19 Jul 2017

ޔައުލާ: ލަވަ އާއި މޭކަޕާއި ފެޝަންގެ ދުނިޔެއެއްގައި

ލަވަ ކިޔުމާއި މޭކަޕް ކުރުމުގެ އިތުރުން އޭނާ އަކީ ކިޔަވައިދޭ، ޓީޗަރެކެވެ. ކޮންމެވެސް ވަރަކަށް އިސްތިހާރު ވެސް ކުޅެދެ އެވެ. ހުނަރުން ފުރިފަ އެވެ.

ލަވަ ކިޔުމާއި މޭކަޕް ކުރުމުގެ އިތުރުން އޭނާ އަކީ ކިޔަވައިދޭ، ޓީޗަރެކެވެ. ކޮންމެވެސް ވަރަކަށް އިސްތިހާރު ވެސް ކުޅެދެ އެވެ. ހުނަރުން ފުރިފަ އެވެ.

By: Ahmed Nadym

މިވަރުގެ ރީތިކަމަކާއި ހުނަރުވެރިކަމެއް މި ހަފުތާގައި ކީއްކުރަން، ކުރިއަށް އޮތް އޯގަސްޓު މަހުގައި ވެސް ފެންނާނެހެނެއް ހީއެއް ނުވެ އެވެ. އަންނަ މަހު 20 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މި އަންހެން ކުއްޖާ އަކީ ހަމަ އަޖާއިބެއް ކަހަލަ ޓެލެންޓެކެވެ. – އޭނާގެ ނަމަކީ އައިމިނަތު ޔައުލާ މާޒިން އެވެ.

ނިމިގެން ދިޔަ މޯލްޑިވިއަން އައިޑޮލްގެ ޓީމުގައި އޭނާ އަކީ ކުލަގަދަ މޭކަޕް އާޓިސްޓެކެވެ. ލިބޭ ހުސް ވަގުތުތަކުގައި އޭނާ އަކީ މަޝްހޫރު މޭކަޕް އާޓިސްޓް ލޭކޮކާ ރިޒްގެ ހުނަރުވެރިކަމުގައި އެންމެ ބޮޑަށް ވިދައިބަބުޅަމުން އަންނަ އެއް މޫނެވެ. މިގޮތަށް މަޝްހޫރު އާޓިސްޓުންނާ އެކު އާޓު ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ފަހު އޭނާ ކޮންމެވެސް ވަރަކަށް އިޝްތިހާރު ކުޅެ ވިޔަފާރީގެ އުސޫލުން މޮޑެލް ވެސް ކުރެ އެވެ.

ޔައުލާ

އެއަށް ފަހު ދެން އޭނާ، ނިކަން ރީއްޗަށް ލަވަކިޔަން ހުއްޓައި، ބްރައިޑް މޯލްޑިވްސް ކަހަލަ ވަރުގަދަ އިވެންޓަކުން ވެސް ފެނިދާނެ އެވެ. އެކަމަކު އެންމެ ސަޅިކަމަކީ ކޮބައިކަން ބުނަން ހެއްޔެވެ؟

މިހުރިހާ މައުލޫމާތެއް އެއްކުރުމަށް އޭނާ އަށް ފޯނުން ގުޅާލިއިރު އުޅެނީ އިސްކަންދަރު ސްކޫލްގަ އެވެ. ޔައުލާ އަކީ އެތަނުގެ ގްރޭޑް ތިނެއްގެ ޓީޗަރެކެވެ. އެހެންވީމަ މިވަރުގެ ހުނަރުވެރިކަމަކާއި މިވަރުގެ ހިތްވަރެއް މި ހަފުތާގައި ވެސް ނުފެންނާނެކަން ޔަގީންވެ ނިމުނީ އެވެ.

ޔައުލާ އޭނާގެ ދަރިވަރުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ދެން ފަށަންވީ މި ޒުވާން އަންހެން ކުއްޖާގެ ކޮން ހުނަރުވެރިކަމެއްގެ ވާހަކައިން ހެއްޔެވެ؟ އޯލެވެލްގެ ކިޔެވުން ނިންމާލި ގޮތަށް އޭނާ ވޮލަންޓިއާ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ ޑައުންސިންޑްރޯމް އެސޯސިއޭޝަންގައި ހާއްސަ އެހީ ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމުގެ އެހީތެރިކަމުގަ އެވެ. ޔައުލާ ބުނީ ކުޑަކުދިންނަށް ދެވިފައިވާ ޖާގަ ހިތުގައި ހަމަ ބޮޑީ ކަމަށާއި ޓީޗަރަކަށް ވުމަކީ އަބަދުވެސް އޭނާގެ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ.

