6 Aug 2026

ދަތުރުދާން ދަބަހެއް ނުލިބިގެން ކުރި ކަމަކުން ވިޔަފާރިއެއް

ދަތުރުދާން ދަބަހެއް ނުލިބިގެން ކުރި ކަމަކުން ވިޔަފާރިއެއް

By: Asima Nizar

އާއިލާ މީހުންނާ އެކު ކުޑަބަނޑޮހަށް ދަތުރު ދާއިރު ގެންދާނެ ރީތި ދަބަހެއް ހޯދަން މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގައިގެން ވެސް، ހިތްހަމަޖެހޭ ކަހަލަ ދަބަހެއް ނުލިބުނެވެ. ހައްވާ އިރުޝާ (އިރޫ) އެ ހިސާބުން ނިންމީ އަމިއްލައަށް ފޮތި ގަނެގެން ކޮއްކޮއާ ދެ މީހުން ވެގެން މަންމަގެ ފޮށިން ދަބަހެއް ފަހާށެވެ. 

އެކަމަކު، 17 އަހަރުގެ އިރޫއަށް އޭރު އެއްވެސް ވަރަކަށް ފަހާކަށް ނޭނގެ އެވެ. ރީތި ފޮއްޗެއް ފެންނައިރަށް އެ ގަނެ، ބާލީސް އުރައެއްހެން ދެ ފަރާތުން ޖަހައި އަތްގަނޑު ލުމުން ފުރިހަމަވީ އެވެ. އެކަމަކު މަންމަގެ ފޮށިން ފެހި އެ ދަބަސް ހިފައިގެން ދިރިއުޅުމުގެ އާ މަގަކުން ހިނގައިގަނެވުނެވެ.

ފަހަރަކު ފިޔަވަޅެއް އަޅަމުން، ތަފާތު ވައްތަރުގެ ދަބަސް ފަހަން ދަސްކުރި އެވެ. ޕޮކެޓު ލައި، ޒިބުލައިގެން ފަހަން ދަސްކުރި އެވެ. އެކަމަކު، އެ ފެހުންގަނޑު އިތުރަށް ރީތިވީ ކައިވެންޏަށް ފަހު ފިރިމީހާގެ ގެއަށް ބަދަލުވެ، މައިދައިތަ ހަދިޔާކުރި ފަހާފޮށިން ދަސްކޮށްގެންނެވެ. 

މިހާރު ދެ ކުދިންގެ މަންމަ އިރޫ ބުނީ ފެހުމުގައި އޭނާއަށް އެންމެ ބޮޑު އެހީއަކަށް ވީ މީހުން ލިޔެފައި ހުންނަ އެއްޗިއްސާއި ޓިއުޓޯރިއަލްތައް ކަމަށެވެ. އެ ބަލައިގެން ބައެއް ފަހަރު 3-4 ފަހަރު ފަތި ޖަހައިގެން ވެސް ދަސްކޮށްފައި އެބަހުއްޓެވެ.

ކަނބުލޮ ޑިޒައިންގެ ފޮތިން ފަހާފައިވާ ދަބަސް. މިއީ، އިރޫ ދަރިފުޅުގެ ޑިޒައިނެއް.

"ޓޯޓް ދަބަހުން ބެކްޕެކް ހަދަން ދަސްވުމަކީ ވަރަށް ބޮޑު ސްޓެޕެއް. އެތެރެ ބައިލުމާއި ހޭންޑަލް ޕެޑެޑްކޮށް ހެދުމާއި އެ ހުރިހާ ކަމެއް ދަސްކުރީ ޓްރަޔަލް އެންޑް އެރާއިން ހަމަ،" އިރޫ، 39، ބުންޏެވެ. 

އޭރު އެކަން ކުރީ ރައްޓެހިންނާއި ގާތް މީހުން އެދިގެންނެވެ. އަދި ފަހުން ސްކޫލު ނިންމައި ސަރުކާރުގެ އޮފީހަކަށް ވަދެ، ލިބޭ ހުސްވަގުތުގައި ވެސް ދަބަސް ފަހަން ފެށި އެވެ. އެކަމަކު، ފުރަތަމަ ދަރިފުޅު ލިބުމާ އެކު، 2010 ވަނަ އަހަރުގެ ފަހުކޮޅު ވަޒީފާއިން ވަކިވެ، ފުލްޓައިމްކޮށް މަސައްކަތަށް ހުސްވީ އެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން "އީކޫސް ޓިއާރާ" ގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށް، ރަސްމީކޮށް އެކަމުގެ ތެރެއަށް ވަދެ ހަމަޖެހިލި އެވެ. 

