22 Sep 2017

ހަބޭސް މަމްދޫހް ނުކުރާ ކަމެއް ނެތޭ، ސާބަސް

އާޓާ ގުޅުން ހުރި އެތައް ބައިވަރު ކަމެއް ކުރާއިރު ކުޅިވަރާއި އެކި މަސައްކަތްތަކުގައި ވެސް މަމްދޫހުގެ ހުނަރުވެރިކަން އެބަހުރި

އާޓާ ގުޅުން ހުރި އެތައް ބައިވަރު ކަމެއް ކުރާއިރު ކުޅިވަރާއި އެކި މަސައްކަތްތަކުގައި ވެސް މަމްދޫހުގެ ހުނަރުވެރިކަން އެބަހުރި

By: Ahmed Adhushan

މަޝްހޫރު ބޮޑުބެރު ހަބޭސްގެ އެކެއްގެ ވާހަކަ ހޮވާލައިގެން ދައްކާ ނަމަ އަލީ މަމްދޫހް (ހަބޭސް މަމްދޫހް) ގެ ވާހަކަ ދައްކައި ކޮޅަކުން ނުލާނެ އެވެ. ހަބޭސްގެ އިންޖީނުގެ ގޮތުގައި ސިފަކުރެވޭ މި ހުނަރުވެރިޔާ ނުކުރާކަށް ކަމަށް ނެތެވެ. ލިސްޓް ލިޔަންވެއްޖެ ނަމަ ވަރަށް ދިގު ވެދާނެ އެވެ. އެއީ "އޯލް އިން ވަން" އެކެވެ.

ހަބޭސް ބޮޑުބެރު ވުޖޫދަށް ގެނައުމުގައި ހިއްސާވާ މަމްދޫހަކީ އާޓާ ގުޅުން ހުރި ހުރިހާ ކަމެއްގައި ހޭކިފައި ހުރި މީހެކެވެ. ތ. ވަންދު އަށް އުފަން މި ޒުވާނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ތްރީޑީ އާޓިސްޓެވެ. ވީޑިއޯ ގްރެފީގައި އޭނާ އަށް ނޭނގޭ އެއްވެސް ކަމެއް ނެތެވެ. މިއީ ޑްރޯން ޕައިލެޓް ސިނަމޮޓޯގްރާފާއެކެވެ. ފޮޓޯގްރާފަރެކެވެ. ޑައިރެކްޓަރެކެވެ. ޅެންވެރިއެކެވެ. ނުކުޅޭ މިއުޒިކް އިންސްޓްރޫމަންޓެއް ނެތެވެ. ހަބޭސްއާ އެކު އޭނާ ނުކުރާ ހަމައެކަނި ކަމަކީ ލަވަ ކިޔުމެވެ.

ހަބޭސް ބޭންޑާ އެކު މަމްދޫހް ފޮޓޯއެއް ނަގަނީ.

"ލަވަ ކިޔުން ނޫން އެހެން ހުރިހާ ކަމެއް ހަބޭސްއާ އެކު އެބަ ކުރަން. ލަވަ ކިޔަން ޝައުގު ނުހުންނަކީ ވެސް ނޫން. ވާ ގޮތަކީ މަށަށް ވުރެ މާ މޮޅު މީހުން ބޭންޑްގައި ލަވަ ކިޔަން ތިބީ،" ހިގަނޑެއް ޖަހާލާފައި މަމްދޫހް ބުންޏެވެ.

ހަބޭސް ބޮޑު ބެރާ އެކު، އިތުރު އެހެން ތިން ބޭންޑް އޭގެ ތެރޭގައި އޮތް އިރު، މި ހުރިހާ ބޭންޑްތަކެއް ޕްރޮމޯޓްކޮށް، މާކެޓް ކުރާ މީހަކީ އޭނަ އެވެ. މަމްދޫހަކީ ހަބޭސްގެ މާކެޓިން ހެޑެވެ. މި މަސައްކަތްތައް ވަރަށް ތަރުތީބުކޮށް ކުރިއަށް ގެންދާކަން ހަބޭސްގެ ސޯޝަލް މީޑީއާ ހޭންޑްލްތަކުން އެނގޭނެ އެވެ. އަދި ބޭންޑަށް ހާއްސަ ސައިޓަކާއި މޮބައިލް އެޕެއް ވެސް މަމްދޫހް ވަނީ ވުޖޫދަށް ގެނެސްފަ އެވެ.

މިހާރު ރާއްޖޭގައި ބްރޭންޑެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ހަބޭސްގެ ތައްގަނޑާ އެކު ހިންގާ އަނެއް ތިން ބޭންޑަކީ ލެވިޓޭޝަން ބައި ހަބޭސް، ގްރެވިޓީ ބައި ހަބޭސް އަދި ހަބޭސް ފިއުޝަން އެވެ.