"އެންމެ ކުޑައިރު ވެސް އަބަދުވެސް ބޭނުންވޭ ޓީޗަރަކަށްވާން. ކުޑައިރު ގޭގައި އުޅޭއިރު ޓީޗަރަކަށް ހެދިގެން އުޅޭގޮތް ވެސް ހަނދާންވޭ،" ޔައުލާ ބުންޏެވެ.

ޔައުލާ މިހާރު ކިޔައިދެމުން އަންނަ އިސްކަންދަރު ސްކޫލަކީ އޭނާގެ ވެސް ކުޑައިރުގެ ސްކޫލެވެ.

"އަސްލު ވަރަށް އުފާވޭ އަޅުގަނޑަށް ކިޔަވައިދިން ޓީޗަރުންނާ އެކުގައި އަޅުގަނޑު ވެސް ކިޔެވި ސްކޫލްގައި މިގޮތަށް މަސައްކަތްކޮށްލަން ލިބޭތީ. އެ މީހުން ބުނޭ އަޅުގަނޑު މިގޮތަށް ފެނުމުން އުފާވާ ވާހަކަ،" ދަންނަ އެކުވެރިންގެ މެދުގައި ޔާގެ ނަމުން ދާ ޔައުލާ ބުންޏެވެ.

މި އަންހެން ކުއްޖެއްގެ ވާހަކަ އާއި ހުވަފެންތަކާއި އޭނާ ޓީޗަރެއްގެ ގޮތުގައި އަދާކުރި ވަޒީފާތަކުގެ ވާހަކަ މިހައިހިސާބުން ނިމުނީ ކަމަށް ހީކުރެވުނަސް އެ ވާހަކަތައް ދެން ވެސް ކުރިއަށް އޮތީ އެވެ.

ސްކޫލް ދައުރުން ފެށިގެން ލަވަކިޔުމަށް ހާއްސަ ޝައުގުވެރިކަމެއް އުފެދިފައިވާ ޔައުލާ އަށް ލިބިފައިވާ މިއުޒިކާއި ލަވައިގެ ހުނަރު ވެސް މުއްސަންޖެވެ. ސްކޫލް މުބާރާތްތަކާއި ވީޓީވީގެ ލަވަ މުބާރާތްތަކުން ފާހަގަކުރެވުމަށް ފަހު އޭނާ ދެން ގުޅުނީ މަޝްހޫރު މިއުޒީޝަން ރުކުމާގެ ބެލުމުގެ ދަށުން ހިންގާ މިއުޒިކް ސެންޓަރާ އެވެ. އެތަނުގައި ވެސް ޔައުލާ އެންމެފަހުން ބަދަލުވީ ޓީޗަރަކަށެވެ.

ބްރައިޑް މޯލްޑިވްސްގައި ޔައުލާ ލަވައެއް ހުށަހަޅައިދެނީ.

"އެތަނުގައި ވެސް ކުޑަކުދިންނަށް ލަވަ ކިޔަން ދަސްކޮށްދޭން އުޅުނީ،" ޔައުލާ ކިޔާލަދިނެވެ.

އެހެންވީމަ ޔައުލާގެ އެންމެ ބޮޑު ހުވަފެނަކީ ކޮބައިތޯ ސުވާލުކޮށްފި އޭގެ ޖަވާބުދޭން މިހާރު ވަރަށް ފަސޭހަވާނެއޭ ބައެއް މީހުން ހިތަށް އަރައިފާނެ އެވެ. އެކަމަކު އެ ހުވަފެނުގައި ޔައުލާ އަކީ ޓީޗަރެއް ނޫނެވެ.

ޔައުލާ

"އެންމެ ބޮޑު ޑްރީމަކީ ފެޝަން ޑިޒައިންގެ ދާއިރާ އިން ކިޔެވުން. އެއަށް ފަހު އަމިއްލަ ކްލޯތިން ލައިނެއް ތައާރަފްކުރުން. އެކަމަކު ޓީޗިން ވެސް ދޫކޮށެއް ނުލާނަން،" ޔައުލާގެ ހިތްވަރަކީ މިއީ އެވެ.

ފިސާރި ޒުވާނުންނަކީ މިއީ ނޫންތޯއެވެ؟

ފެޝަން

Popular