12 Sep 2017

ފެނުނީ އެންމެ އިޝާރާތެއް، ވަނީ ސިޔާސީ ދާއިރާއަށް!

By: Moosa Latheef

ފެބްރުއަރީ 8، 2012 ގައި ހަމްނާ ވަހީދު ބޭރަށް ނުކުތީ އެމްޑީޕީ ސަރުކާރު ވެއްޓުމުގެ ހިތާމަ އާއި ރުޅިވެރިކަމުގައި ތިބި ސަޕޯޓަރުން ރާވާލި ރާއްޖެ އަންތަރީސް ކޮށްލި ބޮޑު އެއްވުމުގެ ކަންކަން ބަލައިލާށެވެ. އޭގެ ކުރިން އޭނާގެ ޝައުގުވެރިކަމެއް ސިޔާސީ ދާއިރާއަކަށް ނެތެވެ. "އޭ ހިނގާ ބަލަ މާލެތެރެ ބަލައިލަން" ރައްޓެއްސަކު ބުނުމާ އެކު ގެއިން ނުކުތީ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ދިރިއުޅުއްވި މ. އަލިވާގެ ހުންނަ މަގަށް ހަމްނާމެންނަަށް ދެވުނު އިރު މަގު ބަންދުކޮށްގެން ތިބީ ލަޓިބުރިތައް ހިފައިގެން ތިބި ޒުވާން ގްރޫޕެކެވެ. އެ މަގުން ހިނގާފައި ގޮސް ކަސްޓަމްސް ކައިރިއަށް ނުކުމެވުނު އިރު އެ ތަނުގައި ފުލުހުން ތިއްބެވެ. ހަމްނާ، ރަނގަޅު ނިޔަތެއްގައި، އެ ފުލުހުން ގާތު ބުނީ، މަގުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭނީ ފުލުހުން ކަމަށާއި އާންމުން އެގޮތަށް ލަޓިބުރިތަކާ އެއްޗެހި ހިފައިގެން އުޅެން ދޫކޮށްލީ ކީއްވެގެންހޭ އެވެ.

ދެން ފެނުނީ ހަމްނާ އާއި އޭނާގެ ރަހުމަތްތެރިޔާ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ.

"އެ ފުލުހުގެ ފަރާތުން ފެނުނީ ވަރަށް ބޭއަދަބީ ކަންތައްތަކެއް. އޭނާގެ އަތުގެ އިޝާރާތުން ދެއްކީ،" ހަމްނާ ބުންޏެވެ.

"އެ ދުވަހު ހަމަ އެވަގުތު ހިތަށްއެރީ މިވަނީ ރަނގަޅު ގޮތެއް ނޫނޭ. އެހެންވެ އެބަ ޖެހެޔޭ ނުކުންނަން. އޭގެ އަނެއް ދުވަހު މާ ބޮޑަކަށް ނުވެސް ވިސްނަން އެމްޑީޕީ އަށް ސޮއިކޮށްލީ."

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭގައި ބޭއްވި ހިނގާލުމުގައި ހަމްނާ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ "ބަޣާވާތަކުން" ކަމަށް އޭނާ އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރެ އެވެ. ސޮއިކުރުމަށް ފަހު އޭނާ ފެށީ އެމްޑީޕީން އޭރު ކުރިއަށް ގެންދިޔަ އެއްވުންތަކުގައި، ޒުވާނުންގެ ތެރެއިން އިސް ދައުރެއް އަދާކުރާށެވެ. އޭނާގެ ގްރޫޕް އޭރު މަޝްހޫރުވެފައި އޮތީ "ޔެލޯ ފޯސް"ގެ ނަމުގަ އެވެ.

އެއީ މާ ކުރީގެ މާޒީއެއް ނޫނެވެ. އުސް ފަސްގަނޑުގައި އެމްޑީޕީން ކޮންމެ ރެއަކުންހެން އެއްވުންތައް ބާއްވައި، އެއީ އެ ޕާޓީގެ ސަޕޯޓަރުންގެ "މައިޒާނަކަށް" ބަދަލުކޮށްލި އެވެ. އެއްވުންތަކުގައި ބޭނުންކުރާނެ ބޯޑާއި، އިއްވާނެ ބައެއް އޯޑިއޯ ރެކޯޑިން ތައްޔާރުކުރުމުގައި ވެސް، ހަމްނާ ހިމެނޭ "ޔެލޯ ފޯސް" އިސްކޮށް ހަރަކާތްތެރިވި އެވެ.

