15 Jul 2017

ސޭންޑީ އަކީ ހަމަ "އޯވާ-ޓޮޕް" ނައިސް މީހެއް؟

"ޖަސްޓިން ބީބާ އަކީ އެންމެ ހޭޓާސް ގިނަ މީހާ. އެކަމަކު އޭނަގެ ފީލްޑުގައި އެންމެ ކުރީގައި ދޯ އެހެރީ ގާތްގަނޑަކަށް. އެހެންވީމަ ނެގެޓިވް ކޮމެންޓްސްއަކަށް އައި ޑޯންޓް މައިންޑް."

"ޖަސްޓިން ބީބާ އަކީ އެންމެ ހޭޓާސް ގިނަ މީހާ. އެކަމަކު އޭނަގެ ފީލްޑުގައި އެންމެ ކުރީގައި ދޯ އެހެރީ ގާތްގަނޑަކަށް. އެހެންވީމަ ނެގެޓިވް ކޮމެންޓްސްއަކަށް އައި ޑޯންޓް މައިންޑް."

By: Ahmed Nadym

ޒުވާން ފެޝަން ޑިޒަައިނަރު އަދި ފެހުންތެރިޔާ ސޭންޑީ ބުނަނީ މިހެންނެވެ. އެއަށް ފަހު އޭނާ ބުނަނީ މިހެންނެވެ. -- "ޓޮޕް ފައިވް ޑިޒައިނާސް ނަގަންޏާމު، ސޭންޑީގެ ނަން އޭގައި އިންނާނެ" އޭ އެވެ.

މިއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނުވަތަ ސޭންޑީ އަކީ ކިހާވަރަކަށް "އޯވާ-ޓޮޕް- ނަ-އީސް" މީހެއް ކަމެއް ކަނޑައަޅަން އަހަންނަކަށް ނޭނގެ އެވެ. އެކަމަކު 25 އަހަރުގެ މި ފެހުންތެރިޔާ ނުވަތަ ފެޝަން ޑިޒައިނަރާ ބެހޭ ގޮތުން އަހަރެމެން އެންމެނަށް ވެސް އިއްތިފާގުވެވިދާނެ އެއް ވާހަކައެއް އެބައޮތެވެ.

މިހެން ބުނީމަ ބައެއް މީހުން ބުނެފާނެ އެވެ. – ދައްކަން ތިޔަ އުޅޭ ވާހަކަ އަހަރެމެންނަށް އެނގެ އެވެ. ތިޔަ އުޅެނީ ސޭންޑީގެ "އަންރިލައެބަލް" ވާހަކަ ދައްކާކަށް ނޫންހެއްޔެވެ؟ -- ނޫނެކެވެ.

ސުމަކުން ފަށައިގެން އައިސް ނުވަތަ ފުލުން އަރައިގެން އައިސް އޭނާ މި ރޭހެއްގެ އެންމެ ކުރިއަށް އަރައިފި ވާހަކަ އެވެ. ސޭންޑީ އަކީ އޭނާ އަށް އަމާޒުވެފައިވާ ނަފުރަތާއި ފުރައްސާރައާ އެއްވަރުގެ މަގްބޫލުކަމަކާއި މަޝްހޫރުކަމެއް ވެސް އާންމުންގެ ހިތްތަކުން ހޯދާފައިވާ ހުނަރުވެރިއެކެވެ.

އެކަމަކު ވެސް ސޭންޑީ ނުވަތަ އޭނާގެ އަސްލު ނަމުން ނަމަ ހުސެއިން ޝަދިޔާން އަދި މިއަށް ވުރެން ވެސް އަސްލު ނަމަކުން ދާ ނަމަ، ހުސެއިން ހާޒިމް ބުނަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. – ސޭންޑީ އަކީ ހަމަ އޯވާ-ޓޮޕް ނައިސް މީހެކެވެ.

"ރާއްޖެއިން ޓޮޕް ފައިވް ޑިޒައިނާސް ނަގަންޏާމު ސޭންޑީގެ ނަން އިންނާނެ އޭގައި. އިނދޭ. މިވީހާ ތަނަށް ނަން ހިމެނުނު. އޭގެ މާނަ އަކީ، ސޭންޑީގެ އަދި ވަކި ޝޮޕެއް ނެތަސް، ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މަސައްކަތްކުރިޔަސް ސޭންޑީ ބަލައިގެންފިއޭ މީހުން."

