3 Apr 2026

އެޑިއު ދައިތަ: ދިވެހި ކުޑަކުދިންނަށް ޒަމާނީ އެދުރެއް!

އެޑިއު ދައިތަ: ދިވެހި ކުޑަކުދިންނަށް ޒަމާނީ އެދުރެއް!

By: Asima Nizar

އާމިނަތު ޝަހުބާ ޝަހީދު (ޝަހޫ) ޝައުގުވެރިވަނީ ކުޑަކުދިންނަށް ކިޔަވައިދިނުމާ ގުޅޭ ކަންކަމަށެވެ. ހުސެއިން ފަޒާލަކީ އިމްފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. މި ޒުވާން ދެމަފިރިން ގުޅިގެން އާއިލާތަކަށް މި ވަނީ ބޮޑު ހަދިޔާއެއް ގެނެސްދީފަ އެވެ.

ޓެކްނޮލޮޖީގެ ޒަރިއްޔާއިން، ކުދިންނަށް ރައްކާތެރި އަދި ފައިދާ ހުރި ގޮތެއްގައި ކިޔަވައިދިނުމަށް މިދިޔަ ފެބްރުއަރީ 14 ގައި ލޯންޗުކުރި "އެޑިއު ދައިތަ" ޕްލެޓްފޯމުގެ ފަހަތުގައި ހުރި ޝަހޫ ބުނީ، ސޯޝަލް މީޑިއާ އަދި ވީޑިއޯ ޕްލެޓްފޯމްތަކުގެ ކުރިއެރުންތަކާ އެކު، ކުދިންނަށް އިންޓަނެޓުގެ އެހީގައި ކިޔެވޭނެ އެތައް މަގެއް ފަހިވެފައިވާ ކަމަށެވެ. އެކި ހުނަރުތައް ދަސްކުރެވޭނެ ގޮތްތައް އިތުރުވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ނަމަވެސް، އޭގެ އަނެއް ކޮޅުން ބެލެނިވެރިންގެ ކަންބޮޑުވުން ވީ އިތުރެވެ.

ކުދިންނަށް ކިޔަވައިދިނުމަށް ގިނައިން ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ރައްކާތެރިކަމަށް އޮތް ޝައްކާ އެކު، ދަރިންނަށް ފޯނާއި ޓެބްލެޓު ދޭން ފަސްޖެހޭ މީހުން ގިނަވެއްޖެ އެވެ. އަދި އެއިން އެއްޗެއް ދިނަސް، ކުދިން ކޮށިވަމުން އަންނަ ދިވެހި ބަސް ދަސްކުރެވޭނެ ގޮތްތަކާއި ޝައުގުވެރިވާ ގޮތްތައް ކިޔަވައިދޭ- އީ-ލާނިން ޕްލެޓްފޯމްތައް އަތުން ގުނާލެވޭހާ ވެސް މަދެވެ.

"އެޑިއު ދައިތަ" އަކީ އެ ކަންބޮޑުވުންތަކުގެ ހައްލު ކަމަށް، މެލޭޝިއާގައި އެޑިއުކޭޝަން އިން ޑިގްރީ ހަދައި، ސްޕެޝަލް އެޑިއުކޭޝަނަށް ހާއްސަވަމުން އަންނަ ޒުވާނާ ބުންޏެވެ.

އޭނާ ބުނީ ޔުނިވާސިޓީ މޮޑިއުލެއްގައި "ޓެކްނޮލޮޖީ އިން އެޑިއުކޭޝަން" ކިޔަވަމުން ދިޔަ ވަރަކަށް، ރާއްޖޭގައި އޮތް ހާލަތު ވަޒަންކުރެވުނު ކަމަށެވެ. އެ މާއްދާ ކިޔަވަމުން ދިޔަ ވަރަކަށް އޭނާއަށް ގަބޫލުކުރެވުނީ ޓެކްނޮލޮޖީގެ ސަބަބުން ކުދިންގެ އުނގެނުމުގެ ފުރުސަތު ވަރަށް ބޮޑުކަމެވެ. ނަމަވެސް، ރައްކާތެރި އަދި ކުދިންނަށް ފަސޭހައިން މަގު ދައްކައިދިނުމަށް ދިވެހި ޕްލެޓްފޯމްތައް ނެތް ކަމަށް ވިސްނުނެވެ.