އިބްތިހާލްގެ މަރާ ގުޅިގެން މާލޭގައި ބޭއްވި ހިނގާލުމުގައި ހަމްނާ: މި އެއްވުން ރޭވުމުގައި ވެސް އޭނާ އިސްކޮށް އުޅުނު

ގައުމީ ޔުނިވަސިޓީގައި ވަޒީފާ އަދާކުރަމުން އައި، ކުޑައިރުއްސުރެ ވިލިމާލޭގައި ދިރިއުޅެމުން ގެންދިޔަ، ހަމްނާގެ ހަޔާތުގައި އެކަހަލަ ބަދަލެއް އަތުވެދާނެ ކަމަށް ހިއެއް ވެސް ނުކުރެ އެވެ. އެކަމަކު އެހާ ހިސާބުން އޭނާއަށް ސިޔާސީ ދާއިރާ އަށް ރަނގަޅަށް ވަދެވުނެވެ. ސޯޝަލް މީޑިއާގައި އަޕްޑޭޓްތައް ވަގުތުން ގެނެސްދިނެވެ. އުސް ފަސްގަނޑުގައި ބައެއް ރޭރޭ މީހުން ވާހަކަ ދައްކާއިރު ކޮމްޕިއުޓަރު ހިފައިގެން އިނދެ، އެ މައުލޫމާތު އެހެން މީސްމީހުންނަށް ފޯރުކޮށްދިނެވެ.

"ބައެއް މީހުން ހީކުރޭ އަހަންނަށް ރިޕޯޓަރެކޭ ވެސް އެގޮތަށް އިންނާތީ،" ހަމްނާ ބުންޏެވެ.

އެއްވުންތަކުގައި ވާހަކަ ދައްކާނެ ޒުވާނަކު ބޭނުންވެގެން އުޅުނު ވަގުތު އޭނާގެ އެކުވެރިންނަށް ފެނުނީ ވެސް ހަމްނާ އެވެ. އެކަމަކު ސްޓޭޖަކަށް އަރާ ވާހަކަ ދެއްކުމަކީ އޭގެ ކުރިން ދުވަހަކު ވެސް އޭނާ ކުރި ކަމެއް ނޫނެވެ. އެހެންވެ އެކަން ނުކުރެވޭނެ ކަމަށް ވެސް ރަހުމަތްތެރިން ގާތު ބުނެވުނެވެ.

މާލޭގައި ބޭއްވި އެއްވުމެއްގައި ހަމްނާ ފުލުހަކަށް ފިނިފެން މަލެއް ދެނީ

ޒުވާން ތަރިން އުފެދެނީ ގިނަ ފަހަރަށް ބާރުއަޅާނެ ބަޔަކު ވެސް ކައިރީގައި ތިބެގެންނެވެ. އެހެންކަމުން ހަމްނާގެ ބިރު ކަނޑުވާލައި، އެމްޑީޕީގެ އުސް ފަސްގަނޑުގެ ސްޓޭޖަށް އެރޭ ވަރަށް އެކުވެރިން އޭނާ އަށް ހިތްވަރުދިނެވެ. އެރޭ އޭނާ ވާހަކަ ދެއްކިޔަސް، ސްޓޭޖަށް އެރީ "ޔެލޯ ފޯސް" ޓީމާ އެކުގަ އެވެ.

"އެރޭ ދެއްކީ ބަޣާވާތް ކުރީމާ، ސަރުކާރެއް ބަދަލުކުރީމާ ޒުވާނުން ހިތްހަމަނުޖެހޭނެ ކަންކަން،" ހަމްނާ ބުންޏެވެ.

އޭގެ ފަހުން އެމްޑީޕީގެ ސަޕޯޓަރުންނަށް ޒުވާން އާ މޫނެއް ފެނުނީ އެވެ. ސްޓޭޖްތަކަށް އަރަން ކެރޭ، އަޑުއުފުލަން ޖެހިލުންނުވާނެ އަންހެން ސިޔާސީ ތަރިއެއް ފާޅުވީ އެވެ. ހަމްނާގެ ބިރު ކެނޑުނެވެ. ރިޔާސީ އިންތިހާބުގެ ބައެއް ޖަގަހަތަކުގައި ވެސް އޭނާ އަށް ފުރުސަތު ދިނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ހަފުލާތައް ވެސް ހިމެނުނެވެ.

އެމްޑީޕީގެ އެއްވުމެއްގައި ހަމްނާ

ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުމަށް ފަހު، އަނެއް ދުވަހު އޭނާ އަށް ލިބުނީ ހަނދާނުން ފިލައިގެން ނުދާނެ އުފަލެކެވެ؛ އޭނާގެ ވާހަކަދެއްކުންތެރިކަމަށް އެމަނިކުފާނުގެ ތައުރީފް ލިބިވަޑައިގަތުމެވެ.

