20 Sep 2017

ޓޮޕް 10 ފޮޓޯގްރާފަރުން: އެންމެ ފޯރިގަދަ ލިސްޓަކީ މިއީ!

ޓޮޕް 10 ފޮޓޯގްރާފަރުން: އެންމެ ފޯރިގަދަ ލިސްޓަކީ މިއީ!

By: Ahmed Nadym

މި ޒަމާނަކީ ކޮންމެ މީހަކަށް ވެސް ކެމެރާ އާއި ސްމާޓްފޯނު ލިބިފައިވާ ޓެކްނޮލޮޖީގެ ފަހި ޒަމާނެވެ. އެހެންވީމަ މި ޒަމާނުގައި އެންމެންނަކީ ވެސް ފޮޓޯގްރާފަރުންނެވެ. އެއް ބަޔަކު ބުނަނީ މިހެންނެވެ. އަނެއް ބަޔަކު ބުނަނީ މިގޮތަށް އުޅޭ ކޮންމެ ކޮންމެ މީހަކު އަދި "ފޮޓޯގްރާފަރަކަށް" ނުވާނެ ކަމަށެވެ. އެހެންކަމުން މިއީ ނިމުމެއް ނެތް ފޯރިގަދަ ބަހުސެކެވެ. ފިލްމު ހުސްވުމެއް، ކާޑުފުރުމެއް މިއަކު ނެތެވެ.

ކޮންމެއަކަސް މި ފޯރިގަނޑުގެ ތެރެއިން އަހަރެމެން މި ފަހަރު މި ބަލައިލަނީ ވާދަވެރިކަން ބޮޑުވެފައިވާ މި ދާއިރާ އިން ފާހަގަކޮށްލެވޭ ނިކަން ކުޅަދާނަ 10 ފޮޓޯގްރާފަރުންނަށެވެ. މިއީކީ އެއްގޮތަކަށް ވެސް ތަރުތީބުކޮށްފައިވާ ލިސްޓެއް ނޫނެވެ. އެ އިހްތިޔާރު މިފަހަރު ވެސް އަޅުގަނޑުމެން ދޫކޮށްލާނީ ދޯގެ ވަފާތެރި ކިޔުންތެރިންނާއި މި ފޮޓޯގްރާފަރުންގެ ސަޕޯޓަރުންނާއި ފޭނުންނަށެވެ.

މިއީ އާދައިގެ ފޮޓޯގްރާފަރުންގެ ލިސްޓެއް ނޫނެވެ. މިއީ ފޮޓޯނެގުމުގެ ހުނަރުގައި އާ އުސްމިންތަކަކަށް ވާސިލުވެ އެ މީހުންގެ އަޖާއިބުކުރުވަނިވި ފޮޓޯތަކާ އެކު އެތައް ބަޔަކު މި ދާއިރާ އަށް އިންސްޕަޔާކޮށް އެންމެ މަތީގައި ފައިތިލަ ސާބިތުކޮށްފައިވާ ހުނަރުވެރިންގެ ލިސްޓެކެވެ.

ކޮންމެ ފޮޓޯގްރާފަރަކީ ވެސް އެ މީހެއްގެ އަމިއްލަ ސްޓައިލެއްގައި މަސައްކަތްކުރާ އާޓިސްޓެކެވެ. މި ލިސްޓަކީ އެއްގޮތަކަށް ވެސް ވަކި ބަޔަކު ދަށްކޮށް ވަކި ބަޔަކު މޮޅުކުރުމަށް އެކުލަވާލާފައިވާ ލިސްޓެއް ނޫނެވެ. އެކަމަކު އެތައް ސަތޭކަ ފޮޓޯގްރާފަރުންތަކެއްގެ ތެރެއިން 'ސްޓޭންޑްއައުޓް' ވާ ހުނަރުތަކެއް ފާހަގަކޮށް ދެން ތިބި އެންމެން މި ހުނަރުތަކުން އިންސްޕަޔާކުރުމުގެ ބޭނުމުގައި އެއްކޮށްފައިވާ ނަންތަކެކެވެ.

