20 Jan 2018

ބައްޕަ އަށް ފަހު ދަރިފުޅު ވިދާބަބުޅަނީ

By: Nurah Rasheed

އަށްޑިހަ- ނުވަދިހައިގެ އަހަރުތަކުގައި ޓޫރިސްޓް ޝޮޕްގައި ވިދާ ބަބުޅަމުން ދިޔައީ މަޝްހޫރު އެޅަބެ ޔޫސުފުގެ ގަހަނާތަކެކެވެ. އޭނާ އަކީ އެ މަސައްކަތުގައި ނަމޫނާ މީހެކެވެ. ކަހަނބު ފަތް އޮމާންކޮށްގެން އަނގޮޓި އާއި ފަށާއި ތަފާތު ވައްތަރުގެ ގަހަނާ ހަދަމުން އެ ތަކެތި ޓޫރިސްޓުންނަށް ވިއްކަމުން ދިޔަ އެވެ. ސަތޭކަ ޕަސެންޓް މޭޑް އިން މޯލްޑިވްސް އެވެ. އޭގެ ތިރީހަކަށް ފަހުން، މިއަދު އޭނާ ދުނިޔެއަކު ނެތެވެ. އެހެން ނަމަވެސް، އެޅަބެ ޖުވެލަރީ އާއި އެ އާއިލާގެ މަސައްކަތް ޓޫރިސްޓު ފިހާރަތަކުން ފެންނަން އެބައޮތެވެ. މި މަސައްކަތުގެ މިހާރުގެ މޭސްތިރިއަކީ ޔޫސުފްގެ ދަރިފުޅެވެ. ހާޖަރާ ޔޫސުފް ނުވަތަ ހައްޖަ އެވެ.

ބައްޕަގެ އަތްތެރި މަސަތްކަތުގެ ހުނަރު ހައްޖަގެ އެންމެ ކުޑައިރު ވެސް ގާތުން ފެންނަމުން ދިޔަ އެވެ. އެހެންވެ، އެއީ އޭނާގެ ހިތުގައި ކުރެހެމުން، ބޮޑުވަމުން އައި ޝައުގެކެވެ. އެކަމަކު އެ މަސައްކަތް އޭނާ ފެށީ އޭރަކު ނޫނެވެ. އޭނާ ކުރިއަށް ދާން ޚިޔާރު ކުރީ އެހެން މަގެކެވެ.

ހައްޖަ

ފުރަތަމަ ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގަ އެވެ. ދެން ވަޒީފާ އަދާކުރީ މަޝްހޫރު މަޖައްލާއެއް ކަމުގައިވާ އުދަރެސްގެ ލޭއައުޓް ޑިޒައިންގަ އެވެ. އޭގެ ފަހުން 2003 ގައި އެސްޓީއޯގައި ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގަ އެވެ.

ނުސީދާކޮށް ކަހަލަ ގޮތަކަށް މި ދާއިރާ އަށް އޭނާ މިސްރާބު ޖެހީ 2006 ގެ ފަހުންނެވެ. އެސްޓީއޯ އިން ވަކިވުމަށް ފަހު، އަހަރެއްހާ ދުވަސް ވަންދެން އޭނާ ކުރި ކަމަކީ އެކި ކަހަލަ ކާޑުތައް ޑިޒައިންކޮށް ވިއްކުމެވެ. ކުރީގެ ޓޫރިސްޓް ފިހާރައެއް ކަމަށްވާ އައިލެންޑް ސްޕިރިޓްގައި އެ ކާޑުތައް އޭނާ ވިއްކަމުން ގެންދިޔަ އެވެ.

