By: Maaidha Mohamed Rashad
އިންޓީރިއާ ޑިޒައިނިން އިން ޑިގްރީއަށް ކިޔަވައިގެން ހުއްޓަސް އައިމިނަތު ޝަނާން ޝާހުގެ ހިތްދޫވެފައި އެ ވަނީ ގަހަނާގެ ވިޔަފާރިއަށެވެ. އުފަން ރަށް، ފުވައްމުލަކުގައި ހުރެގެން 26 އަހަރުގެ އެ ޒުވާނާ އެ ގެންދަނީ އޭނާގެ ހުނަރުވެރި އެ މަސައްކަތް ފުޅާކުރަމުންނެެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝަނާންގެ "އައިލެންޑްލޯ" އުފަންވީ 2023 ގައި އޭނާ ހެދި ޖުވެލަރީ ޑިޒައިނިން ކޯހަށް ފަހުގަ އެވެ.
ޝަނާން، "ދޯ" އަށް ބުނީ ކައުންސިލުން ކުރިއަށް ގެންދިޔަ އެ ކޯހުގައި އޭނާ ބައިވެރިވީ އެއްގޮތަކަށް ވެސް އެ މަސައްކަތަށް ޝައުގުވެރިވެގެން ނޫން ކަމަށެވެ. އެކަމަކު ރަށުން ވަޒީފާއެއް ނުލިބި ގޭގައި ފޫހިވެފައި އިންނަން ޖެހުނު ދަނޑިވަޅެއްގައި އިއުލާންކުރި އެ ކޯހުގެ އަޖުމަ ބަލައިލަން ވެސް ބޭނުންވީ އެވެ.
"އެއްވެސް ޝައުގުވެރިކަމެއް ހުރެގެނެއް ނޫން. ކިޔަވައިގެން އައިސް ރަށުން ވަޒީފާއެއް ނުލިބިގެން ހަމަ ގޭގައި އިންނަނީ. އެހެން އިންނަން ފޫހިވެފައި ހުއްޓާ އެމްއައިޓީން މި ރަށުގައި ޖުވެލަރީ ޑިޒައިން ކޯހެއް ކުރިއަށް ގެންދަން އިއުލާންކުރީމާ ހިތަށް އެރީ ލާނީއޭ،"
ޝަނާން ހަދާފައިވާ ގަހަނާ އަޅައިގެން މީހަކު ފޮޓޯއަކަށް ހުއްޓިލައިގެން.
ކޯހަށް ދިޔަ ފުރަތަމަ ދުވަހު ހަވާލުކުރި މަސައްކަތް ވެސް ވީ އޭނާއަށް ފޫހި ކަމަކަށެވެ. އޭގެ ފަހުން އެސައިމަންޓަކަށް ސިންގަލް ބޭންޑް ރިންގެއް ހަދަން ދިން ދުވަހެއްގައި އިނގިލި ފިހުމުން، ދެން އެކަން ނުވާނެއޭ ހިތާ ހުއްޓާލަން ވެސް އުޅުނެވެ. އެކަމަކު މަންމަގެ ބަހަށް އޭނާ ކޯސް ފުރިހަމަ ކުރީ އެވެ.
"ދެން އިނގިލި ފިހުނީމާ އެ ދުވަހު ގެއަށް ގޮސް ބުނިން މަންމަ ކައިރީ އިތުރަށް ބޭނުމެއް ނޫނޭ ދާކަަށް. މަންމަ ބުނެފި ދެން ފެށިފައި އޮތް އެއްޗެއް ނިންމާލާށޭ،"
ޝަނާން ހަދާފައިވާ ގަހަނާ.
އެކަމަކު އެ ކޯސް ކުރިއަށް ދިޔަވަރަކަށް ހަވާލުކުރި މަސައްކަތްތަކާ އެކު މާބޮޑު ޝައުގުވެރިކަން އުފެދުނީ އެވެ.
"ކޯހުގެ ފަހުގެ އެސައިމަންޓަކަށް އަޅުގަނޑު ހެދީ ޖެލީފިޝް އިންސްޕަޔާޑް ޑިޒައިންތަކެއް. އެއީ ހަމަ ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް. މިކަމަށް ޝައުގުވެރިކަން ވެސް އުފެދުނު ސަބަބެއް،" އޭނާ ބުންޏެވެ.