ހަބޭސް މަމްދޫހް ކުރަހަނީ.

މި ހުރިހާ ބޭންޑްތަކެއްގެ ލޯގޯއާ ހަމައިން ފެށިގެން ގޮސް ސްޓޭޖްތަކުގައި އެ ދައްކައިލާ ހުނަރުތަކާ ހިސާބަށް މަމްދޫހްގެ މަސައްކަތް އޮންނާނީ ގުޅިފަ އެވެ. ދާދި ފަހުން އެއް ފަހަރާ ފަސް އަލްބަމް ހަބޭހުން ނެރުނު އިރު އެއިން ކޮންމެ އަލްބަމުން މަމްދޫގެ ހުނަރުވެރި މަސައްކަތްތައް ފެންނާނެ އެވެ. މިދިޔަ ރޯދަ މަހު ބޭންޑުން ނެރުނު ފުރަތަމަ މަދަހަ ސީޑީގެ ބައެއް މަދަހަތަކުގެ ޅެން ވެސް އޭނާ ވަނީ ލިޔެފަ އެވެ.

"އެހެން ގޮތަކަށް ސިފަ ކުރާ ނަމަ ބުނެވިދާނެ ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުންގެ މަސައްކަތޭ މަ މުޅި ހަބޭސްގައި މި ކުރަނީ،" އަމިއްލަ ބައެއް މަސައްކަތްތަކުން މައިގަނޑު ގޮތަށް ދިރިއުޅުމަށް އާމްދަނީ ހޯދާ ޒުވާނާ ބުންޏެވެ.

އެކަމަކު އެވަރަކުން އަދި ނުނިމެ އެވެ. މަމްދޫހަކީ ސެޓިފައިޑް ޖިމް އިސްޓްރަކްޓަރަކެވެ. ޕާސަނަލް ޓްރެއިނާއެއް ވެސް މެ އެވެ. އިލެކްޓްރިޝަނެކެވެ. ކަރަންޓު ވައިރިން ކުރަންވެއްޖެ ނަމަ، އެކަމަށް ވެސް އޭނާ ވަކި ދުލެއް ނުކުރާނެ އެވެ. ފުޓްބޯޅަ ކުޅެން ނަމަ އެ ފޯރި ކިތަންމެ ގަދަ އަށް ވެސް އޭނާ ދައްކައިލާނެ އެވެ. ރާޅާ އަޅަ އެވެ.

ހަބޭސް މަމްދޫހް ޝޯއެއްގައި.

މަޖީދިއްޔާ ސްކޫލް ނިންމާލި ގޮތަށް އެކިއެކި މަސައްކަތުގައި އުޅެމުން ހަބޭސް ވުޖޫޖަށް އައީ އިތުރުން ތިން ރައްޓެހިންނަކާ އެކީގަ އެވެ.

"ވަރަށް ކުޑައިރުއްސުރެ އާޓް ފީލްޑަށް އަބަދު ވެސް ވަރަށް އިންޓްރަސްޓް ހުންނާނެ. ދެން އެކިއެކި ކަންކަން އަމިއްލަ ދަސްކުރަމުން މި ހިސާބަށް އަސްލު އާދެވިފައި މި ހުރީ،" ޓީވީއެމުން ގެނެސް ދިން މޯލްޑިވިއަން އައިޑޮލްގައި އޭރިއަލްގެ މަސައްކަތް ކުރި މަމްދޫހް ބުންޏެވެ.

އޭނާ ހުރީ ޖަމާވެފައި ހުރި ހުރިހާ ހުނަރަކާ އެކު ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެންނެވެ. ހަބޭސްއާ ދޭތެރޭ އޭނާ ކުރާ އުންމީދުތަކަށް ބަލާ އިރު، ރާއްޖޭން ބޭރުގައި ވިދުން ގަދަ ބޭންޑަކަށް އެ ބޭންޑް ހެދުމަކީ ވަރަށް ބޮޑު ހުވަފެނެކެވެ.

މަމްދޫހް ޑްރޯންއަކާ އެކު: އޭނާއަކީ ޑްރޯން ވީޑިއޯ އަށް ރާއްޖޭގައި އެންމެ ކުޅަދާނަ އެކަކު.

"މަ ވަރަށް ބޭނުން މުޅި ދުނިޔޭގައި ވެސް ރިކޮގްނައިޒް ކުރެވި އެޕްރިޝިއޭޓް ކުރާ ކަހަލަ ބޭންޑަކަޑް ހަބޭސް ވާން. އެކަން ހާސިލް ކުރަން މިހާރު ވަނީ މަސައްކަތް ވެސް ފަށާފައި،" މަމްދޫހް ބުންޏެވެ. "ވަރަށް ރާއްޖެވަންތަ ވީޑިއޯ ލަވައެއް ހެދުމުމުގެ މަސައްކަތް އެބަ ކުރަން. އޭގައި ބުނާ އެއްޗެއް ދުނިޔޭގެ އެތައް ބަޔަކަށް އަންގައިދޭން ބޭނުންވާތީ ލަވަ އިންނާނީ އިނގިރޭސިން. އެކަމަކު ދިވެހިންގެ ސަގާފަތާއި އާދަކާތައް ލަވައިން ވަރަށް ބޮޑަށް ދައްކުވައި ދޭނެ."