މި މަސައްކަތް އޭނާ ފުޅާ ކުރަން ބޭނުންވި އެވެ. އެހެންވެ، އެ ދާއިރާއިން ކިޔެވުމަށް ޓަކައި އޭނާ މެލޭޝިޔާ އަށް ގޮސް ސައިޓޯ ޔުނިވާސިޓީ ކޮލެޖަށް ވަނެވެ. ދެހާސް ނުވަ ވަނަ އަހަރު އެނބުރި ރާއްޖެ އައިސް މި މަސައްކަތް އޭނާ ފުޅާ ކުރަމުން ދިޔަ އެވެ. ކުރިއާ ހިލާފަށް މާ ތަފާތު ކާޑުތައް އޭނާ ހަދަން ފެށި އެވެ. ދަރުބާރުގޭގައި ބޭއްވި ބްރައިޑް ފެއާގައި، ވިވިޑް ގްރީން އިންވިޓޭޝަންސްގެ ނަމުގައި ހެދީ އޭނާގެ އަމިއްލަ ޑިޒައިންގެ ކާޑުތަކެކެވެ.

ހައްޖަ ތައްޔާރުކޮށްފައިވާ ކާޑުތަކެއް

ދެން އައީ އޭނާގެ މުޅި ހަޔާތް ވިދާ ބަބުޅަން ފެށި ބާބެވެ.

"ރާއްޖެއިން ބޭރަށް ދާން އެއް ދުވަހަކު ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ހައްޖަ އަށް ފެނުނީ ސަބާ މޯލްޑިވްސްގެ ފިހާރަ. އެތަނަށް ވަދެ އެތާނގައި ވިއްކަން ހުރި ސުވެނިއާތައް ބަލައި ހެދިއިރު ވިސްނުނީ ދިވެހި އުފެއްދުންތައް އެތާނގައި މަދުކަން. އެ ހިސާބުން ހިތަށް އެރީ އަތްތެރި މަސަތްކަތާއިގެން އުޅެންވީއޭ. އެހެންވެ ފިރިމީހާއާ މަޝްވަރާކުރީ. އޭނަ އެކަމަށް ވަރަށް ސަޕޯޓް ދިން. ކޯހަކަށް ގޮސް މި ކަންތައް ރަނގަޅަށް ދަސްކުރުމަށް ވެސް ވަރަށް ހިތްވަރުދިން،" ހައްޖަ ބުންޏެވެ.

ހައްޖަ އަނެއްކާ ވެސް 15 ދުވަހަށް މެލޭޝިޔާ އަށް ދިޔައީ މި މަސައްކަތުން ދެމިގަތުމަށެވެ. އެ ފަހަރު ހެދި ކޯހުގައި އޭނާ ވަނީ ޖުވެލަރީ ޑިޒައިނިންގެ ބޭސިކް ދަސްކޮށްފަ އެވެ. މާލެ އައިސް ބޮއްޔާއި ނަރު ކަހަލަ ތަކެތިން އެކި ވައްތަރުގެ ފަށްތައް ހަދަން ފެށި އެވެ. ފިހާރަތަކަށް ވިއްކަން ލާން ފެށި އެވެ. އޭނާގެ ފަށްތަކުގައި ހާއްސަ ގޮތްތަކެއް ބަހައްޓަން ފެށި އެވެ. އެކަން އާންމުންނަށް ފާހަގަވާން ފެށީ އެ ފަށްތަކުގައި ހުންނަ އަމިއްލަ އަށް ހަދާފައިވާ މިނާތަކުންނެވެ.

