18 Sep 2017

ނުޒޫގެ ހަޔާތުގައި ނޫކުލަ: މިއީ ހަމަ މަލިކާއެއް

"ނަށާ ކުއްޖެކޭ ބުނީމަ ބައެއް މީހުން އޭގެ މާނަ ނަގާނީ ވަރަށް ގޯސްގޮތަކަށް. ކިތަންމެ ރަނގަޅު ނިޔަތެއްގައި ވަޒީފާއަކަށް ދިޔަޔަސް ވަޒީފާ ދޭ މީހާ އުޅެނީ އެހެން ކަމެއްކުރަން"

"ނަށާ ކުއްޖެކޭ ބުނީމަ ބައެއް މީހުން އޭގެ މާނަ ނަގާނީ ވަރަށް ގޯސްގޮތަކަށް. ކިތަންމެ ރަނގަޅު ނިޔަތެއްގައި ވަޒީފާއަކަށް ދިޔަޔަސް ވަޒީފާ ދޭ މީހާ އުޅެނީ އެހެން ކަމެއްކުރަން"

By: Ahmed Nadym

އޭނާ މި ދުވަސްކޮޅު އެންމެ ބިޒީކޮށް އުޅެނީ ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދަމުން އަންނަ އާ ފިލްމު "ވަކިން ލޯބިން" ގެ މަސައްކަތުގަ އެވެ. އޭނާ އަދި ފިލްމީ ދާއިރާގައި ކިރިޔާ ފިރުކެނީއޭ ބައެއް މީހުން ބުނެފާނެ އެވެ. ނަމަވެސް "މަލިކާ" ގެ ގޮތުގައި ދިވެހި ސިނަމާ އަށް ތައާރަފްވި 29 އަހަރުގެ މި ބަތަލާ އަށް "އެންޓަޓެއިންމަންޓަކީ" ބައުވެފައިވާ މަޖާގަނޑެކެވެ.

ފަހަރެއްގައި އަލަތު ފެނިލުމުގައި ވެސް ސީދާ ޓައިޓްލް ރޯލު ކުޅެ އޭގެ ބާރުގައި ބޮންތިއަށް އަރައިގެން ދިޔައީ މި ދާއިރާ އޭނާ އަށް ފެންފޮދަކަށްވެފައި އޮތުމުންނެވެ. ނުޒޫ ކުޅުނު ފުރަތަމަ ފިލްމަކީ ސެމީ މުސްތަފާ ޑައިރެކްޓްކޮށް މިދިޔަ އަހަރު ނެރުނު "މަލިކާ" އެވެ. އެއަށް ފަހު އޭނާ ދެން ފެނިގެން ދިޔައީ އަބްދުލް ފައްތާހުގެ" ހައްދު" ގައި ހާއްސަ ފެނިލުމަކުންނެވެ. މިހާރު "ވަކިން ލޯބިން" ގެ މަސައްކަތުގައި އުޅޭއިރު އޭނާ އަށް ތައުރީފާއި އިތުރު ފުރުސަތު މި ދާއިރާއިން އޮހެމުންދަނީ ހިފެހެއްޓުމެއް ނެތި އެވެ.

ޔަގީނަށް ވެސް ނުޒުހަތު ޝުއައިބު (ނުޒޫ) އަކީ މިވަގުތު ފިލްމީ ދާއިރާގައި ހުރި އެންމެ އުއްމީދީ އެއް ބަތަލާއެވެ. ނަމަވެސް އެކްޓްކުރުމާއި ފިލްމު ކުޅުމަކީ އޭނާ މިގޮތަށް ކުރިން ޝައުގުވެރިވި ފަންނެއް ނޫނެވެ. ކުރިން ވެސް ބުނި ގޮތަށް، "އެންޓަޓެއިންމަންޓް" އޭނާ އަށް ބައުވެފައިއޮތީމަ ކަމަށް ވެދާނެ އެވެ.

އާދައިގެ ދުވަހެއްގައި ނުޒޫ އޭނާގެ ގޭގެ ދޮރުކައިރީގައި ހުއްޓިލައިގެން. --ފޮޓޯ: މަސްރަހް

އަމީނިއްޔާ އިން ކިޔެވުން ނިންމާލި ގޮތަށް އޭނާ ބަދަލުވެގެން ދިޔައީ މާލޭގައި މަޝްހޫރު އެނިމޭޝަންސް ޑާންސް ގްރޫޕުގެ މެމްބަރަކަށެވެ. ލަވަޖަހައިގެން ގޭތެރޭގައި ނަށަމުން އެނބުރެމުން ގޮސް މި ގްރޫޕާއެކު އޭނާ އެފަދަ ދެވަނައެއް ނެތް ޕާފޯމާއަކަށް ބަދަލުވެގެން ދިޔައީ އެވެ.