އިރޫ ފުރަތަމަ ބޭނުންވީ "ޓިއާރާ"ގެ ނަމުގައި ވިޔަފާރި ގެންދާށެވެ. އެކަމަކު، އެ ނަން ލިބެން ނެތުމުން އޭނާގެ ތިބި ދެ އަންހެން ކުދިންގެ ވަނަން ގުޅުވާލައި ހެދި "އީކޫ" ކުރިއަށްލައި ފުރިހަމަކުރި އެވެ. 

އެ ވިޔަފާރީގެ ދަށުން އެކި ވައްތަރުގެ ދަބަސް ފެހިޔަސް، އިރޫ ބުނީ ގިނައިން އޯޑަރު ލިބެނީ، ގުރުއާން ކްލާހަށް ގެންދަން ކުދިން ބޭނުންކުރާ ފައިލް ދަބަހަށް ކަމަށެވެ. އަދި އުމްރާއަށް ގެންދާ ދަބަހުގައި ގިނަ ޕޮކެޓު ހުންނާތީ ފަހަން އުނދަގޫވިއަސް އެއީ ވެސް އިރޫ ވަރަށް ލޯބިން ކުރާ ކަަމެކެވެ. 

އިރޫ ފަހާފައިވާ އުމްރާ ދަބަހެއް.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރިޕީޓް ކަސްޓަމާސް ތިބޭތީ،" އިރޫ ބުންޏެވެ.

ފެހުމުގައި އޭނާ މިހާރު ބޭނުންވަނީ ކޮންމެ ކަސްޓަމަރަކަށް، އެ މީހެއްގެ ހާއްސަކަން އިހުސާސްކޮށްދޭށެވެ. އޭގައި ނަން ޖެހުމާއި ވަކި ޕްރިންޓަކުން ހަދައި ކަސްޓަމަރު އެންމެ ހިތްހަމަޖެހޭގޮތަށް މަސައްކަތް ނިންމާލަން ބޭނުންވެ އެވެ.

"ފޮތި އެއްޗެހި ހޯދަނީ އެ މީހަކު ބޭނުންވާ ކުލައިން. ހާފް ޕޭމަންޓު ދެއްކީމާ ކޮންފާމްވީމަ ފެހުން ކުރިއަށްގެންދާނެ،" އޭނާ ބުންޏެވެ. 

އޯޑަރުކުރާތާ އާއްމުކޮށް ދެ ހަފުތާގެ ތެރޭގައި ދަބަސް ފަހައި ނިންމަ އެވެ. އެކަމަކު، އިރޫ ތަހައްމަލުކުރާ އޮޓޯއިމިއުން ބައްޔަކާ ހެދި ބައެއް ފަހަރު މަސައްކަތް ނުނިމި ދިގުލައިގެން ދެ އެވެ. 

ފެހުމުގައި ފަހަރަކު 'ފައްޗެއް ޖަހަމުން' އިރޫގެ އަމިއްލަ ފޮއްޗެއް ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. އަންހެނަކު ރަތް ލިބާސް ލައިގެން ހުރި ކުރެހުމަކާ އެކު އޭނާގެ ދަރިފުޅު އިލަސްޓްރޭޓްކުރި ޑިޒައިން "ކަނބޮލު" މިދިޔަ އަހަރު ނެރުނެވެ. އޭގެ ފަހުން ކަނބުލޮގެ ކީ ޗެއިން އަދި ފިރިހެނުންނަށް ހާއްސަ "ތަކުރު"ގެ ކީ ޗެއިން ވެސް މިދިޔަ ޖޫން މަހު ވަނީ މާކެޓަށް ނެރެފަ އެވެ. 

ހުޅުމާލޭގައި ފްލެޓުގައި ކުރާ މި މަސައްކަތުގައި ފެހުމާއި ދޮވުމާއި އިސްތިރިކުރުމުގެ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށެވެ. އެ ފަހައި ނިންމުމުން ދަބަސްތައް ގެންދަން ޖެހޭ ތަނަކަށް ފޮނުވައިދެނީ ފިރިމީހާ އެވެ. 

ކޮލިޓީ ރަނގަޅުވާނެ

ފިހާރަތަކުން އާއްމުކޮށް ގަންނަ ދަބަސް މާ ގިނަ ދުވަހެއް ނުވެ ހަލާކުވެ އެވެ. އަނެއްކާ ބޮޑު ހަރަދުކޮށްފައި ޖެހޭނީ ގަންނާށެވެ. އެކަމަކު، އިރޫ ދޭ ޔަގީންކަމަކީ އޭނާ ފުރިހަމަކުރި ދަބަސްތަކުގެ ކޮލެޓީ ރަނގަޅުވާނެ ކަމެވެ. 