ސޭންޑީ މިހެން ބުނެގެން ރުޅިއަންނަ ބަޔަކު ރުޅިއަޔަސް އަހަރެމެން ދެން ޖެހިލާނީ ސޭންޑީގެ އިސްޓައިލަށެވެ. "ވެލިގަނޑު ފަޅާލާފައި" ސޭންޑީ އާންމުންގެ ތެރެއަށް ނުކުމެ ފެހުންތެރިއެއްގެ ގޮތުގައި އޭނާގެ ކާސަލް ޖަރީކުރަން ފެށީ 2012 ވަނަ އަހަރު ފިލްމީ ތަރި އާމިރާ އިސްމާއިލަށް ޑިޒައިންކޮށް ފަހައިދިން ހެދުމަށް ފަހާފޮށި އަނބުރައިލި ހިސާބުންނެވެ.

އެކަމަކު މިހާރު ސޭންޑީގެ އިސްޓައިލަކީ އާމިރާގެ އިސްޓައިލެއް ނޫނެވެ. ސޭންޑީގެ އިސްޓައިލަށް މިހާރު ކިޔަނީ "އަޝްފާ" އެވެ.

ފެޝަން ޑިޒައިނަރު އަދި ފެހުންތެރިޔާ ސޭންޑީ.

"ސޭންޑީގެ އިންނާނެ ވަކި ސްޓައިލެއް މިހާރު. މީހުން އެއަށް ކިޔަނީ "އަޝްފާ ސްޓައިލް". އަޝްފާ ސްޓައިލް އަކީ ވާހަކަ އަކީ ސޭންޑީ ސްޓައިލް. އަޝްފާ އެ ފެންނަނީ ސޭންޑީގެ ސްޓައިލްގައި،" ދޯ އަށް ދިން އިންޓަވިއުއެއްގައި ސޭންޑީ ބުންޏެވެ.

އޭނާ އެ ބުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ މުހަންމަދު އަބްދުލްޣަނީގެ ހަމަ އެވަރަށް މަޝްހޫރު އަންހެނުން އަދި ލަވަކިޔުންތެރިޔާ އަޝްފާގެ ވާހަކަ އެވެ. އަޝްފާއާ އެކުގައި ސޭންޑީ މަޝްހޫރުކޮށްފައިވާ "ގަޔަށް ބާރު ބުރުގާ" ގެ ސްޓައިލަކީ އިތުރު ތައާރަފެއް ބޭނުންވާ ވަރަށް ވުރެ އާންމުންގެ ލޯތަކާ ރައްޓެހި ޑިޒައިންތަކެކެވެ.

"ސޭންޑީ މިއީ އަންނަ ކްލައިންޓުންގެ ބޮޑީ ފިގާ އަށް ވަރަށް ބަލާ މީހެއް. ބޮޑީއާ ގުޅޭ ގޮތަށް ހެދުން އަޅަން ނުވަތަ ގުޅޭނީ ކޮން ކަހަލަ ކޮން ވައްތަރެއްގެ ހެދުންތަކެއްކަން ބުނެދީ ސޭންޑީ އެ މީހަކަށް ހިޔާލު ދެން. ސޭންޑީ މިއީ ވަރަށް މޮޑާން އެއްޗެހި ފަހާ މީހެއް. އާންމުކޮށް ބުނަންޏާމު ޓޮޕްސް ކަހަލަ އެއްޗެހި ނުވެސް ފަހަން،" ސޭންޑީ ބުންޏެވެ.

"ޓޮޕް އެއްޗެހި ނުފަހަނީ އެއީ ސޭންޑީ އަށް ޓޮޕެއް ފަހާލެވޭނެ މިސާލަކަށް 20 މިނެޓް ނުވަތަ 15 މިނެޓު ތެރޭގައި. ޕާޓީ ހެދުމެއް ވެސް އެބަ ފަހާލެވޭ ގިނަވެގެން 30 މިނެޓު ތެރޭގައި. ޓޮޕަކަށް 500ރ. ގެ އަގެއް ކިޔައިގެން އެ ވަގުތަށް މަސައްކަތްކުރާއިރު ހަމަ ގާތްގަނޑަކަށް އެ ވަގުތުގެ ތެރޭގައި ޕާޓީ ހެދުމެއް ފަހާލައިގެން އެބަ ޖައްސާލެވޭ 2000ރ. އެހެންވީމަ ޓޮޕް ފެހުމުގެ ބޭނުމެއް ނެތެއްނު."

ސޭންޑީގެ ފެހުމުގެ ދުނިޔޭގެ އިސްޓައިލް މިހެން އޮތްއިރު އޭނާގެ އާންމު ދިރިއުޅުން އޮތް ގޮތަށް ވެސް ކުޑަކޮށް ބޯދިއްކޮށްލަމާ ހިނގާށެވެ. އާދައިގެ ފެހުންތެރިޔަކުން މަގްބޫލު ފެޝަން ޑިޒައިނަރަކަށް ބަދަލުވުމުގެ ކުރިން ސޭންޑީ އަކީ ވީޓީވީގައި އޮންއެއާ އޮޕަރޭޓަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭރު އޭނާ އަކީ ބޭރުތެރެއަށް ނުކުމެ މީހުންނާ މިވަރަށް ޑީލްކުރި ޒުވާނެއް ނޫނެވެ.