ނުޒޫ ކުއްޖަކު ގޮވައިގެން ހިނގާލާފައި އަންނަނީ. --ފޮޓޯ: މަސްރަހް

އުމުރުން 16 އަހަރުން ފަށައިގެން ގޮސް 18 އަހަރު ފުރުނުއިރު ވެސް ނުޒޫ އަކީ ކުޅަދާނަ ނެށުންތެރިއެކެވެ. އެނިމޭޝަންސް ގްރޫޕްގެ މަގްބޫލުކަމާ އެކު ލަވަ އާއި ޑްރާމާތަކުން ނުޒޫ އަށް އެތައް ފުރުސަތެއް ވެސް ލިބިގެންދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުންނުކޮށް އޭނާ ބޭނުންވީ ނެށުމުގެ ފަރި ސްޓެޕްތަކާއިގެން ކުރިއަށްދާށެވެ.

ނުޒޫ މޭކަޕާ ނުލައި. --ފޮޓޯ: މަސްރަހް

ނުޒޫ ބުނަނީ ފިލްމު ކުޅެން އެއްބަސްވުމުގެ ކުރިން އާންމްދަނީއެއް ހޯދަން ނެށުން ފިޔަވައި އޭނާ އިތުރު އެހެން އެއްވެސް "ވަޒީފާއެއް" އަދާނުކުރާ ކަމަށެވެ. އެކަމަކު ފިލްމު "މަލިކާ" ގެ ޝޫޓިން ނިންމާލިގޮތަށް ޖެލީ ޕިއްޒާގެ ގޮތްޕެއްގައި ކޭޝިއަރަކަށް އުޅުނެވެ. ނުޒޫ ބުނީ އޭގެ ކުރިން އޭނާ އެހެން ވަޒީފާތަކަށް ޝައުގުވެރިވި ނަމަވެސް ނުބައި އަތްތަކެއްގެ ދަށުނުވާން ވަޒީފާއަކަށް ނުދިޔައީ ކަމަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

އެ ނުބައި އަތްތަކަކީ ކޮބައިތޯ ސުވާލުކޮށްލުމުން އޭނާ ކިޔައިދިނީ ވަޒީފާގެ މާހައުލުގައި ވަރަށް ގިނަ އަންހެން ކުދިންނަށް އޭރު ވެސް އަދި މިހާރު ވެސް ދިމާވަމުން އަންނަ ބިރުވެރިކަމެއްގެ ވާހަކަ އެވެ.

"ތުންފުންސަކަށް ވާން ބޭނުންނުވީ،" އެ ހުރިހާ ވާހަކައެއް ވަރަށް ކުރުކޮށްލާފައި ނުޒޫ ބުނެލީ މިހެންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

އެއަށް ފަހު އޭނާ ކިޔައިދިނީ އޭނާ ވަޒީފާއެއް ހޯދަން ނުކުތުމުން ގަދަކަމުން އަތުގައި ހިފަން މަސައްކަތްކޮށް އޭނާގެ ނަފުސުގައި ވަކި އަޅުވައިލި ބައެއް ތަޖުރިބާތަކުގެ ވާހަކަ އެވެ.

"ވަޒީފާއަކަށް އެދިގެން ފުރުސަތު ލިބުނަސް ވަޒީފާ ދޭ މީހާ އުޅެނީ އެހެން ކަމެއް ބޭނުންވެގެން އަހަރެންގެ ފަރާތުން،" ނުޒޫ ކިޔައިދިނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

މިސާލަކަށް ޕާސަނަލް ސެކްރެޓަރީއެއްގެ ވަޒީފާއެއް ދިނަސް އެމީހުން ބޭނުންވަނީ ވަރަށް ޕާސަނަލް ކަންތައްތައް ވެސް ކުރުވަން. އެމީހުން މި ބުނަނީ ޕާސަނަލް ސެކްރެޓަރީ ވީމަ ޖެހޭނެއޭ ވަރަށް ޕާސަނަލްވާން،" އޮފީސް ވަޒީފާގެ މާހައުލަށް އޭނާ ފޫހިވާން މެދުވެރިވިގޮތް ކިޔައިދެމުން ނުޒޫ ބުންޏެވެ.

"ދެން އެ ދަނީ މުޅިން އެހެން ދިމާލަކަށްދޯ. ނުޒޫ ބޭނުމެއް ނުވޭ ތުންފުއްސަކަށްވާ. ނުޒޫ ބޭނުންވަނީ މަސައްކަތްކުރަން. މަސައްކަތްކޮށްގެން މީހުންގެ އިހްތިރާމާއި ލޯބި ހޯދަން."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

މި ވާހަކައެއް ކިޔައިދެމުން ނުޒޫ ބުނީ އޭނާ އަށް ވަޒީފާ ދޭ މީހުން އޭނާގެ ބޭނުން އެހެން ގޮތަށް ހިފަން މަސައްކަތްކުރަނީ "ނެށުންތެރިޔަކަށްވީމަ ކަމަށް" ވެދާނެ ކަމަށެވެ.

