22 Jan 2018

މޭކްއޯވާ ފޮޓޯޝޫޓް: ހިމޭން ދުނިޔެއަކުން ކުލަފޮޓޯތަކެއް

މޭކްއޯވާގެ ހާއްސަ ގެސްޓެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން މި ގެނެސްދޭ ދީނާ ލަތީފަށް ދުނިޔެ މަރުހަބާކީ ހިމޭން ސަލާމަކުންނެވެ. އެކަމަކު އެއްވެސް ޝަކުވާއެއް ނެތެވެ.

މޭކްއޯވާގެ ހާއްސަ ގެސްޓެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން މި ގެނެސްދޭ ދީނާ ލަތީފަށް ދުނިޔެ މަރުހަބާކީ ހިމޭން ސަލާމަކުންނެވެ. އެކަމަކު އެއްވެސް ޝަކުވާއެއް ނެތެވެ.

By: Ahmed Nadym

އުފަންވިއިރު އާދައިގެ ނަލަ ލޯބި ފުށްގަނޑެއްހެން އޮތަސް އެ މައުސޫމްކަމުގައި ފޮރުވިފައިވީ އުނިކަމެއް ހުއްޓެވެ. އޭނާގެ މަންމަ އަށް އެ އުނިކަމުގެ އިހްސާސް އިސާހިތަކު ކުރެވިއްޖެ އެވެ. ގޭގައި އަމިއްލަ އަށް ކުރި ޓެސްޓްތަކުން އެމައިމީހާގެ ކަންބޮޑުވުންތަކަށް ޖަވާބު ހޯދުނުއިރު އޭނާގެ އެ އަންހެން ދަރިފުޅުވީ އަޑުއިވުމުގެ ގާބިލުކަން ގެއްލިފައިވީ ކުއްޖަކަށެވެ. – މޭކްއޯވާގެ ހާއްސަ ގެސްޓެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން މި ގެނެސްދޭ ދީނާ ލަތީފަށް ދުނިޔެ މަރުހަބާކީ ގޮތަކީ މިއީ އެވެ. އެކަމަކު އެ ހިމޭންކަމުގެ ތެރެއިން ދެމިގެން ގޮސް އޭނާ ދުނިޔެ މިލްކުކޮށްފި އެވެ. މޭކްއޯވާގެ މި ސެގްމަންޓް އެކަމަށް ހެކިވާނެ އެވެ.

ފޮޓޯގްރެފީ: މަސްރަހް

އަހަރެމެން ހީކުރީ ދީނާ އަށް މި ސެގްމަންޓުން ދައުވަތު ދީގެން މުޅި ސެގްމަންޓް ވެސް ކުރިއަށް ގެންދަން ޖެހޭނީ "ހާއްސަ ގޮތަކަށް" ކަމަށެވެ. އެކަމަކު ފޮޓޯޝޫޓްގެ ކުރިން ބޭއްވި ޕްރިމީޓިންގައި ދީނާގެ ސައިން ލެންގުއޭޖު އިންޓަޕްރިޓާ ފަޒްނީ ބައިވެރިކުރުން ފިޔަވައި އަހަރެމެންގެ ނޯމަލް ރޫޓިން އަށް އިތުރުކުރަން ޖެހުނު ހާއްސަ ކަމެއް ނެތެވެ. ގަޑިއަށް ނިކަން ފަރުވާތެރިކަމާ އެކު ނިކަން އެކުވެރި މިޒާޖެއްގައި އަހަރެމެންގެ ތެރެއަށް އައިސް އޭނާ "ޕްރޮފެޝަނަލް މޮޑެލް" އެއްގެ ދަރަޖައަށް އުފުލިގެން ދިޔައީ އެވެ. މި ސިލްސިލާގައި މިހާތަނަށް ގެނެސްދިން މޫނުތަކަށް ބަލާއިރު ފޮޓޯ ސެޝަންގައި އެންމެ ހުނަރުވެރި ކަމަށް ފާހަގަކުރެވުނު މޫނަކީ މިއީ އެވެ.

ފޮޓޯގްރެފީ: މަސްރަހް

ފޮޓޯޝޫޓް ނިންމާލާފައި އޭނާ ސްޓޫޑިއޯ އިން ނުކުމެގެން ދިޔައީ އަހަރެމެންގެ ފޮޓޯގްރާފަރު މަސްރަހާއި ސްޓައިލިސްޓް ނޫރާ އަދި މޭކަޕް ހިޖާބިސްޓް ވެސް ހައިރާންކޮށްލައިފަ އެވެ. އެކަމަކު އަދި މިކިޔައިދެވުނީ ދީނާގެ ހުނަރުތަކަށް ބަލާއިރު ނިކަން ކުޑަ މިންވަރެކެވެ.