ނިޝާން އޭނާގެ ސެލްފީއެއްގައި.

މިލްޒީރޯ:

މިއީ އެކްޓިވްކޮށް މަސައްކަތްކުރަމުން އަންނަ ސީނިއާ ފޮޓޯގްރާފަރުންގެ ތެރެއިން ވަރަށް މަޝްހޫރު ނަމެވެ. ނުވަތަ އެންމެ ރަނގަޅުވާނީ، ރާއްޖޭގެ އެންމެ މަޝްހޫރު ފޮޓޯގްރާފަރުގެ ގޮތުގައި އޭނާ ސިފަކުރިއްޔާ އެވެ. އަލީ ނިޝާން ނުވަތަ މިލްޒީރޯ އަކީ ފޮޓޯގްރާފަރުންގެ ދުނިޔޭގައި "ސެލެބްރިޓީ" އެކެވެ. ނަމަވެސް އޭނާގެ ހުނަރާއި ކުޅަދާނަކަން ވީ އެއަށް ވުރެ ބޮޑު އަރާރުމެއްގެ ތެރޭގައި ތާށިވެފަ އެވެ.

މި ލިސްޓުގައި ހިމެނޭ އެންމެ ހުނަރުވެރި އެކަކަކީ އޭނާއޭ ބުނެފި ނަމަ ކިޔުންތެރިންގެ 100 ޕަސެންޓް، މި ވާހަކައެއް ދޮގުކޮށް ޕެޓިޝަނެއް ވެސް ލިޔެފާނެ އެވެ. އެކަމަކު އަހަރެން ބުނާނީ މި ލިސްޓުގައި ހިމެނޭ އެންމެ "ޑިސިޕްލިންޑް" ފޮޓޯގްރާފަރަކީ މިއީއޭ އެވެ. ހަފުތާއަކު އެއް ފަހަރު އޮންލައިންކޮށް ގެނެސްދިން ސިލްސިލާ އަކަށް ދިގުދެމިގެންދިޔަ 50 ފޮޓޯ ޝޫޓެއްގައި ނިޝާނާ އެކު މަސައްކަތްކޮށްލަން ލިބި އޭނާގެ މަސައްކަތުގެ އެ ޑިސިޕްލިން އަހަރެންނަށް ވަނީ އަމިއްލަ އަށް ވެސް ތަޖުރިބާކުރެވިފަ އެވެ. މަސައްކަތްކުރަން ޖެހޭ އުސޫލާއި ގަވާއިދާއި އަހުލާގުގައި އޭނާ ވަރެއް މި ދާއިރާގައި ނެތޭ ވެސް ބުނެވިދާނެ އެވެ.

އެކަމަކު މި ހުރިހާ މޮޅު ސިފަތަކަކާ އެކު ވެސް "މިލްޒީރޯ" ގެ ބްރޭންޑް ވެފައި ވަނީ ވަރަށް ގިނަ ބަޔަކު ރުޅި އަންނަ ނަމަކަށެވެ. އެހެން އެންމެނަށްވުރެ އޭނާ އީގޯ ބޮޑުވުމުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ދެން ވެސް ބުނަން އޮތީ އޭނާ އަކީ އެންމެ ޑިސިޕްލިންޑް، އެންމެ މަޝްހޫރު ފޮޓޯގްރާފަރޭ އެވެ.

