13 Dec 2017

ފެތުމުގެ ދެން އޮތް އުންމީދީ ނަން: ހަމްނާ

ހަމްނާ ބޭނުންވަނީ ބިންމަތީގައި ހުންނަ ވަގުތަށް ވުރެ ގިނަ ވަގުތު މޫދުގައި ހޭދަކުރުމަށެވެ. އޭނާގެ ޗުއްޓީ ވެސް މުޅިންހެން ހޭދަ ވަނީ މޫދުގަ އެވެ.

ހަމްނާ ބޭނުންވަނީ ބިންމަތީގައި ހުންނަ ވަގުތަށް ވުރެ ގިނަ ވަގުތު މޫދުގައި ހޭދަކުރުމަށެވެ. އޭނާގެ ޗުއްޓީ ވެސް މުޅިންހެން ހޭދަ ވަނީ މޫދުގަ އެވެ.

By: Aishath Mihna Nasih

މޫދާ ރަހުމަތްތެރި މީހުންނަށް މި ކުޑަކުޑަ ހަމްނާ އަހުމަދުގެ ނަން އިވޭނީ މަދަކުން ނޫނެވެ. އޭނާ އަކީ، ސްވިމިން ޓްރެކްގައި މަޝްހޫރު އަދި އެހާމެ ބާރަށް ކުރިއަރަމުން އަންނަ ނަމެކެވެ. އުމުރުން 14 އަހަރު ވީއިރު، ހަމްނާ މި ވަނީ އޭނާގެ ހުނަރު ދައްކަން ފަށައިފަ އެވެ.

އުމުރުން އެންމެ ހަތަރު އަހަރުގައި އޭނާ ފަތަން ދަސްކޮށްފި އެވެ. މާލެ އަށް އުފަން މި ހުނަރުވެރިޔާ، އާއިލާއާ އެކު ކުޑައިރު އިންޑިއާ އަށް ބަދަލުވެ ފެތުމުގެ ދާއިރާއިން ކުރިއަށް ދާން ފެށި އެވެ. އިންޑިއާގެ ދަ ލާނިން ކާވް (ޓީއެލްސީ) ގައި ކިޔަވަމުން ދިޔައިރު ފެތުމަކީ އެ ސްކޫލުގައި ކިޔަވައިދޭ މާއްދާއެކެވެ. އެހެންވެ، ފެތުމުގެ ދާއިރާއިންް އެންމެ ފުރަތަމަ ކާމިޔާބެއްގެ ގޮތުގައި ވެސް ހިމެނެނީ އޭނާގެ ސްކޫލުން ލިބުނު ރަންމެޑަލް އާއި، ސްޓޭޓް ލެވެލްގެ މުބާރާތުން ބެކް ސްޓްރޯކް އިން ލިބުނު ބްރޯންޒް މެޑަލް އެވެ.

ހަމްނާ ޓްރެކް ސަރަހައްދުގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭރު ލިބުނު ކާމީޔާބީތަކާ އެކު 2012 ގައި ހަމްނާ އެނބުރި ރާއްޖެ އައިސް ފެތުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އަމާޒު ހިފި އެވެ.

"މާލެ އައިސް ދެވަނަ ދުވަހު ދިޔައީ ބީޗަށް، ނައުފަލް ކޯޗާ ދިމާވެ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހު ޕްރެކްޓިސް ކުރީ. ދެން ކޯޗް ބުނީ ވައިޑީޕީ އަށް ޖޮއިންކުރަން. އެ ހިސާބުން އަސްލު މި މަސައްކަތް ފެށުނީ،" ޖަމާލުއްދީން ސްކޫލް ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ހަމްނާ ބުންޏެވެ.

އެއަށްފަހު ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމް ސްކޮޑުން އޭނާ ޖާގަ ހޯދި އެވެ. އެއްދުވަހުން އަނެއްދުވަހަށް އޭނާގެ ހުނަރާއި ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ ގިނަ އަދި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

ހަމްނާ ޓްރެކް ސަރަހައްދުގައި ފަތަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބައެއް ކާމިޔާބީތަކަށް ބަލާއިރު 2015 ވަނަ އަހަރު، 12 އަހަރުން ދަށުގެ އުމުރުފުރާއިން އިންޓާ ސްކޫލުން އެއްވަނަ އާއި، އެސޯސިއޭޝަން ޗެމްޕިއަންޝިޕުން އެއް ވަނަ އާއި، ޕްރެޒިޑެންޓްސް ކަޕް އެއް ވަނަ އާއި ނެޝެނަލްސް އިން އެއް ވަނަ ހިމެނެ އެވެ. މީގެއިތުރުން އެ އަހަރުގެ ޖޫނިއާ ގްރޫޕުން އަންހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވުނުއިރު އެ އުމުރުފުރާއިން މައިލޯ އިންޓަ ސްކޫލް ކަލާސް އެވޯޑް އުފުލާލީ ވެސް ހަމްނާ އެވެ.