އަނެއް ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވެއްގައި ސިޔާސީ ދާއިރާ އަށް ޒުވާނުން ވަނުމާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަމްނާ އަށް އިޝާރަތްކުރައްވާ "ތިމަންނަ ހަމަ ކޮސްވިއޭ، އެހާ ވެސް މޮޅޭ ހުށަހެޅިލެއް" ވިދާޅުވި ވިދާޅުވުން ހަމްނާ އަށް މުހިންމެވެ.

"ވަރަށް ބޮޑު ހިތްވަރެއް ލިބުނީ ޕްރެޒިޑެންޓެއްގެ ފަރާތުން އެކަހަލަ އެއްޗެއް އަލަށް ނުކުމެ އުޅޭ މީހަކަށް ލިބުނީމާ. ދެން ހިތަށްއެރީ ހަމަ ކުރިއަށް ދާނިއްޔޭ."

މާލޭގައި ބޭއްވި އެއްވުމެއްގައި ހަމްނާ މަގުމަތީގައި

ވިލިމާލޭގެ ކައުންސިލަރު

މައިންބަފައިންނަށް ވިލިމާލެ އިން ގޯތި ލިބުމުން އެމީހުންނާ އެކު ހަމްނާގެ ދިރިއުޅުން ބަދަލުކުރި އިރު، އެ އަވަށުގައި 200 ވަރަކަށް މީހުން ވެސް ނޫޅޭނެ ކަމަށް އޭނާ ބުންޏެވެ. އެމްޑީޕީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުރިން ވެސް ވިލިމާލޭގެ މީހުންނަށް އޭނާ އެނގެ އެވެ. ގިނަ މީހުންނާ ރައްޓެއްސެވެ. އެހެންކަމުން މި އަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އޭނާ ވާދަކުރިއިރު، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ދާއިރާ ނަމަވެސް، ކާމިޔާބުވާނެ ކަމުގެ އުއްމީދު އޮތެވެ.

ވިލިމާލެ އަށް ޚާއްސަ ގޮނޑިއެއް ރައްޔިތުންގެ މަޖިލިހުން ލިބުނު ފަހުން އެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ނިހާނެވެ. އަހަރުތަކެއް ވަންދެން އޭނާ އެ އަވަށުގައި ދިރި ވެސް އުޅުއްވި އެވެ. އެހެންކަމުން މި އަހަރުގެ ކައުންސިލް އިންތިހާބުގެ ކުރިން ގިނަ މީހުންނަށް ހީވެފައި އޮތީ ޕީޕީއެމުން ނުކުންނަ ކެންޑިޑޭޓަކަށް، ނިހާންގެ މަސައްކަތާ އެކު، ކާމިޔާބު ވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ ސޮއި ކުރަނީ

ހަމްނާގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ވިލިމާލެ އަށް ނިސްބަތްވާ މީހުން ވޯޓުލި ކޮންމެ ފޮއްޓަކުން ވެސް ލީޑް ނެގީ އޭނާ އެވެ.

ހަމްނާ ގަބޫލުކުރާ ގޮތުގައި އެއީ ކުރިންސުރެ ވިލިމާލޭގެ ރައްޔިތުންނާއި އޭނާއާ ދެމެދު އޮތް ގުޅުމެވެ. އެ ގާތްކަމާއި އެމްޑީޕީގައި އޭނާ ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުން އޭނާގެ ނަން އެއްޗަކަށް ނުވެ ނުދިޔަ އެވެ.

އުމުރުން 29 އަހަރުގެ ކައުންސިލަރު މިހާރު ނަގަން ޖެހެނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މައިދާނުން ވަރުގަދަ ވެދާނެ ޒުވާން ނުފޫޒެއްގެ ގޮތުގަ އެވެ. ކަން އޮތް ގޮތް ސާފުކޮށް، ތެދަށް ކިޔައިދިނުމަކީ "ސިޔާސީ ވެރިންގެ ޒިންމާއެއް" ކަމަށް ގަބޫލުކޮށް، އޭނާ ވަނީ ކެމްޕޭން ތެރޭގައި ވެސް އާންމުންނަށް ވިސްނައިދީފަ އެވެ. އެއް ކަމަކީ ފައިސާ އަށް ކިޔާކިޔުމެވެ. ފައިސާ ދީގެން ވޯޓު ގަތުމަކީ ހައްލެއް ނޫނެވެ. ފައިސާ އަށް އެދުނު އެންމެން ކައިރީގައި ވެސް އޭނާ ބުނީ އެ ވާހަކަ އެވެ.