ޝުއާއު

އޮބޮފިލި:

މި ނަމުގައި މަޝްހޫރުކަން ހޯދާފައިވާ އަހުމަދު ޝުއާއު "ފޮޓޯގްރާފަރުންނަށް ހާއްސަ" ލިސްޓެއްގައި ހިމެނުން "ދެން ވަރަށް އަންފެއާ ނޫން ހެއްޔޭ" ބައެއް މީހުން ބުނެފާނެ އެވެ. ސަބަބަކީ ޝުއާއު ހަގީގަތުގައި ބޮޑަށް މަޝްހޫރުވެ ތައުރީފު އޮހިފައި ވަނީ ޑިޒައިނަރެއްގެ ގޮތުގައި ކަމަށްވާތީ އެވެ. އެކަމަކު "ފޮޓޯގްރެފީ" ގެ ފުރަތަމަ ފިއްޔަކީ ވެސް އޮބޮފިއްޔެވެ. މިގޮތަށް އެކުލަވައިލާ ފޮޓޯގްރާފަރުންގެ ލިސްޓަކުން އޭނާގެ ނަން އުނިކޮށްގެން ވާން ނެތް ސަތޭކަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ މިއީ އެވެ.

އަނެއް ސަބަބަކީ މިހާރު ޝުއާއު އަނެއްކާވެސް އެންމެ ބުރަކޮށް މަސައްކަތްކުރަމުން ގެންދަނީ ފޮޓޯގްރާފަރެއްގެ ގޮތުގައި ކަމަށް ވުމުންނެވެ. އޭނާގެ ހާއްސަ ދާއިރާއަކީ ހޮސްޕިޓާލިޓީ އިންޑަސްޓްރީ އެވެ. އެތަނުގައި މިއުޒިކް ކުޅެ ފޫހިކޮށް، މިހާރު ފޮޓޯނަގަނީ އެވެ. އޭނާގެ ކަލެކްޝަން ހިތްބަންޑުންވާހާ ހިތްގައިމެވެ.

މިއީ ޔަގީނަށް ވެސް މި ފަންނުގައި "އޮބޮފިއްޔަކަށް" ވުރެން ބޮޑު ނަމެކެވެ.

ފަންކޮގްރެފިކް:

ގިނަ މީހުން އޭނާ ދަންނާނީ ފަންކޮގެ ނަމުންނެވެ. ފަންކޮ ނުވަތަ އައްސަދު ނަޒީރުއާ އެކު މަސައްކަތްކޮށްލުމުގެ ފުރުސަތު އެއް ފަހަރަކު އަހަންނަށް ވެސް ލިބުނެވެ. އަދި އޭގެ ކުރިން އިންޓަވިއުއެއްގައި ބައްދަލުވެ އަނގަތަޅާލުމުގެ ފުރުސަތު ވެސް ލިބުނެވެ.

ފަންކޮ އަކީ ފެޝަން އަދި ކޮންސެޕްޝުއަލް ފޮޓޯގްރެފީ އަށް ހާއްސަ އާޓިސްޓެކެވެ. ކުރާ މަސައްކަތުގައި ނިކަން ހުނަރުވެރިވެފައި ވަރަށް ފަރިތަ އަދި މަސައްކަތްކުރަން ނިކަން ފަސޭހަ ފޮޓޯގްރާފަރެކެވެ. އިތުރު ތައުރީފެއް އޮއްސާ ނަމަ އޭނާގެ ކްރިއޭޓިވް ހިޔާލުތަކާއި ކޮންސެޕްޓްތަކަށެވެ.

ސަންސެޓާއި ކެއިންބުއިމާއި ވެޑިން ނޫން އެހެން ދިމާލެއްގެ ތަފާތު ފޮޓޯތަކެއް ބަލަން ބޭނުން ނަމަ މި ނޯޓުކޮށްލަން މުހިންމު ނަމެކެވެ.

ތަލްއަތު

ތަލްއަތު:

އެސްޓްރޯފޮޓޯގްރެފީގައި މިވަރުގެ ދެ ވަނަ ނަމެއް ރާއްޖެއަކު ނެތްކަން އޭނާ ގެންދަނީ އަރައި އޮއްސެމުންދާ ހަނދާއި ތަރިތަކުގެ ހިތްގައިމުކަން އެކި ސިފަސިފައިގައި ކެޕްޗާކޮށް ސާބިތުކޮށްދެމުންނެވެ. އޭނާގެ މި ހުނަރުވެރިކަން "މުޅި އުޑަށް ފެތުރި" ދުނިޔޭގެ އެންމެނަށް ވެސް ފެންނަހާ މަޝްހޫރެވެ.