ފޮޓޯގްރެފީ: މަސްރަހް

ގދ. ފަރެސްމާތޮޑާ އަށް އުފަން، 25 އަހަރުގެ މި ޒުވާނާ އަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އެސިސްޓެންޓް އެގްޒެކަޓިވް ޑިރެކްޓަރެވެ. ދުވަހުގެ ރަސްމީ ވަޒީފާގައި އޭނާ އަކީ އެމްޓީސީސީގެ ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ ނިކަން ހީވާގި ޒުވާނެކެވެ. އޭނާގެ ރަސްމީ މި ވަޒީފާ ނިންމާލާފައި އަމިއްލަ ސައިކަލެއްގައި މާލެ ވަށައި ބުރެއް ޖަހާލައިގެން ގޮސް ދެން އޭނާ ކުރާ ކަމަކީ ޓިއުޝަން ދިނުމެވެ. އިވުމުން މަހުރޫމް ވެފައިވާ އެހެން ކުދިންނަށް އޭނާ މިގޮތަށް ޓިއުޝަން ދޭތާ މިހާރު އެތައް އަހަރެކެވެ. ހިސާބު އިލްމުގައި އޭނާ އަކީ އާދަޔާހިލާފު ހުނަރެކެވެ.

ދީނާގެ މޭކްއޯވާ ބިހައިންޑް ދަ ސީންސް ވީޑިއޯ. -- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު

ދީނާގެ މި ހުނަރުތަކުގެ ވާހަކަ ބަރިބަރިއަށް މިހެން އަމުނަމުން މި ފޮޓޯ ސެޓުތައް ހުސްވަން ދެން ވެސް ނިކަން ފަސޭހައިން ދެވިދާނެ އެވެ. އެކަމަކު މާ ދިގުނުކޮށް އޭނާގެ ކުރެހުމުގެ ހުނަރަށް ކުޑަކޮށް އަލިއަޅުވާލާފައި ދެން އަނެއްކާވެސް އޭނާގެ ހިމޭންދުނިޔޭގެ ވާހަކަތަކަށް އެނބުރިގަންނަމާ ހިނގާށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

ދަރިފުޅަށް އަޑުއިވުމުގެ މައްސަލަތަކެއް ދިމާވެފައިވާކަން އަމިއްލަ އަށް ޔަގީންކުރެވުމާ އެކު ދީނާގެ މަންމަ އޭނާ ގޮވައިގެން ދުއްވައިގަތީ ޑޮކްޓަރެއްގެ ގާތަށެވެ. ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިގެން އެންމެފަހުން އިންޑިއާ އިން ބައްދަލުވި ޑޮކްޓަރަކު ދިން އުފާވެރި ޚަބަރަކީ އޮޕަރޭޝަނަކުން ދީނާގެ އުނިކަމަށް ހައްލެއް ހޯދިދާނެ ކަމުގެ އުފާވެރި ވާހަކަ އެވެ. އެކަމަކު އެ އުފާވެރި ޚަބަރު ލިބުނީ އެހެން އިންޒާރަކާ ވެސް އެކުގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

ޑޮކްޓަރުގެ އިންޒާރަކަށްވީ އަޑުއިވުން ރަނގަޅުކުރެވުނަސް ސައިޑްއިފެކްޓްސްތަކެއްގެ ސަބަބުން ދީނާ އަށް ސިއްހީ އެހެން މައްސަލަތަކެއް ދިމާވެ އެހެން ހުނަރުތަކެއް އޭނާގެ ކިބައިން ގެއްލުމުގެ ނުރައްކާ އޮޕަރޭޝަނުގެ ހަވާސާގައި އޮތް ވާހަކަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

އެހިސާބުން އެ އޮޕަރޭޝަންމަތިން ހަނދާން ނައްތާލާފައި މިންވަރުކުރެއްވި ގޮތާއި ރުހިގަބޫލުވެ، ދީނާ އުރާލައިގެން އޭނާގެ އާއިލާގެ މީހުން އެމީހުންނަށް އެރުނު އެންމެ މައްޗަކަށް އަރަން ހިނގައިގަތީ އެވެ. އަޑުނީވޭ، ވާހަކަ ނުދެއްކޭ ކުއްޖަކަށްވިޔަސް އޭނާގެ އާއިލާއިން ބޭނުންވީ އާދައިގެ ކުއްޖެއްގެ ދިރިއުޅުން ދީނާ އަށް ވީއެންމެ ފުރިހަމައަކަށް ހޯދައިދޭށެވެ. އެހެންވެ ދީނާ އަށް އެމީހުން ހުރިހާ އެއްޗެއް ވެސް ކިޔަވައިދިނީ އެވެ. މުއާމަލާތުކުރުމުގެ އުނދަގޫކަމެއް އެދެމުގައިވީ ނަމަވެސް އެކަން ވެސް ގިރާކޮށް ދިޔައީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