ބިން ވިއްކުމާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ހަމްނާ

އޭނާގެ އިންތިހާބީ ފުރަތަމަ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވި އިރު، ކައުންސިލްތަކަކީ މިހާރު ބާރެއް އޮތް ތަނެއް ނޫނެވެ. އެހެންކަމުން ވެރިރަށުގެ ސިޓީ ކައުންސިލްގައި އޭނާގެ ތަޖުރިބާ ހިތްދައްޗެވެ. މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ކަމެއްހެން ސަރުކާރުން ވަނީ އެކި މިނިސްޓްރީތަކާ ހަވާލުކޮށްފަ އެވެ. ކުރެވޭނެ މާ ބޮޑު ކަމެއް ނެތި، އިށީންނާނެ ގޮނޑިއެއް ވެސް ނެތި އޭނާ ގެންދަނ މަސައްކަތްކުރަމުންނެވެ.

ރައްޔިތުންނަށް "ކޮށްދެވޭނެ މާ ގިނަ ކަންތައްތަކެއް. ހިތަށްއަރަނީ އަޅެ އެހުރިހާ ބާރެއް އަލުން އަނބުރާ ދޭނެ ނަމައޭ. އޭރުން ހާދަ ކަންތަކެއް ކޮށްދެވޭނޭ، ހާދަ ބަޔަކަށް ޚިދުމަތް ދެވޭނޭ ހިތަށްއަރާ އެ ބާރުތައް ހުރި ނަމަ،" ހަމްނާ ބުންޏެވެ.

މިއީ ސިޔާސީ މީހުންނަށް ކުރިމަތިވާނެ ހުރަސްތަކެވެ. އެކަމަކު ހަމްނާ މާޔޫސްއެއް ނުވެ އެވެ. ޒުވާނުންގެ ކިބައިން އޭނާ އެދެނީ ސިޔާސީ ދާއިރާގައި ހުރި ނުބައި މިސާލުތައް ބަލައިނުގަނެ، ގޯސް ރަނގަޅުކުރުމުގެ ޒިންމާ އުފުލުމަށެވެ. މިއަދު ގައުމުގައި ހިނގާ ކަންކަމާ އަޅާނުލައި، "މިއީ ތިމަންނައާ ބެހޭ ކަމެއް ނޫނޭ" ގަބޫލުކޮށް ކޮފީގައި ވަގުތު ހޭދަކުރުމަކީ، އޭނާގެ ނަޒަރުގައި، ހައްލެއް ނޫނެވެ.

"ޕޮލިޓިކްސްގެ ދާއިރާއަކީ ފީކަޅާ ދާއިރާއެއް ނޫން. މިއީ ރަނގަޅު ޕްރޮފެޝަންއެއް ކުރިއަށް ދާން،" ޒުވާނުންނަށް އަމާޒުކޮށް ހަމްނާ ބުންޏެވެ.

"މީހާގެ ލޯ ހުޅުވޭ ކަމެއް ސިޔާސީ ދާއިރާއަކީ. އެހެން މީހުން އުޅޭ ގޮތް ފެންނާނެ. ޕޮލިޓިކްސް އަށް ނުކުތީމާ އަސްލު އެބަ އެނގޭ އެހެން މީހުންގެ ހާލަތު."

ދިވެހިން ފަލަސްތީނާ އެކު މުޒާހަރާގައި ހަމްނާ

ސިޔާސީ ހިޔާލު ތަފާތުވުން ހުއްޓަސް އެކި ޕާޓީތަކުގެ ޒުވާނުން އެއް ބަޔަކު އަނެއް ބަޔަކާ ވަރަށް ގުޅޭކަން އޭނާ އަށް ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ބަދަލުގައި ސިޔާސީ ދާއިރާގައި ދުވަސްވީ މީހުންގެ މެދުގައި އެ ގުޅުން ކުޑަކަން، އެކި ކަންކަމުގައި، ހަމްނާ ތަޖުރިބާކުރި އެވެ. އެހެންކަމުން ކުރިމަގު އޮތީ ޒުވާން ސިޔާސީ ލީޑަރުން ގިނަވެ، އެ މީހުންގެ އަތްމަތީގައި ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ހަމްނާ ބޭނުންވަނީ ސިޔާސީ ދާއިރާގެ ރީތި އަދި ރަނގަޅު ނަމޫނާތަކެވެ. ފައިސާ އަށް ނުވިކޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޭނާ ދެ އެވެ.

ފައިސާ އަށް ވިކުމަކީ "އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން،" ހަމްނާ ބުންޏެވެ.

"އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން. އެގޮތަށް ގަބޫލުކޮށްގެން މި ކަމަށް ނުކުތީ."

Popular