުވަތަ ފިޓްނަސްގައި އޭނާ ގެންގުޅޭ އަހުލާގާއި އުޅުންގަނޑާއި ހާސިލުކުރަމުން އެ ދާ ކާމިޔާބީ ކުޑަކޮށް ވެސް އެނގި ފެނިފައިވާ މީހަކަށް މިވަރަކުން ނުފުދޭނެ އެވެ.

"ފިޓްނެސްގެ ތެރެއަށް ވަދެވުނީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު ޗެލެންޖެއް ކޮށްގެން އެކަން ކާމިޔާބުކުރަން ވެގެން. 2015 ވަނަ އަހަރުގެ މިނިވަން ފަންސާހުގެ ސެލެބްރޭޝަން ގައި މާލޭގައި ސްކައި ޑައިވް ކުރަން ބައިވެރިވިން. އޭރު އަހަންނަކީ އުސް ތަންތަނަށް އަރަން ބިރުގަންނަ މީހެއް. ޕްލެޓްފޯމަކުން މޫދަށް ފުންމާލަން ވެސް ބިރުގަނޭ. އެހެންވީމާ ފުރުސަތެއް ލިބުނީމަ، އެ ބިރު ފަހަނައަޅައި ދާން އެކަން ކުރަން ފުރަތަމަ ޗެލެންޖެއް ސެޓް ކުރީ." ފޯނުން ކިޔައިދެމުން، ފުލުހުންގެ ޗީފް ސުޕްރިންޓެންޑެއްގެ މަގާމުގައި މިހާރު ހުރި އާތިފް ބުންޏެވެ.

އާތިފް ރާއްޖޭގެ ރަށެއްގައި ދުވަނީ. އޭނާގެ އެތުލީޓް ދަތުރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދަމަހައްޓާ އަހުލާގު ކަމަށް ބުނޭ

އެކަމަކު ހަގީގަތުގައި، 2014 ވަނަ އަހަރު، ދުންފަތް ދޫކޮށް ދުޅަހެޔޮ އާދަތަކަކަށް ދިއުމަށް އަޒުމް ކަނޑައެޅި ހިސާބުން އޭނާގެ މި ދަތުރަކަށް ވެސް ނިތް ގަނެވިއްޖެ އެވެ.

އެހެންވީމާ، ސްކައި ޑައިވް ނިންމާފައި ބިމުގައި ފައި ޖައްސާލެވުނު ވަގުތު އާތިފަށް ހޯދުނީ އޭނާގެ އާދަޔާ ހިލާފު ބާރެކެވެ. ކިތަންމެ ބިރު ގަތަސް، ވާނެކަން ނުވަތަ ކުރެވޭނެކަން ޒަމީރަށް ވިސްނައިދެވިއްޖެނަމަ ނުވާނެއޭ ހީވާ އުނދަގޫ އެތައް ކަންތައްތަކެއް ހާސިލުކުރެވިދާނެ ކަމުގެ ޔަގީންކަން ލިބުނެވެ.

"އެހައި ހިސާބުން އެއަށްވުރެ ބޮޑު ޗެލެންޖެއް ކުރަން ބޭނުންވެގެން 'އަޔަން މޭން'އެއް ކޮމްޕްލީޓްކުރަން ގޯލް ސެޓް ކުރީ. ސަބަބަކީ، ފިޓްނަސްގައި ނޫޅޭ މީހަކަށް އެކަން ކާމިޔާބު ކުރެވިއްޖެނަމަ ވާނީ އޭގެ ޒާތުގައި ވަރަށް ބޮޑު ކަމަކަށް،" އާތިފް ބުންޏެވެ.