ގްރޭޑް އެކަކުން ފެށިގެން ހައެކާ ހަމަ އަށް ދީނާ ކިޔެވީ އާދައިގެ ކުދިންނާ އެކު ރަށު ސްކޫލްގަ އެވެ. ރަށުގައި ދީނާ ކަހަލަ "ހާއްސަ" އެހެން ކުއްޖަކު ނެތުމުންނާއި ސައިން ލެންގުއޭޖަށް ރޯފިލާފައިވާ ޓީޗަރުންތަކެއް ނެތުމުން އެންމެފަހުން އިތުރު ތައުލީމު ހޯދައިދޭން އޭނާގެ އާއިލާ އިން ފުރައިގެން އައީ މާލެއަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

ދީނާ ކަހަލަ ބައިވަރު އެހެން ކުދިން ވެސް އުޅޭކަން އޭނާ އަށް އެނގުނީ ޖަމާލުއްދީން ސްކޫލްގެ "ހާއްސަ ކްލާހަކަށް" ގޮސް އިށީނުމުންނެވެ. އެ ކުދިންނާ އެކު އޭނާ އަނެއްކާވެސް އަލުން ފަށައިގަތީ ގްރޭޑް ފަހަކުންނެވެ. އެއަށް ފަހު އޯލެވެލްގައި ފަސް މާއްދާއިން ބައިވެރިވެ އާދައިގެ ކުދިންނަށް ހާއްސަ ޕޭޕަރުގައި ތިން މާއްދާއިން އޭނާ ވަނީ ފާސްވެފަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

އެ ފާސްތަކާ އެކު ދެން އޭނާ ބޭނުންވީ ޔުނިވާސިޓީއެއް ނުވަތަ ކޮލެޖަކަށް ކިޔަވަންދާށެވެ. އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް ކިޔެވުމަށް ހާއްސަ ޝައުގުވެރިކަމެއް އުފެދިފައިވާ ދީނާގެ އަމާޒަކަށްވީ ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް ދެވުނު އެންމެ މައްޗަކަށް އަރައިގެންދާށެވެ. ނަމަވެސް ޑެފް ކުދިންނަށް ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި އަދި ޖާގައެއް ނެތުމުން އޭނާ އެންމެފަހުން ފުރައިގެން ދިޔައީ ޖަޕާނަށެވެ. އެއީ އެއް އަހަރު ދުވަހުގެ ލީޑަޝިޕް ޕްރޮގްރާމަކަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

އެނބުރި އައިގޮތަށް އެމްޓީސީސީއާ ގުޅިގެން އެތަނުގެ އާދައިގެ މުވައްޒަފުންނާ އެކު އަޖާއިބު ދައްކަމުން އެހެރަ ކުރިއަށް ދަނީ އެވެ. އެއަށް ފަހު މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކަށް ހަދާފައި ވަނީ ދިވެހި ޑެފް ކުދިންނަށް ހާއްސަ ސައިން ލެންގުއޭޖެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓްކޮށް އަހުލުވެރިކުރުވުމަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހިޖާބު: ނަމީ | ވޯޑްރޯބް: ޒިއޯ

ދީނާ އަށް ހަމަނިދި ނުލިބެއޭ ބުންޏަސް އެންމެ ރަނގަޅުވާނެ އެވެ. ވަޒީފާ އަށް ފަހު ކުދިންނަށް ޓިއުޝަން ދިނުމުގަ އެވެ. އެއަށް ފަހު ރޭގަނޑު ޑެފް އެސޯސިއޭޝަންގެ ބައްދަލުވުންތަކަށް ގޮސް ސައިން ލެންގުއޭޖު ތަރައްގީކުރުމުގެ ބުރަ މަސައްކަތުގަ އެވެ. މިވަރުގެ އާދަޔާހިލާފު ކަމަކާއި ބޮޑު ޝައުގުވެރިކަމެއް އުނގެނުމަށާާއި އުނގަންނައިދިނުމަށް ޖެހިފައިވީ މީހަކު ދުށިން ހެއްޔެވެ؟ -- ވާހަކަ ނުދެއްކުނަސް، އަޑުނީވުނަސް އޭނާގެ ދިރިއުޅުން ނިކަން ފުރިހަމަ އެވެ.

ފެޝަން

Popular