ޖެހިގެން އައި 2016 ވަނަ އަހަރުގެ ބައެއް ކާމީޔާބީތަކަށް ބަލާއިރު 14 އަހަރު ދަށުގެ އުމުރުފުރާއިން އިންޓަ ސްކޫލުން ދެވަނަ އަށް އެންމެ މޮޅު ފެތުންތެރިއެއްގެ ގޮތުގައި ހަމްނާ ހޮވިފައިވެއެވެ. އަދި އައްޑޫ އިންޓަ ސްކޫލް މުބާރާތުން ދެވަނަ އާއި އޯޕަން ވޯޓާއިން ދެވަނަ ލިބުނުއިރު، އެ އުމުރުފުރާއިން އެންމެ މޮޅު ފެތުންތެރިއެއްގެ ގޮތުގައި ވެސް ހޮވިފައި ވަނީ ހަމްނާ އެވެ. މީގެއިތުރުން ލަންކާގައި ބޭއްވި އޭޝިއަން އެކުއެޓިކްސް 50 މީޓަރާއި 100 މީޓަރު ފްރީ ރިލޭއިން އިން ތިން ވަނަ ހޯދީ ވެސް މި ހުނަރުވެރިޔާ އެވެ.

ހަމްނާ އޭނާ އަށް ލިބިފައިވާ ބައެއް އެވޯޑްތަކާ އެކު

އޭނާގެ ދެން އޮތް ބޮޑު އުންމީދަކީ މި އަހަރުގެ ގައުމީ މުބާރާތެވެ.

ހަމްނާ ދިރިއުޅެނީ ހުޅުމާލޭގަ އެވެ. އެހެން ނަމަވެސް، އެއީ އޭނާގެ މި ކުޅިވަރަށް އެޅޭ ހުރަހެއް ނޫނެވެ. ފެތުމަކީ އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ އެއްބައެވެ. އެހެންވެ، އޭނާގެ ހުރިހާ ޝެޑިއުލެއް ވެސް ރާވާލަނީ އެކަމަށް ހުރަސް ނޭޅޭ ގޮތަށެވެ.

"ސްކޫލް ނިންމާފައި ގެއަށް ގޮސް ޓިއުޝަންތައް ފުރަތަމަ ނިންމާލަނީ. ދެން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ޕްރެކްޓިސް އޮންނާނެ. ގިނަ ފަހަރަށް ރައްޓެހިންނާއި އާއިލާއިން އެކި ކަންކަން ޕްލޭންކޮށް އެންމެ އެއްވެލަނީ ވެސް ހަވީރު. އެކަމަކު ހަމްނާ އަށް އެކަހަލަ ކަންކަމަށް ޓައިމް ދެވޭލެއް ވަރަށް މަދުވާނެ،" އޭނާ ބުންޏެވެ.

ހަމްނާ މޫދުގައި

ކެއިންބުއިމުގައި ވެސް ހަމްނާ ވަކި ޕްލޭނެއް ގެންގުޅެ އެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް ބަރާބަރަށް ނިދި ހަމަކުރުމަކީ ވެސް ހަމްނާ ސަމާލުކަން ދޭ ކަމަކެވެ. އޭނާގެ އުމުރުގެ އެހެން ކުދިން ފަދައިން އެހާ ބޮޑަށް ސޯޝަލްވެ އެހެނިހެން ކަންކަމަށް އަޕްޑޭޓް ވެވޭލެއް މަދުވިއަސް، އޭނާ ގަބޫލްކުރަނީ އެއީ ފެތުމަށް ދެވޭ ސަމާލުކަން އިތުރުކޮށްދޭނެ ކަމެއްގެ ގޮތުގަ އެވެ.