އަޔަން މޭން އަކީ ވޯލްޑް ޓްރައިލްތޯން ކޯޕަރޭޝަނުން ހިންގާ އެއް ދުވަހުގެ ދިގު ރޭސްތަކުގެ ތެރެއިން ރޭހެކެވެ. މީގެ ދެ ދިގުމިނެއްގެ ރޭސް ޖަހައެވެ. ފުލް ޑިސްޓެންސް ޓްރައިލްތޯން އެއްގައި 3.8 ކިލޯމީޓަރަށް ފެތުމާއި 180.2 ކިލޯމީޓަރަށް ބައިސްކަލް ދުއްވުން އަދި 42 ކިލޯމީޓަރަށް ދުވުން ހިމެނެ އެވެ. މީގެ ހާފް ރޭހުގައި އޮންނަނީ މިިއިން ކޮންމެ ދުރުމިނެއްގެ ދެބައިކުޅަ އެއްބަޔަށް ފުރިހަމަކުރުމެވެ. މިއީ ފިޓްނަސްގައި އުޅޭ މީހުންގެ ތެރެއިން ވެސް، ހާއްސަ ތަމްރީންތަކެއް ލިބިގެން ނޫނީ ކޮންމެ ކޮންމެ މީހަކަށް ފުރިހަމަކުރެވޭނެ ރޭހެއް ނޫނެވެ.

މިކަން ކުރަން ވެގެން 2015 ގެ ފަހުކޮޅު އާތިފް ދުވަންފެށިއެވެ. އަދި އެ އަހަރުގެ ޑިސެމްބަރުމަހު އޭނާގެ ފުރަތަމަ ފުލް މެރެތަން ޖެހި އެވެ. ދެން މި ޖާނީ އެއްގައި މުޅިން ވެސް އޮތީ ޗެލެންޖެވެ.

ކުރިން ދުވަހަކު ނުދުވާ ވަރަށް ދުވަން ޗެލެންޖެއް ނަގައިގެން އޭރު އުޅުނު ޓީމާ އެކު، މިނިވަން 50 އާ ގުޅިގެން ރަނާސް މޯލްޑިވްސް އިން ބޭއްވި އިވެންޓެއްގައި 24 ގަޑިއިރު ތެރޭގައި މާލެ ވަށައިގެން 29 ބުރު އާތިފް ޖެހިއެވެ. އަދި އެއަށްފަހު 2016 ވަނަ އަހަރު ޔޫކޭގައި އޮތް 100 މޭލުގެ ދުވުމެއްގައި ބައިވެރިވެގެން އެ ދުވުން ވެސް ފުރިހަމަކުރި އެވެ. އެއީ އޭރުގެ ރާއްޖޭގެ ރިކޯޑެކެވެ. އޭނާ އެ ރޭސް ފުރިހަމަކުރިއިރު ރާއްޖޭގައި އެނގިގެން އެ ޑިސްޓެންސަށް ދުވި ދެވަނަ މީހަކު ނެތް ކަމަށް ބުންޏެވެ.

"ދުވުމަށް އެންޑުރެންސް ބިލްޑް ކުރެވުނީމަ އަނެއްކާވެސް ބޭނުންވީ އެއަށްވުރެ ބޮޑު، ތަފާތު ޗެލެންޖެއް ކުރަން. އެހިސާބުން ފެތުމަށާއި ބައިކިން އަށް ބޮޑަށް ފޯކަސް ކޮށްގެން އަޔަން މޭންގެ ޓްރެއިނިން ފެށީ،"

އަޔަން މޭން ތަމްރީންތައް ފެށި އިރު އެހާ ފިޓު ނޫނަސް، ފަހުން އޭނާ ވަނީ އޮޕަން ވޯޓާ ސްވިމިން ވެސް މާސްޓާކޮށްފައި

މިހާ ހިސާބަށް އާދެވުނުއިރު 39 އަހަރުގެ މި "ކްރޭޒީ" ޒުވާނެއްގެ މި ދަތުރުގައި އާދައިގެ ކަމަކަށް ބަލާނެ އެއްވެސް ކަމެއް ނެތެވެ. ފެތުމުގެ ތަމްރީންތައް ފަށައިގެން އޮޕެން ވޯޓާ ފެތުން ކުރިއަށްގެންދިޔައިރު ކައިރި ކައިރީގައި ހުންނަ ކުދި ދެރަށް ދެމެދުގައި ވެސް އޭނާ ފެތި އެވެ. އެންމެ ހައިރާންވާ ވަރުގެ ކަމަކަށް މި ފެތުމުގެ ތަމްރީނެއްގައި ހިމެނުނީ އައްޑޫގެ އެއްކޮޅުން އަނެއް ކޮޅަށް އޭނާ ޖެހި ރޭހެވެ.