"ފުރަތަމަ ބެލީ ރާއްޖޭގެ އެކި ރަށްރަށުން، އެ ރަށަކުން އެންމެ މޮޅަށް ކުރާ މަސަތްކަތަކީ ކޮބައިތޯ ބަލައި އެ މީހުންގެ ހުނަރު ފެންނަ ގޮތަށް ގަހަނާ ހެދޭނެ ގޮތެއް. މި ހިޔާލާ އެކު ގޮތެއް ހޯދުމުގެ ތެރެއިން އޯޑަރު ކޮށްލައިގެން ބޭރުން މިނާ ނުގެނެސް، ގޭގާ އެކްސްޕެރިމަންޓް ކޮށްގެން ކަރުދާހުން މިނާ ހަދާނެ ގޮތެއް ހޯދީ،" އޭނާ ބުންޏެވެ. "މިހެން ބުނީމަ ކޮންމެ މީހެއްގެ ވެސް ހިތަށް އަންނާނީ ކަރުދާހުން ހެދީމަ ހަލާކުވާން ފަސޭހަ ވާނެޔޭ. ބައެއް މީހުން އަހާ ފެން ޖެހުނީމާ ތެމިދާނެނޫންހޭ ވެސް."

ހައްޖަ ތައްޔާރުކޮށްފައިވާ ގަހާނާތައް

މިހުރިހާ ކަމަކަށް ވެސް އޭނާ ހައްލު ހޯދި އެވެ. ވަކި ގޮތަކަށް އޮތް މި ދިގު ޕްރޮސެސްގައި ވޯޓާ ރެސިސްޓަންޓް ކޯޓިންއެއް އަޅަ އެވެ. މެގަޒިންގެ ގަނޑުން އެކްސްޕްރިމަންޓް ކޮށްގެން، ގްރެފިކްސް ޑިޒައިނިން އިން ހައްޖަ އަށް ލިބިފަވާ ތަޖުރިބާތައް ބޭނުންކޮށްގެން އެޅަބެގެ ނަމުގައި މިހާރު އުފައްދާ މި ގަހާނަތަކުގެ ކޮންމެ ޕޭޕާ ބީޑެއް ވަކިވަކިން ޑިޒައިންކުރި އެވެ. ރާއްޖޭގެ ސަގާފީ ކަވި މަސައްކަތްތައް އެއިން ވަރަށް ސާފުކޮށް ފެންނަން ހުރެ އެވެ. ލިއެލާ ޖެހުމާއި ތުނޑު ކުނަލުގެ އެކި ޑިޒައިންތައް ކޮންމެ މިނައެއްގައި ހުރެ އެވެ. މިއީ ކަވި އަދި ވަރަށް ކްރިއޭޓިވް މަސައްކަތެކެވެ. ހަމައެހެންމެ، އެ ޑިޒައިންތައް ދައްކުވައިދޭ ފަށުފުލާއި އަނގޮޓި ވެސް އޭނާ ހަދަ އެވެ.

ހައްޖަ ތައްޔާރުކޮށްފައިވާ ކާޑުތަކެއް

އެޅަބެ ޖުވެލަރީ މިހާރު އޮތީ މި ފަންނުގެ އެންމެ އުހުގަ އެވެ. އައިލެންޑް ބާޒާރުގައި މި ތަކެތި ވިއްކުމަށް ލިބުނު ފުރުސަތަކާ އެކު އޭނާގެ ވިޔަފާރި ވެސް މިހާރު އޮތީ މެކުހުގަ އެވެ. މިކަހަލަ ރީތި ދިވެހި އުފެއްދުންތަކަށް ކުރި އެރުމެއް ލިބޭނެ ކަމުގެ އުއްމީދުގައި އޭނާ ހުރީ އަދިވެސް ވިޔަފާރި އިތުރަށް ފުޅާކޮށް ގިނަ ޕްލެޓްފޯމްތަކުގައި ވިއްކޭނެ ދުވަހަކަށް ބަލަބަލަ އެެވެ.

"އުއްމީދަކީ ބައްޕަ ކުރި މަސައްކަތް ހައްޖަގެ އަމިއްލަ ގޮތަކާ އެކު އަލުން ޑިޒައިންކޮށްގެން ނެރުން. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ގަހަނާއޭ ބުނީމަ އެންމެންގެ ވެސް ހިތަށް މި ޕްރޮޑަކްޓްގެ ނަން އައުން،" ހައްޖަ ބުންޏެވެ.

ފެޝަން

Popular