ހަމްނާ ބޭނުންވަނީ ބިންމަތީގައި ހުންނަ ވަގުތަށް ވުރެ ގިނަ ވަގުތު މޫދުގައި ހޭދަކުރުމަށެވެ. އޭނާގެ ޗުއްޓީ ވެސް މުޅިންހެން ހޭދަ ވަނީ މޫދުގަ އެވެ. ފެތުމުގެ އިތުރަށް މޫދުގެ ތެރެއަށް ރަނގަޅަށް ހޭނިލުމުގެ ގޮތުން އޭނާ މިހާރު ވަނީ ސާފްކުރަން ވެސް ދަސްކޮށްފަ އެވެ. އަދި އުންމީދުކުރަނީ، ޑަައިވިން ކޯހެއް ވެސް އަންނަ މަހުގެ ތެރޭގައި ފުރިހަމަކުރުމަށެވެ.

ހަމްނާ ޓްރެކް ސަރަހައްދުގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަމްނާ ގެ ބަދަލު ނާންނަ ހަމައެކަނި ކަމަކީ ފެތުމެވެ. އެއީ އޭނާ އަށް ބަދަލު ގެނެވެން ވެސް އޮތް ކަމެއް ނޫނެވެ. މިހާރު އޭނާ އަމާޒު ހިފާފައި ހުރީ ގައުމީ އާ ރިކޯޑެއް ގާއިމްކުރެވޭތޯ އެވެ.

"އެންމެ ފަހު ފަހަރު ވެސް 30 މިލިސިކުންތުން އެކަން ނުވީ. އެހެންވެ މިހާރު ޓާގެޓަކީ އާ ރިކޯޑެއް ގާއިމްކުރުން،" ރާއްޖޭގެ އެންމެ އުންމީދީ ފެތުންތެރިޔާ ކަަމަށް ގިނަ ބަޔަކު ގަބޫލުކުރާ ހަމްނާ ބުންޏެވެ.

ބެކް ސްޓްރޯކް ޖެހުމުގައި ވެސް މިހާރު ހުރި އެންމެ މޮޅު ފެތުންތެރިޔާ ބުނާގޮތުން އޮލިމްޕިކްސް ގޭމްގައި ރާއްޖޭގެ ފަރާތުން ކޮލިފައިވުމަކީ އޭނާގެ ދުރު އަމާޒެވެ. އެހާ ހިސާބަށް ދިއުމަށްޓަކައި ގިރާކުރަންޖެހޭ ކިތަންމެ ހަރުފަތެއް ވެސް އަދި އެބަހުރި ކަމަށާއި އެ ހިސާބަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރާނޭ ކަމަށް ހަމްނާ ބުނެއެވެ.

"ޑީމޯޓިވޭޓް ވާ ދުވަސްތައް ވެސް އާދޭ. އެކަހަލަ ދުވަސްތަކުގައި ކިތަންމެ ވަަރަކަށް އެފޯޓް ލިޔަސް ކުރިއަށްދާ ހެނެއް ހިޔެއް ނުވޭ. އަނެއްކާ ބޭނުންވާ ރިޒަލްޓެއް ވެސް ހިޔެއް ނުވާނެ ނުކުންނަ ހެނެއް. އެކަމަކު ހިތްވަރު އެލުވާ ނުލާ، ހަމަ ކުރިއަށްދާންވީ. މަސައްކަތް ކުރަންވީ. އޭރުން ކުރިއެރުން ލިބޭ ވަރަކަށް ކޮންފިޑެންސް ބޫސްޓްވާނެ" ހަމްނާ ބުންޏެވެ. "ފެތުމަކީ ކޮންމެހެން އެހެން މީހަކު ބީޓް ކުރަން ނޫނީ އެހެން މީހުންނަށްވުރެ މޮޅުވާން ކުރާ ކަމެއް ނޫން. އިޓްސް އަ ރޭސް އަގެއިންސްޓް މައި ސްޕީޑް، އަމިއްލަ ސްޕީޑަށްވުރެ ބާރަށް ދެވޭތޯ ކޮންމެ ފަހަރަކު ވެސް މަސައްކަތްކުރަނީ."

ހަމްނާގެ އޮތީ ވަރުގަދަ އަޒުމެކެވެ. އެ އަޒުމާ އެކު އޭނާގެ މަންޒިލަށް ފަތާފައި ނުދެވޭންވީ ސަބަބެއް ނެތެވެ.

ފެތުން

Popular