އެކަމަކު މުހައްމަދު ތަލްއަތު ކުޅަދާނައީ ހަމައެކަނި އެސްޓްރޯފޮޓޯގްރެފީއަކަށް އެކަންޏެއް ނޫނެވެ. ނިކަން ހިތްގައިމު ވެޑިން ފޮޓޯތަކެއް ވެސް އޭނާ ނަގައިދޭތާ ޒަމާންގަނޑެއްވެއްޖެ އެވެ. އެކަމަކު ތަރިތަކާ ހަމަ އަށް އަދި އެ ފޮޓޯތައް ދިޔަކަމެއް ނޭނގެ އެވެ.

ނާވިން

ނާވިން:

މިފަހުން ނާވިން ސައީދު އެންމެ ފާހަގަކޮށްލެވެނީ އޭނާގެ އަންހެނުން އަދި ކުޅަދާނަ މޭކަޕްއާޓިސްޓް ރިޒްނާއާ އެކު ގެނެސްދޭ މަސައްކަތްތަކުންނެވެ. މި ދެ ހުނަރުވެރިން އެކުވީމަ އެ މީހުން ނަގާ ކޮންމެ ފޮޓޯއެއް ވެސް ޖަވާހިރަށް ބަދަލުކޮށްލަނީ އެވެ. ނާވިންގެ ކުޅަދާނަކަން އެންމެ ބޮޑަށް ފެންނާނީ ބިއުޓީ އަދި ފެޝަން ފޮޓޯތަކުންނެވެ. މީގެ އިތުރުން ވެޑިން އަކީ ވެސް އޭނާގެ ހާއްސަ ދާއިރާއެކެވެ.

ވެޑިން ފޮޓޯ ނަގާނެ މީހަކު ހޯދަނީ ނަމަ ނާވިން އާއި ރިޒް ވީހާ ވެސް އަވަހަކަށް ހަޔާކުރުން ބުއްދިވެރިވާނެ އެވެ.

ނަޖު އޭނާގެ ފިރިމީހާއާއެކު.

ނަޖު:

މި ލިސްޓުގައި ހިމެނޭ ހަމައެކަނި އަންހެން ހުނަރުވެރިއަކީ މިއީ އެވެ. ސ. ހިތަދު އަށް އުފަން އައިޝަތު ނަޖީލާ (ނަޖު) ކުޅަދާނަ ފޮޓޯގްރާފަރެއްގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔައީ މެދުއިރުމަތީގެ ޝާޚީ އާއިލާއެއްގެ "ޕާސަނަލް ފޮޓޯގްރާފަރެއް" ގެ ގޮތުގައި މަސައްކަތްކުރި އާދަޔާހިލާފު އަދި އެވަރަށް ސިއްރު ޕްރޮޖެކްޓަކަށް ފަހު އެވެ. އެއްގޮތަކަށް އޭނާ ނެގި ފޮޓޯތަކެއް މޮޅުވެގެން ތައުރީފު އޮހުނީކީއެއް ނޫނެވެ. ޝާޚީ އާއިލާ އަށް ފޮޓޯނަގައިދިނީމަ އެ ޚަބަރު ފެތުރި ކުއްލިއަކަށް މަޝްހޫރުވީ އެވެ.

އެކަމަކު ނަޖަކީ ރާއްޖޭގައި ތިބި އަންހެން ފޮޓޯގްރާފަރުންގެ ލިސްޓެއް އެކުލަވައިލާ ނަމަ ގަދަ ފަހެކަށް އަރާ ފެންވަރުގެ ހުނަރުވެރިއެކެވެ. އަދި އެވަރަށް މަސައްކަތްކުރާ ނިކަން އަހުލާގު ވެސް ރަނގަޅު ފޮޓޯގްރާފަރެކެވެ. ނަޖުގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ އޭނާގެ ފިރިމީހާއާ އެކު "ޓޫ ތައުޒަން އައިލްސް" އެވެ.

