11 Feb 2018

ނަދޫގެ ޖާދޫ އަބާޔާތަކުން

އަޅާފައި ހުންނަ ހެދުން ރީތި ވެގެން، މީހުން ވެސް އޭނާއާ ސުވާލު ކުރެ އެވެ. އެހެންވެ، މިއަށް ވުރެ ފުޅާކޮށް އޭނާ އަށް މިކަން ކުރެވިދާނެ ކަން އެނގުނެވެ. މިހާރު މީހުން އޭނާ ދަންނަނީ ރީތިކޮށް އަދި އެންމެ އަގުހެޔޮކޮށް އަބާޔާ ފަހައިދޭ މީހެއްގެ ގޮތުގަ އެވެ.

އަޅާފައި ހުންނަ ހެދުން ރީތި ވެގެން، މީހުން ވެސް އޭނާއާ ސުވާލު ކުރެ އެވެ. އެހެންވެ، މިއަށް ވުރެ ފުޅާކޮށް އޭނާ އަށް މިކަން ކުރެވިދާނެ ކަން އެނގުނެވެ. މިހާރު މީހުން އޭނާ ދަންނަނީ ރީތިކޮށް އަދި އެންމެ އަގުހެޔޮކޮށް އަބާޔާ ފަހައިދޭ މީހެއްގެ ގޮތުގަ އެވެ.

By: Aminath Shifleen

ބުރުގާއާ ގުޅޭގޮތުން އެންމެ ގިނައިން އިވޭ ވާހަކަ އަކީ ބުރުގާއާ އެކު ދެން އަޅާ ހެދުންތައް ކަމުނުދާ ވާހަކަ އެވެ. ގަޔަށް ހެދުން މާ ބާރުވެފައި، ނުވަތަ ކުރު ވެސް ވެދާނެ އެވެ. ނުވަތަ ކޮންމެވެސް އެހެން މައްސަލައެއް ހުރެދާނެ އެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ބުރުގާ އާއެކު އަޅާ ހެދުން ހުންނަން ޖެހޭނީ "މޮޑެސްޓް" ކޮށެވެ. ގައިގެ ވަނާތައް ފާޅު ނުވާނެ ކަހަލަ ގޮތަކަށެވެ.

ނަދޫ މުހައްމަދު ނިޒާރުގެ މި ހެދުންތަކަށް ގިނަ ބަޔަކު ޝައުގުވެރި ވަނީ އެހެންވެ ކަމަށް ވެދާނެ އެވެ. އޭނާ ފަހަނީ އަބާޔާ އެވެ. އެކަމަކު އެއްވެސް ޖަރީކަމެއް ނެތް، ކަޅުކުލައިގެ ބޮޑެތި ހެދުމެއް ނޫނެވެ. އެކި ގޮތްގޮތަށް، އެކި ކުލަތަކުން ޑިޒައިންކޮށްފައިވާ، އެކަމަކު ބުރުގާއާ އެކު އަޅަން އެންމެ އެކަށީގެންވާ ގޮތަށް ހުންނަ ހެދުމެވެ.

އުމުރުން 22 އަހަރުގެ މި ފެހުންތެރިޔާގެ ހެދުންތައް ދައްކާލާނެ ފިހާރައެއް އަދި ނެތެވެ. އަނެއްކޮޅުން ހުރިހާ ކަމެއް ހުއްޓާލާފައި ގޭގައި ފަހަން އިންނަނީކީ ވެސް ނޫނެވެ. އަދި އާމްދަނީ ހޯދުމަށް މީހުންނަށް ހެދުން ފަހައިދިނުމަކީ މި ވަގުތު އޭނާ ކުރަން އެންމެ ބޭނުންވާ ކަންތަކެއް ވެސް ނޫނެވެ. އެކަމަކު ނަދޫގެ އަބާޔާތަކުގެ ޖާދޫގައި މީހުން ޖެހެން ފެށުމުން ހެދުން ފަހަން މަޖުބޫރުވީ އެވެ.

"ކުރިއްސުރެ އަމިއްލަ އަށް ފަހަން އެނގޭތީ އެކި ގޮތްގޮތަށް ޑިޒައިންކޮށްގެން އަބާޔާ ލާން ފެށީ. އެހެން ހެދުން އަޅަން ފެށުމުން އެންމެންނަށް ވެސް ވަރަށް ރީތި ވެއްޖެ. ހަމަ ހެދުމެއް ލާއިރަށް ރައްޓެހިން ވެސް ކިޔާނެ ތީގެ ހެދުމެއް ފަހައިދޭށޭ،" ހެދުން ފަހަން ފެށުނު ގޮތް ކިޔައިދެމުން ނަދޫ ބުންޏެވެ.