ހަބޭސް މިހާރު ބޮޑުބެރުގައި ކިތަންމެ މަޝްހޫރަސް މަސައްކަތް އަދި އޮތީ ކުރިއަށެވެ. އެގޮތުން ރާއްޖޭގައި ސަގާފީ ގޮތުން ކުޅުނު އެހެން މިއުޒިކްތައް ހަބޭސްގެ ތެރެއަށް ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ. އޭގެ ތެރޭގައި ތާރަ އާއި ލަނގިރި ފަދަ ކުޅިވަރުތައް ހިމެނެ އެވެ.

"އެ މަސައްކަތް ފެށުމުގެ ގޮތުން އަހަރެމެންގެ ޓީމެއް ވ. އަތޮޅަށް ވަރަށް އަވަހަށް ދަތުރެއް ކުރާނެ،" މަމްދޫހް ބުންޏެވެ.

މަމްދޫހް ހަބޭސް ސްޓޫޑިއޯގައި މަސައްކަތް ކުރަނީ.

ލިބިފައި ހުރި ހުނަރުތަކާ އެކު އޭނާ ބޭނުން ވަނީ ގައުމަށް ހިދުމަތް ކުރާ މީހެއްގެ ގޮތުގައި ދެމިހުންނާށެވެ. އަދި އެނގިފައި ހުރި ކޮންމެ ހުނަރެއްގެ ބޭނުން އަބަދު ވެސް ހިފާނެ އެވެ. ވީޑިއޯ މަސައްކަތްތަކުގެ ތެރެއިން މަމްދޫހް އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ލަވައަކީ ހަބޭސް އިން މިދިޔަ އަހަރު ނެރުނު ވީޑިއޯ ލަވަ "ލޯބި" އެވެ.

"އެކަހަލަ ބައިވަރު މަސައްކަތްތައް އެބަ ހުރި،" ދާދި ފަހުން ގްރެވިޓީގެ ލަވަ ކިޔުންތެރިޔާ މުއައްޒިންގެ ލަވަ "ލޭކޮކާ" ގެ ހުރިހާ މަސައްކަތެއް ކުރި މަމްދޫހް ބުންޏެވެ. "ފަހުން މި ނެރުނު އަލްބަމްތަކުން ހޮވާލެވޭ ލަވަތަކެއްގެ ވީޑިއޯ ވެސް ވަރަށް އަވަހަށް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ."

އޭނާ ބުނީ ވީޑިއޯއާ ގުޅުން ހުރި މަސައްކަތެއް ކުރާތީ ފިލްމާއި ލަވަ ހެދުން ކަހަލަ ކަންކަމަށް ވެސް ފުރުސަތު ލިބިފައި އެބަހުރި ކަމަށެވެ.

މަމްދޫހް ފުޓްސަލް ކުޅެނީ: ފުޓްބޯޅައަކީ ވަރަށް ފޯރި ހުންނަ ކުޅިވަރެއް.

"އެކަމަކު ވަގުތު ހުންނަ ގޮތުން އެކަހަލަ ކަމެއް ކުރެވޭނެ ދަނޑިވަޅެއް އަދި ނުލިބޭ،" ކައިވެންޏަށް ދެ އަހަރުވެފައިވާ މަމްދޫހް ބުންޏެވެ. "އެކަމަކު މުސްތަގުބަލްގައި ކުރު ފިލްމެއް ނޫނީ ފީޗާއެއް ހެދުން ކަހަލަ ވިސްނުމެއް ވެސް އެބަހުރި."

މަސައްކަތްކޮށްފި ނަމަ ކޮންމެ މީހަކީ ވެސް ކާމިޔާބު މީހަކަށް ވާނެ އެވެ. ދިވެހި ޒުވާނުންނަށް މަމްދޫހް ދައްކުވައިދޭ ބޮޑު މަންޒަރަކީ އެއީ އެވެ. ހަމަ ސާބަހެވެ. ޒުވާނުންނަކީ މިއީ އެވެ.

"އަހަރެން ބުނާނީ ގޯލެއް އޮވެގެން މަސައްކަތް ކުރާށޭ. އެޗީވް ވާނޭ،" ނިންމައިލަމުން ޒުވާނުންނަށް މަމްދޫހް ދޭން އޮތް ނަސޭހަތަކީ އެއީ އެވެ.

ހަބޭސް ބޮޑުބެރު ގުރޫޕް

Popular