ސޮއްޓި

ސޮއްޓި:

ޝިފާޒުު ޝައްމޫނޭ ބުނެގެން މިއީ ކާކުކަން ނޭނގިދާނެ އެވެ. އެކަމަކު އެންމެން ވެސް އޭނާ އަށް ކިޔައި އުޅެނީ ސޮއްޓިއޭ ބުނެފި ނަމަ އިތުރު ތައާރަފެއް ދޭން ނުޖެހޭ ވަރަށް އޭނާ ވަނީ ފޮޓޯގްރާފަރެއްގެ ގޮތުގައި މަޝްހޫރުވެފަ އެވެ. ސޮއްޓި މުޅި ރާއްޖެ އާއި ރާއްޖެއިން ބޭރަށް ވެސް މަޝްހޫރުކޮށްލި ފޮޓޯއަކީ ރައުދާ އާތިފްގެ "ވިލުނޫކުލައިގެ ފޮޓޯ" ގަނޑެވެ.

އެކަމަކު އެ ފޮޓޯގަނޑު އެކަންޏެއް ނޫނެވެ.

ކޮންމެގޮތެއް ވިޔަސް ސޮއްޓި އަކީ އަރަމުން އަންނަ ޒުވާން ފޮޓޯގްރާފަރުންގެ ތެރެއިން ފާހަގަކުރަން ޖެހޭ އާޓިސްޓެކެވެ. މި ލިސްޓުގައި ހިމެނޭ އެހެން ފޮޓޯގްރާފަރުންނާ އަޅާބަލާއިރު ހުރިހާ ގޮތަކުން ވެސް އޭނާ އުޅެނީ ދަށުގައި ކަމަށް ވެދާނެ އެވެ. މީހުން އެހެން ބުނެފާނެ އެވެ. އެކަމަކު އެކަން އިހްސާސްނުވާ ވަރަށް އޭނާ ދަނީ މަސައްކަތްކޮށް ނަތީޖާ ނެރެމުންނެވެ. ސޮއްޓި ވެސް އެންމެ ބޮޑަށް ހާއްސަވެފައި ވަނީ ވެޑިން ފޮޓޯގްރެފީއަށެވެ.

މަސްރަހް:

މިއީ ފެޝަން ފޮޓޯގްރެފީ އާއި ވެޑިން ފޮޓޯގްރެފީގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. މި ވަގުތު އޭނާ ދަނީ "ދޯ" ގެ މޭކްއޯވާ ސެގްމަންޓްގައި ވެސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ސިލްސިލާގައި ގެނެސްދިން "އެންމެ ދިގު ޓީނޭޖާ" އާއި "ވިޓިލައިގޯ ސްޓޯރީ" އަދި "އެކްޓްރެސް ނުޒޫ" ގެ ފޮޓޯތައް ވެސް ނަގައިދިނީ މަސްރަހެވެ.

މަސްރަހް

އަސްލު އަހަރެމެން އުޅުނީ މި ލިސްޓަކަށް މަސްރަހް ނުވެސް ލާށެވެ. އެއީ އަހަރެމެންނާ އެކު މަސައްކަތްކުރާ ފޮޓޯގްރާފަރު ހިމެނީމަ އެހެން ފޮޓޯގްރާފަރުން ކޮށްފާނެ ތުހުމަތަކަށެވެ. ނަމަވެސް މަސްރަހް މިއީ އެއްގޮތަކަށް ވެސް ދޫކޮށްލާ ވަރުގެ އާޓިސްޓެއް ނޫނެވެ. މި ލިސްޓުގައި ހިމެނޭ އެންމެ ކޮމްޕްލީޓް އާޓިސްޓަކީ ޔަގީނަށް ވެސް މިއީ އެވެ.