ވަޒީފާ ކުރަނީ އެއާޕޯޓުގައި ކަމުން ނަދޫ އަށް ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ މީހުންނާ ދިމާވެ އެވެ. އަޅާފައި ހުންނަ ހެދުން ރީތި ވެގެން، ރައްޓެހިންގެ އިތުރުން ނުދަންނަ މީހުން ވެސް އޭނާއާ ސުވާލު ކުރަން ފެށުމުން، މިއީ މިއަށް ވުރެ ފުޅާކޮށް އޭނާ އަށް ކުރެވިދާނެ ކަމެއްކަން އެނގުނެވެ. މިހާރު މީހުން އޭނާ ދަންނަނީ ރީތިކޮށް އަދި އެންމެ އަގުހެޔޮކޮށް އަބާޔާ ފަހައިދޭ މީހެއްގެ ގޮތުގަ އެވެ.

ނަދޫގެ އެންމެ ކުރީގެ ހަނދާނަކީ ވެސް ފެހުމެވެ. ފަހާފޮށި ދޮށުގައި މަންމަ ފަހަން އިންނައިރު، ބާކީވާ ފޮތިކޮޅުތައް ހޮވައިގެން، އެއިން ކުދިކުދި ހެދުންތައް އޭރު ވެސް އޭނާ ޑިޒައިން ކުރި އެވެ. އުމުރުން 14 އަހަރުގައި އަމިއްލަ އަށް ހެދުން ފަހައިގެން ލާން ފެށި އެވެ. އޭރު އޭނާ ފެހީ އެކި ކަހަލަ ޖެކެޓާއި މާ ގޮތްބޮޑު ނޫން އެއްޗެއްސެވެ. ދެން އޭނާ ބޭނުންވީ، އިންޓަނެޓް އެއްޗެހި ބަލައިގެން ތަފާތު ގޮތްގޮތަށް ހެދުން ފަހަން ދަސްކުރާށެވެ.

"އަސްލު ބޭނުންވަނީ ފެޝަން ޑިޒައިނަރަކަށް ވާން. އެހެންވެ، އިންޓަނެޓް އެއްޗެހި ބަލައިގެން އެ އެއްޗެހި މޮޑިފައިކޮށްގެން އެކި ގޮތްގޮތަށް ހެދުން ފަހަން ފެށީ. ދެން އަބާޔާ ލާން ފެށީމައި، އެކި ކަހަލަ އައިޑިއާ އަށް އެ ހެދުންތައް ވެސް ފަހަން ފެށީ،" ނަދޫ ކިޔައިދިނެވެ.

ކަޅުކުލައިގެ ބަދަލުގައި އޭނާ ގިނައިން ފަހަނީ އެކި ކުލަތަކުގެ އަބާޔާ އެވެ. މާޖެހި ފޮއްޗާއި ޕްލެއިން ކުލަ ފޮތީގައި އެކި ޑިޒައިންތަކަށް ފަހާ އެ ހެދުންތައް އިޝްތިހާރު ކުރާކަށް އޭނާ މާބޮޑު މަސައްކަތެއް ވެސް ނުކުރެ އެވެ. އެކަމަކު އަމިއްލަ އަށް ފަހާ އެ ހެދުންތައް ލައިގެން ނިކުތުމުން، އެ ހެދުންތައް ރީތިވެގެން މީހުން ގުޅަނީ އެވެ.

ނަދޫ

އަދާކުރާ ވަޒީފާގެ ގޮތުން ހެދުން ފެހުމަށް މާ ގިނަ ވަގުތު ނުވި ނަމަވެސް، ވީ ވަރަކުން އޭނާ އޯޑަރުތައް ނަގަ އެވެ. އާއްމު ގޮތެއްގައި އަބާޔާ ފަދަ ހެދުން މީހުން ފަހައިދެނީ 500-600 ރުފިޔާ އަށް ނަމަވެސް ނަދޫ އެންމެ އަގުބޮޑުކޮށް ފަހައިދިން ހެދުމުގެ އަގު 400 ރުފިޔާ އަށް ވެސް ނާރަ އެވެ. އެކަމަކު އެހެން ކަހަލަ ހެދުމަށް ވުރެ، އަބާޔާ އަށް އޮތް ޑިމާންޑް ބޮޑުކަން އޭނާ ގަބޫލު ކުރެ އެވެ.

ނަދޫގެ ހުވަފެނަކީ އޭނާގެ އަމިއްލަ ފެޝަން ލޭބަލެއް ގާއިމު ކުރުމެވެ. އެކަން ކުރަން ބޭނުންވަނީ ކިޔަވައިގެން ކަމުން ނަދޫ މިހާރު ތައްޔާރުވަމުން އަންނަނީ ފެޝަން ޑިޒައިނިންގެ ކޯހަކަށެވެ. އެއަށް ފަހު އެނބުރި އައިސް އަމިއްލަ ފިހާރައެއް ހުޅުވައި، ހުނަރުވެރިކަން ގިނަ ބަޔަކަށް ފޯރުކޮށްދޭން އޭނާ ބޭނުންވެ އެވެ.

Popular