ތި ކިޔުނީ ހަމަ ރަނގަޅަށެވެ. ހުޅުމީދޫއިން ފޭދޫ އަށް އާތިފް ފެތި އެވެ. އެއީ ފެތުމުގެ މި ތަމްރީނެއްގެ ނިމުން ޔަގީންކުރަން އޭނާ ނެގި އެންމެ ރިސްކީ އަދި އެންމެ އުނދަގޫ ޗެލެންޖުވެސްމެ އެވެ.

"އެ ގޯލް ސެޓްކުރި އިރު ވެސް އެނގޭ ވަރަށް ބޮޑު ކަމެއް ކަން. ވަރަށް ލޯންގް ޑިސްޓެންސެއް. އޮޔާއި ވަޔާ އެ ހުރިހާ އެއްޗެއް އޭގެ ތެރޭގައި ހިމެނޭނެކަން. އެކަމަކު އެކަން ކުރި ދުވަހު ގާތްގަނޑަކަށް 9 ގަޑި އިރު ގިނަ އުނގަގޫތަކަކާ އެކު ފެތުމަށްފަހު ހިތަދުއަށް އެރި ވަގުތު ކޮޅަކީ ހަޔާތުގެ ބޮޑު ކާމިޔާބީ އެއް،" އާތިފް ކިޔައިދިނެވެ.

"މިހާރު އެ ދެމެދުގައި ލޯންޗުގައި ދަތުރުކޮށް ހަދާ އިރު ހިތަށް އަރާ، މިހިސާބުން އެ ހިސާބަށް އަހަރެން ފެތީމޭ. މިކަން ކުރެވުނިއްޔާ ލައިފްގަ ކިތަންމެ ބޮޑުކަމެއް އަޔަސް އެކަމެއް ކުރެވޭނެއޭ."

ފުރަތަމަ ފުލް ޑިސްޓެންސް 'އަޔަން މޭން'، 12 ގަޑި އިރާއި 30 މިނިޓު!

ތަމްރީން ތައް ނިންމާފައި ފުރަތަމަ އަޔަން މޭން ގައި އާތިފް ބައިވެރިވީ 2017 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އޮސްޓްރޭލިއާގައި އޮތް އަޔަންމޭން ފުލް ޑިސްޓެންސް ޓްރައިލްތޯންގައި ބައިވެރިވެގެން އެ ރޭސް، 12 ގަޑި އިރާއި 30 މިނިޓުން ފުރިހަމަކުރި އެވެ. އޭނާގެ މި ޓައިމިން އަކީ ރާއްޖޭގެ ރިކޯޑެކެވެ.

އާތިފް އޭނާގެ ފުރަތަމަ އަދި ފުލް ޑިސްޓެންސް އަޔަން މޭން ރޭސް ނިންމި ގަޑީގެ މަންޒަރެއް ފޮޓޯ/އާތިފް

މި ރޭހެއް ނިންމާފައި އައި ފަހުން އެކި އިވެންޓް ތަކުގައި އެކި ރޭސް ތަކުގައި އާތިފް ބައިވެރިވެ އެވެ. "އަޔަންމޭން" ގެ ވެސް ހާފް ޑިސްޓެންސްގެ ތިން ރޭހެއް ތިން ފަހަރެއްގެ މަތިން ނިންމައިފި އެވެ. ކޮންމެ ފަހަރަކު ވެސް އޭނާގެ އަމިއްލަ ޕާފޯމަންސާއި ޓައިމިން ކުރިއަށްވުރެ ރަނގަޅުކުރަން މަަސައްކަތްކުރެ އެވެ.