ނަމަވެސް ސޭންޑީ ބުނީ އޭނާގެ ލޯ ހުޅުވައިދިން ތަޖުރިބާއަކީ އެއީ ކަމަށެވެ.

ސޭންޑީ

"އާންމުކޮށް ބޭރަށް ދާ މީހަކަށް ނުވީމަ، ދުނިޔެ ދަސްކުރަން އެތަނަށް ދިޔައީ. މާލެ ތެރެއަށް ރަނގަޅަށް ނުކުމެވުނީ އެތަނަށް ޖޮބަށް ދާން ފެށި ހިސާބުން،" ސޭންޑީ ބުންޏެވެ.

ލޯ ހުޅުވައި ދުނިޔެ ދަސްކުރަން ނުކުތްގޮތަށް ހިތްތަކެއްގެ ތެރެއަށް ވަދެގެން ގޮސް ހުނަރުވެރިކަމުގައި އޭނާ ގެއްލުނީ އެވެ. ސޭންޑީ ބުނީ ދެން އަނެއްކާވެސް އައީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް އޭނާގެ "ޓްރޫ ފްރެންޑުންނާއި ފޭނުން" އޮޅުންބޮޅުންގަނޑަކަށް ހަދާލި ދުވަސްތަކެއް ކަމަށެވެ.

"ކުރިން ސޭންޑީ އަކީ ވަރަށް މަޑުން ހުންނަ މީހެއް. ސްކޫލުން ގެއަށް. ގެއިން ސްކޫލަށް. އެކަމަކު މި މަސައްކަތްކުރަން ފެށި ހިސާބުން މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ރެސްޕެކްޓަށް ވުރެން ބޮޑަށް ޑިސްރެސްޕެކްޓްކަން ނޭނގެ އަމާޒުވަނީ. މީހުން ދެކެނީ ވަރަށް ގޯސްކޮށް މީތި."

މީގެ އިތުރުން ސިއްހީގޮތުން އޭނާ އަށް ދިމާވެފައިވާ މައްސަލަގަނޑެއްގެ ތެރެއަށް މިފަހުން ގެނބިގެން ދިއުމަކީ ވެސް ކެރިއަރުގެ ދަތުރުގައި ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރި އެވެ. ސޭންޑީ ބުނާ ގޮތުން ނަމަ އޭނާގެ މަސައްކަތްތަކާ މެދު ބަޔަކު ހިތްހަމަނުޖެހޭ ފަދަ އަމަލުތަކެއް އޭނާގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ނުވަތަ ތަޖުރިބާކުރެވިފައި ވަނީ "ސިއްހީ ގޮތުން އޭނާ އެންމެ ބަލިކަށިކޮށްލި" ދުވަސްތަކުގަ އެވެ.

"ދެ އަހަރެއްހާ ދުވަސް ވެއްޖެ ސިއްހީ މައްސަލަތަކެއް ދިމާވެގެން އުޅޭތާ،" އޭގެ އިތުރު ތަފްސީލެއް އަދި ހާމަކުރަން ބޭނުންނުވާ ކަމަށް ބުނެ ވާހަކަ ދައްކަމުން ސޭންޑީ ބުންޏެވެ.

"އޭގެ އަސަރު ސޭންޑީގެ މަސައްކަތުން ފެނި ބައެއް ކަސްޓަމަރުންނަށް އޭގެ ނޭދެވޭ އަސަރުކޮށްފައި ހުރެދާނެ. ވަކިން ހާއްސަކޮށް ބޭޑް އެކްސްޕީރިއަންސެއް ކުރެވިފައިވާ މީހުންނަކީ އެގޮތަށްވުމުގެ ސަބަބުން މައްސަލަތަކެއް ދިމާވި މީހުންނަށް ވެދާނެ."

"ލައިފް ސްޓޭބަލްއެއް ނޫނޭ."