އެ ޝައުގުވެރިކަމާއި އާއިލާ އާއި ރައްޓެހިން ކިޔަން ފެށުމުން ވިޔަފާރިއެއް ގޮތަށް ފެށި، "އައިލެންޑްލޯ" އަށް މިހާރު އަހަރެއްވީ އެވެ. އޭނާ ގަހަނާތައް އުފަން އެ ކުރަނީ ގޭގައި ކުރިން ފިހާރައެއްގެ ގޮތުގައި ބޭނުންކުރި ކުޑަ ތަންކޮޅެއްގެ ތެރޭގަ އެވެ. ރިހިން ހަދާފައިވާ އަނގޮޓި އާއި ފަށުފުލާއި ކަންފަތުލާ އެއްޗިއްސާއި އަތުގާ އަޅާ އެކި ކަހަލަ ގަހަނާތައް އަންނަނީ ހަދަމުންނެެވެ.
އިންޑިއާ އިން ރިހި ގެނެސްގެން އަމިއްލައަށް ރިހި ވިރުވައި ދަމައިގެން އޮފުކޮށްގެން ޝަނާން އުފައްދައި އެ ގަހަނާތައް އެ ދަނީ ރާއްޖެ އާއި ބޭރު މީހުންނަށް ވެސް ވިއްކަމުންނެވެ. ހާއްސަކޮށް ޓޫރިސްޓުންގެ ތަރުހީބު އެ ވިޔަފާރިއަށް ލިބެ އެވެ.
ޝަނާން ހަދާފައިވާ ކަންފަތުލާ އެއްޗެއް.
އޭނާގެ ވިޔަފާރީގެ އެންމެ ހާއްސަ ކަމަކީ މި ގަހަނާތައް ހެދުމުގައި ރަށުން ލިބޭ ސާމާނު ވެސް ހިމަނައި ފުވައްމުލަކުގެ ނަން ދެމެހެއްޓުމަށް ކުރާ މަސައްކަތެވެ. އެ ރަށަކީ ޓައިގާ ޝާކަށް މަޝްހޫރު ރަކަށްވާތީ އޭނާގެ ޕެންޑެންޓުތަކުގައި ވެސް އެ ދައްކައިދެ އެވެ. އަދި އަނގޮޓި އާއި އެހެން ގަހަނާތަކުގައި ވެސް ރަށުގެ ތުނޑިން ހޮވައިގެން ލިބޭ ބޮއްޔާއި ސީ ގްލާސް ބޭނުންކުރެ އެވެ.
އައިލެންޑްލޯ އިން ވިއްކާ އެއްޗެހީގެ އަގުތައް އުޅެނީ 250-1،500ރ. އާ ދެމެދުގަ އެވެ.
ޝަނާން ހަދާފައިވާ ފަށުފުލެއް.
އޭނާ ބުނީ އޯޑަރުތައް މާލެ އާއި މާފުށި ކަހަލަ ރަށްތަކުން ވެސް ލިބޭ ކަމަށެވެ. އެކަމަކު މި ވިޔަފާރިއަށް ވެސް އޮތް ގޮންޖެހުމަކީ އެއީ ރަށެއްގައި ފުޅާކުރާ ވިޔަފާރިއަކަށްވެފައި އެހެން ރަށްތަކަށް ޑެލިވަރީ ކުރުމުގައި އޮތް އުނދަގުލެވެ. އެކަން މިހާރު ޝަނާނަށް ލުއިކޮށްދެނީ މާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާ އެވެ. ލޯންޗުތަކާއި މާލޭގެ އެކި ހިސާބުތަކަށް މި ޑެލިވަރީ ކޮށްދެނީ އޭނާ އެވެ.
އެކަމަކު ރަށެއްގައި ވިޔަފާރި ކުރިޔަސް ހައި ސީޒަނާ ދިމާކޮށް ރަނގަޅު އާމްދަނީއެއް މިކަމުން ލިބޭ ކަމަށް އޭނާ ބުންޏެެވެ.