"ފިޒިކަލް ސްޓްރެންތަކީ ވަރަށް ކުޑަ މިންވަރެއް، މުހިއްމީ މެންޓަލީ ވަރުގަދަވުން"

އާތިފްގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ އަހުލާގެވެ. ރޭސް ތަކަށް ތައްޔާތުވާން ކުރާ މަަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ބަހައްޓާ ޖޯޝާއި އަޒުމެވެ. އެ ޑިސިޕްލިން ނެތް ނަމަ އެ ކަންކަމެއް އޭނާއަށް ހާސިލު ނުވާނެ އެވެ.

"ކޮންމެ ކަމެއްގައި ވެސް ގޯލެއް އޮތުން ވަރަށް މުހިއްމު. ގޯލެއް ސެޓް ނުކުރާނަމަ ވަރަށް އުނދަގޫވާނެ ހިތްވަރު ދޫނުކޮށް ޓްރެއިނިން ގައި ނުވަތަ އެ ކުރަން އުޅޭ ކަމެއްގައި ދެމިހުންނަން. އެހެންވީމަ ބޮޑު ގޯލް އެއް ސެޓްކޮށްފަ، އޭގެ ދަށުން ކުދި ކުދި ގޯލްތަކެއް އަބަދުވެސް ސެޓް ކުރަން،" އާތިފް އޭނާގެ ވިނިން ފިލޯސަފީ އަތުރައިލި އެވެ.

އޭނާ ގަބޫލުކުރާ ގޮތިގައި، އެތުލީޓެއްގެ ހަގީގީ ބާރަކީ ހަށިގަނޑުގެ ބުންވަރާއި ހަކަތައެއް ނޫނެވެ. ޕޮޒިޓިވް މައިންޑްސެޓެއް ގެންގުޅުމާއި ނަފްސުގެ އިތުބާރަކީ ބުންވަރާ އެއްވަރަށް މުހިއްމު، ނުވަތަ އެއަށްވުރެ ވެސް މުހިއްމު ބަހާއެކެވެ.

"ބުންވަރު ގަދަކުރުމަކީ ހަމައެކަނި ހަށިގަނޑުގައި ހަކަތަ ޖެއްސުމެއް ނޫން. ކިތަންމެ ފިޓު މީހަކު، މެންޓަލީ ފިޓް ނޫން ނަމަ، ނުވަތަ އޭނަ އަމިއްލަ ނަފްސަށް އެ ކުރަން އުޅޭ ކަމެއް ވާނެކަން ގަބޫލު ނުކުރަންޏާ ވަކި ހިސާބަކުން ގިވްއަޕްކުރާނެ. އެކަމަކު މެންޓަލީ ވަރުގަދަ މީހަކު ފަސޭހައިން ދުލެއް ނުކުރާނެ،" އާތިފް ބުންޏެވެ.

އާތިފް.

އޭނާ ބުނީ އެތުލީޓެއްގެ އަހުލާގު އޭނާގެ މުޅި ދިރިއުޅުމުގެ ކަންކަން ކާމިޔާބީއާ ހަމައަށް ވާސިލުކޮށްދޭން އެހީތެރިވެދޭ ކަމަށެވެ. ޕޮޒިޓިވް ކަންތައްތަކަށް ފޯކަސް ކުރުމަށް ދަސްވާ ކަމަށެވެ. އުނދަގޫ ހާލަތުތަކުގައި އުޅޭއިރު ނެގެޓިވް ކަންތައްތަކާ މެދު ނުވިސްނައި، ނުވަތަ އަމިއްލަ ކޮންޓްރޯލް ނޯންނަ ކަންތައްތަކާ މެދު ނުވިސްނަން ދަސްވާ ކަމަށެވެ. މި އެޓިޓިއުޑް ގައި ކޮންމެ މީހަކަށް ވެސް ހައިރާންކުރުވަނިވި، އުފާވެރި ކާމިޔާބީތައް ހާސިލްކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ފިޓްނެސް

Popular