އެކަމަކު ވެސް ސޭންޑީ ބުނީ އެ ވާހަކަތައް ކިޔައިދީގެން މީހުންގެ ސަމާލުކަން ހޯދައި، ސިމްޕަތީ ބޭނުންނުވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އޭނާގެ އިސްޓައިލަށާއި މަސައްކަތަށް ފާޑުކިޔަސް މައްސަލައެއް ނެތް ކަމަށެވެ. މީގައި އޮތީ ކްލައިންޓުން ސޭންޑީއާ ޑީލްކުރި ގޮތެކެވެ. އެކަމަކު ކޮންމެ ގޮތަކަށް ޑީލްކުރިޔަސް ސޭންޑީ އަކީ އަބަދުވެސް އޭނާގެ އެންމެ "ނައިސް-ސައިޑު" ދައްކާ މީހެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ސޭންޑީގެ ރެގިއުލާ ކަސްޓަމަރުން މިކަމަށް ހެކިވާނެ އެވެ. އަދި ހަމައެއާ އެކު ރުޅިއަންނަ ބަޔަކު ރުޅިއަންނާނެކަމީ ވެސް އެއްވެސް ޝައްކެއް އޭގައި އޮތް ކަމެއް ނޫނެވެ. އެކަމަކު ސޭންޑީ މި ދައްކާ ކޫލު ވާހަކައަކުން ނިކަން އިބްރަތް ހާސިލުކޮށްބަލާށެވެ.

ފެޝަން ޑިޒައިނަރު އަދި ފެހުންތެރިޔާ ސޭންޑީ. -ފޮޓޯ: މިލްޒީރޯ

"ސޭންޑީ ދެކެ ރުޅި އަންނަ މީހުންނަށް ބުނެލަން އޮތީ، ސޭންޑީ އަށް އެއްވެސް ކަމެއް، ހިތްހަމަނުޖެހޭ ފަދަ ގޮތަކަށް ކުރެވިފަ އޮވެއްޖެ ނަމަ (ފޭސްބުކް) ސްޓޭޓަސްގަ އާއި ކޮމެންޓްސްތަކާއި ވައިބަ ގްރޫޕުތަކުގައި އެ ވާހަކައެއް ނުޖަހައި ސޭންޑީއާ އެ ވާހަކައެއް ދައްކާށޭ. އޭރަށް ވަރަށް ސަޅިކޮށްނޭ އޭތި ނިމޭނީ،" ސޭންޑީ މިހެން ބުނީ ހަމަ ހިނިއައިސްފައި ހުރެގެންނެވެ.

އޭނާ ބުނީ ކަސްޓަމަރުން ހިތްހަމަނުޖެހޭ ހާލަތްތަކެއް ވެސް މެދުވެރިވެދާނެ ކަމަށެވެ. އެކަމަކު ގިނަ ފަހަރަށް މީހުން ސޭންޑީ ގޯސްކޮށް ބަދުނާމުކޮށްލަނީ އެންމެ އިންސާފުވެރި އުސޫލަކުން ނޫން ކަމަށެވެ.

"ފާޑުކިޔާއިރު އޭގައި އެބަ އުޅޭ ބައެއް ޓްރޫ ކޭސަސް ވެސް. މުޅިން ދޮގު ވާހަކަތަކެއް ނޫން މީހުން ދައްކާފައި ހުރީ ސޭންޑީއޭ ކިޔައިގެން. ކަންހިނގާފައި ހުރި ގޮތުގެ ވާހަކަ ވެސް އެބަހުރި. އެކަމަކު ތިބޭ ދޯ ކަމެއް ވީމަ އެ ކަމެއް ބޮޑުކޮށްލައިގެން، އެ މައްސަލައެއް ހިލުވަން ވެގެން ދޮގު ހަދައިގެން ވާހަކަ ދައްކާ މީހުން ވެސް،" ސޭންޑީ ބުނީ މިހެންނެވެ.

"ނެގެޓިވްކޮށް ކުރިން ކޮމެންޓްކޮށްފައި ހުރި މީހުން އެބަތިއްބޭ އަލުން ސޭންޑީ ކައިރިއަށް އައިސް އެ ވާހަކަ ރަނގަޅުކޮށްފަ ސޭންޑީ ކިބައިން މައާފަށް ވެސް އެދިފައި. އައި ކޭން އީވެން ޝޯ ޔޫ ޕްރޫފް އޮފް ދެޓް."

އަދިވެސް ސޭންޑީ ބުނެލަން ބޭނުންވާ އެއް ވާހަކައެއް އެބައޮތެވެ.

"ޖަސްޓިން ބީބާ އަށް ބަލާލާ. ޖަސްޓިން ބީބާ އަކީ އެންމެ ހޭޓާސް ގިނަ މީހާ. އެކަމަކު އޭނަގެ ފީލްޑުގައި އެންމެ ކުރީގައި ދޯ އެހެރީ ގާތްގަނޑަކަށް. އެހެންވީމަ ނެގެޓިވް ކޮމެންޓްސްއަކަށް އައި ޑޯންޓް މައިންޑް."

ފެޝަން

Popular