ޝަހޫ ބުނީ ސޯޝަލް މީޑިއާއިން ނުލިބޭ ލޯކަލް އެޑިއުކޭޝަނަލް ކޮންޓެންޓުތައް، އެ ޕްލެޓްފޯމުން ލިބޭނެ ކަމަށެވެ. އަދި އެއީ ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އުފައްދާފައިވާތީ، ބެލެނިވެރިން ކައިރީގައި ނެތަސް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.

"މިއަދު ކުދިން ބޮޑުވަމުން އަންނަނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށް ވިއަސް ގިނަ ބެލެނިވެރިން އަދި ވެސް ފަސްޖެހޭ ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރަން. އޭގެ މާނައަކީ، ޓެކްނޮލޮޖީ އަކީ އުނގެނުމުގެ ވަސީލަތެއްގެ ގޮތުގައި ބަލައިގަތުމަށްވުރެ ބޮޑަށް ނުރައްކަލެއްގެ ގޮތުގައޭ ބެލެނިވެރިންނަށް އެ ދެކެވެނީ. މި ކަންބޮޑުވުންތަކުގެ ތެރެއިން އެޑިއު ދައިތަގެ ހިޔާލު އައީ އިންޓަނެޓްގެ ކޮންޓްރޯލް ނުކުރެވޭ މާހައުލެއްގައި ކުދިންނަށް އުނގެނުމުގެ ފުރުސަތު ދިނުމަށް،" އޭނާ ބުންޏެވެ.

މެލޭޝިއާގެ ކިވާނިސް ޑައުން ސިންޑްރޯމް ފައުންޑޭޝަންގެ އިންޓާން ޓީޗަރެއްގެ މަގާމު އަދާކުރާ ޝަހޫ ބުނީ އިން-ހައުސް ޕެޝަން ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ވެސް ރާއްޖޭގެ ކުދިންނަށް ފަސޭހަ އަދި އަތްފޯރާ ފަށުގައި ޑިޖިޓަލް ލާނިން ފުރުސަތުތައް ފަހިކޮށްދިނުމެވެ.

View this post on Instagram

A post shared by Edu Dhaitha (@edudhaitha)

އެއަށް ސަބްސްރައިބްކުރުމުން، ދިވެހި ބަހުން ކުދިންގެ ސަމާލުކަން ދަމައިގަންނާނެ ގޮތަށް އަކުރުތަކާއި ފިލި އަދި ބަސްތައް ކިޔައިދޭނެ އެވެ. ކުރިއަށް އޮތް ތަނުގައި އިނގިރޭސި އަކުރުތަކުގެ އެކްޓިވިޓީ އަދި އަލިފުބާ ދަސްކޮށްދޭން ފަށާނެ އެވެ.

ވާޗުއަލް ޓީޗަރެއް ގޮތަށް ފަރުމާކުރި ޕްލެޓްފޯމުން ފުރަތަމަ ގެނެސްދީފައިވަނީ، "ހާ ށަވިޔަނީ" ގައި ހިމެނޭ 24 އަކުރާއި އޭގެ ފިއްޔަށް ކުދިން އަހުލުވެރިކުރުވާ ހަރަކާތްތަކެވެ. އޭގެ ތެރެއިން، އަޑުއިވޭ ގޮތަށް "ހާ ށަވިޔަނީ" އަކުރު މަތިން ލިޔުމާއި "ހާ ޝަވިޔާނީ ފިލީ" ގައި ކޮންމެ އަކުރެއްގައި 10 ފިލި އަދި ސުކުން ކުރެވޭ ފަސް އަކުރު ކިޔައިދެ އެވެ.

"މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ގައިޑެޑް ޓްރޭސިން، ސައުންޑް އަދި ވިޝުއަލް ސަޕޯޓް މެދުވެރިކޮށް ދިވެހި އަކުރުތައް ދަސްކޮށްދިނުން. އެ ލާނިން އެކްސްޕީރިއަންސް ފަރުމާކޮށްފައި ވަނީ ކުދިންނަށް ފަސޭހަ އަދި އިންޓަރެކްޓިވް އަދި ފަސޭހަ ގޮތަކަށް. ކުއްޖާއަށް ކުރަންވީ ކަންކަމާ މެދު ވިޝުއަލްކޮށް ގައިޑްކޮށްދިނުމާއި ރަނގަޅު އަދި ނުބައިކޮށް ދަންޏާ އެކަން ވެސް އިޝާރާތް ކޮށްދޭނެ،" ޝަހޫ ބުންޏެވެ.

"އެކްޓިވިޓީއެއް ކާމިޔާބުކަމާ އެކު ނިންމާލައިފި ނަމަ، ސަކްސެސް މެސެޖްތަކާއި ހިތްވަރުގެ ބަސްތަކާއި އަކުރާއި ގުޅުވާލެވިފައިވާ ލަފުޒަކާއި ތަސްވީރު ފަދަ ރިވޯޑްސް މެދުވެރިކޮށް ކުއްޖާއަށް ހިތްވަރުގެ މެސެޖު ވެސް ފޯރުކޮށްދޭނެ. މި އެޕްރޯޗްގެ ސަބަބުން ކުދިން އެންގޭޖްކޮށް މޯޓިވޭޓް ކުރުމަށް އެހީތެރިވެދޭ ޕޮޒިޓިވް ލާނިން އަދި ފީޑްބެކް ލޫޕެއް އުފެއްދުމަށް އެހީތެރިވެދޭނެ." ޝަހޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕްލެޓްފޯމަށް ސަބްސްކްރައިބު ކުރެވޭނީ އެއް އަހަރަށެވެ. އަދި އެ މުއްދަތުގައި، އެއްބަނޑުއެއްބަފާ އެހެން ކުދިންނަށް ވެސް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.

"ހާ ށަވިޔަނީ އިންޓްރޯ އެކްޓިވިޓީ" އަށް އަސްލު ކަނޑައަޅާފައިވަނީ އަހަރަކަށް 200ރ. ވިއަސް، މި ވަގުތު ކުރިއަށްގެންދާ ޑިސްކައުންޓުން 100ރ. އަށް ލިބޭނެ އެވެ. ހާށަވިޔަނި ފިލީގެ އަގަކީ 250 އެވެ.

View this post on Instagram

A post shared by Edu Dhaitha (@edudhaitha)

އެ ޕްލެޓްފޯމަށް މި މަހުގެ 15 ގެ ކުރިން ސަބްސްރައިބްކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް ޓެބްލެޓެއް ލިބޭނެ އެވެ.

ޝަހޫ ބުނީ އެ ޕްލެޓްފޯމަށް މި ވީ ދޮޅު މަސް ދުވަހުގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިހާރު ވެސް 100 އަށްވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށް، ބޭނުންކުރަމުން އަންނަ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ ކުދިން ވެސް ހިމެނެ އެވެ.

މި މުއްދަތުގައި އޭނާ އަށް ލިބުނު އެންމެ ބޮޑު އުފަލަކީ، ހާށަވަޔިނި އިންޓްރޯއަށްފަހު، ހާށަވިޔަނި ފިލި ޕްރޮގްރާމަށް ސަބްސްރްއިބް ކުރާ ބެލެނިވެރިން އިތުރުވުމެވެ.

"ކުދިން، އެ ޕްލެޓްފޯމް ބޭނުންކޮށްގެން ކިޔަވަން އިންނަ ވީޑިއޯ ބެލެނިވެރިން ހުންނާނެ ފޮނުވާފައި. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ،" އޭނާ ބުންޏެވެ.

ކުދިންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ޑިޖިޓަލް ޓޫލްސް ބޭނުންކުރަން އެހީއަކަށް ޕްލެޓްފޯމްގެ ކޮންސެޕްޓާއި ސަބްސްކްރިޕްޝަން އަދި ސޯޝަލް މީޑިއާ މެނޭޖުކުރަނީ ވެސް ޝަހޫ އެވެ.