"ނަށާ ކުއްޖެކޭ ބުނީމަ ބައެއް މީހުން އޭގެ މާނަ ނަގާނީ ވަރަށް ގޯސްގޮތަކަށް. ކިތަންމެ ރަނގަޅު ނިޔަތެއްގައި ވަޒީފާއަކަށް ދިޔަޔަސް ވަޒީފާ ދޭ މީހާ އުޅެނީ އެހެން ކަމެއްކުރަން،" ނުޒޫ ކިޔާލަދިނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

"އެންމެ ފަހުން ވަޒީފާ ނުލިބިގެން ފިހާރަތަކަށް ވެސް ދިޔައިން ވަޒީފާ އަދާކުރަން. އެކަމަކު ވެސް އެ ތަންތަނުގައި ވެސް އިންސެކުއާ ފީލްވާވަރުން ފަހުން ނުދަން."

އެއަށް ފަހު ދެން އަނެއްކާވެސް ނުޒޫ އަށް ހަމަޖެހުމެއް ގެނެސްދިނީ އޭނާގެ ޑާންސް ރޫޓިންތަކާއި އެނިމޭޝަންސް ގްރޫޕްގެ މަސައްކަތެވެ. މިހާރު ވެސް އޭނާ އެންމެ ކުރާހިތްވާ ކަމަކީ ނެށުމެވެ. އެގޮތުން ފިލްމެއްގެ މަސައްކަތެއް ނެތް ނަމަ މިހާރު ވެސް ގިނަ ވަގުތު އޭނާ އުޅެނީ ނެށުންތަކަށް ފަރިތަކުރުމުގަ އާއި ގްރޫޕުގައި އުޅޭ އެހެން ކުދިންތަކަށް ނެށުމުގެ ތަމްރީނު ދިނުމުގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

އެއަށް ފަހު ގްރޫޕު ގޮވައިގެނީ މިހާރު ބަނޑޮހާއި ސަން އައިލެންޑްގައި ސަގާފީ ހަރަކާތްތައް ވެސް ސިލްސިލާއަކަށް ހުށަހަޅައިދެމުންނެވެ.

އެކަމަކު ވެސް ނުޒޫގެ މި ހަޔާތަކީ އޭނާ ކުޅުނު އަސަރުގަދަ ފިލްމު "މަލިކާއެއް" ހާ އަސަރުން ފުރިފައިވީ ހަޔާތެކެވެ. ރަށުގައިވީ މަންމަ އާއި އާއިލާގެ އެހެން މެމްބަރުންނާ ވަކިން މާލޭގައި އެކަނިމާއެކަނި ދިރިއުޅެމުން އަންނަ ނުޒޫގެ އެ ހުރިހާ ހިތްދަތިކަމެއް އޭނާ ކިޔައިދޭން ބޭނުމެއް ނުވެ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

އޭގެ ބަދަލުގައި އޭނާ ބޭނުންވަނީ ބަޔަކަށް ދެރައެއް ނުދީ، ބަޔަކު ގޯސްނުކޮށް އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މި ދާއިރާއިން ދެވުނު އެންމެ ދުރަކަށްދާށެވެ.

"އުމުރުން 16 އަހަރުން ފެށިގެން އެކަނި މަސައްކަތްކޮށްގެން އެކަނި މި އުޅެނީ. އަމިއްލަ މަސައްކަތުން މީހުން ބަލައިގަންނަ ފެންވަރުގެ މީހަކަށް ވާން ބޭނުންވަނީ،" ނުޒޫ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ޖަސްޓިން | ވޯޑްރޯބް: ރޮމްބަސް / ކްލޯޒެޓް

"ނަށާ ކުއްޖެކޭ ބުނީމަ މީހުން ދެކެނީ އަދިވެސް ވަރަށް ގޯސްކޮށް. ވެދާނެ ދެން ނަށާ ކުއްޖެކޭ ބުނީމަ އޭގެ މާނަ އެމީހުން އެހެން ގޮތަކަށް ނަގަނީ ކަމަށްވެސް. އެކަމަކު އަހަރެން ބޭނުމެއް ނޫން ހަގީގަތް އޮޅުވާލާކަށް. އަހަރެން މިއީ ނަށާ ކުއްޖެއް. ނެށި ކުއްޖެއް."

Popular