"ކޮންމެ ބައެއް ވެސް ޑަބަލް ސްޓިޗުކުރަން. ބޭނުންކުރާ ފޮއްޗަކީ ކޮލިޓީ ރަނގަޅު ފޮތި. ކުރީގައި އުނދަގޫ ފޮތި ހޯދަން. އެކަމަކު، އޮންލައިންކޮށް ފޮތި ގަނެގެން ވެސް ފޮތީގެ ކޮލިޓީ ރަނގަޅުކުރެވޭ. ކޮންމެ ދަބަހެއްގެ ވެސް ކޮލިޓީ ރަނގަޅުކުރުމަކީ އިރޫއަށް ވަރަށް މުހިއްމު ކަމެއް. މިހާރު الحمد لله. މިހާރު ގިނައިން ގެންނަނީ ލަންކާއިން އެއްޗެހި،" އޭނާ ބުންޏެވެ.

 

ރެއިންބޯ ދަބަހެއް. މިއީ، ވަރަށް ބުރަ މަސައްކަތުން ފެހުނު ދަބަހެއް ކަމަށް އިރޫ ބުނި.

އިރޫ ބުނީ ކޮންމެ ވައްތަރެއްގެ ދަބަހަކަށް ވިއަސް އޭގެ އެތެރެއަށް ވޯޓަ ޕްރޫފް ފޮތި ލާތީ ކޮންމެ ހާލަތެއްގައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ. 

"އެންމެ މަދުވެގެން ހަތަރު އަހަރު އޭގެ ދަބަހެއް ބޭނުންކުރެވޭނެ. ޒިބު ތާށިވުމުގެ މައްސަލަ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދިމާވެއްޖިއްޔާ އިތުރު ޗާޖަކާނުލައި ބަދަލުކޮށްދޭނެ،" އިރޫ ބުންޏެވެ.

އެހެން މީހުންގެ އެހީތެރިއަކަށް

ދަބަސް ފަހަން ދަސްކުރިއިރު މީހުންގެ އެހީތެރިކަމަށް ބޭނުންވިއިރު އޭނާއަށް އެހީގެ އަތެއް ނުލިބެ އެވެ. އެހެންވެ، އިރޫ މިހާރު އިންތިޒާކުރަނީ އެހެން މީހުންނަށް ދަބަސް ފަހަން ދަސްކޮށްދެވޭނެ ދުވަހަކަށެވެ. އެކަމުގައި، އޮންލައިން ޓިއުޓޯރިއަލްތަކެއް ހެދުމަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. 

"ސުވާލު ކުރީމަ ޖަވާބު ދޭނެ، އެހީވެދޭނެ މީހެއް ބޭނުންވި. އެ އެހީ ބޭނުންވިއިރު މީހަކު ނެތަސް، އެހެން މީހަކަށް ބޭނުންވާ އެހީތެރިކަން ދޭން ބޭނުންވޭ."

"މި މަސައްކަތަކީ ވަރަށް ހިތްހަމަޖެހުން ލިބޭ މަސައްކަތެއް. ކޮންމެ މީހަކަށް ވެސް މިކަން ކުރެވިދާނެ. އެންމެ އާދައިގެ، ސްޓްރެއިޓު ސްޓިޗު ޖަހަން އެނގޭ މީހަކަށް ވެސް ދަބަސް ފެހިދާނެ. ބޭނުންވަނީ ކުޑަ ހިތްވަރެއް. ދެން ބޭނުންވަނީ އެހީތެރިވެދޭނެ މީހެކޭ،" ލ. ގަމަށް އުފަން އިރޫ ބުންޏެވެ. 

ކުޑަ ފޮއްޓަކުން އަމިއްލައަށް ފަހަން ދަސްކޮށް އަދި ފަހުން އިންޑަސްޓްރިއަލް މެޝިންގެ އެހީގައި ވިޔަފާރި ފުޅާކުރި އިރޫ މިދިޔަ އަހަރު އުދެއްދުންތެރިންގެ އެކްސްޕޯގައި ބައިވެރިވެ، ފުރަތަމަ ފަހަރަށް ބައިވެރިވި އިވެންޓުން ވަނީ ބޭގްސް އަދި އެސެސެރީ ކެޓަގަރީން އެއް ވަނަ ހޯދައިފަ އެވެ. އެއީ ހށ. ފޮތިން ހަދާފައިވާ ސެޓެކެވެ. 

"އެކްސްޕެކްޓެއް ނުކުރަން އެއްވަނަ ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.

އަންހެނުން

Popular