އަޒްނިލް:

މިއީ މި ލިސްޓުގައި ހިމެނޭ ގިނަ ފޮޓޯގްރާފަރުންނަށް މަސައްކަތްކުރަން އެންމެ އުނދަގޫ މާހައުލަށް އެންމެ ފަރިތަ ފޮޓޯގްރާފަރަކީ މިއީ އެވެ. އަހުމަދު އަޒްނިލްގެ ހާއްސަ ކަމަކީ މިއީ އެވެ.

އަޒްނިލް

އޭނާގެ އަންޑަވޯޓާ ފޮޓޯތަކަކީ ހިތްގެނބިގެން ބަންޑުންވާހާ ނަލަކަމެކެވެ. އަންޑަވޯޓާ ފޮޓޯތަކަށް މިވަގުތު މާލެއިން އެންމެ ކުޅަދާނައީ ކާކުތޯ ސުވާލުކޮށްފި ނަމަ ވަރަށް ފަސޭހަ ޖަވާބަކީ އަޒްނިލްގެ ނަމެވެ.

އޭނާގެ ފޮޓޯތައް ސިފަކޮށްދޭން މާ ގިނަ އަކުރުތަކެއް ބޭނުމެއް ނުވެސްވެ އެވެ. ފަހަރެއްގައި އެ ހިތްގައިމުކަން ސިފަކުރެވޭނެ އަކުރުތަކެއް ވެސް ނެތީ އެވެ.

ޑަބަލްޑޮޓް އަޒޫ:

ވަރަށް ގިނަ މީހުން އެންމެ ރަނގަޅުވާނީ މި ނަމުން މި އާޓިސްޓެއްގެ ވާހަކަ ގެނެސްދިނިއްޔާ އެވެ. ފޮޓޯގްރެފީގެ ދާއިރާގައި މަސައްކަތްކުރާ އަދި މި ދާއިރާގެ މަސައްކަތްތަކަށް ލޯބިކުރާ އެންމެން ވެސް އޭނާގެ ހުނަރަށް އެހައި ފަރިތަވެފައިވީމަ އެވެ. ކަލާ ޕްރޮފައިލްގެ ނަމުގައި ފޮޓޯގްރެފީގެ ހިދުމަތް ދޭ އަޒޫ އަކީ ފަހަރެއްގައި ރާއްޖޭގެ ފޮޓޯގްރާފަރުންނަށް ބަލާއިރު އެންމެ ގިނަ މެޑަލް ޖަހައި އެންމެ ބޮޑަށް ޝަރަފްވެރިވެފައިވާ އާޓިސްޓެވެ.

ކެނޮން އިން ކަނޑައަޅާފައިވާ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރުގެ ޝަރަފްވެރިކަމުގެ އިތުރުން ވަރަށް ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ޝަރަފްވެރި ވަނަތަކެއް ވެސް އޭނާގެ ފޮޓޯތަކަށް ލިބިފައި އެބަހުއްޓެވެ. ޓޮޕް 10 ލިސްޓުގައި ހިމަނަން ޖެހޭކަން ސާބިތުކޮށްދޭން މިއަށް ވުރެ އިތުރަށް ދެން ކިޔައިދޭންވީ ކީކޭ ހެއްޔެވެ؟

މި އާޓިކަލްގައި ފޮޓޯގްރާފަރުންގެ މަސައްކަތް ފެންނަ ފޮޓޯތައް ބޭނުންކޮށްފައި ނުވަނީ އެމީހުންގެ ހުުނަރު އެންމެ ރަނގަޅަށް ފެންނަ ފޮޓޯތަކެއް ބޭނުންނުކުރެވިދާނެތީ އެވެ. މި އެންމެންގެ ފޮޓޯތައް ވެސް އެމީހުންގެ ސޯޝަލް މީޑިއާ ޕޭޖުތަކާއި ވެބްސައިޓްތަކުން ފެންނަން އެބަހުއްޓެވެ.

ފޮޓޯގްރަފީ

Popular