އޭނާގެ މަންޒަރުގައި ހަގީގީ ކުލަވަރު ޖައްސައިދިނީ ފިރިމީހާ އެވެ.

މައިންޑްކޯގެ ސޮފްޓްވެއާ އިންޖީނިއަރަކަށް ވެސް މަސައްކަތްކުރާ ފަޒާލް އަންނަނީ މެލޭޝިއާއިން އާޓިފިޝަލް އިންޓެލިޖެންސް ރޮނގުން މާސްޓާސް ކިޔަވަމުންނެވެ. މި ކަމުގައި އޭނާގެ ދައުރަކީ އެޑިއު ދައިތަ ޕްލެޓްފޯމް ޑިޒައިންކުރުމާއި އިތުރަށް ތަރައްގީކޮށް ބެލެހެއްޓުމެވެ.

ޝަހޫ ބުނީ ފޯނާއި ޓެބްލެޓް އަދި ކޮމްޕިއުޓަރުގައި ކުޑަކުދިންނާއި އާއިލާތަކަށް ބޭނުންކުރެވޭނެ ހަގީގީ ޑިޖިޓަލް ޕްރޮޑަކްޓެއް އުފެއްދުމުގައި ފަޒާލްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެ ޕްލެޓްފޯމަށް "އެޑިއު ދައިތަ" ގެ ނަން ދިނީ، ގުރުއާން ކިޔަވައިދޭ މީހުންނަށް އާއްމުކޮށް ކިޔަވާ "އެދުރު ދައިތަ" ގެ ނަމާ ގުޅުވައިފަ އެވެ. އެދުރުގެ ބަދަލުގައި އެޑިއު ބޭނުންކުރީ ނަން ޒަމާން ކޮށްލައިފަ އެވެ.

View this post on Instagram

A post shared by Edu Dhaitha (@edudhaitha)

އިންކްލޫސިވިޓީ އަކީ ވެސް އެޑިއު ދައިތަގެ އެންމެ ބޮޑު އެއް ތަސައްވަރު ކަމަށް ޝަހޫ ބުންޏެވެ.

އެ ތަނުން އަންނަނީ ޑެފް އެސޯސިއޭޝަނާ ގުޅިގެން ދިވެހި އަކުރު، އިޝާރާތް ބަހުން ކިޔާ ގޮތް ދައްކުވައިދޭ ވީޑިއޯތައް ތައްޔާރުކޮށް، ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އޭގެ އިތުރުން، އިނގިރޭސި އަކުރުތަކުގެ ވީޑިއޯތައް މި މަހު ނެރެން ވަނީ ފަށައިފަ އެވެ.

ޝަހޫ ބުނީ އެ ވީޑިއޯތައް މިހާރު ހިއްސާކުރަނީ ހަމައެކަނި ސޯޝަލް މީޑިއާގައި އެކަނި ކަމަށެވެ. ނަމަވެސް، އަމާޒަކީ، އިންޓަރެކްޓިވްކޮށް އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ހަރަކާތްތައް ވެސް އެ ޕްލެޓްފޯމުން ހިލޭ ލިބޭނެ ގޮތްތައް ހެދުން ކަމަށް ބުންޏެވެ.

"އަދި ވަރަށް އާ ކޮޅު ޕްލެޓްފޯމް މި އޮތީ. ބޭނުންވަނީ ހަމައެކަނި ބެލެނިވެރިން ބޭނުންކުރާ އެއްޗަކަށް ހެދުމުގެ ބަދަލުގައި ޓީޗަރުންނާއި އެޑިއުކޭޓާސް އަށް ފުރިހަމަ ލާނިން އިކޯސިސްޓަމް އަކަށް ހެދުން. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ކުދިންގެ އުނގެނުމުގެ ފައުންޑޭޝަންގައި ރަނގަޅު ފެށުމަކަށް އެޑު ދައިތަ ހެދުން،" އޭނާ ބުންޏެވެ.

ކުޑަކުދިން ތައުލީމް

Popular